ފުލުހުންގެ ހިދުމަތުން ވަކިކުރަން ބޯޑުން ލަފާދީފައިވާ އޮފިސަރުން: ދެ އޮފިސަރަކު ވަކިކޮށް ހަތަރު އޮފިސަރަކަށް ވަނީ ނޯޓިސް ދީފައި.
10 އޮކްޓޯބަރ 2021 - 20:52
އާ ގާނޫނުން އެކުލަވާލި ޕޮލިސް ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ދެ އޮފިސަރުން ވަޒީފާ އިން ވަކިކޮށް، ހަތަރު އޮފިސަރަކު ވަކިކުރަން 10 ދުވަހުގެ ނޯޓިސްއެއް މިއަދު ދީފި އެވެ.
ބޯޑުން ލަފާ ދިނީ ހަތް އޮފިސަރަކު ވަކިކުރާށެވެ. އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ވަޒީފާ އިން ވަކިކުރި ކަމުގެ ޗިޓް ހަވާލުކުރެއްވީ ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ)އާ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ޗިޓުގައި ވިދާޅުވީ މަގާމުން ވަކިކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.
ކޯޓުގައި ފަސް އޮފިސަރަކު ތަމްސީލްކުރައްވާ ދިވެހި ޗެމްބާސްގެ ލޯޔަރުންނާ އެކު މި މައްސަލައިގައި މަސައްކަތްކުރައްވާ އަލީ ސައީދު މިރޭ ވިދާޅުވީ ދެ އޮފިސަރުން ވަކިކުރުމުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރުމުގެ އިޖުއާތު ފެށިކަމުގެ ނޯޓިސް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު މި ނޯޓިސް ފޮނުވީ ތުހުމަތުކުރާ މައްސަަލަތަކުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ކަަމަށް ވަކީލް މިރޭ ވެސް ވިދާޅުވި އެވެ.
މި އޮފިސަރުންގެ އިތުރުން ދެން ނޯޓިސް ހަވާލުކުރީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ.
ސިވިލް ކޯޓަށް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޑިސްޕިއުޓް މަރުހަލާއިން ހައްލެއް ނުލިބުނެވެ.
އެ މައްސަލައިގައި އެދިފައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާ އިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ ހިދުމަތާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދިނުމަށެވެ.
ފުލުހުންގެ އިސް ސަފުގައި ތިބި އޮފިސަރުންތަކެއް ވަކިކުރަން ނިންމީ، އާ ގާނޫނާ އެކު އެކުލަވާލި ހަތް މެމްބަރުންގެ ބޯޑުން ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމަށް ކަނޑައަޅާފައިވާތީ އެވެ.
އޮފިސަރުން ވަކިކުރަން ނިންމައި ޕޮލިސް ބޯޑުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ.
އެކަމަކު އޮފިސަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނެއް ހެދީ އަދި ބޯޑުގެ ނިންމުން އައީ ވެސް ވަކި އޮފިސަރުންތަކަކަށް ޓާގެޓްކޮށްގެންނެވެ. އާ ގާނޫނުގެ ކުރިން ވެސް ފުލުހުންގެ ހިދުމަތުގައި އިދާރީ ފިޔަވަޅު އެޅޭ ކަމަށާއި ގާނޫނު ފަހުން ހަދައި ވަކި އޮފިސަރުންތަކެއްގެ މައްސަލަ ބެލުމަކީ އިންސާފެއް ނޫން ކަމަށް އެ އޮފިސަރުން ވިދާޅުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
12 October 2021
މި ވެރިންނަށް ބަދަލު ދިނުމުގެ ކަންތައް ކިހިނަކުން ހިނގާނެބާވެއޭ ހިތަށް އަރާ!
ޕުށިންހަރާ
12 October 2021
ވަރަށް އަވަހަށް ތި އެންމެން ޕޕޕ އަށް ސޮއިކުރާނެ
އުމަރުބ
11 October 2021
ތިޔައީ މާ މާނައެއްހުރިކަމެއްނޫނެވެ.އެހެން ދައުރަކުން ނ.ޣ ލަގަބާ އިތުރު އިނާޔަތްތަކާ ބޮޑެތި ބަދަލު ލިބިދާނެއެވެ. އާދައިގެ ނިކަމެތި މުވައްޒަފުން ތިބިތާ ގުޑުވާނުލާތިބެ ސާޅީހާ ކައިރިވެދާނެއެވެ. ދައުލަތަކީ އެކައްޗެކެވެ. އެކަމަކު އިންސާފު މިކިޔަނީ ކޮންއެއްޗަކަށް ބާވައެވެ.؟
މިއަދު
11 October 2021
ހިއްވަރުދެރަނުކުރައްވާ ބަދަލަކަށް ފޫގަޅާލާފަ ނުކުމޭ އިންޝާﷲ ކާމިޔާބު އޮތީ ކުރިއަށް
ރަދީފްއޮފިޝިއަލް
11 October 2021
ކޮބާ މަންނާނު؟؟ ލިސްޓަށް އިތުރުކުރަން ޖެހޭ.
ހަލާކު
11 October 2021
ފުލުހުންގެ ތެރޭގަ މަސައްކަތެއް ނުކޮށް ބާލިސް އަޅައިގެން ނިދާފަ ހަތަރުދަމު އޮފިހުން ބޭރުގެ އަމިއްލަ ކަންކަމުގަ އުޅޭ މީހުންވެސް ހޯދާފަ ވަކިކޮށްބަލަ. މި ގައުމުގެ ހުރިހާ އިޖުތިމާއީ މައްސަލަތައް ގުޅިފަ އޮތީ ތި ނާގާބިލު މުއައްސަސާޔާ. ފުލުހުންގެ ކަމަކީ މީހުން ލައްވާ އެސައިންމަންޓު ހައްދުވައިގެން އެމްބީއޭއާ ލޯ ޑިގުރީ ހަދައިގެން ޕްރޮމޯޝަންތައް ހޯދުން. ކަރުދާސް ކޮޅެއް ލިބޭ އިރަށް ޕްރޮމޯޝަން ލިބޭ އުސޫލުވެސް ބަދަލުކުރަންޖެހޭ. ކޮބާތަ ހަވާލުކުރި މަސައްކަތް؟
ޑޮކްޓާރ. ބަނާނާ
11 October 2021
ކޮމެންޓް ތައްކިޔާލުމުން ބައެއްބޭފުޅުން ޖަޒުބާތާއި ސިޔާސީ ފިކުރުގައި ތިބެ މިވެނި އޮފިސަރަކު "ވަޒީފާއިން ބޭރުކުރަން ޖެހޭ އޭ " ވިދާޅުވިޔަސް ދިވެހިރާއްޖޭގެ ވަޒީފާ އާއިބެހޭ ގާނޫނާއި އަދި ފުލުހުންގެ ގާނޫނޫ ގައި ވަޒީފާއިން މީހަކު ޓާމިނޭޓް ކުރޭވޭ ހާލަތްތައް ވަރަށް ފުރިހަމަޔަށް ބަޔާން ކޮށްފައި ވެއެވެ. ގާނޫނުގެ ބޭރުން ސިޔާސީ ކުލަޖެހިގެން މީގެކުރިން ވަކިކުރައްވާފައި ވާ ފުލުހުން ވަޒީފާ އިއާދަ ކޮށްފައިވާތީ ގެއްލުން ލިބުނީ ކޮންބަޔަކަށްތޯ ވިސްނާލައްވާ!
އިބުރާ
11 October 2021
ނިންމުން އިންސާފުވެރިތޯ ނޫންތޯ ކޯޓުން ނިންމާނެ. އެކަމަކު ތަމެންނީ ދުނިޔޭގަ ތިބިހާ ދުވަހަކު ދިވެހި ރައްޔިތުން ގުބޯ ހައްދައިގެން ތިބެވޭނެ ބަޔަކު ކަމުގަ ދެކިގެން ނުވާނެ. ގާނޫނަށްވުރެ މަތީގަ ތިބޭ ބައެއްކަމުގެ ސަގާފަތް ފުލުހުންގެ ތެރެއިން ފޮހެލަންޖެހޭ
ބީސްޓް11
11 October 2021
ތީ ހަމަ ހުސް ކުނިބުނި!!! ބޭރު ކޮއްފަ ބަހައްޓާ
ޑޮކްޓާރ. ބަނާނާ
11 October 2021
ފުލުހުންގެ ތާރީހް ގައިވެސް އޮފިސަރުންތަކެއް އެއްފަހަރެއްގެ މަތީން އެންމެގިނައިން ވަކިކުރާ މިއީ ފުރަތަމަ ފަހަރު. އަދި މިދެންނެވި އޮފިސަރުންނަކީ ފުލުހުންގެ މުައައްސަސާ މިހިސާބަށް ގެނައުމުގައިވެސް ވަރަށްމަސައްކަތް ކުރައްވާފައިވާ ކިޔަވައިގެން ތިބި ބޭފުޅުން. މި ބޭފުޅުން ވަކިކުރާއިރު އެޓާނީޖެނެރަލް ގެ ލަފާހޯއްދަންޖެހޭ . މިހެންމިދެންނެވީ މީގެކުރިން ސިޔާސީ ކުލަޖެހިގެން މިގޮތަށް ވަކިކުރި ބޭފުޅުން މިހާރު ފުލުހުންގެ މުއައްސަސާ ހިންގަންތިއްބެވީ!