ދުނިޔެ / ޓިއުނީޝިއާ

ތޫނިސްގެ އާ ސަރުކާރު އިއުލާންކޮށްފި

ތޫނިސްގެ އާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން، ރައީސް ގައިސް ސައީދު (މ) ގެ އަރިހުގައި

12 އޮކްޓޯބަރ 2021 - 17:46

ތޫނިސްގެ ބޮޑުވަޒީރުގެ މަގާމަށް ވަގުތީ ގޮތުން އައްޔަންކުރި، ނަޖްލާ ބޫދަން ރޮމްދާނީ، 63، އޭނާގެ ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުން، އިއްޔެ މަގާމުގެ ހުވާ ކުރައްވައި މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ.

ތޫނިސްގައި އާ ސަރުކާރެއް މި އެކުލަވައިލީ، ކުރިން ހުންނެވި ބޮޑުވަޒީރު މަގާމުން ދުރުކުރައްވައި، ސަރުކާރު އުވައިލެއްވުމަށް ފަހު، ގާނޫނު ހަދާ މަޖިލިސް ބަންދުކޮށް، ރައީސް ގައިސް ސައީދު ވެރިކަމުގެ ބާރުތައް އަމިއްލަ ކުރައްވައިގެން ހުންނަވާތާ 11 ހަފުތާ ފަހުންނެވެ. މި އަހަރުގެ ޖުލައި 25 ވަނަ ދުވަހު ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރެއްވުމާ ގުޅިގެން، ތޫނިސް ވަނީ ސިޔާސީ ވަރަށް ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ސިޔާސީ ވާދަވެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެކަން ސިފަ ކުރެއްވީ، ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުމަށް ފަހު، މުޅި ދައުލަތާ ދެކޮޅަށް ރައީސް ގެންނެވި ބަގާވާތެއްގެ ގޮތުގަ އެވެ.

ތޫނިސްގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނި ގޮތުގައި، ބޮޑުވަޒީރު ނަޖްލާ އޭނާގެ ކެބިނެޓް އެކުލަވާލާފައިވަނީ އިގްތިސާދީ ހަލުވި ފިޔަވަޅުތަކަކަށް އިސްކަން ދެއްވައިގެންނެވެ. އިގްތިސާދާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވީ، ބޭންކު ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސާމިރު ސައީދު އެވެ.

ހާރިޖީ ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވީ، އުވައިލި ސަރުކާރުގައި ވެސް އެމަގާމުގައި ހުންނެވި އުސްމާން ޖަރަންދީ އެވެ. މާލީ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވީ ވެސް ކުރީ ސަރުކާރުގައި އެ މަގާމުގައި ހުންނެވި ޝިހާމް ބުޣްދީރީ އެވެ.

ތޫނިސްގެ ބޮޑުވަޒީރުގެ މަގާމަށް ވަގުތީ ގޮތުން އައްޔަންކުރި، ނަޖްލާ ބޫދަން ރޮމްދާނީ

މިފަދަ ބޭފުޅުން ކެބިނެޓްގައި ހިމެނުނަސް، ކެބިނެޓްގެ ގިނަ މެމްބަރުންނަކީ ސިޔާސީ ދާއިރާ އަށް މުޅިން އާ ބޭފުޅުންނެވެ. ގިނަ ބޭފުޅުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ވެސް ހިމެނޭ ބޭފުޅުންނެއް ނޫނެވެ.

ކެބިނެޓްގެ ގިނަ ބޭފުޅުންނަކީ ތަޢުލީމީ ދާއިރާގެ ބޭފުޅުންނެވެ. ގިނަ ބޭފުޅުންނަކީ ޔުނިވަސިޓީތަކުގެ ޕްރޮފެސަރުން ނުވަތަ ލެކްޗަރާއިންނެވެ. ކެބިނެޓްގެ ތިން ބައިކުޅަ އެއްބައި މެމްބަރުންނަކީ އަންހެން ބޭފުޅުންނެވެ. އަންހެން ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރެއްވި ބޭފުޅުންނެވެ. އަދި ގާނޫނީ ވަކީލުންނާއި ފަނޑިޔާރުކަން ކުރެއްވި ބައެއް އަންހެން ބޭފުޅުން ވެސް ހިމެނެ އެވެ.

ތޫނިސްގައި އާ ސަރުކާރެއް މި އެކުލަވައިލީ، އެކަމަށް އެދި ބައިނަލްއަގުވާމީ މުޖްތަމައުން ވަރަށް ބޮޑަށް، ރައީސް ގައިސް ސައީދަށް ފިއްތުންތައް ކުރިމަތިކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އާ ސަރުކާރު ހުވާކުރެއްވުމަށް ފަހު، ބޮޑުވަޒީރު ނަޖްލާ ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ދައުލަތުގެ ތެރޭގައި ފެތުރިފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލެއް ހޯއްދެވުމަށެވެ. އޭގެ އިތުރުން ސަރުކާރާއި ދައުލަތާ މެދު ރައްޔިތުންގެ ހިތްތަކުގައި އަލުން އިތުބާރު އުފެއްދެވުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ނަޖްލާ ވިދާޅުވި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454