އަލީ ވަހީދު: އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދިއުމުގެ މައްސަލާގެ އަޑުއެހުމެއް އަންނަ މަހު ބާއްވަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
30 އޮކްޓޯބަރ 2021 - 10:44
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތް އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އެހެންވެ، އޭނާ އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން އޭނާއަށް ދޭން ނިންމުމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން، އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން އެ ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތަށް ކުރިން ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ވެސް އެ ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އެ ހުކުމް މިހާތަނަށް ތަންފީޒެއް ނުކުރެވެ އެވެ.
އަލީ ވަހީދު އެނބުރި ވަޑައިގަންނަވަންޖެހޭ މުއްދަތު ހަމަވިއިރު ވެސް އޭނާ ރާއްޖެ ވަޑައިނުގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ވެސް ދައުލަތުން ކޯޓުގައި އެދުނެވެ. އެކަމަކު ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓް ނުހިފެހެއްޓޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތު
30 October 2021
ކޮބާ އަނެއްކާވެސް މާބޮޑަށް ސަރުކާރަށް ފާޑުކިޔުން ގިންވީދޯ އެއްކަލަ އަލީ ވަހީދުގެ ޝަރީއަތޭ ކިޔާ މީހުންގެ ވިސްނުން އެހެން ދިމާލަކަށް މި އަނބުރަނީ؟
ބަހަނާ
30 October 2021
ތީ ވަރަށް ބާ ކޮމެންޓެއް. އެއްވެސް އުފެއްދުންތެރިކަމެއް ނެތް ލަވައެއް