ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލެ އާއި ރަށްރަށުގައި ހާއްސަ ހިނގާލުމެއް މިއަދު ހެނދުނު ބާއްވައިފި އެވެ.
މި ހިނގާލުންތަކުގެ ތެރެއިން މާލޭގެ ފުލުހުން ބައިވެރިވި ހިނގާލުން މިއަދު ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ގެންގޮސްފައި ވަނީ ބޮޑުތަކުރުފާނު މަގުގަ އެވެ.
ޖުމްހޫރީ މައިދާނުން ފެށި އެ ހިނގާލުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު އަދި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުން ބުނީ އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ހިމެނޭ ގޮތަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން އެ ހިނގާލުމުގައި ބައިވެރިވި ކަމަށެވެ.
އަދި ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.
މި ހިނގާލުމަކީ ސެޕްޓެމްބަރު 1، 2004 އިން ފެށިގެން މިއަދާ ހަމައަށް، ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ހަވީރެއް މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި އޮންނާނެ ކަމަށާއި، އަދި "ޕޮލިސް ފެމިލީ ނައިޓް" ވެސް ސޯޝަލް ސެންޓަރުގައި މިރޭ އޮންނާނެ ކަމަށް ފުލުހުން ބުންޏެވެ.