އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދު މަތިން ފެންނަ ގޮތް. ފޮޓޯ/ އާތިފް (ހަމިއްޓޭޒް)
02 ނޮވެމްބަރ 2021 - 11:52
އައްޑޫގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައި ވާތީ، ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދީފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝިނާޒް "މިހާރު" އަށް މިއަދު ވިދާޅުވީ، ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދޫ އާއި ގުޅިފައިވާ ރަށްތަކާ ދެމެދު ފެރީ ދަތުރުތައް ކުރުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ކުރިން އޮތް އުސޫލު އުވާލައި، އިތުރު ލުއިތަކެއް ދޭން އިއްޔެ ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ، ކަނޑުމަގުންނާއި ވައިގެ މަގުން އައްޑު އަށް ދަތުރުކުރިޔަސް، ޕީސީއާރު ޓެސްޓް އަދި ހުއްދަ ހޯދަން ވެސް ދެން ނުޖެހޭނެ ކަމަށެވެ.
"ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އެންމެންނަށް ވެސް މި ލުއިތައް ލިބޭނެ،" ޝިނާޒް ވިދާޅުވި އެވެ.
މި ލުއިތައް ދިން ނަމަވެސް، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ނުވާ ނަމަ މާލެ އިން އައްޑު އަށް ނުވަތަ މޮނިޓަރިންގައި އޮތް ރަށަކުން އައްޑު އަށް ދަތުރުކުރާ މީހުން ކަރަންޓީން ވާކަށް ޖެހޭނެ އެވެ. އެކަމަކު އެއްވެސް ޑޯޒެއް ޖަހާފައި ނެތް މީހަކަށް، އައްޑޫން މާލެ އަށް ދަތުރެއް ނުކުރެވޭނެ އެވެ.
ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީ ކަމަށްވާ އުމުރުން 12 އަހަރުން މަތީގެ 90 ޕަސެންޓް މީހުން، އައްޑޫގައި ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އެ ސިޓީގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުން ދާތީ، މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެކަމަކު މި ލުއިތައް ދިން ނަމަވެސް، މޮނީޓަރިންގެ ހާލަތު އުވާލާފައެއް ނުވެ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެ ސިޓީގައި މިވަގުތު 200 އަށް ވުރެ ގިނަ މީހުން އަންނަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. މި ބަލީގައި މިހާތަނަށް އެ ސިޓީން ފަސް މީހަކު މަރުވިއިރު، އޭގެ ތެރެއިން ހަތަރު މީހަކު މަރުވީ މިދިޔަ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟ ބބބ
02 November 2021
ކައުންސިލުން އަންގަނީ ތީ ކައުންސިލަށް އެނގޭ ކަމެއް ނޫނޭ. ފަރުދީ ގޮތުން ކައުންސިލަރަކު ދައްކާ ވާހަކަ އަކީ ކައުންސިލްގެ ބަހެއް ނޫނޭ. ޙެޑްލައިން ހަދަން މޮޔަވާ ކައުންސިލަރުންވެސް އުޅޭނެ
އިޓަލިއްޑޫ.
02 November 2021
ބަލަ އައްޑުއަކީ ދިވެހިރާއްޖޭގެ ވެނިސްތަ ؟ އައްޑޫސިޓީގެ މަގުތަކެއް ނޯވޭތަ ؟ މުޅިންވެސް ފެންނަނީ ފެންގަނޑު. ކޯޜުގެ ތެރޭގައިތޯ އައްޑީ އިކްއިޓޯރިއަލް ހޮސްޕިޓަލް ހުންނަނީ؟ ކީއްވެ މޯލްޑިވިއަން އައްޑޫ ޓްއަރ ނުބާއްވަނީ؟ އަހަރުމެން ބޭނުން އައްޑޫ ބަލާލަން ދާން.
އޮނަރަބްލް އަފީފު ދީދީ
02 November 2021
ކޮންއިރަކުންތޯ މިސިޓިގައި އެޗްޕީއޭއިން ހިންގާފައިވާ ކާފިއު ނަގާލާ ސިޓީގެ އާންމުރައްޔިތުނަށް މިނިވަންކަމާއިއެކުއުޅެން ފުރުސަތުދޭނީ. # މިހާރު އޮތްގޮތުން ރޭގަނޑު 9:00 އާއިހަމައަށް މަނާއެއްވެސްކަމެއްނެތް. PCR ހެދުމެއްނެތި ސިޓީއިން ބޭރަށްގޮސް އައުމަކަށް ހުރަހެއްނެތް. ސްޕަރމާކެޓް، ހޮޓާ، ކެފޭ، ރެސްޓޮރާންޓް، ބޯކޮށާ ތަންތަނާއި މަސްމާރުކޭޓްފަދަ ހުރިހާ ތަނަކަށް ވަދެވޭ. އެކަމަކުބރޭގަނޑު 9 ގެ ފަހުން ކާފިއު.!!؟ މިއީ ކޮންކަހަލަ ކަމެއްތޯ؟ އަލަށް ހޯދުނު ގޮތެއްތޯ؟
ނިޒާރު.
02 November 2021
ރޭގަނޑު 9 ގެ ފަހުން ކާފިއު ހިންގާފައިވަނީ ސިޓީކައުންސިލާއި ފުލުހުން އެދިގެން. އައްޑޫ ބަލަހައްޓާން މަދު އަދަދެއްގެ ފުލުހުން ތިބީމަ 9 ގެ ފަހުން ކާފިއު ހިންގައިގެން ނޫނީ އައްޑޫސިޓީ ބެލެހެއްޓެން ނެތްކަމަށް ފުލުހުން ބުނަނީ.