އެފްއައިވީބީގެ ރައީސް އަރީ ޑަ ސިލްވާ ގްރާސާ
11 އޮކްޓޯބަރ 2021 - 12:05
ބީޗު ވޮލީބޯޅައާ ގުޅޭ މުހިންމު މަޝްވަރާތަކަކަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ފެޑެރޭޝަން (އެފްއައިވީބީ) ގެ ރައީސް، އަރީ ގްރާސާ މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވީއޭއެމުން އިއުލާން ކޮށްފި އެވެ.
ގްރާސާގެ މި ދަތުރުގައި ވީއޭއެމްގެ އިތުރުން، ސްޕޯޓްސް މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ މުއައްސަސާތަކާ ބައްދަލު ކުރައްވާނެ އެވެ.
"މި ދަތުރުގެ މައިގަނޑު ބޭނުމަކީ ބީޗް ވޯލީ ބޯޅައިގެ ވޯލްޑްވައިޑް ޑެސްޓިނޭޝަނަކަށް ރާއްޖެ ހަދަން ރާއްޖޭގައި ހުރި ފެސިލިޓީތަކާއި ޓޫރިސްޓް އޭރިއާތަކުގައި އެކަމަށް ހުރި ރިސޯސްތަކަކީ ކޮބައިތޯ ދެނެގަތުން،" ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވި އެވެ.
އެފްއައިވީބީން ހިންގާ ވޮލީބޯޅަ އެމްޕަވަމެންޓް ގްރާންޓުގެ ދަށުން އެފްއައިވީބީގެ ހައި ޕާފޯމަންސް ކޯޗެއް ރާއްޖޭގެ ގައުމީ ޓީމަށް ހަމަޖެއްސުމަށްޓަކައި ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރަނޭ ވިދާޅުވި އެވެ.
އެފްއައިވީބީން އުފައްދާފައިވާ ޓުއާއެއް ކަމަށްވާ "ބީޗް ވޮލީބޯލް ޕްރޯ" ޓުއާއެއް އަންނަ އަހަރު ސެޕްޓެމްބަރު/ އޮކްޓޯބަރުގައި ރާއްޖޭގައި ބޭއްވުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ވެސް ގްރާސާ އެއްކުރައްވަވާނެ އެވެ.
ބްރެޒިލްގެ ކުރީގެ ވޮލީ ކުޅުންތެރިޔާ އަދި 2012 އިން ފެށިގެން އެފްއައީބީގެ ރައީސްކަމުގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ގްރާސާގެ ދަތުރަށް ފަހު ރާއްޖޭން ފުރާވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ގްރާސާ ވެވަޑައިގަންނަވާނީ، އޮލިމްޕިކް ކުޅިވަރު ފެޑެރޭޝަންތަކުގެ ރައީސުންގެ ތެރެއިން ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ރައީސްއަށެވެ. މީގެ ކުރިން ދުނިޔޭގެ ޓީޓީ ފެޑްރޭޝަން (އައިޓީޓީއެފް) ގެ ރައީސް ތޯމަސް ވެއިކާޓް 2019 ގައި ރާއްޖެ ވަޑައިގެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy