ފުލުހުންގެ "ލޯކަލް ޕޮލިސިން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި މިދިޔަ އަންގާރަ ދުވަހު ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން.-- ފޮޓޯ: ޕޮލިސް
04 ޑިސެމްބަރ 2025 - 09:36
ފުލުހުންގެ ހިދުމަތް "ރީސެޓް" ކުރަން ބޭއްވި ކޮންފަރެންސްގެ ނަތީޖާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ފެންނަން ފަށާނެ ކަމަށާއި ކަންބޮޑުވުންތަކަށް ވަރަށް ކައިރިން އެޑްރެސްކޮށް، ދެނެގަނެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިދިޔަ އަންގާރަ ދުވަހާއި އިއްޔެ ބޭއްވި "ލޯކަލް ޕޮލިސިން ކޮންފަރެންސް" އާ ގުޅޭ ގޮތުން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތް ކުރިމަގުގައި ބައްޓަން ކުރާއިރު އަމާޒު ހިފާނެ ދާއިރާތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގާއި ކުޑަކުދިންނާ ގުޅޭ މައްސަލަތައް އަދި ބިދޭސީންގެ ފަރާތުން ކުރިމަތިވާ ކަންކަން ހައްލު ކުރުމެވެ.
"އެކްޝަން ޕްލޭންތަކެއްގެ ތެރެއިން އެ ދާއިރާތަކަށް ވަރަށް ކައިރިން ފުލުހުން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ،" އިހުސާން ވިދާޅުވި އެވެ.
"ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ އިއްޔެގެ ސެޝަންގައި ޕްރެޒެންޓޭޝަނަކަށް މަޝްވަރާ ކުރަނީ.---ފޮޓޯ: ޕޮލިސް
ފުލުހުންގެ ހުރިހާ ކޮމާންޑަރުން ބައިވެރި ކޮށްގެން މިހާތަނަށް ބޭއްވި މިފަދަ ފުރަތަމަ ބޮޑު ކޮންފަރެންސާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މައްސަލަތައް ވަރަށް ކައިރިން ފެނިވަޑައިގެންނެވި ކަމަށާއި އެ ކަންކަން ހައްލު ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
"މިއީ ހުރިހާ ކޮމާންޑަރުން އެއްތާނކުން ބައްދަލުވެ، މިގޮތަށް މައްސަލަތަކާ މެދު ވާހަކަ ދެއްކެވުނު ފުރަތަމަ ފަހަރު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ،" ގާނޫނުގެ ދަށުން ފުލުހުންގެ ކަންކަމަށް ޒިންމާ ނަންގަވަންޖެހޭ މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ދޭއިރު ރަނގަޅު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަންކަން ނުވަތަ "ޕޮލިސިން ރިކުއާމަންޓްތަކެއް" އެބަހުރި ކަމަށާއި ފުލުހުންގެ މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ކުރައްވާ ކަމަކީ ރައީސްގެ ފަރާތްޕުޅުން އެ ކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
"ލޯކަލް ޕޮލިސިން ކޮންފަރެންސް" ގައި މިނިސްޓަރު އިހުސާން މިދިޔަ އަންގާރަ ދުވަހު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕޮލިސް
"ފުލުހުންގެ އިދާރާއަކީ ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރާ ތަނެއް. އެތައް އަހަރެން ވަންދެން ރަނގަޅު ނުކުރެވި ހުރި ބައިވަރު ކަންކަމަށް މި ވާހަކަ ދެއްކެވުނީ. އަދި ކިރިޔާ ރަށްރަށުގައި ރަނގަޅު ސްޓްރަކްޗާތައް ވެސް ގާއިމް ކުރަން މި ފެށުނީ. ފުލުހުން ވަރަށް ހާލުގައި ރަށްރަށުގައި އުޅުނީ. މި މަޝްވަރާތަކުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ފަރާތުން އަބަދުވެސް ބޭނުންވަނީ ނަތީޖާ އެވެ.
"އެ ނޫން ކަަމެއް އަޅުގަނޑު ބޭނުމެއް ނޫން،،" އިހުސާން ވިދާޅުވި އެވެ.
"ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ އިއްޔެގެ ސެޝަންގައި ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން.---ފޮޓޯ: ޕޮލިސް
ލޯކަލް ޕޮލިސިން ކޮންފަރެންސްގެ ފުރަތަމަ ދުވަހު ޕީއެސްއެމާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ފުލުހުންގެ ވަޒީފާގައި ނުތިބެވޭނެ ކަމަަށާއި އެ ފަދަ މީހުން ޖެހޭނީ ނަތީޖާ ދައްކަން ކަމަށެވެ.
"ރީޓްރެއިން ވާން ނަސޭހަތް ދީ، ފުރުސަތު ދީފައި، އެކަމަކު މިތާނގެ ތެރޭގައި އަބަދުމެ ނޮންޕާފޯމް މީހެއްގެ ގޮތުގައި ނުއެއް ހުރެވޭނެ. ރައްުޔިތުން އެބަ އެކްސްޕެކްޓް ކުރޭ ނަތީޖާ. އެ ނަތީޖާ އަޅުގަނޑުމެން ދައްކަން ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިހުސާނާއި ބައެއް ސީނިއާ އޮފިސަރުން ޕްރެޒެންޓޭޝަނެއް އަޑު އައްސަވަނީ---ފޮޓޯ: ޕޮލިސް
ފުލުހުންގެ ފަރާތުން ފެންނަން އޭނާ ބޭނުންވަނީ ތަހުގީގުތައް އަވަސް ކުރުމާއި މަގުމަތިން ގިނައިން ފުލުހުން ފެނުމާއި މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީވުން ރަނގަޅު ކުރުމާއި ފުލުހުންގެ ފަރާތުން ލިބޭ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސްވާ މިންވަރު ބޮޑުވުމާއި ފުލުހުން ހިންގާ އޮޕަރޭޝަންތައް ގިނަކޮށް އިދާރީ ކަންކަން މަދުކުރުން ކަަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތް "ހާޑް ރީސެޓަކަށް" ދާން ޖެހޭނެ ކަަމަށް ގަބޫލު ކުރައްވާ އިހުސާން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ފުލުހުންގެ މުޅި ސިސްޓަމް ފެއިލް ވެފައިވާ ކަމަށާއި ފުލުހުންނަށް އޮތް އިތުބާރު ބާރު ސްޕީޑުގައި ގެއްލެމުންދާ ކަމަށެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނަށް ބިލިއަނުން ހަރަދު ކުރާއިރު އަދި ތައުލީމީ މީހުން ގިނަ އަދަދަކަށް ތިބެމެ ވަރަށް ފާޅުގައި އަން-ޕްރޮފެޝަނަލް ކަންކަން ފުލުހުންގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރުވީ އިރު، މިއީ ލިބިފައިވާ ވަގުތުގެ 40 ޕަސެންޓު ކަމަށާއި އެ މުއްދަތު ހޭދަވި އިރު 2.8 ބިލިއަންގެ ބަޖެޓަކާ އެކު ފުލުހުންނަށް ޒިންމާތައް އަދާނުކުރެވުނު ކަމަށެވެ. އެ ހޭދައަކީ 2002 ވަނަ އަހަރުގެ މުޅި ގައުމުގެ އާމްދަނީއާ އެއްވަރުގެ އަދަދެއް ކަމަށް ވެސް އިހުސާން ކަންބޮޑުވުމާ އެކު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިޒޭ
05 December 2025
ރަސްމީ ގަޑީގައި ހުރިހާ ޔުނީފޯމު އެޅުމުން ފައްޓަވާ. އަދި ކަންމަތިތަކުގައި ސިގިރޭޓު ބޯން ތިބުން މަނާކުރައްވާ. އާއްމުން ކުރާ ފަދަ ވިޔަފާރިތަކުގައި އުޅުން މަނާކުރައްވާ. ޑިއުޓީއާ އޮފު ޑިއުޓީގައި ގާނޫނާ ހިލާފު އަމަލުތަކާ އާއްމު އިޖުތިމާއީ މިންގަޑާ ހިލާފު އަމަލުތައް ހިންގާ ވިޔާނުދާ ކަންކަމުގައި އުޅޭ އޮފިސަރުން ރިޕޯޓުކުރެވޭނެ ފަސޭހަ ގޮތެއް ހައްދަވާ. ފުލުހުންނަށް ކުށް ގަބޫލުކުރަން ދަސްކޮށް ދެއްވާ.
ޒިން ދަގީ
05 December 2025
ބަދަލު ފެންނާނީ ފުލުހުން ވިޔަފާރިތަކުގައި އުގުޅުމާ ޑީލު ކަޓުކުރުމުން ދުރުވެގެން. ނަމަކަށް މަހު މުސާރައަށް ފުލުހުގައި އުޅެފަ ސޮއިކޮށްފަ ނުކުމެ ދެން ދުވަނީ ޑީލުހަދާ ކަޓުނަގަން.
ޢަޑީ ދައުލަތް
05 December 2025
ފުލްޓައިމް ޕާޓްޓައިމު ހުރިހާކަމެއް އެއްކޮށް ލޮލް
ރިއަލިޓި
05 December 2025
ޑިއުޓީގަޑީގައިވެސް ސޮއިކޮއްފަ ދެން ތެޅެނީ ތިޔާ ބުނާ ޒާތުކަންކަންމާ. އެހެންވީމަ އަސްލު ވަޒީފާގެ މައްސޫލިއްޔަތު އަދާނުކުރެވޭ އެކަމަކާ ހެދި ފުލުހުންގެ ސާވިސް ކޮލިޓީ ވަރަށް ދަށް
ބާދަ
05 December 2025
ގިނަ ފުލުހުން ގަބޫލުކުރަނީ ޕޮލިހުންނަށް ވީތީ ކޮންމެ ޖަރީމަައެއް ހިންގިއަސް ކުއްވެރި ނުވާނެކަމަށް. ޕޮލިސް ޔުނީފޯމުގެ ނިވަލަށް ވަދެ ނުކުރާކަ ކަމެއްނެތް ނުހޭކޭ ވިޔަފާރިއެއް ނެތް ނުކަނޑާ ޑީލެއް ނެތް. ބައެއް ފުލުހުން އެބަހުރި އާއްމު ރައްޔިތުންނާ ދިމާލަށް ބުނެފަ ނުކުރެވޭނޭ އެއްކަމެއްވެސް. ރިއަލިޓީއަކީ ފުލުހުން ހިންގަަ އެފަދަ ކަންތައް ބެލޭނެ ދަތް ހުރި ތަނެއް، ނިޒާމެއް މިގައުމުގައި ނެތްކަން.
ޑރވާންޗޯ
04 December 2025
ކޮންމެ ސަރުކާރަކުންވެސް ތިޔަކަހަލަ އެތައްބައިވަރު ޖަމަލުފޮޑިތަކެއް ޖަހާޖަހާ ދިވެހިން މިތިބީ އެއްވަސްވެފަ.
ހާމާނު (ކަރުބުޑުން)
04 December 2025
ބޮންޑު ފިލްމުތަކުގާ ފެންނަހެން ދެން ފެންނާނެދޯ ޕޮލިހުން މަގުތަކުގާ ކުއްވެރިން ފަހަމުން ދުވާތަން. އެކަމަކު އަންހެނެއް ފެންނައިރަށް ތިމަންނާއަކީ ބޮންޑޭ ނުބުނާން އެމީހުންނަށް ހަނދާންކޮށްދޭތި.
ދޮލަނގު
04 December 2025
ދެތިން ހަފްތާއިން ތަފާތު ފެންނާނެކަމަށް ބުނުމުން ދޭހަވަނީ ތިބުނާ ރިސެޓަކީ ވެސް ހަމަ ސުރުޚީއެއްކަން. އެހެނީ ދެތިން ހަފްތާއިން ފުލުހުންގެ މަގްބޫލުކަން އިތުރުކުރެވޭނެ އެއްވެސް ގޮތެއްނޯންނާނެ. އެހާވެސް އަގު ދަށުގައި އުޅެނީ.
އަޑު ބަޑު
04 December 2025
ދެން އަޑު އިވޭނީ އަނެއް ބޮއްސުންލީ ވާހަކަ
އޮނަރަބްލް އަފީފު ދީދީ
04 December 2025
މިއަދު މިކަން ނުކުރިޔަސް މާދަމާ މިކަން ކުރާންޖެހޭނެތީ، އެންމެ ރަނގަޅުގޮތަކީ "ވަގުތު ނަގާނުލާ" ފުލުހުންގެ ޤާނޫނު އިސްލާޙްކޮށް ރާއްޖޭގެ 3 ރީޖަނެއްގައި ޕޮލިސް ކޮމިޝަނަރުން ބައިތިއްބާ މިދެންނެވި 3 ރީޖަންގެ ކޮމިޝަނަރުން ރިޕޯޓް ކުރާންޖެހޭ ފަރާތަކީ މިހާރުގެ ޕޮލިސް ކޮމިޝަނަރގެ ބަދަލުގައި އަލަށްއުފައްދާ މަޤާމްގައި މާލޭގައިހުންނަވާ Director General of Police ކަމަށް ޤާނޫނުގައި ކަޑައަޅާ ވަޒީރަށް މިހާރުއޮންނަ ބާރު ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަށް ދީގެން.
ބާލިދީ
04 December 2025
އިހުސާނު ގެ ފޯކަސް ރަނގަޅު. ފުރަތަމަ ކަމަކަށް އެބޭފުޅާ ކަމެއް ނުކުރެވޭކަން އެބަގަބޫލު ކުރޭ. " އެ މުއްދަތު ހޭދަވި އިރު 2.8 ބިލިއަންގެ ބަޖެޓަކާ އެކު ފުލުހުންނަށް ޒިންމާތައް އަދާނުކުރެވުނު ކަމަށެވެ. " ފުލުހުން މަހުމާތަށް ކޮނޑަށް އަރުވައިގެން މަގުތަކުގައި ދުއްވަން ލަދުގަންނަން ޖެހޭ.
ވަކަރުގޭމީހާ
04 December 2025
އެހެންވީމާ މިނިސްޓަރު އިސްތިއުފާ ދޭކަށް ނުޖެހޭނެބާ؟
ކޮލަމާހުއްޓާ
04 December 2025
އަދިވެސް ރިޒޯރޓްގަތަ ތިމީހުންގެ މީޓިންގ ބޭއްވެނީ؟ ކުރިސަފުގަ ތިބިމީހުންލައިގެން ތިކަމެއްނުވާނެ.