މީހަކު ފައިސާތަކެއް ގުނަނީ: ރެކޯޑް އަދަދެއްގެ ޖޫރިމަނާ ނަގައިދިން މައްސަލަ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައި --- ފޮޓޯ/މިހާރު
22 ސެޕްޓެމްބަރ 2021 - 21:49
ދެ ލައްކަ ރުފިޔާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮޮށްފި އެވެ.
ވަކި ފަރުދުންތަކެއްގެ މެދުގައި ހެދި މަދަނީ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 227،000ރ. ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކީ ޖޫރިމަނާގެ ގޮތުގައި ރާއްޖޭގައި ނަގައިދިން އެންމެ ބޮޑު އަދަދެވެ. އެގޮތަށް ކޯޓުން ހުކުމްކުރީ ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް 80 ޕަސެންޓްގެ ޖޫރިމަނާއެއް އަރާނެ ކަމަށް އެއްބަސްވުމުގައި އޮތުމުންނެވެ. އެކަމަކު މި އަހަރު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ޖޫރިމަނާގެ އަދަދު 227،000ރ. އަށް ދަށްކޮށްފަ އެވެ.
ފައިސާ ލިބެންޖެހޭ މީހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު، ފައިސާ ދައްކަންޖެހޭ ދެ މީހުން ވެސް އެ މައްސަލަ އިސްތިއުނާފްކުރި އެވެ. ފައިސާ ލިބެންޖެހޭ މީހާ އެ މައްސަލަ އިސްތިއުނާފްކުރީ ޖޫރިމަނާގެ އަދަދު ހައި ކޯޓުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ. ފައިސާ ދައްކަންޖެހޭ ދެ މީހުން އެ މައްސަލަ އިސްތިއުނާފްކުރީ ޖޫރިމަނާގެ ގޮތުގައި 227،000ރ. ނަގައިި ނުދެވޭނެ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ފައިސާ ލިބެންޖެހޭ މީހާގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގައި ޖޫރިމަނާގެ މިންވަރު ބަޔާން ކޮށްފައި ވަނިކޮށް ހައި ކޯޓުން އަމިއްލައަށް ޖޫރިމަނާގެ މިންވަރު ކުޑަ ނުކުރެވޭނެ ކަމަށެވެ. އަދި 14 އަހަރުވީއިރު ވެސް، އެއްބަސްވުމުގައި ބުނާ އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް އެ މީހާގެ ފަރާތުން ބުންޏެވެ. އެހެންވެ، އެ މީހާގެ ފަރާތުން އެދުނީ ހައި ކޯޓުގެ ހުކުމް ބާތިލް ކުރުމާ އެކު، 286 މިލިއަން ރުފިޔާ ނަގައިދޭން ސިވިލް ކޯޓުން ކުރި ހުކުމް ދަމަހައްޓައި ދިނުމަށެވެ.
ފައިސާ ދައްކަންޖެހޭ ދެ މީހުންގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކިޔަސް، ޖޫރިމަނާގެ ގޮތުގައި ފައިސާ ނަގައިދެވޭނީ ގެއްލުމެއް ލިބުނުކަން ސާބިތުކޮށް ދެވިގެން ކަމަށެވެ. އެކަމަކު އެ ފައިސާ ނުދެއްކުމުން އެއްވެސް ގެއްލުމެއް ލިބުނުކަން ސާބިތުނުވާ ކަމަށާއި އެހެންވެ، ޖޫރިމަނާގެ ގޮތުގައި 227،000ރ. ނަގައި ނުދެވޭނެ ކަމަށް އެ ދެ މީހުންގެ ފަރާތުން ބުންޏެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދާއިރު، ދާދިފަހުން އެ ކޯޓުން ނިންމާފައިވަނީ އެއްބަސްވުމުގައި ބުނާ ޖޫރިމަނާތައް ކޯޓުތަކުން ނަގައިދެވޭނީ ގެއްލުމުގެ ބަދަލު ނަގައިދެވޭ އުސޫލުން އެކަން ސާބިތުކޮށް ދިނުމުން ކަމަށެވެ. އަދި އަނެއް ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން އެއްބަސްވުމުގައި ހިމަނާ ޖޫރިމަނާތައް ކޯޓުތަކުން ތަންފީޒުކޮށް ނުދޭނެ ކަމަށް އޭރު ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރުކުރާ މީހާ
22 September 2021
ކޯޓުތަކުގެ ޤާޟީންނަށް ޤާނޫނީ އެކިއެކި ދާއިރާތަކުގެ އެންމެ ލުއި މަޢްލޫމާތުވެސް ނޭނގޭތީ ދިމާވާ މައްސަލަތައް މިހުންނަނީ. މަދަނީ އެއްބަވުމެއްގައި ހިތުހުރި ޖޫރިމަނާއެއް ނަގާނެކަމަށް އެއްބަސްވުމެއްގައި އޮތަސް ޕިކިއުނިއަރީ ޑެމޭޖަސްގެ މާއްދާއެއް ފަރަންޖީ ކޯޓުތަކުން ބަލައި ނުގަންނަކަން މިއީ ވަރަށް ބޭސިކް މަޢުލޫމާތު. ރާއްޖޭގެ ފަނޑިޔާރުން މައްސަލައެއް ނިންމާއިރު މިފަދަ ބޭސިކް ކަންކަންވެސް ބަލަނީ ކިހާ މިންވަރަށްކަން މިއެނގެނީ!
ދޮން މަނިކު
22 September 2021
އެހެންވެޔޭ އަހަރެން މިގޮވަނީ ޖުރިމާނާ ކުރެވޭނެ އަދަދު ތަކަކާއި ލިމިޓް ތަކެއް އެބަޖެހެޔޭ ގާނޫނުގައި ހިމަނަން. މީރާއިން ވެސް ކުރަނީ މިކަހަލަ ޖުރިމާނާ.