ދުނިޔެ / ސޫދާން

ސޫދާން ސިފައިންގެ ބަގާވާތް ދުނިޔޭން ކުށްވެރިކޮށްފި

އޮކްޓޫބަރ 25، 2021؛ ސޫދާނުގެ ސިފައިން ގެނައި ބަގާވާތެއްގައި އެ ގައުމުގެ މަދަނީ ސަރުކާރު އުވާލައި ވެރިކަމުގެ ހުރިހާ ބާރުތަކެއް ސިފައިން އަތުލުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން، ސޫދާންގެ އާންމުން ވެރިރަށް ޚުރުތޫމްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރާއިރު، ސިފައިންގެ ބަޔަކު އަސްކަރީ ހޮސްޕިޓަލެއްގެ ބޭރުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

26 އޮކްޓޯބަރ 2021 - 08:50

3 comments

އިއްޔެ ހެނދުނު ގެނައި އަސްކަރީ ބަގާވާތެއްގައި، އެ ގައުމުގައި އޮތް މަދަނީ ސަރުކާރު އުވާލައި، ސޫދާންގެ ވެރިކަން އެ ގައުމުގެ ސިފައިން އަތުލުމުން، ބައިނަލްއަގުވާމީ މުޖްތަމައުން އެކަން ކުށްވެރިކޮށްފި އެވެ.

ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަން، އެ ގައުމުގެ ސިފައިން އެޕްރީލް 11، 2019 ގައި ވައްޓައިލުމަށް ފަހު، އެ ގައުމުގައި މިހާތަނަށް ވެރިކަން ކުރަމުން އައީ، އޮގަސްޓް 20، 2019ގައި އުފެއްދި، ސޫދާން ސިޔާދަތީ ކަންސިލްގެ ނަން ދީފައިވާ، ވެރިކަންކުރާ މަޖިލީހަކުންނެވެ.

ސޫދާނުގައި މިނިވަން އިންތިހާބެއް ބާއްވައި މަދަނީ ސަރުކާރެއް އެކުލަވައިލެވެންދެން، ވެރިކަން ހިންގަމުން އައީ، އެ މަޖިލީހުގެ ފަރާތުން އުފެއްދި މަދަނީ ސަރުކާރަކުންނެވެ. އެ ސަރުކާރުގެ ބޮޑުވަޒީރަކަށް ހުންނެވި އަބްދުﷲ ހަމްދޫކު އިއްޔެ ވަނީ ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ހައްޔަރުކުރި އެވެ.

އޮކްޓޫބަރ 25، 2021؛ ސޫދާނުގެ ސިފައިން ގެނައި ބަގާވާތުގެ ވެރިއަކަށް ހުންނެވި ޖެނެރަލް އަބްދުލް ފައްތާހް ބުރުހާނީ. --އޭއެފްޕީ

ސަރުކާރު އުވައިލުމަށް ފަހު، މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފަ އެވެ. މިހާރު އެ ގައުމުގެ ވެރިއެއްގެ ގޮތުގައި ކަނޑައަޅާފައި ހުރީ، ސިފައިންގެ އިސް ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އަބްދުލްފައްތާހް ބުރުހާނީ އެވެ.

ސިފައިން ވެރިކަން އަތުލުމާ ގުޅިގެން، އާންމު ރައްޔިތުން ދަނީ ސިފައިންގެ ބަގާވާތް ކުށްވެރިކޮށް މުޒާހަރާކުރަމުންނެވެ. ވެރިރަށް ޚުރުތޫމް އާއި ބޮޑެތި އެހެން ސަހަރުތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުން ދަނީ، ވެރިކަމުން ދުރުކޮށް މިހާރު ހައްޔަރުކޮށްފައި ހުންނެވި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް މިނިވަންކޮށް އޭނާ މަގާމަށް ރުޖޫއަ ކުރުމަށެވެ. އަދި މަދަނީ ސަރުކާރާ ވެރިކަން ހަވާލު ކުރުމަށެވެ.

މަގުތަކަށް ނުކުމެ މުޒާހަރާ ކުރާ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން، ސިފައިން އަންނަނީ މަގުތަކަށް ނުކުމެ، މުޒާހަރާ ކުރާ މީހުންގެ ގައިގައި ތަޅައި އަނިޔާކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ވެރިރަށް ޚުރުތޫމްގައި މުޒާހަރާ ކުރި ބައެއްގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން ތިން މީހަކު އިއްޔެ މަރުވި އެވެ. އިތުރު 80 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

އޮކްޓޫބަރ 25، 2021؛ ސޫދާނުގެ ސިފައިން ގެނައި ބަގާވާތެއްގައި އެ ގައުމުގެ މަދަނީ ސަރުކާރު އުވާލައި ވެރިކަމުގެ ހުރިހާ ބާރުތަކެއް ސިފައިން އަތުލުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން، ސޫދާންގެ އާންމުން ވެރިރަށް ޚުރުތޫމްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ. --އޭއެފްޕީ

ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓާލައި، މަދަނީންނާއި ސިފައިން އެކުލެވޭ ގޮތަށް އެކުލަވައިލި، ސޫދާން ސިޔާދަތީ ކައުންސިލުން ވެރިކަން ކުރަމުން އައި ނަމަވެސް، އެ މަޖިލީހުގައި ހިމެނޭ މަދަނީންނާއި ސިފައިންނާ ދެމެދު ދެބަސްވުންތައް އުފެދެމުން އަންނަތާ އެތައް މަހެއް ވެއްޖެ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރަނީ، އިތުރު މަގާމުތައް ބޭނުންވެގެން އުޅޭ ކަމަށެވެ.

ސިފައިން ވެރިކަން އަތުލުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ސަރުކާރު މުވައްޒަފުން އިއްޔެއިން ފެށިގެން ވަނީ ވަޒީފާއަށް ނުކުތުން ހުއްޓާލައިފަ އެވެ. އަދި ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ނަރުހުން ވެސް މިހާރު ވަނީ، އަސްކަރީ އިންގިލާބާ ދެކޮޅު އިހުތިޖާޖުގައި ބައިވެރިވުމުގެ ގޮތުން، އިމަޖެންސީ ބެލުންތައް ފިޔަވައި، ހޮސްޕިޓަލުގެ މަސައްކަތްތައް ހުއްޓާލައިފަ އެވެ.

ވެރިރަށް ޚުރުތޫމް އާއި ބޮޑެތި ސަހަރުތަކުގައި ސިފައިންނާއި އަސްކަރީ ފުލުހުން ނުކުމެ މަގުތަކުގައި މިހާރު ދަނީ ފޯރިމަރަމުންނެވެ. ވައިގެ ބަނދަރުތައް ބަންދުކޮށް، ސޫދާނަށް ކުރާ ބައިނަލްއަގުވާމީ ހުރިހާ ވައިގެ ދަތުރުތަކެއް ވަނީ ހުއްޓާލައިފަ އެވެ. އިންޓަނެޓްގެ ޚިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ.

އޮކްޓޫބަރ 25، 2021؛ ސޫދާނުގެ ސިފައިން ގެނައި ބަގާވާތެއްގައި މަގާމުން ދުރުކޮށް ހައްޔަރު ކުރި، އެ ގައުމުގެ މަދަނީ ސަރުކާރުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު. --އޭއެފްޕީ

އިއްޔެ މުޒާހަރާ އަށް ނުކުތް މީހުންގެ ތެރޭގައި ޒުވާނުންނާއި އަންހެނުން ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ. އެމީހުން ވަނީ ސިފައިންނަށް ދަތިކުރުމުގެ ގޮތުން ބޮޑެތި މަގުތަކުގައި ޓަޔަރުތަކުގައި އަލިފާން ރޯކޮށް، މަގުމެދަށް ބޮޑެތި ހިލަ ފަދަ ތަކެތި ނެރެ މަގު ބަންދުކޮށްފަ އެވެ.

ސޫދާނުގެ އަސްކަރިއްޔާ އިން އެ ގައުމަށް މިގެނައި އިންގިލާބު، ބައިނަލްއަގުވާމީ މުޖްތަމައުން ވަނީ ކުށްވެރިކޮށްފަ އެވެ. އދ. އާއި އެމެރިކާ އަދި ވިލާތުގެ އިއްތިހާދުން ގޮވާލާފައިވަނީ، ހައްޔަރުކޮށްފައިވާ ބޮޑުވަޒީރު މިނިވަންކޮށް މަދަނީ ސަރުކާރާ ވެރިކަން ހަވާލު ކުރުމަށެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

26 October 2021

އެފްރިކާ ބައްރު އެއީ ބަގާވާތުގެ ފަސްގަނޑެއް.

The name is already taken The name is available. Register?

ޑަންޑަން

26 October 2021

ބަޣާވާތް ހަރުކަށިއިބާރާތުން ކުއްވެރިކުރަން.

The name is already taken The name is available. Register?

އުދުހޭ

26 October 2021

ކަރުގައި ހާރު އަޅާހެން ބަޑި އަޅުވައިގެން އުޅޭ ބައެއްދޯމީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454