ފުރަތަމަ ޑިވިޝަން ސިންގަލްސް ޗެމްޕިއަންކަން ހޯދި ސާރިމް (ކ)އާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ރައްޒާގު އެވޯޑް ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ޑިސެމްބަރ 2016 - 09:26
މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން މުހައްމަދު ސާރިމް ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ޒުވާން ކުޅުންތެރިޔާ މައިސާ ފަތުހުﷲ އިސްމާއިލް ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު ފުރަތަމަ ޑިވިޝަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސާރިމް ހޯދީ ފައިނަލުގައި ޒަޔާން ޒަކީ ބަލިކުރުމަށް ފަހު އެވެ. ޒަޔާންގެ މައްޗަށް ސާރިމް ކުރިހޯދީ 18-21، 21-16 އަދި 21-14 އިން ސެޓުތައް ގެންގޮސްގެންނެވެ.
ފުރަތަމަ ޑިވިޝަން އަންހެން ފައިނަލުން މައިސާ މޮޅުވީ ނީލާ އަހުމަދު ނަޖީބު ބަލިކުރުމަށް ފަހު އެވެ. މި ކާމިޔާބީއާ އެކު އުމުރުން 17 އަހަރުގެ މައިސާ ވެފައިވަނީ ފަހަކަށް އައިސް ބެޑްމިންޓަން އަންހެން ސިންގަލްސް ގައުމީ މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-19، 15-21 އަދި 21-16 އިންނެވެ.
ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން މައިސާ އާއި ޒަޔާންގެ ޕެއާ އިން ހޯދީ ފައިނަލުގައި ސާރިމް އާއި ނީލާގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. ޒަޔާން އާއި މައިސާގެ ޕެއާ ސެޓުތައް ގެނައީ 22-20 އަދި 21-16 އިންނެވެ.
އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި މައިސާ (ކ)އާ އިކޮނޮމިކް މިނިސްޓަރު ސައީދު ތަށި ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ މިހާރު
ދެ ވަނަ ޑިވިޝަންގެ ފިރިހެން ސިންގްލަސް ޗެމްޕިއަންކަން ހުސެއިން މުހައްމަދު ހޯދީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އުމުރުން 14 އަހަރުގެ ނިބާލް އަހުމަދު ބަލިކުރުމަށް ފަހު އެވެ. މުޅި މި މުބާރާތުގައި ވެސް އެންމެ އުއްމީދީ ކުޅުމެއް ދެއްކި ނިބާލް ފައިނަލުން ބަލިވިއިރު ވެސް ފައިނަލުގައި ވެސް އޭނާ ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 15-21، 22-20 އަދި 21-17 އިންނެވެ. ދެ ވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަތޮޅު ލީގުގެ ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދި ޝިފްނާ ހުސެއިން އެވެ.
ދެ ވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް ރަޝީދާއި އަހުމަދު ޝިފާއުގެ ޕެއާ އެވެ. އަތޮޅު ލީގުގެ ޑަބަލްސް ޗެމްޕިއަނަކީ ވެސް ހަމަ އެ ޕެއާ އެވެ.
ދެ ވަނަ ޑިވިޝަން މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝިފްނާ ހުސެއިން އާއި އިބްރާހިމް މުހައްމަދުގެ ޕެއާ އިންނެވެ. އަދި ދެ ވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ އަހުމަދު ޝިފާއު އާއި އިބްރާހިމް ނަޝީދުގެ ޕެއާ އެވެ.
ބެޑްމިންޓަން ގައުމީ މުބާރާތާއި ބެޑްމިންޓަން އަތޮޅު ލީގުގައި ވަނަތައް ހޯދި ކުޅުންތެރިންނާ އެކު ނިންމުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ނަޝީދު ހޯދީ ފައިނަލުގައި މުހައްމަދު އާކިފް ބަލިކުރުމަށް ފަހު އެވެ. ފައިނަލު މެޗުގެ ސެޓުތައް ދިޔައީ 21-19، 16-21، 13-21 އިންނެވެ.
އަތޮޅު ލީގުގެ މިކްސް ޑަބަލްސް ޗެމްޕިއަނަކީ ޝިފްނާ އާއި ޝިފާއުގެ ޕެއާ އެވެ. އަތޮޅު ލީގުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝިފާއު އާއި ނަޝީދުގެ ޕެއާ އިންނެވެ.
ރޭގެ ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޖެންޑަ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ބައެއް ވެރިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޒިލް
02 December 2016
އާރސެނަލް ގޮތަށް 2ވަނަ ލިބިގެން ނިބާލް ހިތްހަމަ ޖަައްސާނުލާނެކަމަށް އުއްމީދުކުރަން! މުބާރާތުން މޮޅުނުވިއަސް އަހަރުމެންގެ ހިތްތައް ކާމިޔާބުކޮށްފި!
އައްމަޑޭ
02 December 2016
އޭ..އަސްލުވެސް ނިބާލް ތީ ހަމަ ބެޑްމިންޓަނުގެ ވަރަށް އުންމީދީ ކުޅުންތެރިއެއް. ވަރަށް ތަފާތު ކުޅުމެއް ނިބާލް ކުޅެނީ...ހީވަނީ މިހާރު ގެނެސްގެން މިއުޅޭ ކޯޗުގެ އިރުޝާދުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާހެން. ތިޔަގޮތަށް ހިތްވަރު ދޫކޮށްނުލާ ޕްރެކްޓިސްއަށް ފަރުވާބަހައްޓައިގެން މަސައްކަތްކުރޭ. ނިބާލް އަށްވުރެ ޢުމުރުން މާދޮށީ ބޭބެއަކާއެކު ތިޔަފަދަ ހިތްވަރެއް ދެއްކީތީ ސާބަސް. ވަރަށް ރީތި ކުޅުމެއް.
ހުސެންބެ
02 December 2016
ނިބާލް ހަމަ ހަބޭސް އިނގޭ..ވަރަށް މޮޅު ކުޅުމެއް މިފަހަރު ތިދެއްކީ..ދެންފަހަރަކުން އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. ތީ އަހަރެމެންގެ ފިޔުޗަރ ޗެމްޕިއަން. ވޯ...