29 ސެޕްޓެމްބަރ 2021 - 11:44
ލަންޑަން (ސެޕްޓެމްބަރު 29) – ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ކޮވިޑަށް ޕޮޒިޓިވްވެ، ޗެމްޕިއަންސް ލީގުގައި އެ ޓީމު ޔުވެންޓަސްއާ ދެކޮޅަށް އިޓަލީގައި މިރޭ ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ކާންޓޭ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ މިހާރު ހުރީ ސެލްފް އައިސޮލޭޝަންގައި ކަމާއި، އަންގާރަ ދުވަހުގެ ފަރިތަކުރުންތަކުގައި ވެސް އޭނާ ބައިވެރި ނުވާ ކަމަށް ޓުޗެލް ބުންޏެވެ.
ކާންޓޭގެ އިތުރުން ކްރިސްޓިއަން ޕުލިސިޗާއި މޭސަން މައުންޓް އަދި ރީސް ޖޭމްސް އަށް ވެސް ޔުވެންޓަސް މެޗު ގެއްލޭނެ އެވެ. މި ތިން ކުޅުންތެރިންނަށް ނުކުޅެވޭނީ އަނިޔާގެ ސަބަބުންނެވެ. ރީސް ޖޭމްސް އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެނިކޮށެވެ.
ހަފްތާ ބަންދުގައި ޗެލްސީން ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗު ވެސް ކާންޓޭ އަށް ގެއްލޭއިރު، އަންނަ މަހުގެ 7 ވަނަ ދުވަހު ފްރާންސް ގައުމީ ޓީމުން ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ޓީމާ ގުޅޭނެކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ޗެލްސީގެ މި ހަތަރު ކުޅުންތެރިންގެ އިތުރުން ޔުވެންޓަސްގެ ކުރިޔަށް ކުޅޭ ޕައޮލޯ ޑިބާލާ އާއި އަލްވަރޯ މޮރާޓާ އަށް ވެސް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ.
އިނގިރޭސި ވިލާތުގައި ކޮވިޑަށް ޕޮޒިޓިވްވުމުން ނުވަތަ ކޮވިޑް ޖެހިފައި ހުރި މީހަކާ ގާތުން ބައްދަލުވެފައިވާ ނަމަ 10 ދުވަހުގެ މުއްދަތަކަށް އައިސޮލޭޓް ވާން ޖެހެ އެވެ.
ޗެލްސީ އާއި ޔުވެންޓަސް މިރޭ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން 12 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy