ތޫނިސްގެ ރައީސް ގައިސް ސައީދު
23 ސެޕްޓެމްބަރ 2021 - 14:27
ތޫނިސްގެ ރައީސް ގައިސް ސައީދު އެ ގައުމުގެ ސަރުކާރު އުވާލައްވައި ގާނޫނު ހަދާ މަޖިލިސް ބަންދުކުރެއްވުމަށް ފަހު، ދައުލަތުގެ ހުރިހާ ބާރުތަކެއް ރައީސަށް ލިބިދޭ ގޮތަށް ނެރުއްވި ރިއާސީ ގަރާރުގެ މުއްދަތު އަނެއްކާވެސް އިތުރު ކުރައްވައިފި އެވެ.
ސަރުކާރު އުވާލައްވައި ބޮޑުވަޒީރު މަގާމުން ދުރުކުރެއްވީ މީގެ ދެ މަސް ކުރިންނެވެ. އޭގެ އިތުރުން، ވަކި މުއްދަތެއް ނެތް ގޮތަށް، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑުއްވާލައްވައި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުން ލިބިދޭ އިމްތިޔާޒުތައް ވެސް ހިފެހެއްޓެވި އެވެ.
ޖުލައި 25 ގައި ނެރުއްވި ރިއާސީ ގަރާރުގައި ކަނޑައަޅާފައިވާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ވެސް އަދި ޝަރުއީ ދާއިރާގެ ވެސް އެންމެ މަތީ ވެރިއަކީ، ރައީސް ގައިސް އެވެ. މި ފިޔަވަޅުތައް އެޅުއްވީ ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ހަމަނުޖެހުންތަކުން ގައުމު ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވެ އެވެ.
ރައީސް ގައިސްގެ މި ނިންމެވުމަށް، އެ ގައުމުގެ ސިޔާސީ ފަރާތްތަކުން އަންނަނީ ދެކޮޅު ހަދައި އަޑު އުފުލަމުންނެވެ. ތޫނިސް އަށް އެހީދޭ ގައުމުތަކުން ވެސް ރައީސް ގައިސް ސައީދަށް ގޮވާލަމުން ދަނީ، ގާނޫނު އަސާސީގެ އިމުގެ ތެރެއިން ބޮޑުވަޒީރެއް އައްޔަން ކުރައްވައި، ދުސްތޫރީ ހަމަތަކުގެ މަތިން ވެރިކަން ކުރެއްވުމަށެވެ.
ތޫނިސްގެ ރިއާސީ ގަނޑުވަރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސިޔާސީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްޓަކައި ރައީސް ވަރަށް އަވަހަށް ކޮމިޓީއެއް އެކުލަވައިލައްވާނެ އެވެ. ގާނޫނު ހަދާ މަޖިލީހާއި ޝަރުއީ ކޯޓުތަކުގެ ދައުރާ ބެހޭ ގޮތުން ހުރި މާއްދާތައް ފިޔަވައި، ގާނޫނުއަސާސީގެ އެހެން މާއްދާތަކަށް މިހާރު ވެސް އަމަލުކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ތޫނިސް ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ފުލުހުން މަސައްކަތް ކުރަނީ. --އޭއެފްޕީ
އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ތޫނިސްގެ ތަންފީޒީ ބާރާއި ގާނޫނު ހެދުމުގެ ބާރު ހިންގުމުގެ އެންމެހައި ކަންކަން، ރައީސް ގައިސް ކުރައްވަމުން ގެންދަވާނީ، އެކަމަށްޓަކައި ކަނޑައަޅުއްވާފައިވާ ހާއްސަ އިންތިޒާމެއްގެ ދަށުންނެވެ. އަދި ގާނޫނުއަސާސީން މިހާރު އަމަލުކުރަމުން ދާނީވެސް، އެ އިންތިޒާމުތަކާ ފުށުނާރާ ގޮތަށް ހުރި މާއްދާތަކަށް އެކަނި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މެދުމިނުގެ އިސްލާމީ ސިޔާސަތުގެ އައްނަހްޟާ ޕާޓީން އިއްޔެ ވަނީ، ގައުމުގެ ބާރުތައް އަމިއްލަ ކުރެއްވުމަށް ރައީސް ގައިސް ސައީދު ނެރުއްވި ރިއާސީ ގަރާރުގެ މުއްދަތު އިތުރު ކުރެއްވުމުން އެކަމަށް ދެކޮޅު ހަދައިފަ އެވެ. ގާނޫނު ހަދަ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ލިބިފައިވާ ނަހްޟާ ޕާޓީގެ ލީޑަރު ރާޝިދު ޣައްނޫޝީ ވިދާޅުވި ގޮތުގައި، ރައީސް ގައިސްގެ އެ ނިންމެވުމަކީ ގާނޫނުއަސާސީ އުވައިލެއްވުމުގެ އަމަލެކެވެ. އަދި ރައީސްގެ އެ ނިންމެވުން އެއްވެސް ގޮތަކުން ބަލައިނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްނޫޝީ ވިދާޅުވި ގޮތުގައި، ޖުލައި 25 ގައި ސަރުކާރު އުވާލައްވައި ގާނޫނު ހަދާ މަޖިލިސް ބަންދުކުރުމަކީ، ރައީސް ގައިސް ސައީދު ގެންނެވި ބަގާވާތެކެވެ.
ރައީސްގެ އަރިސް ބޭފުޅަކު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރައީސް ގައިސް ބޭނުންފުޅުވަނީ މިހާރު އޮތް ގާނޫނުއަސާސީ އުވައިލައްވާށެވެ. އޭގެ ބަދަލުގައި އާންމު ރައްޔިތުންގެ ހިޔާލާ އެއްގޮތަށް އާ ގާނޫނުއަސާސީއެއް އެކުލަވައިލައްވާށެވެ.
މިދިޔަ ހަފުތާގައި ތޫނިސްގެ ރިއާސީ ގަނޑުވަރުން ބުނި ގޮތުގައި، ގައުމުގެ ކަންކަން ހަމައަކަށް އެޅުވުމުގެ ގޮތުން، އިންތިގާލީ ގާނޫނުތަކެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި މިހާރު އޮތް، އިންތިހާބުތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ގާނޫނުއަސާސީ އަށް އަމަލުކުރުން ހުއްޓާލައި، ހާއްސަ އިންތިޒާމުތަކެއްގެ މަތިން ގައުމު ހިންގަން ނިންމި ނިންމުމަށް، އިދިކޮޅު އެންމެ ބޮޑު ހަތަރު ޕާޓީން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ޕާޓީތަކުން ބުނި ގޮތުގައި ރައީސް ގައިސްގެ އެ ނިންމެވުމަކީ ޚުދުމުޚުތާރު ވެރިކަމެއް ކުރެއްވުމަށް ގަސްދުކުރައްވާތީ، ރައީސް ނިންމެވި ނިންމެވުމެކެވެ.
ބޮޑުވަޒީރު ހިޝާމުލް މަޝީޝީގެ ސަރުކާރު އުވާލައި، ގާނޫނުއަސާސީ އަށް އަމަލުކުރުން މެދުކަނޑައިލުމާ ގުޅިގެން، ތޫނިސްގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ.
އަނެއްކޮޅުން ތޫނިސްގެ ކުރީގެ ރައީސް އަލްމުންސިފް އަލް މަރްޒޫގީ ވިދާޅުވި ގޮތުގައި، އިންތިގާލީ ވެރިކަމެއް އިއުލާން ކުރެއްވުމުގެ މާނައަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުމެވެ. އެހެންކަމުން ރައީސް ގައިސް ސައީދުގެ ވެރިކަމުގެ ހައިސިއްޔަތު މިހާރު ގެއްލިފައިވާ ކަމަށާއި، އޭނާ މަގާމުން އަޒުލުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
24 September 2021
މިމީހުންނަކަށް ދިމިގަރާތީ އެއް ބަރުލަމާނީއެއް ދުވަހަކުވެސް ނޭގޭނެ. މިއީ މުއްލާއިންނާއި، އިމާމުންނާއި، ހަލީފާއިންނާއި، އަސްކަރުމުސްކުޅިންގެ ވެރިކަން ނޫނީ ނޭގޭ ބައެއް. މި މީހުންނަކީ އެއް ޒަމާނެއްގަ ވަރަށް ތަހުޒީބު ބައެއް. 1400 އަހަރުވެއްޖެ ދަގަނޑު ޒަމާނުގަ އުޅޭތާ.