ރިޕޯޓް / އޭލެވެލް އިމްތިހާން

ގިނަ ތަޖުރިބާކާރުން ވިދާޅުވަނީ އޭލެވެލް ހެދުން މުހިންމު ކަމަށް!

ރާއްޖޭގައި އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އެވްރެޖުކޮށް 50-60 ދަރިވަރުން އޭ ލެވެލްއާ ގުޅޭ. އެކަމަކު ކޮވިޑުގެ ސަބަބުން އައި ބަދަލުތަކާ ގުޅިގެން މި ފަހަރު މަތީ ސާނަވީއަށް ވަތް ދަރިވަރުންގެ އަދަދު ވަނީ މަދުވެފައި!

އޭ ލެވެލްއިން ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންތަކެއް، އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިގެން.-- ފައިލް ފޮޓޯ: މިހާރު

28 ސެޕްޓެމްބަރ 2021 - 08:37

32 comments

އޭ ލެވެލް ނިންމައިގެން މީގެ ވިއްސަކަށް އަހަރު ކުރިން އަބްދުﷲ އަލީ، 37، އެކި ވަޒީފާތަކަށް ކުރިމަތިލައިގެން ވެސް ނަސީބެއް ނުލިބުނެވެ. އެކި ދާއިރާތަކުން ޑިޕްލޮމާ ހަދާފައި ތިބި ކުދިންނާ ވާދަކޮށްގެން އޭނާ އަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ. އެހެންވެ، އަމިއްލައަށް ކުރަންޖެހުނު ތަޖުރިބާގެ އަލީގައި އޭނާ މިހާރު ބުރަވަނީ އޭ ލެވެލްއަކީ މާ ފައިދާއެއް ހުރި އެއްޗެއް ނޫން ގޮތުގަ އެވެ.

"އޯ ލެވެލް ނިންމާފައި ވަކި ފީލްޑެއް އިހުތިޔާރުކޮށްފައި ޑިޕްލޮމާއިން ކުރިއަށް ދިއުން އެންމެ ރަނގަޅީ،" އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގެ ދާއިރާއިިން މަތީ ތައުލީމު ހާސިލްކުރަމުން އަންނަ އަބްދުﷲ ބުންޏެވެ.

ނަމަވެސް އަވަށްޓެރި ގައުމެއްގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ 25 އަހަރުގެ ޒުވާނަކު ބުނީ އޭ ލެވެލްގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން އެނގި، މަތީ ތައުލީމަށް ދިއުމަށް ލޯ ހުޅުވިގެން ދިޔަ އެވެ. އެކަމާ ގުޅިގެން އޭ ލެވެލް ހަދައިގެން އެއްވެސް ގެއްލުމެއް އަދި ދެރައެއް ވެސް ނެތް ކަމަށް އެ ދަރިވަރު ބުނެ އެވެ.

ރާއްޖޭގައި އަހަރަކު އޯ ލެވެލް ހަދާ ހަ ހާހެއްހާ ދަރިވަރުންގެ ތެރެއިން އެވްރެޖުކޮށް 50-60 ދަރިވަރުން އޭ ލެވެލްއާ ގުޅެ އެވެ. އެކަމަކު ކޮވިޑު-19 ގެ ސަބަބުން ތައުލީމީ ދާއިރާ އަށް ބަދަލުތަކާ ގުޅިގެން މި ފަހަރު މަތީ ސާނަވީ އަށް ވަތް ދަރިވަރުންގެ އަދަދު މަދުވެ، ކޮލެޖު/ޔުނިވާސިޓީތަކުގެ ފައުންޑޭޝަން ޕްރޮގްރާމަށް ވަރަށް ބާރު ބޮޑުވެފައިވެ އެވެ.

މިއާ އެކު، އޭ ލެވެލްގެ ބޭނުންތެރިކަމުގެ ބަހުސް މި ވަނީ ފެށިފަ އެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އޭ ލެވެލްއަކީ މުހިއްމު އެއްޗެއް ނޫނެވެ. ދެ އަހަރު ބޭކާރު ކުރުމަށްވުރެ، ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑައަޅައި ފައުންޑޭޝަން ޕްރޮގްރާމް ކުރިއަށްގެންދިއުން މާ ބުއްދިވެރި ކަމަށް އަނެއްބަޔަކު ގަބޫލުކުރެ އެވެ.

އިމްތިހާނެއް ކުރިއަށްދާކަން އަންގައިދޭ ނޯޓިސް ބަހައްޓާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ސްކޫލުތައް ހިންގުމުގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރެއްވުމަށް ފަހު، މަތީ ތައުލީމު ދާއިރާގައި، އަދި މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ރަޝީދު ގަބޫލުކުރައްވާ ގޮތުގައި އޭ ލެވެލް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން އޯ ލެވެލް ހަދަނީ އޯޑިނަރީ ލެވެލްގައި ކަމަށާއި އޭގެ އެޑްވާންސްކޮށް ކިޔެވުމުން އެ ދަރިވަރުގެ މައުލޫމާތާއި އެ ސްޓްރީމަށް ލޯ ހުޅުވިގެން ދާނެ އެވެ. ރަނގަޅު ފާހަކާ އެކު އޭ ލެވެލް ނިންމުމުން، ޑިގްރީގެ ވަރަށް ގިނަ ޕްރޮގްރާމްތަކަށް ޝަރުތު ހަމަވާއިރު، ސްކޮލަޝިޕްގެ ފުރުސަތުތަކަށް ވެސް ފުރުސަތު ލިބޭ ކަމަށް ޑރ. ރަޝީދު ވިދާޅުވި އެވެ.

ފައުންޑޭޝަނަކީ ގޯސް އެއްޗެއްގެ ގޮތުގައި ނުބެލިއަސް، އެއީ އޭ ލެވެލްއާ އަޅާކިޔޭނެ އެއްޗެއް ކަމަށް ކަމަށް ޑރ. ރަޝީދު ގަބޫލެއް ނުކުރައްވަ އެވެ.

"ފައުންޑޭޝަނަށް މި ހޭދަކުރަނީ ވެސް އެއް އަހަރު ކިޔަވަން. ނަމަވެސް އެއް އަހަރުގައި ކިޔަވާ ކިޔެވުމާ، ދެ އަހަރުގެ ތެރޭގައި ކުއްޖަކު ކިޔަވާ ކިޔެވުން ވަރަށް ތަފާތު. ފައުންޑޭޝަން ހެދީމަ އެ ކުއްޖަކު ޑިގްރީ އަށް މި ޝަރުތު ހަމަވަނީ އެ ކިޔެވި ދާއިރާގެ ޕްރޮގްރާމުން. ހަޔަ އެޑިއުކޭޝަން ދާން ލިމިޓްވޭ އެބަ [އޭ ލެވެލް ނުހަދަންޏާ]،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ރިކޮމެންޑެއް ނުކުރަން އޯ ލެވެލްގެ ނަތީޖާ ރަނގަޅު، ކިޔެވުމަށް ޝައުގުހުރި އެކަޑެމިކް ޕްޓެންޝަލް ހުރި ކުއްޖެއް އޭ ލެވެލް ދޫކޮށްލާފައި ފައުންޑޭޝަން ހަދާކަށް."

ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް، މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯ ލެވެލް އިމްތިހާނުގައި ޕޭޕަރެއް ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އަހަރު އޭ ލެވެލް އަށް ވަތް ކުދިންގެ އަދަދު މަދުވި ކަމަށް ލަފާ ކުރެވެނީ، ކޮލެޖު/ޔުނިވާސިޓީތަކުން ފައުންޑޭޝަން ޕްރޮގްރާމްތައް ޕްރޮމޯޓުކުރެވޭ ވަރާ، މަތީ ސާނަވީގެ ދެ އަހަރުގެ މުހިއްމުކަން ދަރިވަރުންނަށް ބުނެދެވޭ ވަރު މަދުވުމެވެ.

އޭ ލެވެލްގެ ފުރިހަމަ ތަޖުރިބާ ވަރަށް މުހިއްމު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވި ގޮތުގައި ޑިގްރީ އަށް ދިއުމަށް އޭ ލެވެލްއަކީ މުހިއްމު މަރުހަލާއެކެވެ.

އޭނާ ވިދާޅުވީ އޭ ލެވެލް ނިމޭއިރު ވެސް ކުއްޖާގެ ސިކުނޑި ޅަވާނެ ކަމަށެވެ. އޭ ލެވެލްގެ ދެ އަހަރުގެ ތެރޭގައި ފިލާވަޅުތަކާ އެކު ކުއްޖާ ކަންކަން ދަސްކުރަން ވެސް ވަގުތު ލިބޭ ކަމަށާއި ލީޑަޝިޕް ފަދަ ހުނަރުތައް ދަސްކުރަން އެ ލިބޭ ވަގުތަކީ ދޫކޮށްލާ ވަގުތަށް ވުރެ އަގުހުރި ވަގުތު ކަމަށް ސައީދު ވިދާޅުވި އެވެ.

"އޭ ލެވެލްގެ ފުރިހަމަ ތަޖުރިބާ ވަރަށް މުހިއްމު ކަމަށް ގަބޫލުކުރެވެނީ."

މާލޭގެ ތިން ސްކޫލަކަށް ފާއިތުވި ފަސް އަހަރު ގްރޭޑު 11 އަށް ވަތް ދަރިވަރުންގެ އަދަދު.

"ފައުންޑޭޝަނަކީ އޭ ލެވެލްއަށް ދާން ފުރުސަތު ނުލިބުނު ކުއްޖާ އަށް ވެސް ޑިގްރީ އަށް ގެންދިއުމަށްޓަކައި އަސްލު ކްރިއޭޓްކުރި އެއްޗެއް. އެއީ ކޮންމެހެން އޭލެވެލްގެ ބަދަލުގައި ދޭން އޮތް އެއްޗެއް ނޫން. އޭ ލެވެލް ލިބުނު ކުއްޖާ އަށް އޮތް އެއްޗެއް އަސްލު ފައުންޑޭޝަނަކީ،" 600 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި އޭ ލެވެލްއަކީ ޑިގްރީ ހެދުމުގެ ކުރިން މުހިއްމު އެއްޗެއް. އެއީ މުޅި ވޯކްފޯސްގެ ފެންވަރަށް ހެޔޮ ބަދަލެއް އަންނާނެ ސަބަބެއް ކަމަށް ދެކެނީ."

ވަޒީފާގެ މާހައުލުގައި ވެސް ތަފާތު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި އޯ ލެވެލް ނިންމާ ގޮތަށް ފައުންޑޭޝަނަށް ވަންނަ ކުދިންނަށް ވުރެ އޭ ލެވެލް ހަދައިގެން ޔުނިވާސިޓީ އަށް ވަންނަ ކުދިންގެ މަސައްކަތުގައި ވެސް ތަފާތު ހުރެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މައި މަރުކަޒު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ، ސަރުކާރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ޑރ. ޝަރީފް ހިންގެވި އަމިއްލަ ކޮންސަލްޓެންސީ ފާމުން ލިބިވަޑައިގަތް ތަޖުރިބާ އެވެ.

"ކަމެއް ހަވާލުކޮށްލަން ކަމެއް ދަސްކޮށްދޭން ވެސް މާ ފަސޭހަ އޭ ލެވެލް ހަދާފައި ތިބޭ ކުދިންނަށް. އޭރު އުޅުނު ޔުނިވާސިޓީގައި ކިޔަވަން އުޅުނު ދެ ތިން ކުއްޖަކާ އޯ ލެވެލް ހަދާފައި ޔުނިވާސިޓީ އަށް ނުވަދެެ ތިބި ކުދިން ވެސް ތިިބި. އަޅުގަނޑަށް ގަބޫލުކުރެވެނީ އޭ ލެވެލް ހެދުން އެއީ ވަރަށް މުހިއްމު ކަމެއްހެން،" ޑރ. ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައުންޑޭޝަން ހަދާ ކުދިންނަށް ފިލާވަޅުތައް ޖެހެނީ "ސްޕޫން ފީޑް" ކުރާށެވެ. އެއާ ހިލާފަށް އޭ ލެވެލް ހަދާ ކުދިންގެ ފޮތް ކިޔުމުގެ ބައި އިތުރުވުމާއެކު، ބަހަށް މޮޅުވެ ފިލާވަޅުތައް ދަސްކުރަން ފަސޭހަވާ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގިނަ ދުވަހުގެ ތަޖުރިބާ ދެއްތޯ އެއީ އޭ ލެވެލް ހަދަން ބާރުއަޅާފައި ހުންނާނީ. އެހެންވެ، އަޅުގަނޑު ގަބޫލުކުރާ މުހިއްމު ކަމެއް އޭ ލެވެލް ހެދުމަކީ."

އޭ ލެވެލް އަށް ދެވޭ ވަރަށް ދަރިވަރުން ފާސްނުވިޔަސް ކުރިއަށްދެވޭނެ މަގު ހުޅުވިފައި ހުރިކަން ފާހަގަކުރައްވައި ޑރ. ޝަރީފް ވަނީ އެ ފުރުސަތުތަކުގެ ބޭނުން ނުހިފައި ނުހުރުމަށް އެދިވަޑައިގެންފަ އެވެ.

"ބޭކާރުވެގެެންދާ މީހެއްގެ ގޮތުގައި ނުދައްޗޭ، ކޮންމެ ވެސް ކަމެއް ކުރައްޗޭ ކޮންމެ ކުއްޖަކު ވެސް،" އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ވަޒީފާގެ މާހައުލުގައި ކުރިހޯދަން އޭ ލެވެލް މުހިއްމެވެ. އެކަމަކު، އޯ ލެވެލްގައި ރަނގަޅު ފާހެއް ނުލިބުނަސް މުސްތަގުބަލާ މެދު ކުރާ އުއްމީދުތައް ކަނޑާލާކަށް ނުޖެހެ އެވެ. މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖު/ ޔުނިވާސިޓީތަކުގައި އެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

32 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 62%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުތުފީ

29 September 2021

ވަޒީފާ ދިނުމުގައި އޭލެވެލް ސެޓްފިކެޓަށްވުރެ ޑިޕްލޮމާ އަށް މާކްސް ލިބޭގޮތް މަތިވީމަ ތިހެންވެދާނެ. އޭގެން މާނައެއްނުކުރޭ އޭލެވެލްގެ ބޭނުމެއް ނެތްކަމަކަށް.

The name is already taken The name is available. Register?

ބެލެނިވެރިން

28 September 2021

އޯލެވެލްޢިންފާސްނުވާގައުމަކަށް އޭލެވެލް ނެހެދޭނެދޯ. ބެލެނިވެރިން ކުދިން ސްކޫލްގެ އެކްސްޓްރާ ގަޑިއަށްވެސް ފޮނުވާ. އަސްލުގަޑީގައި ކިޔަވާނުދެވޭ ބަޔަކަށް އެކްސްޓްރާ ގަޑިއަށް ގެންދިޔައަސް ނުވާނެ. ސްލޫލަށްދާ ކުދިންނަށް އިގިރޭސި ނޭގޭތީ މިހާރި ސްކޫލްގެފީގެ އިތުރަށް އިންގްލިޝް ކިޔަވަދޭން އިތުރުފީނަގަނީ އިތުރަށް ކިޔަވަދޭށޭކިޔާފަ.

The name is already taken The name is available. Register?

އެބަހުސް

28 September 2021

ކިޔަވަން ބޭނުންވާ ކުދިން، ކިޔަވާހިތްވާ ކުދިން އޭލެވެލްވެސް ހަދަންވީ ދެން ހުރި ހުރިހާ މަރުހަލާއެއްގަވެސް ކިޔަވަންވީ. ވަގުތު ސަލާމަތްކުރަން ބޭނުންވާ ކުދިން އެމީހުންގެ އެވަރުގެ ސެލްފް ކޮންފިޑެންސެއް ހުރިނަމަ އޭލެވެލް ނުހަދާ ވަކި ރޮނގަކުން ކުރިއަށްދާން އަވަހަށް އުޅެންވީ. އެންމެން އެއް ތައްގަނޑަކަށް އެޅުވޭނެ ޒަމާނެއް ނޫން މިއީކީ. މީހަކު މަސައްކަތުގެ ތަޖުރިބާއިން މާ ކުރިއަރައިގޮސްދާނެ އެ ދާއިރާއިން ޑިގްރީ ނެގި މީހަކަށްވުރެ މޮޅަށް. ބުނާކަށް ނޭނގޭނެ.

The name is already taken The name is available. Register?

ޖުހާނާ

28 September 2021

ތިޔަ ޑރ. ޝަރީފަކީ މީސްމީހުން ލައްވައި އޭނާގެ ކުންފުނިން މަސައްކަތް ކުރުވާފައި، ފައިސާ ނުދީ އެތައް މަސްދުވަސް ވަންދެން އުޅުނު މީހެއް.

The name is already taken The name is available. Register?

ހެމަރުތެޔޮ

28 September 2021

އޯލެވަލް ނިމޭއިރު ކުއްޖާގެ އުމުރަކީ 16-17 އަހަރު. އެއުމުރުގައި ގިނަ ކުދިންނަށް ނޭނގޭނެ ކުރިއަށް ދާންވީ ދާއިރާއެއް. އޭލެވަލް ނިންމާއިރު 18-19 އަހަރުގެ މީހުންނަށް ވެސް ވަރަށް ގިނަ ފަހަރު ނޭނގޭ. އޭލެވެލް ވެސް އަދި ޑިޕްލޮމާވެސް އަދި ދެން ހުރި އެއްޗެހިވެސް ހަދާފަހުރި މީހެއްގެ ހައިސިއްޔަތުން، މަށަށް ފެންނަނީ ސީދާ ދާންވީ ދިމާލެއް ނޭނގޭނަމަ ނުވަތަ 19 އަހަރަށްވުރެ ހަގުނަމަ އޭލެވަލް ހަދަން.

The name is already taken The name is available. Register?

އަޙްމަދު

28 September 2021

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބަލާއިރު، އަޅުގަނޑަށް ފާހަގަވަނީ ކުއްޖާގެ ހުރި ހުނަރެއް ތަރައްޤީ ކުރުމުގެ ބަދަލުގައި ހުރިހާ މާއްދައަކުން އޭ ފާސް ހޯދުން ، ގަދަކަމުން މަޖުބޫރުކުރެވޭ ގޮތަށް އޮތްކަން. މިކަމުގެ ސަބަބުން މުޖުތަމަޢުގައި ހުނަރުވެރިން މަދުވެ، ހުނަރުވެރިންގެ އަގުހުރި ވަގުތުތައް ގެއްލިގެން ދޭ... އޯލެވެލް ނިމޭއިރަށް ކެރިއަރ ކަނޑައެޅިފައިވާނަމަ، އެކަމާ ގުޅޭގޮތުން ތަޢުލީމު ޙާޞިލްކުރުުން ނުވަތަ ވަޒީފާއަށް ދިއުން މުހިއްމު

The name is already taken The name is available. Register?

ފްރެޑް ރައިސް

28 September 2021

މި ގައުމުގަ މިހާރު ކިޔަވަނީ އިލްމަކަށް ނޫން. ސެޓްފިކެޓަށް. އެހެންވީމަ ޕީއެޗްޑީ ސެޓްފިކެޓެއް ހިފައިގެން އަންނަ މީހާ ގަޔަކު ނުުހުރޭ އަސާސީ ފެންވަރުވެސް އިލްމީ ގޮަތުން. އަހަރުމެން ކިޔެވީ ދުރޫސުލް އަޙްލާގާ އެއްވަނަބަޔާ ދެވަނަ ބަޔާ ތިންވަނަ ބައި. ދެން ނަވަތަ ދަސްކުރީ. ދެން އިނގިރޭސީ ފެންވަރު ރަނގަޅުކުރަން ސީއެންއެން ބަލާފަ އިނގިރޭސީން ލިޔެފަ ހުންނަ ޙަބަރު ކީ.

The name is already taken The name is available. Register?

ބިލް ކުލިންޓަން

28 September 2021

އޯލެވެލެއް އޭލެވެލެއް މުހިއްމެއްނޫން ސަމްސަލުން ކާންދޭގޮތަކަށް ކިޔަވައިދެންޏަކާ.

The name is already taken The name is available. Register?

އަޑުބަރޭ - މިނިސްޓާ

28 September 2021

ކިޔަވައިގެން ކޮންކަމެއްތަ މިގައުމުގަ ވަނީ.. ހުސް މަކަރު .. މީ ވަރައް ވާހަކަ

The name is already taken The name is available. Register?

ތަޖުރިބާކާރު

28 September 2021

ކޮބާ ތި ބުނާ ގިނަ ތަޖުރިބާކާރުން ނަކީ؟ ލައްކަ އަކުން 1؟ އެއީ ކޮން ކަމެއްގެ ތަޖުރިބާކާރުން؟ އެއްޗަކަށް އެއްޗެއް ލިޔުނަސް ކަމަކު ނުދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454