ދުނިޔެ / އިރާގު

އިރާގު އިންތިހާބުގައި ސަދްރު ކުރި ހޯއްދަވައިފި

އޮކްޓޫބަރ 11، 2021؛ އިރާގުގެ އާންމު އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރުގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަނީ. --އޭއެފްޕީ

12 އޮކްޓޯބަރ 2021 - 10:47

1 comments

އިރާގުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި، އެ ގައުމުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައް ސަދްރު އާއި އޭނާ އަށް ތާއީދުކުރާ ކެންޑިޑޭޓުން ކުރި ހޯއްދަވައިފި ކަމަށް، ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއްޔެ ހަވީރު، އިންޓަނެޓްގައި އިއުލާން ކުރަން ހަމަޖެހިފައި އޮތަސް، އިންތިހާބުތަކާ ބެހޭ ކޮމިޝަންގެ ވެބްސައިޓަށް މައްސަލަތަކެއް މެދުވެރިވެ، އެކަން ކުރެވޭ ގޮތެއް ނުވި އެވެ. އެހެންވުމުން، އިއްޔެ ހަވީރުން ފެށިގެން މިހާރު އަންނަނީ ކޮންމެ ފޮއްޓެއްގެ ނަތީޖާ ވަކިން އިއުލާން ކުރަމުންނެވެ.

މިހާތަނަށް ސާފުކުރެވުނު ނަތީޖާތައް ދައްކާ ގޮތުން، މުގްތަދާ ސަދްރާއި އޭނާގެ ވަފާތެރިން ވަނީ މަދުވެގެން 73 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިން ގިނައީ، ދެކުނުގައި ޝީއީންގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގެ ދާއިރާތަކުން ވާދަކުރި ކެންޑިޑޭޓުންނެވެ.

މީގެކުރިން 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް މެދުވެރިވި ގޮތަށް، މިފަހަރު ވެސް ސަދްރުގެ ވަފާތެރި ކެންޑިޑޭޓުންނަށް ކާމިޔާބު ލިބުނީ، ޝީއީންގެ މެޖޯރިޓީ ނެތް ސަރަހައްދުތަކުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު މަދުވުމުންނެވެ. އޭގެ ބަދަލުގައި ޝީއީންގެ ސަރަހައްދުތަކުގައި ގިނަ ބަޔަކު ވޯޓު ލާން ނުކުމެ ސަދްރުގެ ކެންޑިޑޭޓުންނަށް ވޯޓު ލީ އެވެ.

މުގްތަދާ އައްސަދްރަށް ފަހު މިފަހަރުގެ އިންތިހާބުގައި ދެ ވަނަ އަށް މިހާތަނަށް އެންމެ ގިނަ ގޮނޑި ހޯދީ، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު އަލްހަލްބޫސީގެ ލީޑަރުކަމުގައި ވާދަކުރި "ތަގައްދުމް" ޕާޓީ އެވެ. އެ ޕާޓީން ޖުމްލަ 38 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް، މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.

އޮކްޓޫބަރު 11، 2021: އިރާގުގެ އާންމު އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރުގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަނީ. --އޭއެފްޕީ

މިފަހަރުގެ އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ، ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ގުޅިފައިވާ ކުދި ޝީއީ ޕާޓީތަކުންނެވެ. މާލިކީގެ ކޯލިޝަނުން 37 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. މިފަހަރުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން، އީރާންގެ މަދަދު ލިބޭ ޝީއީ ކެންޑިޑޭޓުންނަށް ވަނީ ބޮޑު ނާކާމިޔާބެއް ކުރިމަތިވެފަ އެވެ. ނަމަވެސް ވޯޓުގެ ނަތީޖާތައް އިއުލާން ކުރަމުންދާ ވަރަކަށް މި ނަތީޖާތައް ކޮންމެވެސް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ސަރުކާރުގެ އިސް ވެރިންގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި، ސިޔާސީ ދާއިރާއާ މެދު އިތުބާރު ކަނޑާލައިގެން ތިބި ޒުވާން އުމުރުފުރާގެ ވަރަށް މަދު ބަޔަކު ނޫނީ ވޯޓުލުމުގައި ބައިވެރިއެއް ނުވެ އެވެ.

އިރާގުގެ ގާނޫނުއަސާސީ ބުނާ ގޮތުން، ސަރުކާރެއް އެކުލަވައިލެވޭނީ ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން މަދުވެގެން 165 ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށެވެ. ނުވަތަ މަދުވެގެން އެ އަދަދަށް ގޮނޑި ހޯދިފައިވާ ކޯލިޝަން ޕާޓީތަކަކަށެވެ.

މިހާތަނަށް ސާފުކުރެވުނު ނަތީޖާތަކަށް ބަލާއިރު، އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް ނުލިބެ އެވެ. އެހެންކަމުން، ގިނަ ޕާޓީތަކެއް ގުޅިގެން ނޫނީ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތެއް ނެތެވެ.

މިހާތަނަށް އެންމެ ގިނަ ގޮނޑި ލިބުނު، މުގްތަދާ އައްސަދްރުގެ ޕާޓީއަށް ވެސް ލިބިފައިވަނީ އެންމެ 73 ގޮނޑި ކަމަށްވާތީ، އިތުރު 92 ގޮނޑި ކަށަވަރުކުރެވޭ ވަރުގެ ކޯލިޝަނެއް އުފައްދައިގެން ނޫނީ، އޭނާ އަށް ވެސް ސަރުކާރެއް އެކުލަވައިނުލެވޭނެ އެވެ.

އިންތިހާބުގެ ނަތީޖާއާ މެދު ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އަދި އެ ތިން ދުވަސް ހަމަވުމަށް ފަހު، ހުށަހެޅިފައިވާ ޝަކުވާތަކާ މެދު ގޮތެއް ނިންމަން، 10 ދުވަހުގެ މުއްދަތެއް އޮންނާނެ އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ ވޯޓާ ބެހޭ ގޮތުން ހުށަހަޅާ ޝަކުވާތަކާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފު ބިން ރަފައިދާ

12 October 2021

ސާބަހޭ. ސަދުރު ކަހަލަލީޑަރަކަށް މިއަދު އިރާގު އެދި ގޮވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454