ދުނިޔެ / އދގެ ޖެނެރަލް އެސެމްބްލީ

އިޒްރޭލުގެ ބޮޑުވަޒީރަށް ފަލަސްތީން ހަނދާނެއް ނެތް، މުޅިން ވެސް އީރާން

28 ސެޕްޓެމްބަރ 2021 - 10:18

4 comments

އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، ފުރަތަމަ ފަހަރަށް އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ކުރެއްވި ތަގުރީރުގައި މުޅިން ވެސް ހަމަލާ ދެއްވީ އީރާނަށެވެ.

އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށްފައި އޮތް ކަމާއި، ފަލަސްތީނު މީހުންނަށް ދެމެންދާ އަނިޔާތަކާއި، ފަލަސްތީނުގެ ބިންތައް ފޭރިގެން އޮތް އޮތުމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއު މިހާރު އޮތީ އަލުން އަނބުރާ ފަހަތަށް ނުގެންދެވޭ ވަރަށް ކުރިއަށް ގެންގޮސްފަ އެވެ. އެހެންކަމުން، ވާހަކަ ދައްކަން ނުތިބެ އަމަލީ ގޮތުން އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް، އޭނާ ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވައިލެއްވި އެވެ.

އީރާނާ މެދު ފިޔަވަޅު އަޅަން ގޮވައިލެއްވި އިރު، އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އިޒްރޭލަށް ގޮވާލައި، އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައި ހުރި ގަރާރުތަކުގެ މަތިން ނަފްތާލީ ހަނދާނެއް ނެތެވެ. ފަލަސްތީނު ރައްޔިތުންގެ ބިންތައް ފޭރުން ހުއްޓައިލުމަށާއި، ފަލަސްތީނުގެ އާންމުން ނުމެރުމަށް ގޮވާލައި ފާސްކޮށްފައި ހުރި ގަރާރުތަކާއި ބައިނަލްއަގުވާމީ މުޖްތަމައުން ގޮވައިލާ ގޮވައިލުންތަކުގެ އަޑެއް، ނަފްތާލީ އަށް އިވިވަޑައިގެންނެވި ހެނެއް ހިޔެއް ނުވެ އެވެ.

އޭގެ ބަދަލުގައި ނަފްތާލީ ވިދާޅުވީ "ނިއުކްލިއާ ޓެކްނޮލޮޖީ ތަރައްގީކުރުމާއި ނިއުކްލިއާ ދިރާސާތަކުގައި، މިދިޔަ މަދު އަހަރުތަކުގައި އީރާނުން ކުރިއަށް ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅައިފި" ކަމަށެވެ. އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން ކިތަންމެ ވާހަކައެއް ދެއްކިޔަސް، އީރާންގެ ނިއުކްލިއާ ރިއެކްޓަރުގައި ހުރި ސެންޓްރިފިއުޖްތަކުގެ ދައުރާނާ އަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއަކީ މި ވަގުތު ދުނިޔެ އަށް ހުރި އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި، ނަފްތާލީގެ ތަގުރީރުގައި ސިފަކުރެއްވި އިރު، އެމެރިކާގެ ހަތިޔާރުތައް ބޭނުންކޮށްގެން އިޒްރޭލުން މަރާފައިވަނީ ފަލަސްތީނުގެ ކިތައް ރައްޔިތުންކަމެއް އޭނާ ހަނދާނެއް ނެތެވެ.

"މިހާރު އީރާން އެވަނީ ހުރިހާ ރަތް ރޮނގުތަކެއް ގިރާކޮށްފައި. އީރާންގެ ތުރުކުޒް އާބާދާއި ތެހެރާން އަދި މާރިވާންގައި ހުރި ސިއްރު މަރުކަޒުތަކުގައި ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާ ކަމުގެ ސާފު ހެކިތައް ލިބިފައިވާ އިރުވެސް، މިތިބެނީ އެކަން އިހުމާލު ކޮށްލައިގެން."

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލު އޮތީ އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކާތަކުން ވަށައިގެން ބެދިފަ އެވެ. އެއީ އީރާންގެ ސަރަހައްދީ އިމާ ޖެހިގެން އޮތް ހަމާސް ޖަމާއަތާއި ހިޒްބުﷲ އާއި ޝީއީ ހަނގުރާމަވެރިންގެ އިތުރުން އިސްލާމިކް ޖިހާދު ޖަމާއަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ގުރޫޕްތަކެއް ބޭނުންވަނީ، އިޒްރޭލު ނައްތާލައި މުޅި މެދުއިރުމައްޗަށް ބާރު ފޯރުވަން ކަމަށް ނަފްތާލީ ތުހުމަތު ކުރެއްވި އެވެ. އަދި އެ ހުރިހާ އެންމެންނަކީ ވެސް އީރާނުން ތާއީދުކޮށް އީރާނުން ފައިސާ ދޭ، އަދި އީރާނުން ހަނގުރާމައިގެ ތަމްރީނާއި ހަތިޔާރުވެސް ދޭ ޖަމާއަތްތައް ކަމަށް ތުހުމަތުކުރެއްވި އެވެ.

އީރާންގެ ބޮލުގައި އެ ހުރިހާ ތުހުމަތެއް އެޅުވި އިރު، އެ ވިދާޅުވާ ޖަމާއަތްތައް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ހިންގާ އަމަލުތަކުގެ ނުރައްކާތެރިކަން ނަފްތާލީ އަށް ވަޒަންކުރެއްވުނުތޯ ސުވާލު އުފެދެ އެވެ. ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ، ލުބްނާނަށް ހަމަލާދީ މަރައިލީ އާންމުންގެ ކިތައް މީހުން ހެއްޔެވެ؟

ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ، ހުޅަނގު އައްސޭރި އާއި ގާޒާ އަށް ހަމަލާދީ މަރައިލީ ފަލަސްތީނުގެ ކިތައް ކުޑަކުދިންނާއި ކިތައް އަންހެނުންނާއި ކިތައް މުސްކުޅިން ހެއްޔެވެ؟ ބިމާ ހަމަކޮށްލީ ކިތައް އިމާރާތް ހެއްޔެވެ؟ ފުނޑުފުނޑުކޮށްލީ ކިތައް މިސްކިތާއި ކިތައް ހޮސްޕިޓަލް ހެއްޔެވެ؟

ނަފްތާލީގެ މުޅި ވާހަކަ ބިނާކުރެއްވީ އީރާނަށް އެކި ތުހުމަތުތައް ކުރުމުގަ އާއި އިޒްރޭލުގެ ބާރު ގަދަކަން ދެއްކެވުމަށެވެ. ބައިނަލްއަގުވާމީ އިތުރު އެއްވެސް މައްސަލައަކަށް އޭނާގެ ވާހަކައިގައި އިޝާރާތެއް ވެސް ކޮށްނުލައްވަ އެވެ.

ނަފްތާލީގެ ކުރިން އދ.ގެ އާންމު މަޖިލީހުގެ މިފަހަރުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ ލީޑަރުން ވަނީ ފަލަސްތީނު މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވައިލައްވައިފަ އެވެ. އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ، އިޒްރޭލާ އިންވެގެން އޮންނަ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް ނަފްތާލިގެ ވާހަކައިގައި އަލިއަޅުވައެއް ނުލައްވަ އެވެ. ނަފްތާލީގެ ވާހަކަ ބިނާކުރެއްވީ، ފަލަސްތީނުގެ މައްސަލަ ހަނދާން ނައްތާލައްވާފައި، އީރާންގެ ނުރައްކާތެރިކަމަށް ދުނިޔޭގެ ވެރިންގެ ސަމާލުކަން ހޯއްދެވުމަށެވެ. ނަމަވެސް މިފަހަރުގެ އާންމު ބައްދަލުވުމުގައި އީރާންގެ ނުރައްކާތަކުގެ ވާހަކައަށް ވުރެ ބޮޑަށް، ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ދެއްކެވީ، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ އެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުސްމާނީ ޙަލީފާގައި 2 މިލިއަން މީހުން މަރާލި

29 September 2021

މެދުއިރުމަތީގަ ހަގުރާމަ ކުރާތާ އެތައްހާސް އަހަރު. މޮޅުއުކުޅު ބޭނުންކޮއްގެން ކޮންމެފަހަރަކުވެސް ގަދަވާބަޔަކު ވެރިވެގަނެ އެފަހަރަކު އެތާތިބި ބަޔަކު ފަހާބޭރުކުރަނީ. މީގަ ރަގަޅީ، ނުރަގަޅީ ކޮންބަޔެއްތޯ؟ ދެވަނަ ބޮޑުހަގުރާމައިގެ ފަހުން އިގިރޭސީންގެ ނިންމުމަކުން މިފަހުގެ ހަގުރާމަ ފެށުނީ! މިއީ ދީނީ ހަގުރާމައެއްނޫން. މިއީ އެހެން ގިނަ ވާދަވެރިކަންހެއް، ބާރާއި، މުދަލާއި، ބިމާއި، ތަނަވަސް ކަމައް ކުރާ ހަގުރާމައެއް. މޮޅުވާނީ ސިކުޑި ބޭނުން ކުރާމީހުން!

The name is already taken The name is available. Register?

ކިޔު

28 September 2021

މިމީހުންގެ ވެރިއަކަށްވެސް މި އަންނަނީ މިކަހަލަ ނުބައިކަމުން ހައްދު ފަހަނަ އަޅާފަހުރި ހުރިހާ ސިފައެއް ހަމައަށް ލިބިފަ ތިބި މީހުން..ފާޑު ފާޑުގެ ވާހަކަ ދައްކާއިރު މިމީހުންނަކީ އެއްވެސް އަމިއްލަ ވަންތަކަމެއް ލިބިފަވާ ބައެއް ނޫން..މުޅިންވެސް އެހެން ބައެއްގެ މިލްކުގަވާ ތަކެތި ފޭރިގެން އުޅޭ ބައެއް..ބިމަކީވެސް އެހެން ބައެއްގެ ބިމެއް.އަދި އެބިމަށް ދީގެން އެއުޅެނީވެސް އެހެން ބަޔަކަށް ނިސްބަތްވާ ނަމެއް...

The name is already taken The name is available. Register?

ކަބީރު

28 September 2021

އިރާނުން އިޒްރޭލު ގޮއްވާލާކަށް މާގިނަދުވަހެއް ދެން ނެތް.

The name is already taken The name is available. Register?

ނަސަބޭ

28 September 2021

ރަނގަޅު .މިކަހަލަ ޚަބަރުތައް ދެފުއް ފެންނަގޮތަށް ގެނެސް ދިނީތީ ވަރަބޮޑަށް ޝުކުރިއްޔާ މިހާރަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454