ޚަބަރު / ޕްރޮސެކިއުޓާ ޖެނެރަލް

ސުޕްރީމް ކޯޓުގެ ހުކުމާއެކު އަމީން އަލުން ބަންދުކުރަން އެދިއްޖެ

މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަމީން ވާހަކަ ދައްކަނީ --

05 އޮކްޓޯބަރ 2021 - 11:39

ޓެރަރިޒަމްގެ ދައުވާ ކުރާ މުހައްމަދު އަމީންގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައި ވަނިކޮށް، އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އޭނާ އަނެއްކާ ވެސް ބަންދުކުރަން ދައުލަތުން އެދިއްޖެ އެވެ.

ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ފުވައްމުލަކު ކަރިއްޔާވިލާ، އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމީ، އޭނާ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ މެދު ނިންމި ގޮތެއް އެ ކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާ އަށް ދައުވާ ކުރީ މުއްދަތުު ހަމަވި ފަހުން ކަމަށް ނިންމުމަށް ފަހު އެވެ. އެކަމަކު، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "މިހާރު" އަށް ވިދާޅުވީ، އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ދަށު ކޯޓުގެ ޝަރީއަތް ނިމެންދެން އަމީން އަނެއްކާ ވެސް ބަންދުކުރަން އެ އޮފީހުން އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެކަމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް އަދި ނުބާއްވަ އެވެ.

ދައުލަތުން ބުނާ ގޮތުގައި އަމީނަކީ ރާއްޖޭގެ އައިއެސް ލީޑަރުގެ ގޮތުގައި ވަކި ފިކުރެއް ކުރިއަރުވައި، އައިއެސް ޖަމާއަތަށް ދިވެހީން ރެކްރޫޓު ކުރަމުން ދިޔަ މީހެކެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ކުރިން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރީ ވެސް ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ބަލައިފަ އެވެ.

ހައި ކޯޓުގެ ހުކުމާ އެކު އަމީން މިނިވަން ވިޔަސް، މޮނިކޮން އަމުރެއްގެ ދަށުން އޭނާ މާލެއިން ބޭރަށް ދިއުމާއި ވަކި ވަގުތެއްގައި ގެއިން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

ހައި ކޯޓުން ނިންމީ އޭނާގެ ބަންދުގެ މުއްދަތު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އިތުރުކޮށްފައި ވާތީ ދައުވާކުރަން ޖެހޭނީ އެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށެވެ. އެކަމަކު އޭނާ އަށް ދައުވާ ކޮށްފައި ވަނީ އެ މުއްދަތު ހަމަވިފަހުން، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރިޔަސް، އެ މީހެއްގެ މައްޗަށް ދައުވާ ކުރުމުގައި ހިނގާނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުގެ ކަމަށެވެ. އަދި ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރެވޭނެ ކަމަށް ގާނޫނުގައި އޮތީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގައި އެކަނި ކަމަށާއި އަދި ދައުވާ ކުރުމުގެ މުއްދަތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު ނުހިނގާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އަމީން އަލުން ބަންދު ކުރަން އެދިފައިވާއިރު، އަމީންގެ ފޮޓޯއެއް އެޑިޓް ކުރުމަށް ފަހު މީޑިއާއަކުން އާންމު ކުރި މައްސަލަ އޭނާގެ ވަކީލުން ޖެއްސުމުން އަމީނަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް އެއްވެސް މައުލޫމާތެއް އާންމު ނުކުރަން ވެސް ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ވަނީ އަމުރެއް ނެރެފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454