ރިޕޯޓް

މަސްދަރު ހާމަކުރަން މަޖުބޫރުވުން: ހައްލަށް ވުރެ ބިރުވެރިކަން ބޮޑު!

މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްލާ އުސޫލުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގިދާނެ. ނަތީޖާއަކަށް ވެގެން ދާނީ މަގާމުތަކުގައި ތިއްބަވާ ބާރުގަދަ ފަރާތްތަކުން ހިންގާ ނޭދެވޭ އަމަލުތަކުގެ މައުލޫމާތު ސިއްރުވެގެން ދިއުން.

ނޫސްވެރިން ކުރި މުޒާހަރާއެއް: ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހުށަހަޅާފައިވާ ބިިލާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި --- ފޮޓޯ/މިހާރު

ބައި ގަރުނު ވާން ގާތްވެފައިވާ ހެއްކާބެހޭ ގާނޫނު އުވާލައި، މި ޒަމާނާ ގުޅޭ ހެއްކާބެހޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ގާނޫނީ ދާއިރާ އާއި ދައުލަތުގެ އެތައް މުއައްސަސާއެއްގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށެވެ. އެހެން ނަމަވެސް ހީކުރި ގޮތާ ޚިލާފަށް، އެ ބިލް ވެގެން ދިޔައީ ނޫސްވެރިކަމަށް ހުރަސްތަކެއް ކުރިމަތިވާ ބިލަކަށެވެ. ގާނޫނީ ދާއިރާގެ ޝަކުވާތަކަށް ލިބޭ ހައްލަށް ވުރެ ނޫސްވެރިކަމަށް އެ ބިލުން ގެންނަ ބިރުވެރިކަން ބޮޑެވެ.

ހެއްކާބެހޭ ބިލަށް ފާޑުކިޔުންތައް އަމާޒުވާން ފެށި ސަބަބަކީ ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައި އޮތުމުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ގާނޫނު އަސާސީން ކަށަވަރުކޮށް ދީފައި ވަނިކޮށް، ސަރުކާރުގެ ފަރާތުން އެފަދަ މުހިންމު ހައްގެއް ހަނިކުރަން ހުށަހެޅުމަކީ މީޑިއާތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިއީ ރާއްޖޭގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހުށަހެޅި ފުރަތަމަ ބިލެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާ އެކު، ބިލްގައި އޮތް އެބައި މަޖިލީހުގެ ކޮމެޓީން ބަދަލުކުރާނެ ކަމަށް އޭޖީ އޮފީހުން އިއްޔެ ބުންޏެވެ. މި ބިލް ދިރާސާކުރަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.

ހެއްކާބެހޭ ބިލުގައިވާ ގޮތުން އާންމު އުސޫލުން ނޫސްވެރިންގެ މަސްދަރުތައް ހާމަކުރަން މަޖުބޫރެއް ނުކުރެވޭނެ އެވެ. އެކަމަކު ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި، އެ މައްސަލާގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުމަކަށް ބިިނާކޮށް، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް އެ ބިލުގައިވެ އެވެ. އެގޮތުން އާންމު މަސްލަހަތު ބޮޑުވާ ނަމަ، މަސްދަރު ހާމަކުރަން އެ ނޫސްވެރިއަކަށް ނުވަތަ އެ ނޫސްވެރިއަކު ތަމްސީލުކުރާ މީޑިއާއެއްގެ މައްޗަށް ވެސް އަމުރު ކުރެވިދާނެ ކަމަށް ބިލުގައިވެ އެވެ.

މަސްދަރު ހާމަކުރަން މަޖުބޫރު ކުރުން ވަރަށް ފަސޭހަ

އެ ބިލުގައިވާ ގޮތުން މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނީ މައުލޫމާތު ދިން މީހާއަށް ކޮޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވާ ނަމަ ނުވަތަ ނޫސްވެރިންނަށް އެފަދަ މައުލޫމާތު ހޯދަން ކޮށްފާނެ ނޭދެވޭ ކުޑަވާނެ ކަމަށް ގަބޫލު ކުރެވޭ ހާލަތްތަކުގައި އެކަންޏެވެ. އެހެން ނަމަވެސް، މައުލޫމާތު ދިން މީހާއަށް ނުވަތަ ނޫސްވެރިޔާއަށް އެކަމުން ލިބިދާނެ ގެއްލުމަކީ ކޮންމެ ކޮންމެ މައްސަލައެއްގައި ދުރާލާ ކޯޓަށް ވަޒަން ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެކަން ކޯޓުތަކުން ބަލާނެ ގޮތެއް ވެސް ބިލުގައި ނެތެވެ.

މަސްދަރު ހާމަކުރަން އެންގޭނީ ކޮން ބާވަތެއްގެ މައްސަލަތަކެއްގައި ކަމެއް ވެސް އެ ބިލުގައި ނެތެވެ. އެހެންވުމުން އާދައިގެ ވައްކަމުގެ މައްސަލައެއް ސިއްރު މަސްދަރަކާ ހަވާލާދީ ނޫސްވެރިން ރިޕޯޓްކުރާ ހާލަތުގައި ވެސް ކޯޓުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ އެވެ. އެކަމަކީ މުޖްތަމައުގެ އާންމު މަސްލަހަތާ ސީދާ ގުޅުމެއް ނެތް ކަމަކަށް ވިޔަސް، އަދި އެ މަސްދަރު ހާމަކުރުމުން ދެން ނިކުންނާނެ މައްސަލައަކީ ކޮބައިކަން ކޯޓަށް ނޭނގުނަސް، މަސްދަރު ހާމަކުރުން މުހިންމު ކަމަށް ކޯޓަށް ގަބޫލު ކުރެވުމުން ނިމުނީ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން --- ފޮޓޯ/މަޖިލިސް

އެހެންވީއިރު، ބާރުގަދަ މަގާމެއްގައި ހުންނެވި ބޭފުޅެއްގެ މައްސަލައެއް ނަމަ، ކަންކަން ވެގެންދާނެ ގޮތް އިތުރަށް ތަފްސީލު ކުރާކަށް ނުޖެހެ އެވެ. ކުރުކޮށް ބުނާ ނަމަ، މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްލާ އުސޫލުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގިދާނެ އެވެ. ނަތީޖާއަކަށް ވެގެން ދާނީ މަގާމުތަކުގައި ތިއްބަވާ ބާރުގަދަ ފަރާތްތަކުން ހިންގާ ނޭދެވޭ އަމަލުތަކުގެ މައުލޫމާތު ސިއްރުވެގެން ދިއުމެވެ. އަދި ސިއްރު މަސްދަރަކުން މައުލޫމާތެއް ލިބުނަސް، އެކަން ރިޕޯޓް ކުރުމުގައި ނޫސްވެރިންނަށް ކުރިމަތިވާ ބިރު ބޮޑުވުމެވެ.

މަސްދަރު ހިމާޔަތް ކުރަން ޖެހެނީ ކީއްވެ؟

ސަރުކާރާއި ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި ގާނޫނާ ޚިލާފް އަމަލުތައް ގިނަފަހަރަށް އާންމުންނަށް އެނގެނީ ނޫސްވެރިންނާއި މީޑިއާތަކުގެ ސަބަބުންނެވެ. ދައުލަތުގެ ތެރޭގައި މިފަދަ ކަންކަން ބަލާނެ ކިތަންމެ ގިނަ މުއައްސަސާތަކާއި ނިޒާމްތަކެއް ހުއްޓަސް، އެދެވޭ ނަތީޖާތަކެއް ނެރެދެވޭ މުއައްސަސާތަކެއް ނެތުމުން އެކަންކަން ހަމައަށް ތިލަކޮށް، ދެވެން އޮންނަ ހަމައެކަނި ގޮތަކީ މީޑިއާ އެވެ. އަދި އަޑި ނޭނގި ހުންނަ ބޮޑެތި ކަންކަން މީޑިއާއާ ހަމައަށް ގިނަފަހަރު އަންނަނީ ކޮންމެވެސް ސިއްރު މަސްދަރަކުންނެވެ.

މަސްދަރުގެ ހާމަ ނުކުރުމުގެ ހައްގަކީ ވިސްލްބްލޯވަރުންނަށް ރައްކާތެރިކަން ދިނުން ފަދަ މުހިންމު ކަމެކެވެ. ވިސްލްބްލޯވަރުންނަށް ރައްކާތެރިކަން ދިނުމުގެ ގާނޫނެއް މީގެ އަހަރެއްހާ ދުވަސް ކުރިން ފާސްކޮށް، ތަސްދީގުކުރީ ދައުލަތުގެ އެތެރޭގައި ހިނގާ ނޭދެވޭ ކަންކަން ރިޕޯޓްކޮށް، ހުއްޓުވުމުގެ މަގްސަދުގަ އެވެ. ނޫސްވެރިންނާއި ވިސްލްބްލޯވަރުންނާ އޮންނަ ހަމައެކަނި ތަފާތަކީ ވިސްލްބްލޯވަރުން ކަންކަން ރިޕޯޓްކުރަން ޖެހެނީ ދައުލަތުން އުފައްދާ ނިޒާމަކަށް ކަމަށްވާތީ އެވެ. އެކަމަކު ދެ ނިޒާމް ވެސް މަގްސަދު އެއްގޮތެވެ.

އެހެންވެ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން ލިބި ދެނީ ނޫސްވެރިން އާންމުކުރާ މައުލޫމާތުތަކުގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރު ނުކުރެވޭނެ ކަމުގެ ކަށަވަރު ކަމާ އެކު އެވެ. އެ ހައްގު ގާނޫނު އަސާސީން ނޫސްވެރިންނަށް ދީފައި އޮތީ ހަނގުރާމައިގެ ހާލަތްތައް ފަދަ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް، ހަނި ނުކުރެވޭނެ ނުވަތަ ނުހިިފެހެއްޓޭނެ ހައްގެއްގެ ގޮތުގަ އެވެ. އެހެންވެ، މިހާ ބޮޑު ހައްގެއް މިހާ ފަސޭހަ ގޮތަކަށް ހަނި ކުރުމަކީ އެންމެ ބޮޑު މައްސަލަ އެވެ.

އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް

ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ވެސް، މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ހަނި ކުރެވިދާނެ ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް މަޖިލީހުން ފާސްކޮށްލާ ކޮންމެ ގާނޫނަކުން އެ ފުރުސަތެއް ނެތެވެ. ގާނޫނު އަސާސީ ބުނާގޮތުން އަސާސީ ހައްގެއް ހަނި ކުރެވޭނީ މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި އެ ހައްގެއް ހަނިކުރާ މިންވަރަށެވެ. އެކަމަކު ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރެވޭ ގޮތަށް ހިމަނާފައި އޮތީ ކޮން އުސޫލަކުން ކަމެއް ސާފެއް ނުވެ އެވެ.

ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގެނީ ގައުމީ ސަލާމަތަށް ނުރައްކާވުމާއި ގާނޫނަކާ ކަނޑައެޅިގެން ޚިލާފަށް ހޯދާފައިވާ މައުލޫމާތު އާންމުކުރާ ހާލަތްތަކުގައި އެކަންޏެވެ. އަދި އެފަދަ ހާލަތްތަކުގައި ވެސް، މަސްދަރު ހާމަކުރަން ކޯޓުތަކުން މަޖުބޫރު ކޮށްފައި ހުރީ ވަރަށް މަދު މައްސަލަތަކެއްގަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވުން ހުއްޖަތަކަށް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ކޯޓުތަކުން ކުރި އެފަދަ ގިނަ އަމުރުތައް މަތީ ކޯޓުތަކުން ބާތިލް ކޮށްފައި ވެސް އެބަހުއްޓެވެ.

ހެއްކާބެހޭ ބިލަށް ކުރިމަތިވާން ފެށި ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެ ބިލް އެކުލަވާލީ އަސާސީ ހައްގުުތައް ހަނި ކުރެވިދާނެ ކަމަށް ގާނޫނުގައި އަސާސީގައި ބަޔާންކުރާ އުސޫލުން ކުރިއަރާފައިވާ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ބެލުމަށްފަހު ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމުތަކެއް ކަމަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަދިި ކޮމެޓީ މަރުހަލާގައި އެ ބިލް އިތުރަށް މުރާޖާކޮށް، ބަދަލު ގެންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ނޫސްވެރިން މުޒާހަރާ ކުރަނީ: މަސްދަރު ހާމަކުރަން ޖެހުމަކީ މައްސަލައެއް -- ފައިލް ފޮޓޯ/ މިހާރު

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ގާނޫނަކުން ހައްގު ހަނި ކުރުމުގެ ފުރުސަތު އޮތަސް، ހެއްކާބެހޭ ބިލްގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތީ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލަކުން ނޫނެވެ. އަދި މިހާރު ބިލް އޮތްގޮތުން ނަމަ، މަސްދަރު ހާމަ ކުރުމުގައި ފަނޑިޔާރުންނަށް ބޮޑެތި ބާރުތަކެއް ލިބި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާ މުހިންމު ހައްގެއް ހިފަހައްޓާ ބިލެއްގައި ތަފްސީލެއް ނެތް. އެހެން ގައުމުތަކުގައި ޚާއްސަ ހާލަތްތަކުގައި މަސްދަރު ހާމަކުރަނީ ވަރަށް ތަފްސީލުކޮށް އެކަން ގާނޫނުތަކުގައި ލިޔެގެން. އެކަމަކު މި ބިލް އޮތްގޮތުން ނަމަ، މައްސަލަ ބަލާ ފަނޑިޔާރަށް އެގޮތަށް ގަބޫލު ކުރެވުމުން ނިމުނީ.

"މިހާ މުހިންމު ހައްގެއް ހިފަހައްޓާ ބިލެއްގައި ތަފްސީލެއް ނެތް. އެހެން ގައުމުތަކުގައި ޚާއްސަ ހާލަތްތަކުގައި މަސްދަރު ހާމަކުރަނީ ވަރަށް ތަފްސީލުކޮށް އެކަން ގާނޫނުތަކުގައި ލިޔެގެން. އެކަމަކު މި ބިލް އޮތްގޮތުން ނަމަ، މައްސަލަ ބަލާ ފަނޑިޔާރަށް އެގޮތަށް ގަބޫލު ކުރެވުމުން ނިމުނީ. އެހެންވީމަ އެއް މައްސަލާގައި މަސްދަރު ހާމަކުރަން ނުޖެހޭ ކަމަށް ނިންމާފައި އެ ބާވަތުގެ އެހެން މައްސަލައެއްގައި މަސްދަރު ހާމަކުރަން ޖެހޭ ކަމަށް ނިންމަފާނެ. މިގޮތަށް ވަރަށް ބޮޑަށް ތަފާތު ކުރެވޭނެ." އުޝާމް ވިދާޅުވި އެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ނަމުގައި ކުރީގެ ސަރުކާރުގައި ވުޖޫދަށް ގެނައި ގާނޫނު ބޭނުންކުރީ މީޑިއާތައް ބޮޑެތި އަދަދުން ޖޫރިމަނާކޮށް، ފިޔަވަޅު އެޅުމަށެވެ. އެއީ ގޯހެއް ކަމަށް ގަބޫލުކޮށް، އެ ގާނޫނު އުވާލީ ވެސް މި ސަރުކާރުގަ އެވެ. އެހެންވީއިރު، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރުމުގެ ބާރު ދިނުމަކީ ދައުލަތުން ހިންގާ ނޭދެވޭ އަމަލުތަކަށް ހިތްވަރު ދެވި އަދި ނޫސްވެރިކަމުގެ މިނިވަން ކަމުގައި އަނެއްކާވެސް ރާއްޖެ ފަހަތަށް ދިއުން ނޫން ކަމަށް ނުވާނެ އެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަސްޓްއަމަންޑްމެންޓް

29 September 2021

ޖާސޫސްކުރުމުގެ ބިލު ނުވަތަ ބުލޭންކެޓް ސާރވައިލެންސް ބިލާމެދު އެއްވެސް ނޫސްވެރިޔަކު ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެނޭ ޕޮލިހުން ނާންނާނެ ކެމެރާ ހަރުކުރާކަށް އަތުގައި ތިޔަ އޮތް ކެމެރާ ފުދޭނެ އެކަމަށް

The name is already taken The name is available. Register?

މަސްދަރު

29 September 2021

މީ ކޮރަޕްޝަނަށް މަގުފަހިވާ ބިލެއް

The name is already taken The name is available. Register?

ޙުސޭނުބެ

29 September 2021

ތިޔަ ގާނޫނު ގެންނަށް މަޖުބޫރު ކުރަނިވެސް ނޫސްވެރިން! ސިޔާސީ ފައިދާއަށް އިތުބާރުކުރެވޭ އެއްވެސް މަސްދަރެއް ނެތި މޮޅެތި ވާހަކަ ލިޔެގެން މީހުންގެ އަބުރު ކަތިލާ، ގައުމީ ސަލާމަތައް ނުރައްކާ ކުރަނި ނޫސްވެރިން! ރާއްޖޭގަ ކުރަނި މިނިވަން ނޫސްވެރިކަމެއް ނޫން، މުޅިންވެސް ސްޕޮންސަރ ދޭބަޔަކު ބުނާގޮތައް ލިޔެގެން ކުރާ ކަމަކީ މީހުންގެ އަބުރު ކަތިލުމާއި، ގައުމީ ސަލާމަތައް ނުރައްކާ ކުރުމާ، ފިތުނަ އުފެއްދުން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454