ދުނިޔެ / ދުނިޔެ ހޫނުވުން

މިއީ ތިމާވެށީގެ ވަރަށް ނާޒުކު ހިނދުކޮޅެއް: ބޮރިސް

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ. --އޭއެފްޕީ

31 އޮކްޓޯބަރ 2021 - 12:00

ދުނިޔެ އަށް މިހާރު ކުރިމަތިވެފައި މިވަނީ ވަރަށް ނާޒުކު ހިނދުކޮޅެއް ކަމަށާއި، މިހާރު އެކަށީގެންވާ މަސައްކަތްތަކެއްކޮށް، ދުނިޔެ ސަލާމަތް ނުކުރެވިއްޖެ ނަމަ، އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ ބައްދަލުވުމަށް އިޓަލީގެ ވެރިރަށް ރޯމަށް ވަޑައިގެން، ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، ދުނިޔެ ހޫނުވުން ހުއްޓުވުމަށް މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ، ވަގުތު ފާއިތުވެދާނެ އެވެ.

ޖީ20ގެ ގައުމުތަކަކީ، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ވާއިރު، ޖައްވަށް ދޫކުރާ، ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭހުގެ، 80 ޕަސެންޓް ޖައްވަށް ބޭރުކުރަނީ، އެންމެ ކުރިއަރާފައިވާ 20 ގައުމުންނެވެ.

އޮކްޓޫބަރ 30، 2021: އިޓަލީގެ ވެރިރަށް ރޯމްގައި ކުރިއަށްދާ ޖީ20ގެ މަހާސިންތާއާ ދެކޮޅު ހެދުމުގެ ގޮތުން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމާއަތްތައް ގުޅިގެން މުޒާހަރާ ކުރަނީ. --އޭއެފްޕީ

އިނގިރޭސި ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމަށް މެދުވެރިވި އަމަލުތައް އެންމެ ގިނައިން ހިންގާފައިވަނީ، އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުން ކަމަށްވާއިރު، ޖީ20ގެ މަހާސިންތާ އަށް ބޮޑުވަޒީރު ވަޑައިގެންނެވީ ވަރަށް ވަރުގަދަ މެސެޖަކާއިގެންނެވެ. އެއީ، އެ އަމަލުތައް ހިންގި ގައުމުތައް އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމާއި، ދުނިޔެ ހޫނުވުމުގެ ސަބަބުން މެދުވެރިވެފައިވާ ތިމާވެށީގެ މައްސަލަތަކުން ގެއްލުން ލިބެމުންދާ ގައުމުތަކަށް، އެހީތެރިވާންޖެހޭނެ ކަމުގެ މެސެޖެވެ.

"ބޭނުންވަނީ، މޫސުމީ ބަދަލުތައް ނިމުމަކަށް ގެނައުމުގެ ފެށުމަކަށް، ކޮޕް26 ހަދަން. ކުރިއަށް އޮތް ދުވަސްކޮޅަކީ، ތިމާވެށީގެ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ނަމޫނާ ދެއްކުމަށް، ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް ލިބޭ ވަރަށް ނާޒުކު ހިނދުކޮޅެއް،" ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް ކޮޅަށް ޖަހާފައިވަނީ، ދުނިޔެ ހޫނުވާން މެދުވެރިވާ ވިހަ ގޭސްތައް ޖައްވަށް ބޭރުކޮށްގެންނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ޒިންމާ އެ ގައުމުތަކުން ނަގަންޖެހޭއިރު، މޫސުމީ ބަދަލުތަކުގެ ހުރިހާ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވަނީ ދުނިޔޭގެ ފަގީރު ގައުމުތަކެވެ.

އޮކްޓޫބަރ 30، 2021: އިޓަލީގެ ވެރިރަށް ރޯމްގައި ކުރިއަށްދާ ޖީ20ގެ މަހާސިންތާއާ ދެކޮޅު ހެދުމުގެ ގޮތުން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމާއަތްތައް ގުޅިގެން މުޒާހަރާ ކުރަނީ. --އޭއެފްޕީ

"ތިމާވެށީގެ ގޮތުން އެންމެ ނާޒުކު ގައުމުތައް، ތަޖުރިބާކުރަންޖެހޭ ފެންބޮޑުވުންތަކާއި، ޖަންގަލިތަކުގައި ރޯވުމާއި، ހޫނު ރޯޅިތަކުގެ ހާދިސާތައް އެދަނީ އިތުރުވަމުން. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދުތައް އެދަނީ ފަނާވަމުން."

އޭނާ ވިދާޅުވި ގޮތުގައި، ތިމާވެށީގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމުތަކާއި، ދުނިޔެ ހޫނުކުރާ ވިހަ ގޭސްތައް އެންމެ ގިނައިން ޖައްވަށް ދޫކުރާ ބޮޑެތި ގައުމުތަކުގެ (ޖީ20) ވެރިން، މާދަމާ ކޮޕް26ގެ ބައްދަލުވުމުގައި ހަތަރުކަޅި ހަމަކޮށް ބައްދަލުކުރާނެ އެވެ.

ބޮރިސް ޖޯންސަންގެ ފަރާތުން މި މޭރުމުން މި ވާހަކަ ދެއްކެވީ، އދ.ގެ ތިމާވެށީގެ މަހާސިންތާ، ކޮޕް26 (ކޮންފަރެންސް އޮފް ދަ ޕާޓީޒް)ގެ ބައްދަލުވުންތައް މިއަދު ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. މި މަހާސިންތާ މިއަހަރު ކުރިއަށް ދާނީ، އިނގިރޭސި ވިލާތުގެ ސްކޮޓްލޭންޑްގެ ގްލަސްގޯގަ އެވެ. މި މަހާސިންތާގެ ރިއާސަތު ބަލަހައްޓާނީ އިނގިރޭސި ވިލާތާއި އިޓަލީ ވިލާތުންނެވެ.

މިއަހަރުގެ ތިމާވެއްޓާ ބެހޭ ބައްދަލުވުމުގައި މުހިންމު ބައެއް ގައުމުތައް ބައިވެރި ނުވާނެ އެވެ. އެއީ، އެންމެ ގިނައިން ޖައްވުގެ ތެރެއަށް ވިހަ ގޭސް ބޭރުކުރާ ޗައިނާ އާއި، ރަޝިޔާގެ އިތުރުން، މިހާރު ވެސް ތިމާވެށީގެ އެތައް ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާ ބްރެޒިލް އެވެ.

ކޮޕް26 މަހާސިންތާއަކީ، އދ.ގެ ތިމާވެއްޓާ ބެހޭ މުއާހަދާ (ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް)ގެ ބައިވެރިންގެ މެދުގައި ބާއްވާ 26 ވަނަ ބައްދަލުވުމެވެ. އަދި މިއީ ޕެރިސް އެގްރީމެންޓްގެ ބައިވެރިންގެ މެދުގައި ބާއްވާ ތިން ވަނަ ބައްދަލުވުމެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454