މާލޭގެ މަގު ހެދުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރި ވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ޑިސެމްބަރ 2016 - 21:31
ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ ހޮސްޕިޓަލުން ދޫކުރާ މެޑިކަލް ރިޕޯޓް ގަބޫލު ނުކުރަން އިމިގްރޭޝަނުން ނިންމައިފި އެވެ.
އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ އިން ހަދާ އެއްވެސް މެޑިކަލް ރިޕޯޓެއް މާދަމާ އިން ފެށިގެން އެ ޑިޕާޓްމަންޓުން ގަބޫލު ނުކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް އެ ދެންނެވުމުގައި ބުނެފައެއް ނުވެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިރޭ ވިދާޅުވީ އެ ހޮސްޕިޓަލުން ހަދާ މެޑިކަލް ރިޕޯޓް ގަބޫލު ނުކުރާނެކަން އިމިގްރޭޝަނުން އަންގާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ރަސްމީކޮށް ތިކަން ހުއްޓާލި ކަމެއް އިމިގްރޭޝަނުން އަންގާފައެއް ނުވޭ. އަޅުގަނޑަށް ވެސް އެކަން އެނގުނީ ސޯޝަލް މީޑިއާ އިން،" އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުން ހަދައިދޭ މެޑިކަލް ރިޕޯޓަކާ ގުޅިގެން މިހާތަނަށް އެއްވެސް ޝަކުވާއެއް އިމިގްރޭޝަނުން ހުށަހަޅާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ކުރީއްސުރެ ދެމުން އަންނަ ހިދުމަތެއް އެއީ. ކުއްލިއަކަށް މިކަން ބަދަލުވީ ކީއްވެގެން ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު މިރޭ ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ ތަނަކުން ހަދައިދޭ މެޑިކަލް ރިޕޯޓް ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ދެ ތަނެއް ކަމެއް އަދި އެ މައްސަލައިގެ ތަފުސީލެއް ވެސް އޭނާ ނުދެއްވަ އެވެ.
"މައްސަލައިގެ ތަހުގީގަށް ފަހު ދާއިމީ ނިންމުމަކަށް ވެސް ވެދާނެ،" އަންވަރު ވިދާޅުވި އެވެ.
އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން މެޑިކަލް ރިޕޯޓް ބަލައި ނުގަތުމަށް ނިންމާފައިވާ ދެވަނަ ތަނަކީ ކޮބައިކަން ސާފުވާ ގޮތެއް އަދި ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
07 December 2016
އައިޖީއެމްއެޗް އިން ހުސްވިމަހު މީހެއްގެ ޓެސްޓްތައް ހައްދާފަ މައްސަލައެއްނެތޭބުނި. އެކަމަކު ލަންކާ އަށް ދެވުނުކަމުން އެނގުނީ ސިކުނޑިއަށް ސްޓްރޯކެއްކަން ޖެހުނީ. އެހެންވެ، ސަރުކާރު ހޮސްޕިޓަލަށް އަހަރެން އިތުބާރު ކުރާކަށް ބޭނުމެއްނޫން.
ޝަހީމު
06 December 2016
ދިވެހި ޕާސްޕޯޓު އެތަނުން ގަބޫލު ކުރާނެތޯ؟
ވިސްނާލީމާ
06 December 2016
ތީ ރަނގަޅު ނިންމުމެއް! ބޮޑަށޤ ރަނގަޅުވާނީ ސަރުކާރު ހިއްސާވާ ސެނެހިޔާއިން ތިކަންކުރިއްޔާ! ޔަގީން ނުވިޔަސް ބޮޑަށް ބެލެވެނީ ވަރުގަދަކަމެއް ހިނގައިފިކަން! -އިބްރާހީމް-
މީމުހާ
06 December 2016
އެބަޔަކު ލީ ވޯޓެއްގެ ނަތީޖާ އެބަޔަކާ އަރާހަމަ ކުރާނެ. ދިވެހިން ޚިޔާރުކުރީ މިގޮތް، ދެން މިގޮތުގައި ދެމިތިބޭނީތޯ ނޫނީ އަނެއްކާވެސް ވޯޓުން އެހެންގޮތެއް ހޯދާނީތޯ؟ އަމިއްލަފުޅަށް ޖަވާބު ދެއްވާ.. ހަޅޭފަޅޭ ލެވިއަކަސް ވާނެ މޮޅެއްނެތް... 500ރ ފެންނައިރަށް ތިޔަ ހުރިހާ ނޮހޮރޮއްޕާނެއް ހަދާންނެތިއްޖެއްޔާ ދެން އަލުން އިއާދަނުކުރެވޭނެ އެތައް ގެއްލުމެއް ރައްޔިތުންނަށްވާނެ. ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއް ލިބޭނެކަމަށް އުއްމީދުކުރަން. ވ ވެދުން
30ޕޭށަންޓުން
06 December 2016
ރަގަޅު ނިއަތެއްގަ ކަމެއްކުރަންޏާ ތި ފުލެޓް ދިން ޑޮކްޓަރުން ނަށް އަމިއްލަ ކްލިނިކް ނުހިންގާ ދުވާލަކު 5މީހުން ބެލުމުގެ ބަދަލުގައި އޭޑީކޭ ގަ ވެސް ހަދާގޮތަށް މަދުވެގެން 30ޕޭށަންޓުން ބަލާގޮތަށް ހައްދަވާ ދެއްވާ.
އިބޫ
06 December 2016
އޭއެމްޑީސީއަށް ދިޔައިން. ވަރަށް މީހުންގިނަ. ހިތަށް އެރި މެޑިކަލްރިޕޯރޓްކަންތައް ރަނގަޅަށް ކުރެވޭނެބާއޭ
ރައްފުށު އީސާފުޅު
06 December 2016
ކިހާ ބޮޑު ނޮހޮރުއްޕާނެއް މީދެން. މަ ގެންގުޅޭ 20 ބަންގާޅިން ގޮވަިގެން އަނެެއްކާ ދާންވީ މާލެ، ބޭންކް އެކައްންޓް ހެދޭކަށްނެތް އޭޕްރިލް 2017 ގެ ކުރި އަކުންނެތް، ދެން ސަރުކާރުން އެވީ މަ ޖޫރި މަނާ ކުރަން 2017 ފެށޭ އިރަށް. ދުއްޕާން ކުރިޔަސް ބޮޑުވަރު
މަރީ
06 December 2016
ދެން އަ.ޖީ.އެމް.އެޗް ގައި މަސައްކަތްކުރާ ޑޮކްޓަރުން އަމިއްލަ ކްލިނިކް ނުހިންގޭ ގޮތް ހަދަން ކެރޭނީ ކޮންދުވަހަކުންބާ؟ ގައިމުވެސް އޭރުން ރައްޔިތުންނަށްވާ ފައިދާ މާބޮޑުވާނެ! މިހާރު ހޮސްޕިޓަލުގައި އިންނަނީ ނަމަކަށް، އަވަހަށް ޑޮކްޓަރަށް ދައްކަންވެއްޖެއްޔާމުން ދާންވީ ކްލިނިކަށް!
ހިހި
06 December 2016
ހައްހައްހައްހާ.. #ރަނގަޅު 2018
މުހައްމަދު
06 December 2016
އިމިގްރޭޝަނަކީވެސް މުޅިން އޯވަރހޯލްކުރަން ޖެހިފައި އޮތް ތަނެކެވެ. ރައްޔިތަކަށް ލުޔެއް ފަސޭހައެއް ލިބޭނެ ގޮތަކަށް ޕާސްޕޯޓް ހެދުން ފިޔަވައި އެހެން ކަމެއް ނެތެވެ. ތަނުގައި މިގޮތަށް މޫލައިގެން އުޅުނު ބަޔަކު ދުރުކޮށްފައި އެހެން މީހަކު ލައި ތަން އިޞްލާޙުކުރަން ހިފާލީމާ 7 ދުވަހުން ހެދުނު ޕާސްޕޯޓް އެންމެ ހައެއްކަ ގަޑިއިރުގެ ތެރޭގައި ލިބެން ފެށީއެވެ. ހަމަ މިހެން އެޖެންސީތައް ހަދައިގެން އުޅޭ ބޮޑުން ތަނުން ބޭރުކޮށް ރަނގަޅު އިޚުލާޞްތެރި ބަޔަކު ވަދެ ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތެއް ދޭން ފެށީމާ މީހުން ދޮގުހެދުމާއި މަކަރުހެދުން ހުއްޓިދާނެއެވެ. ބިދޭސީ އޭޖެންޓުން މެދުވެރިކޮށްގެން އެކިއޮފިޝަލުން ހޯދާ ނަފާ ހޯދުންވެސް ހުއްޓިދާނެއެވެ.