މީޑިއާތައް ބައިވެރިކޮށް މިދިޔަ އަހަރު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި، މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރާ މީހެއް ފާސްކުރިއިރު، އޭނާގެ ޖީބުން ފެނުނު ފައިސާތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
25 އޮކްޓޯބަރ 2021 - 14:53
މަސްތުވާތަކެތި ގަތުމަށް ރާއްޖޭގައި މަހެއްގެ މައްޗަށް 15،000ރ. އާ ދެމެދުގެ އަދަދެއް ހަރަދުކުރާ ކަމަށް، އެކަމާ ގުޅޭގޮތުން އެންމެ ފަހުން ހެދި ދިރާސާ އިން ދައްކައިފި އެވެ.
ބޭރުގެ އެހީއާއެކު، މިދިޔަ ފެބްރުއަރީ މަހު ހެދި އެ ދިރާސާގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 403 މީހަކު ބައިވެރިވި އެވެ. އޭގެ ތެރެއިން 70 ޕަސެންޓަކީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ރަޖިސްޓަރީގައި ތިބި މީހުންނެވެ. ބާކީ 30 ޕަސެންޓު މީހުން ކަނޑައެޅީ ރެންޑަމްކޮށް ހޮވާލައިގެންނެވެ.
މިދިޔަ އޮގަސްޓް މަހުގެ މެދުތެރޭގައި އެ ދިރާސާ ނިންމާފައި ވިޔަސް އޭގެ ރަސްމީ ނަތީޖާއެއް އަދި އާއްމެއް ނުކުރެ އެވެ.
ނަމަވެސް އެންޑީއޭ ބޯޑުގެ ޗެއާމަނަކަށް ހުންނެވި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު "މިހާރު" އާ ހިއްސާ ކުރެއްވި މައުލޫމާތަކަށް ބަލާއިރު، ރާއްޖޭގައި މަސްތުވާތަކެތި ގަތުމަށް މަހެއްގެ މައްޗަށް އެންމެ ގިނައިން ހޭދަކުރަނީ 11،000-15،000ރ. ދެމެދުގެ އަދަދެކެވެ. އެއީ މި ސާވޭގައި ބައިވެރިވި މީހުންގެ 27 ޕަސެންޓެވެ. ދެ ވަނަ އަށް އެންމެ ގިނައިން ހޭދަކުރަނީ 5001-10،000ރ. އެވެ. އެ ވަރުގެ އަދަދެއް މަހެއްގެ މައްޗަށް 24 ޕަސެންޓު މީހުން ކުރެ އެވެ.
އެ އެއްޗެހި ގަތުމަށް 26،000-30،000ރ. އާ ދެމެދުގެ އަދަދަކަށް 3.5 ޕަސެންޓު މީހުން އަދި މަސްތުވާތަކެއްޗަށް މަހެއްގެ މައްޗަށް 50،000ރ. އަށް ވުރެ ގިނައިން 2.5 ޕަސެންޓު މީހުން ހަރަދުކުރެ އެވެ.
އެއްވެސް ހަރަދެއް ނުކޮށް ދެ ޕަސެންޓު މީހުން މަސްތުވާތަކެތި ބޭނުންކުރެ އެވެ.
މަސްތުވާތަކެތި ގަންނަން ފައިސާ ހޯދާ ގޮތް ގޮތް ވެސް އެ ދިރާސާގައި ބަލާފައިވެ އެވެ. ދިރާސާގައި ބައިވެރިވި 49 ޕަސެންޓު މީހުން ފައިސާ ހޯދަނީ ސަލާން ޖަހައިގެންނާއި ފަހުން ދޭ ގޮތަށް މީހުން އަތުން ރުފިޔާ ހޯދައިގެން އަދި ޕެޑްލް ކޮށްގެންނެވެ.
ދެ ވަނަ އަށް އެންމެ ގިނަ މީހުން މަސްތުވާތަކެތި ގަންނަނީ ލިބޭ މުސާރައިންނެވެ. އެއީ 37 ޕަސެންޓު މީހުންނެވެ. މަސްތުވާތަކެތި ވިއްކައިގެންނާއި ހަށިވިއްކުން ފަދަ ކަންކަމުން މަސްތުވާތަކެތި ހޯދާ 8.7 ޕަސެންޓު މީހުން އުޅެ އެވެ.
ފޭރުމާއި ވައްކަންކޮށްގެން މަސްތުވާތަކެތި ގަންނާނެ ފައިސާ ހޯދާ މީހުންގެ އަދަދު އުޅެނީ 2.5 ޕަސެންޓުގަ އެވެ.
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ފާސްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތާ ގުޅޭގޮތުން އެންމެ ފަހުން ދިރާސާއެއް ހަދާފައިވަނީ 2011-2012 ގަ އެވެ. އެ ދިރާސާގައިވާ ގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ އެވްރެޖު އުމުރަކީ 22-37 އެވެ. ނަމަވެސް، އޭގެ 10 އަހަރު ފަހުން ހެދި ދިރާސާއިން ފެނުނީ ޝަމާއު ވިދާޅުވި ގޮތުގައި، ކަންބޮޑުވާ އަދަދުތަކެވެ.
ޑްރަގް އެޑިކްޓުންގެ އެވްރެޖު އުމުރު 17-60 އަހަރާ ދޭތެރޭގައި މިހާރު ހުރިއިރު، އޭގެ ތެރެއިން 18 އަހަރުން ދަށުގެ 52 ޕަސެންޓު ކުދިންނަކީ މެދު މަދަރުސީ ހިސާބުން ސްކޫލަށް ދިއުން ހުއްޓާލާފައި ތިބި ކުދިންނެވެ.
ޝަމާއު ވިދާޅުވީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ 60 ޕަސެންޓަކީ ދިވެހިންނެވެ. އަދި 20 ޕަސެންޓު ބަންގްލަދޭޝް މީހުން ހިއްސާކުރާއިރު ފަސް ޕަސެންޓަކީ ޕާކިސްތާނުގެ މީހުންނެވެ.
އެ މައުލޫމާތުތައް ހޯދާފައިވަނީ އެންޑީއޭގެ ލެބޯރެޓަރީ އާއި ކްލަޔަންޓް ރަޖިސްޓަރީ، ކްލައިންޓުގެ ހަތް އަހަރުގެ ފައިލްތައް، ޑްރަގް ކޯޓުގެ ނުވަ އަހަރުގެ މައުލޫމާތު، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ 11 އަހަރުގެ ތަފާސްހިސާބު، ފުލުހުންގެ ހަ އަހަރުގެ މައުލޫމާތު، ކަރެކްޝަނަލް ސާވިސްގެ 10 އަހަރުގެ މައުލޫމާތު، ކަސްޓަމްސްގެ 10 އަހަރުގެ މައުލޫމާތު، އެމްއެފްޑީއޭގެ ހަ އަހަރުގެ މައުލޫމާތު، އައިޖީއެމްއެޗްގެ ހަތް އަހަރުގެ އީ ޕްރިސްކްރިޕްޝަން، އިންޕޭޝަންޓް އައުޓްޕޭޝަންޓުގެ 11 އަހަރުގެ މައުލޫމާތެވެ. އޭގެ އިތުރުން އެ ދިރާސާއަށް 18 ދިމާލަކުން މައުލޫމާތު އެއްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްނޭ
25 October 2021
މަނިކުފާނުމެން ތުރުކުރުއްވަވާ ބުރޭންޑެޑް ހެދުންކޮޅަށާއި ގެންގުޅުއްވާ ދެތިންފޯނާއި އެފަދަ އެހެންތަކެއްޗަށް މަހެއްގެމައްޗަށް ކިހާވަރެއް ޚަރަދުވޭބާވައެވެ؟
ބޮޑުމީހާ
25 October 2021
ޑްރަގް ގަންނަނީ ވައްކަންކޮށްގެން، ހިޔާނާތުން ބިރުދައްކައިގެން ހޯދާ ފައިސާއިން. ދެން 2.5 އިންސައްތަ މީހުންނޭ ބުނީމަ ކިހިނެއް ގަބޫލުކުރާނީ
ރައްޔިތުސޮރު
25 October 2021
ދިވެހިރާއްޖޭގަ ކުރަން އެންމެ ފައިދާހުރި ވިޔަފާރިއަކީ ތިއީ. ދަރިންނަށްވެސް ދަސްކޮއްދެންވީ ތިވިޔަފާރިކުރަން! އެހެންޏާފަހެ މުޅި ދުނިޏޭގަވެސް ނޯންނާނެ ޚާއްސަކޮށް ބޮޑެތި ޑީލަރުންނަށް އަދަބު ނުލިބޭ ޤަޢުމެއް މިނޫނިއްޔަކާ!
މަގޭބުނީ
25 October 2021
އާޗާ، ސަޅި ސާރވޭ އެއް، އަހަރުމެން މި އުލެނީ ތި ސާރވޭ ނޭނގިގެނތަ؟، ތިކަން ތަންފީޒުކުރާގޮތް ނޭނގިގެންނޫންތަ؟ މި ސާރވޭ ގައި ޕޮލިހުންނާއި ޑްރަގް އެޖެންސީނ ްކުރި ކަންތަކުގެ ސާރވޭ ހިމަނާލިނަމަ، އަދި ކޯޓު ތަކުން ސަލާމަތް ކޮށްދިން މީހުންގެ އަދަދު ހިމަނާލިނަމަ...!، ކޮބާ އަދި މައިން ބަފައިން ލާރި ދީގެން ބޯމީހުންގެ % ؟
ޖަނބުރޯލު
25 October 2021
ސާވޭ ހަދަނީ މައުލޫމާތާ ތަފާސްހިސާބު ހޯދަން. މައުލޫމާތާ ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ޕޮލިސީ ހެދީމަ ކާމިޔާބުވާނީ. ހިތުލަފަޔަށް ކަންކަންކުރި ޒަމާން އެއީ މާޒީ. މިއީ ޑޭޓާގެ ޒަމާން.
ލެޕު
25 October 2021
ވެސިޔަ ތަނުގައި ފުލުހުން މަސައްކަތް ކޮށްފަ ހުރީ ކޮންޓްރޯލް ކުރަން މުޅިން ނައްތާލާ މި ވަބާ ފުހެލަން މަސައްކަތް ކުރެވިފަ އެއް ނެތް އެހެންވީމަ ރަނގަޅު މަގުންނކަންކުރުމުގެ ޢަޒުމް އާކޮށް މުޅި މިޖުތަމަޢިު އެކުއެކީ މިކަމާ ދެކޮޅަށް ތެދުވަން ވީ އޭރުން އެ ހުރީ ގައުމު ކޮޅަށް ޖެހިފަ