ދުނިޔެ / އިރާގު

ކޯލިޝަން މާނަކުރުމާ މެދު އިރާގުގައި ދެބަސްވުން

13 އޮކްޓޯބަރ 2021 - 17:37

1 comments

މިދިޔަ އާދީއްތަ ދުވަހު އިރާގުގައި ބޭއްވި އާންމު އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވަނިކޮށް، ސަރުކާރެއް އެކުލަވައިލުމަށްޓަކައި ކޯލިޝަން މާނަކުރާނެ ގޮތަކާ މެދު، ސިޔާސީ ވާދަވެރިންގެ މެދުގައި ދެބަސްވުން އުފެދިއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން، ކުރި ހޯދާފައިވަނީ ޝީއީންގެ ނުފޫޒު ގަދަ ލީޑަރު މުގްތަދާ ސަދްރާއި އޭނާ އަށް ތާއީދުކުރާ ކެންޑިޑޭޓުންނެވެ. ސަދްރުގެ ކޯލިޝަނުން 78 ގޮނޑި ކާމިޔާބު ކޮށްފައިވާ އިރު، އެއީ އަމިއްލައަށް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ އަދަދަށް ވުރެ މަދު އަދަދެކެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި 329 ގޮނޑި ހިމެނޭ އިރު، ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ލިބޭނީ މަދުވެގެން 165 ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށެވެ. އެހެންކަމުން މުގްތަދާ އައްސަދްރުގެ ޕާޓީއަށް ވެސް ސަރުކާރެއް އެކުލަވައިލެވޭނީ އިތުރު ޕާޓީތަކެއްގެ ބައިވެރިވުން ލިބިގެންނެވެ.

އިރާގުގައި 2005 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ބުނާ ގޮތުން، އިންތިހާބު ބާއްވާތާ 15 ދުވަހުގެ ތެރޭގައި، އާ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް، ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބިފައިވާ ކޯލިޝަނަކާ، ގައުމުގެ ރައީސް މަތިކުރައްވަންވާނެ އެވެ.

މިހާރު އެއް ބަޔަކު ސުވާލު އުފައްދަނީ ގިނަ ގޮނޑި ލިބުނު ކޯލިޝަންގެ މާނައާ މެދުގަ އެވެ. އެއީ އިންތިހާބުގައި ކޯލިޝަނެއްގެ ގޮތުގައި ވާދަކޮށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީތައްތޯ ނުވަތަ އެއީ، އިންތިހާބުގެ ނަތީޖާ އިއުލާންކުރުމަށް ފަހުގައި، މަޖިލީހަށް ހޮވުނު ޕާޓީތަކުގެ މެދުގައި އުފައްދާ ކޯލިޝަންތޯ އުފައްދާ ސުވާލެވެ.

ކޯލިޝަން މާނަކުރުމުގެ މައްސަލަ މީގެ ކުރިން ވެސް އިރާގުގައި ކުރިމަތިވި އެވެ. އެފަހަރު އެ މައްސަލަ ހައްލުކުރީ ކޯޓަށް ގޮސްގެންނެވެ. އެ ފަހަރު ކޯޓުން މާނަކޮށްދިން ގޮތުގައި ކޯލިޝަނަކީ، އެއް ކޯލިޝަނެއްގެ ގޮތުގައި ތަފާތު ޕާޓީތައް އެކުގައި ވާދަކޮށްގެން ގިނަ ގޮނޑި ހޯދާ ޕާޓީތައް ނުވަތަ ތަފާތު ނަންނަމުގައި ވަކިވަކިން ވާދަކޮށް، އިންތިހާބުގެ ނަތީޖާއަށް ފަހުގައި އެއް ބައެއްގެ ގޮތުގައި މަސައްކަތްކުރުމަށް ނިންމާ ޕާޓީތަކެވެ.

އެހެންކަމުން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ފަހު ބާއްވާ، ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، އާ ސަރުކާރެއް ގާއިމުކުރުމުގެ ދައުވަތު، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ކޯލިޝަންތަކަށް، އިރާގުގެ ރައީސް ދެއްވާނެ އެވެ.

ކޯލިޝަން މާނަކުރުމުގައި އަރާރުން އުފެދުނީ، 2010 ގެ އިންތިހާބުގައި، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށް، ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ނުލިބުމުންނެވެ. އެފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި، ކުރީގެ ބޮޑުވަޒީރު އިޔާދު އައްލާވީގެ ޕާޓީއަށް 91 ގޮނޑި ލިބުނެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ އިއުލާންކުރި ފަހުން، އެޕާޓީއާ އެކުގައި ސަރުކާރެއް އެކުލަވައިލުމަށް އެއްވެސް ޕާޓީއެއް ބޭނުން ނުވުމުން، ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ލިބުނީ، 89 ގޮނޑި ކާމިޔާބުކުރި، ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ކޯލިޝަނަށެވެ.

އިންތިހާބުގެ ނަތީޖާ އިއުލާންކުރުމާ އެކު މުގްތަދާ އައްސަދްރު ވިދާޅުވީ މިއީ، ހަނގުރާމަވެރިންގެ މައްޗަށް ލިބުނު ނަސްރެއް ކަމަށެވެ. އަދި މިއީ ހަނގުރާމަވެރިންގެ މައްސަލަ ހައްލުކޮށް، ސަރުކާރުގެ ބާރުގެ ދަށަށް ހަތިޔާރުތައް ގެންނަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފު ބިން ރަފައިދާ

13 October 2021

ކޯލިޝަނަކީ ވަރަށް ބިރުވެރިއެއްޗެއް. އެއީ ގައުމު ބައިބައިކުރުވާ ހަތިޔާރެއް. ދިވެހިގައުމު ވަނީ އެކަން ދެކިއަތުންހިފާފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454