ހއ. އުތީމުން ފެނުނު އާސާރީ ވަޅު-- ފޮޓޯ: އުތީމު ކައުންސިލް/ ފޭސްބުކް
27 އޮކްޓޯބަރ 2021 - 18:31
ހއ. އުތީމުގެ ހުޅަނގު ފަރާތު ތުނޑި ވަރަށް ބޮޑަށް ގިރައި، އެ ސަރަހައްދުން އާސާރީ ވަޅެއް މިއަދު ފެނިއްޖެ އެވެ.
ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "މިހާރު" އަށް ވިދާޅުވީ، އެއީ އުތީމު ގަނޑުވަރަށް ވީހާ ދުވަހެއް ވެފައިވާ ވަޅެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެން ކަމަށް ވާ ނަމަ އެ ވަޅަށް 500 އަހަރު ކުރީގެ ވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ވަޅު ފެނުނީ ކުރީ ޒަމާނުގައި އުތީމު ބޮޑުތަކުރުފާނު ދޫނި ހިފަން ވަަޑައިގެން އުޅުއްވި ކަމަށް ބުނާ ސަރަހައްދުން ކަމަށެވެ. އެއީ ރަށުގެ މީހުން އާންމުކޮށް ވަރަށް މަދުން ގޮސް އުޅޭ ސަރަހައްދެކެވެ.
އެ ތަަނުން އެ ވަޅު ފެނިގެން ކައުންސިލަށް މިއަދު ރިޕޯޓު ކުރިއިރު، އެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ގިރައިގެން ގޮސްފަ އެވެ. އެކަމަކު، ވެލި ގަލުން ހަދާފައިވާ ހަތަރެސްކަން އެ ވަޅު ހުރި ސަރަހައްދަށް އިތުރު ބަޔަކަށް ނުވަދެވޭނެ ގޮތަށް މިހާރު އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
ހއ. އުތީމުން ފެނުނު އާސާރީ ވަޅު ހުރި ސަރަހައްދަށް މީހުންނަށް ނުވަދެވޭނެ ގޮތަށް ހަދާފައި-- ފޮޓޯ: އުތީމު ކައުންސިލް
"އުތީމު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ހައިރާނެއް ނުވޭ އާސާރީ އެއްޗެއް ފެނިގެން. މިއީ ވަރަށް އާސާރީ ތަކެތިން މުއްސަނދި ރަށެއް،" އޭނާ ވިދާޅުވި އެވެ.
އެ ވަޅު ފެނިގެން އެކަން މިހާރު ވަނީ ހެރިޓޭޖްގެ ސަމާލުކަމަށް ގެނެސްފައި ކަމަށް ރަޝީދު ވިދާޅުވެ އެވެ. ހެރިޓޭޖް މިނިސްޓްރީގެ ލަފާގެ މަތިން ތާރީހީ ތަކެތި ހިމާޔަތް ކުރުމުގެ ކަންކަން ކުރާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރަށުގެ އެހެން ސަރަހައްދަކަށް އެ ވަޅު ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު ވަޅު ހުރި ސަރަހައްދަށް އެހެން މީހުންނަށް ނުވަދެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުރީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ ސަރަހައްދު ގިރަމުންދާތީ ވަޅު އެހެން ތަނަކަށް ބަދަލުކުރުމަށް. ވަޅަށް ގެއްލުމެއް ލިބިދާނެތީ،" ރަޝީދު ވިދާޅުވި އެވެ.
ވަޅު މިހާރު ހުރި ތަނުން ނަގައިގެން ރައްކާ ކުރާނީ ދިގު މުއްދަތަކަށް ރައްކާތެރިކަމާ އެކު އެ ވަޅު ހުންނާނެ ތަނެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަންނާނެ
28 October 2021
އެ ސަރަހައްދަށް މީހުންނަށް ނުވެދެވޭ ގޮތް ހެދިއަސް ރާޅު އަރައި ގިރައިގެން ދާ ސަރަހައްދެއް ހިފަހައްޓާނީ ކިހިނެތްބާ.
ރަށުމީހާ
28 October 2021
ވަޅު އެހެންތަނަކައް ބަދަލް ކުރީމާ ވަޅުގެ އާސާރީކަން ގެއްލުނީދޯ. ހުރި ތާބަހައްޓާފާ ތަން ނުގިރާނެހެން ހަދަންވީ.
ޒޔޓޤ
28 October 2021
ނަޖިސް ހިންދާ ވަޅަކައްވެސް ވެދާނެ....
ފުލެމިންގޯލު
28 October 2021
ޕޯޗުގީޒުން މަރައިގެން މާބޮޑެތި ކުރިއެރުންތަކެއް ރަށަށް އައިސް އޮތްވައްތަރެއް ނުޖަހާ ފޮޓޯތަކަކުންނެއް.
އަލިކިލެގެ
28 October 2021
ޖާހިލުން އަނގަ ބާނާ ވިއްޔާދޯ ނޭނގޭ ކަންކަމަށް ވެސް. އިރެއްގައި އިތިއޮޕިއާއަކީ ވެސް ކުރިއަރާފަ އޮތް ބޮޑު ޙަޟާރަތެއް. އިރެއްގައި އެމެރިކާގައި އުޅުނުކަމަށް ހެކިފެންނަން ހުރި މާޔާއިންނަކީ ވެސް ކުރިއަރާފަ ތިބި ބައެއް. އަދި މިހާރު ޔޫރަޕުގައި ބަނގުރޫޓު ވެފައި އޮތް ގްރީސްއޭ ކިޔާ ތަނަކީ ވެސް ވަރުގަދަ ޙަޟާރަތެއް. މިހާރު އެގައުމުތަކަށް އެކަމުން ލިބުނު މާއްދީ ކުރިއެރުން ކަލެއަށް އެބަ ފެނޭތަ؟
މެސީ1
28 October 2021
ކޮބާ އީޕީއޭ، ނިދާފަ ދޯ، ތި ވަޅުކައިރިއައް ފުލެމިންގޯއެއް ގެންދެބަލަ
ފެސީ1
28 October 2021
ކަލޭ ހާދަމަޖައޭދޯ.
ކކނހ
28 October 2021
ކުއް؛ލިއަކަށް ފާޅުވި ވަޅެއްތަ ތިޔަ؟
ހައްވަ
28 October 2021
ތިޔަވަޅަކީ ލަފާކުރެވޭ ގޮތުގައި އުތީމުގައި ދަނޑުހެއްދި ދުވަސްވަރު ދަނޑަށް ފެންދިނުމަށް ހަދާފައިވާ ވެލިގަޅުގެ ވަޅެއްކަމަށް ފެންނަނީ. އެއީ ފަސްއަރާ ފޮރުވިފައި ހުރުމުން ވަޅެއް ހުރިކަން ނޭގި ހުރެދާނެ. އެހެންނަމަވެސް ޒަމާންތަކަކަށް ފަހު އެދިމާ ގިރާލާ ރާޅު އެރީމާ ވަޅު ފެންނަގޮތް ވީކަމަށް ފެންނަނީ. އާންމުކޮށް ފަޅުރަށްރަށުގައި ދަނޑުބިމުގައި ހުންނަ ވަޅު ފެންނަން ހުންނަނީ ތިކަހަލަ ގޮތަކަށް.
މުޑަހަންޖާ
28 October 2021
އުތީމުބަޔަކު ވެރިކަން ހޯދަން އެބުނާ ސަކަރާތެއް ނުޖެހިނަމަ މިއަދު ރާއްޖެ ހިމެނޭނީ ދުނިޔޭގެ އެންމެ ތަރައްގީ ގައުމުތަކުގެތެރޭގަ، ލިބޭހާ ލާރިއެއް ކުލީގެނަމުގަ ކ.މާލޭ ގޭގެއަށް ދޭކަށް ނުޖެހޭނެ.
ކޮމެންޓޭ1
28 October 2021
ފިސާރި ވޯކް ބޭފުޅޭއް ހެން ހީވޭ
ނިޔާއްޓެ
28 October 2021
ތިޔަ ވަޅު ތެރެއިން ކަނޑިެއްކެ ފޮށައެއް ނަމަވެސް ފެނޭތޯ ބަލާބަ.
ކޮރަލް
28 October 2021
އަސާރީ ތަންތަން ހޯދާ ނެ އެވެ. އަގު ބޮޑު އެއްޗެއް ވެއްޖިއްޔާ ގެއްލޭނެ އެވެ. ނޫނީ ވަގަށް ނަގާނެ އެވެ.