ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުން: އޭގެ ތެރެއިން ތިން އޮފިސަރަކު ވަކިކުރުމުގެ ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ވަނީ ހުއްޓުވާފައި. -- ފޮޓޯ: މިހުސާން އަބްދުލްޣަނީ (މޮހޯ)
24 އޮކްޓޯބަރ 2021 - 12:55
ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒުކުރަން ވަޒީފާ އިން ވަކިކުރަން ނޯޓިސް ފޮނުވި ހަތަރު އޮފިސަރަކު ސިވިލް ކޯޓުގެ އަމުރާ ހެދި މިވަގުތަށް ސަލާމަތްވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގެ އާ ގާނޫނާ އެކު ބޯޑުން ނިންމީ ހަތް އޮފިސަރަކު އެއްފަރާތް ކުރާށެވެ. މިއީ ބޭއިންސާފެއް ކަމަށް ބުނެ އޮފިސަރުން ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ ހަފުތާގައި އަމުރު އައީ އޮފިސަރުން ވަކިކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށެވެ.
އޭރު ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) ވަޒީފާ އިން ވަކިކޮށް ހަތަރު އޮފިސަރަކު މި މަހު 20ގައި ވަކިކުރަން އޮތީ ނޯޓިސް ދީފަ އެވެ. މީގެތެރެއިން އެކަކު ކޯޓަށް މައްސަލަ ހުށަނާޅަ އެވެ.
ކޯޓުގައި ފަސް އޮފިސަރަކު ތަމްސީލްކުރައްވާ ދިވެހި ޗެމްބާސްގެ ލޯޔަރުންނާ އެކު މި މައްސަލައިގައި މަސައްކަތްކުރައްވާ އަލީ ސައީދު ވިދާޅުވީ އަމުރާ އެކު އޮފިސަރުން ވަކިކުރި ކަމުގެ ނޯޓިސް ނުފޮނުވާ ކަަމަށެވެ. އެހެންކަމުން، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އަދި ފުލުހުންގެ ވަޒީފާ އިން ވަތްކެއް ނުވެ އެވެ.
މި އޮފިސަރުންގެ އިތުރުން ދެން ނޯޓިސް ހަވާލުކުރީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ.
ހައި ކޯޓަށް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.
އޮފިސަރުން ވަކިކުރަން ނިންމައި ޕޮލިސް ބޯޑުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ. އެކަމަކު އޮފިސަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނެއް ހެދީ އަދި ބޯޑުގެ ނިންމުން އައީ ވެސް ވަކި އޮފިސަރުންތަކަކަށް ޓާގެޓްކޮށްގެންނެވެ. އާ ގާނޫނުގެ ކުރިން ވެސް ފުލުހުންގެ ހިދުމަތުގައި އިދާރީ ފިޔަވަޅު އެޅޭ ކަމަށާއި ގާނޫނު ފަހުން ހަދައި ވަކި އޮފިސަރުންތަކެއްގެ މައްސަލަ ބެލުމަކީ އިންސާފެއް ނޫން ކަމަށް އެ އޮފިސަރުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަލްދީބު
24 October 2021
ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތުމަކީ ވަޒީފާއިން ވަކިކުރުން މަޑު ޖައްސާލަންޖެހޭ ކަމެއް ނޫންކަންނޭގެ! 40-30 އަހަރު ހިދުމަތްކޮށްފަވެސް ކިތަންމެ ބޮޑު ގޯހެއްވެސް ހަދާފާނެހަމަ! ނޫނީ ތިޔަމީހުންގެ ސަބަބަނުން ކިތައް ފުލުހުންގެ ހައްގު ގެއްލިފަ އޮވެދާނެބާ؟
ވައިޓް
24 October 2021
ތި މުއައްސަސާގެ ނާގާބިލް ކަމުން ގައުމަށް މިހާލަތައް ވެއްޓުނީ. ތިމުއައްސާ އޯވަހޯލްކޮއްގެން ނޫނީ ރަގަޅު ހިދަމތެއް ނުލިބޭނެ.
ޔާޔާ
24 October 2021
ބަލާނީ ފުލުހަކަށްވީތީ، ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރިބައެއްގެ މައްސަލައެވެ. ނުކުރާބައެއްގެ މައްސަލަ ބަލާކަށް ނުޖެހެއެވެ.
ރިޒޫބެ
24 October 2021
ޤައުމަށް ހަރާން ކޯރުވާ އެންމެން ވަކި ކުރަންޖޭހޭ .