ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ބަންގްލްދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން، ބަންގްލަދޭޝްގެ ސަޕޯޓަރުން. --. ފޮޓޯ: ނިޝާން އަލީ/މިހާރު
06 އޮކްޓޯބަރ 2021 - 10:05
ރާއްޖޭގައި މިހާރު ކުރިޔަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް އިއްޔެ ޓިކެޓް ވިއްކަންފެށިއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓްތައް ވިކި ހުސްވުމާ އެކު ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު 2،000ރ. އަށް ވެސް އަރައިފި އެވެ.
އެފްއޭއެމުން ބުނީ ދިވެހި ސަޕޯޓަރުން ގަނެފައި ހުރި ޓިކެޓްތައް ކަޅު ބާޒާރުގައި މިހާރު ވެސް 1،500ރ. އާއި 2،000ރ. އާ ދެމެދުގެ އަގަކަށް ބަންގްލަދޭޝް ރައްޔިތުންނަށް ވިއްކަމުންދާކަމުގެ ޝަކުވާ އެ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ އެ އެސޯސިއޭޝަނުން ގަބޫލުކުރާ އަދި ހިތްވަރުދޭ ކަމެއް ނޫން ކަން އެފްއޭއެމުން ފާހަގަ ކުރެ އެވެ.
އަވޭ ސަޕޯޓަރުންނަށް (ބަންގްލަދޭޝްގެ) ވިއްކީ 200 ޓިކެޓެވެ.
ބަންގްލަދޭޝް ސަޕޯޓަރުންނަށް ޓިކެޓްގެ އަދަދު މަދުވުމުން، ޓިކެޓް ގަންނަން ކިޔޫ ހަދާފައި ތިބި ސަޕޯޓަރުން ވަނީ އެފްއޭއެމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި ސަލާމަތީ ބާރުތަކުން ވެސް އެތަނުގައި ހަރަކާތްތެރި ވާން ޖެހުނުއިރު، އެފްއޭއެމުން ވަނީ ޓިކެޓް ވިއްކުމުގައި ގެންގުޅޭ އުސޫލު ވަރަށް ސާފުކޮށް މީޑިއާ އަށް ހިއްސާ ކޮށްފަ އެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ، ޓިކެޓް ވިއްކުމުގައި ގެންގުޅޭ ގަވައިދަކީ ސާކްގެ ހުރިހާ ގައުމަކުން މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެފައިވާ ގަވާއިދެއް ކަމަށެވެ. އަދި އެއީ ކުރީ މުބާރާތްތަކުގައި ވެސް އަމަލު ކުރާ އުސޫލު ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ހުރިހާ މުބާރާތެއްގައި ވެސް އަވޭ ޓީމުގެ ސަޕޯޓަރުންނަށް ޖާގަ ކަނޑައަޅަނީ މުބާރާތް ބާއްވާ އެސޯސިއޭޝަނަކުންނެވެ. ސާފް ޗެމްޕިއަންޝިޕް ނަމަ ސާފުންނެވެ. އެފްއޭއެމުން ބުނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މުބާރާތް ހޯސްޓުކުރާ ގައުމުގެ ސަޕޯޓަރުން ދަނޑަށް ވަނުމުގައި އަބަދުވެސް ތަނަވަސް ފުރުސަތެއް އޮންނަ ކަމާއި، އަވޭ ޓީމަށް ވިއްކަނީ އެ މުބާރާތެއްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ އަދަދެއްގެ ޓިކެޓް ކަމަށެވެ.
މީގެ އިތުރުން އެފްއޭއެމުން ބުނީ ދިވެހިން ގަންނަ ޓިކެޓްގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭނެ ކަމަށާއި ބަންގްލަދޭޝްގެ ސަޕޯޓަރުން ގަންނަ ޓިކެޓްގައި ދިވެއްސަކަށް ދަނޑަށް ނުވަދެވޭނެ ކަމަށެވެ. އެފްއޭއެމުން އެގޮތަށް ކަނޑައެޅީ ބްލެކް މާކެޓްގައި ޓިކެޓް ވިއްކުން ހުއްޓުވުމަށާއި މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ ބަޔަކަށް ވެސް ދަނޑުގައި ކުޅިބަލަން ހާއްސަ ޖާގަތަކެއް ކަނޑައަޅާފައިވާއިރު ދެ ޓީމުގެ ސަޕޯޓަރުން އެއްވެ ތިބެގެން ކުޅިބަލަން ޖެހިއްޖެނަމަ ދިމާވެދާނެ ސަލާމަތީ ސަބަބުތައް ކުރީބައިގައި ހުއްޓުވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
07 October 2021
އެންމެ ފަހުން ކޮވިޑް ވެކްސިން ޖެހުމުގައި ލިބުނު ފިލާވަޅު ސަރުކާރު ދަސްކޮށްފި. ބިދޭސީން ޖެހިޖެހީނުން ވެކްސިން ހުސްކޮށްލީ. ޓިކެޓް ވެސް އެހެން ހަދަން ވިސްނައިގެން ތިބީ. ދަނޑަށް ވެސް ވަންނަންވީ އެމީހުން. ދިވެހިން ވަންނަންވީ އެމީހުން ވަދެ ބާކީ ގޮނޑިއެއް ހުރިއްޔާ.
ސާމިއާ ކަލޯ
06 October 2021
ބަންގްލަދޭޝް ބޭފުޅުން ދަނޑަށް ވަންނަނީ "ފްރީ ޓިކެޓް"ގަ ސަހަރާ ފާރުމަތިން. މިއީ ތަކުރާރުކޮށް ފެނިފަފާ މަންޒަރެއް. ފުލުހުންނަށް މިތަން ފަހަރެއްގަ ނުފެނި އޮވެދާނެ!
ރަދީފްއޮފިޝިއަލް
06 October 2021
ރަނގަޅަށް އެމީހުން ހަދަނީ.ގައުމުގެ ވެރިން ތިޖޫރީ ޕަކަޅާ ކުރާނަމަ މިހެން ހެދުން އޯކޭ.
ޝޯމޭން
06 October 2021
އެއްވެސް މީހަކު އެކަން ކުރާކަށް އޯކޭއެއް ނޫން. ވަގަށް ދަނޑަށް ވަނުންވެސް ގޯސް. ހެވާ ނުބަޔާ ދަސްވެބަލަ ބުރޯ.
އުދުހޭ
06 October 2021
ފުލުހުންނަށް ކެރެންޏާ ނިކަން ގޮސް ދަތްދޮޅީގަ މާސްކް އަޅައިގެން ތިބި މީހުން ޖޫރިމަނާ ކޮށްބަލަ. އެހެރީ ފޮޓޯ ފެންނަން. އިތުރު ކާފީ އެއްކެއް އަދި އުންސުރެއް ބޭނުންވޭތަ؟
ވަކުންޖު
06 October 2021
އަހަރުމެންނަށް ނޭގި ނަމަވެސް ހައްތަހާވެސް މިކުރެވޭ ކަމަކީ އަވޭޓީމް އިންތިހާއަށް މޮޓިވޭޓްވާނެ ފަދަ ކަންތައް. މީއެމީހުންގެ ސަޕޯޓަރުންނަށް މިފަދަ ބޮޑު ދެރައެއް ދިމާވީމަ އެމީހުންގެ ކުޅުން ފެންނާނީ އާދަޔާޚިލާފު ރޫހަކާ ހިއްވަރެއްގައި ބަލަން ތިބޭތީ. މީދުނިޔޭގެ ހަގީގަތް.
އޭބީ
06 October 2021
މި މަޢުލޫމާތަކީ ތަންކޮޅެއް ކުރިން ސަޕޯޓަރުންނަށް ހިއްސާ ކޮށްފައި އޮންނަންޖެހޭ ވަރަށް މުހިއްމު މަޢުލޫމާތެއް
ބުރުގާ
06 October 2021
ބަންގްލާދޭޝް މީހުނާ ދެކޮޅައް ނަސްލީ އިމްތިޔާޒުވިޔަސް ތީ ބޮޑުވަރު!
އަލީ
06 October 2021
ބޭނުން ނުކުރެވޭ އެއްޗެއް އެނގިހުރެ
ޝޯމޭން
06 October 2021
ނާޖާއިޒު ފައިދާ ނަގަންބޭނުން މީހުން މިކަމާ ހިތްހަމަނުޖެހުނަސް ތިއީ ވަރަށް ރަނގަޅު ނިންމުމެއް. ތި ބްލެކްމާކެޓަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން މާ ލަސްވެސް ވެއްޖެ.
ރަދީފްއޮފިޝިއަލް
06 October 2021
މިހާ ގަވައިދުން ރާއްޖޭގެ ހުރިހާ އިދާރާތަކުން ވެސް އަމަލު ކުރާނަމަ ވަރަށް ފުރިހަމަވީސް.ރާއްޖެ އަދި ބަންގްލަދޭޝް ކުޅޭ މެޗެއް ރާއްޖޭގަ ކުޅޭނަމަ ދިވެހިންގެ އެންމެ އާދައިގެ މިންގަނޑުން ބަލާނަމަ އެއީ ދެ ޓީމުގެ ވެސް ހޯމް.އެހެންވީމަ ބަންގްލަދޭޝް ފޭނުންނަށް 350 ޓިކެޓް (%7) އެއީ މަދު އަދަދެއް.