ޚަބަރު / ސުޕްރީމް ކޯޓް

އަމީނަށް ކުރި ދައުވާ ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

އަމީން: އޭނާއަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލާފައި

ޓެރަރިޒަމްގެ ދައުވާ ލިބުނު މުހައްމަދު އަމީނަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ނިންމުމަށްފަހު އެވެ. އަމީންގެ މައްޗަށް ދައުވާކުރީ ޓެރަރިޒަމްގެ ގާނޫނުުގައި ބުނާ މުއްދަތުގެ ތެރޭގައި ކަމަށް ވިޔަސް، ހައި ކޯޓުން ނިންމީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ކަމަށްވާތީ އޭނާއަށް ދައުވާކުރަން ޖެހޭނީި ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށެވެ.

އަމީނަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމުމާ އެކު، އޭނާ ވަނީ މިނިވަންވެފަ އެވެ. އެކަމަކު ހައި ކޯޓުގެ މޮނިކޮން އަމުރެއްގެ ދަށުން އޭނާ މާލެއިން ބޭރަށް ދިއުމާއި ވަކި ވަގުތެއްގައި ގެއިން ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރުމަކީ އެ ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރުމުގައި ހިނގާނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނާ މުއްދަތުގެ ކަމަށާއި އަމީނަށް ދައުވާކުރީ އެ އެ ގާނޫނުގައި މުއްދަތުގެ ތެރޭގައި ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ އަމީންގެ ބަންދު މުއްދަތު އިތުރު ކުރުމުގައި ކްރިމިނަލް ކޯޓުން ޖިނާއީ އިޖްރައާތުގެ ގާނޫނަށް ހަވާލާ ދިނުމަކީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނު ނުހިނގާނެ ކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި މީހަކު ބަންދު ކުރަން އެދެނީ ކޮން ގާނޫނެއްގެ ދަށުން ކަން ނުބުންޏަސް، އެ މީހަކަށް ތުހުމަތު ކުރަނީ ކޮން ގާނޫނެއްގެ ދަށުން ކަން އެނގޭ ނަމަ އެ ހާލަތުގައި ހިނގާނީ އެ ގާނޫނެއްގައިި ބުނާ އުސޫލު ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ހައި ކޯޓުގެ ހުކުމުގެ ސަބަބުން ޓެރަރިޒަމްގެ އެހެން މައްސަލަތަކަށް ވެސް އަސަރުތަކެއް ދަނީ ކުރަމުންނެވެ. އެހެންވެ، ދައުލަތުން ހަައި ކޯޓުގެ ހުކުމް ބާތިލްކޮށް އަދި އަމީނަށް ކުރި ދައުވާތައް ބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ ޚާއްސަ ގާނޫނެއްގައި ވަކި ގޮތެއް ބަޔާން ކޮށްފައިވާ ނަމަ އަމަލު ކުރަން ޖެހޭނީ އެ ގާނޫނަކަށް ކަމަށާއި ޖިިނާއީ އިޖްރައާތުގެ ގާނޫނަށް ބަލަން ޖެހޭނީ ޚާއްސަ ގާނޫނުގައި ވަކި ގޮތެއް ބަޔާންކޮށްފައި ނުވާ ހާލަތުގައި އެކަނި ކަމަށެވެ. އަދި ހައި ކޯޓުގެ ނިންމުމުގެ ސަބަބުން، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ބަންދު ކުރެވޭނީ އެންމެ 14 ދުވަހަށް ކަމަށާއި އެކަމަކު ގާނޫނުގެ މަގްސަދަކީ އެއީ ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

އަމީންގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ ކުރެވޭނީ އެ ގާނޫނުގެ ދަށުން ބަންދުކުރާ މީހުންނަށް އެކަނި ކަމަށެވެ. އަދި އަމީންގެ ބަންދުގެ މުއްދަތު އިތުރުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ކަމަށް ވާތީ ޓެރަރިޒަމްގެ ގާނޫނު އޮތްގޮތުން އޭނާއަށް ދައުވާ ކުރުމުގައި ހިނގާނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށް އަމީން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާން ކުރަނީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގައި ކަމަށެވެ. އެހެންވީއިރު، ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި ޖިނާއީ އިޖްރައާތުގެ ގާނޫނު ހިނގާނެ ކަމަށް ބަލަނީ ކޮން ހަމައަކުންތޯ ފަނޑިޔާރު ސުއޫދު ސުވާލު އުފެއްދެވި އެވެ.

ވަކީލް ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު 26 ވަނަ މާއްދާ އޮތްގޮތުން، ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން މީހަކު ބަންދުކޮށްފި ނަމަ އެ މީހަކު ބަންދު ކުރުމާއި ދައުވާ ކުރުމުގައި ވެސް ހިނގާނީ ޖިނާއީ އިޖްރައާތުގެ ގާނޫނު ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނު 28 ވަނަ މާއްދާ އޮތްގޮތުން ނަމަ، އެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތު ހިނގާނީ އެ ގާނޫނުގެ ދަށުން ބަންދު ކުރެވޭ މީހުން އެކަނި ކަމަށް ޔާމީން ވިދާޅުވި އެވެ.

އަމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނު އޮންނަ ގޮތުން ޖިނާއީ ގާނޫނުތައް މާނަކުރަން ޖެހެނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ މަގްސަދަކީ ހަމައެކަނި މީހުންނަށް އަދަބު ދިނުން ނޫން ކަމަށާއި އެފަދަ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ވެސް އެ ގާނޫނުގެ މަގްސަދެއް ކަމަށް ވިޝާމް ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތުގައި 2019 ވަނަ އަހަރު އަމީން ހައްޔަރު ކުރިއިރު ވެސް އޭނާއަށް ދައުވާ ކުރަން އެކަށީގެންވާ ހެކި ހުރި ކަމަށް ދައުލަތުން ބުނެފައިވާ ކަމަށާއި އެހެންވީއިރު، ދައުވާ ކުރުން ލަސްކުރީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި އަމީންގެ މައްސަލާގެ ސަބަބުން ޓެރަރިޒަމްގެ އެހެން މައްސަލަތަކަށް ކޮށްފާނެ އަސަރުތަކަށް ބަލައިގެން ގާނޫނާ ޚިލާފަށް މައްސަލަ ނުނިންމޭނެ ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.

އަމީނަކީ ޓެރަރިސްޓެއް ކަމަށް މީޑިއާއަކުން ސިފަކުރި ކަމުގެ ޝަކުވާ

ވަކީލް ޔާމީން ވިދާޅުވީ ޝަރީއަތެއްގައި އަމީން ބައިވެރި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް އެޑިޓް ކުރުމަށް ފަހު އޭނާއަކީ ޓެރަރިސްޓް ޖަމާއަތާ ގުޅުންހުރި މީހެއްކަން ދޭހަވާ ގޮތަށް މީޑިއާއަކުން އާންމު ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެކަމަށް ފިޔަވަޅު އަޅައިދޭން އޭނާ އެދިވަޑައިގަތެވެ. އަދި މީޑިއާތަކުން ވެސް އަމީނަކީ ކުށްވެރިއެއްގެ ގޮތަށް ސިފަކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ އާއިލާއަށް އެކަމުގެ އަސަރުތައް ކުރަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އަމީނާ ގުޅޭގޮތުން މީޑިއާއަކުން އާންމުކުރި އެ ފޮޮޓޯ އޭނާގެ ފަރާތުން ޝަރީއަތަށް މިއަދު ހުށަހެޅި އެވެ.

އެ ފޮޓޯއާ ގުޅޭގޮތުން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ދައުލަތުން ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އެކަމާ ގުޅޭގޮތުން ފަނޑިޔާރުން މަޝްވަރާ ކުރުމަށްފަހު އެކަމުގައި އަމަލު ކުރާނެ ގޮތެއް ވަކި ނިންމަވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޮސްބެ

30 September 2021

އަމީންގެ ވަކީލުން އެބުނާގޮތަށް ގާނޫނު މާނަކޮއްފިއްޔާ އެއްވެސް ޓެރަރިންޓެއް ބަންދެއް ނުކުރެވޭނެ. ގާނޫނު މާނަކުރަންޖެހޭނީ ކުށްކުރި މީހާޔަށް ރަގަޅުވާގޮތަށް ކަމަށް ވެއްޖެއްޔަ ޖެހޭނީ ކުށް ސާބިތު ނުވާކަމަށް ހަދާފަ ދޫކޮއްލަން. އެއީކަންނޭގެ ފަނޑިޔާރުންވެސް މާނަކުރާގޮތަކީ. ޑްރަގް ޑީލަރުންވެސް ސާބިތު ނުވެގެން ދޫކޮއްލަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454