ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން އިއްޔެ ރިޓަޔާ ކުރެއްވުމާ އެކު، އެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ހަވާލުކުރައްވައިފި އެވެ. 

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މި ވަގުތު ހުންނެވި ހަމައެކަނި އޮފިސަރަކީ ވެސް ފަރުހާދެވެ. 

ޕޮލިސް ކޮމިޝަނަރުކަމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ހޯމް މިނިސްޓްރީން އެކަމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ސީޕީ ނަވީން ފުލުހުންގެ ހިދުމަތުން 32 އަހަރަށް ފަހު ރިޓަޔާ ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވައި، ފުލުހުންގެ އިސް އޮފިސަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެ ފިޔަވަޅު އެޅުއްވީ ވަރަށް ފުންކޮށް ވިސްނެވުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުގެ ހިތުގައި މިކަން އެނބުރޭތާ ދުވަސްތަކެއް ވެއްޖެ،" ނަވީންގެ މެސެޖުގައިވެ އެވެ. 

ރިޓަޔާމަންޓު އިއުލާން ކުރެއްވުމަށް ފަހު، ނަވީން އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރުގެ ކުރިން އެ ހިދުމަތާ ގުޅުނު ގޮތަށް ކަމަށެވެ. އެއީ ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި މުއައްސަސާއާ މެދު އޮތް އިތުބާރާއި ގައުމަށް އޮތް ލޯބި އެގޮތުގައި އޮތުމުން ކަން އޭނާ ފާހަަގަކުރެއްވި އެވެ. 

ނަވީނަށް ޖޫން 2025 ގައި ޕޮލިސް ކޮމިޝަނަރުކަން ލިބިވަޑައިގަތީ އެ މަގާމު ފުރުއްވި އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެ، މުޒާހަރާތައް ހޫނުވެފައި އޮއްވަ އެވެ.

ނަވީން މި ރިޓަޔާ ކުރެއްވީ އޭނާއާ އެކު، ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާ ދީފައި ވަނިކޮށެވެ. އެއީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެންނެވެ. ނަމަވެސް، މިހާތަނަށް މަޖިލީހުން އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާފައެއް ނުވެ އެވެ. 

ޝުޖާއު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމުން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން އޭރު ނަން ހުށަހެޅުއްވީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް އެވެ. ނަމަވެސް ރައީސް މުއިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ.