06 އޮކްޓޯބަރ 2021 - 06:38
ސަލްމާން ޚާނާ އެކު "މޭނޭ ޕިޔާރު ކިޔާ" ކުޅެގެން މަޝްހޫރުވި ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީގެ ދެވަނަ ފިލްމު "މީނާކްޝީ ސުންދަރޭޝްވަރް" އަންނަ މަހުގެ 5 ގައި ގެނެސްދޭން ނިންމައިފި އެވެ.'
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް އިން ގުޅިގެން ގެނެސްދޭ ފިލްމުގެ ތާރީހާ އެކު އޭގެ ޕޯސްޓަރު ވެސް ދައްކާލާފައިވެ އެވެ. "މީނާކްޝީ ސުންދަރޭޝްވަރް" ގެ ޓީޒާ ޓްރެއިލާއެއް ވެސް މިދިޔަ މަހުގެ ފަހުކޮޅު ދައްކައިލި އެވެ.
މި ފިލްމުގައި އަބިމަންޔޫއާ އެކު ބަތަލާގެ ރޯލު ކުޅެފައި ވަނީ ސާނިއާ މަލްއުތުރާ އެވެ.
އަބިމަންޔޫ ބޮލީވުޑަށް ނުކުތީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިންނެވެ. ބެލުންތެރިންނާ ހަމައަށް އަންނަ އޭނާގެ ދެވަނަ ފިލްމު "މީނާކްޝީ ސުންދަރޭޝްވަރް" އަކީ ދެކުނު އިންޑިއާ އަށް ނިސްބަތްވާ ޒުވާން ޖޯޑެއްގެ ވާހަކަ ކިޔައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ޑައިރެކްޓަރަކީ ވިވެކް ސޯނީ އެވެ.
އަބިމަންޔޫ، 31، ގެ އެހެން ދެ ފިލްމެއްގެ މަސައްކަތް ވެސް ނިމި އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކޮށް އެބަ އޮތެވެ. އެއީ ޑައިރެކްޓަރު އުމޭޝް ޝުކްލާގެ "އާނކް މިޗޯލީ" އާއި ޑައިރެކްޓަރު ސަބީރް ޚާންގެ "ނިކައްމާ" އެވެ.
ދަރިފުޅުގެ ދެވަނަ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު ބަގިޔާޝްރީ، 52، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ކަންނަގާ ރަނާވަތުގެ "ތަލައިވީ" އެވެ. އޭގައި އޭނާ ކުޅުނީ ކަންގަނާގެ މަންމަގެ ރޯލެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy