މެންޗެސްޓާ (ޖުލައި 18) – ނަޕޯލީގެ ސްޕެނިޝް ގޯލްކީޕަރު ޕެޕޭ ރެއިނާ ގަތުމަށް މެންޗެސްޓާ ސިޓީން ބިޑްކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ސިޓީން ރެއިނާ ބޭނުންވަނީ އެ ޓީމަށް ބެންފީކާ އިން ގެނައި ބްރެޒިލް ގޯލްކީޕަރު އެޑަސަން މޮރެއަސްގެ ބެކަޕްއަޕް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ރެއިނާ ފަދަ ތަޖުރިބާކާރު ކީޕަރަކާ އެކު މަސައްކަތްކުރަން ފުރުސަތު ލިބިއްޖެ ނަމަ އުމުރުން 23 އަހަރުގެ އެޑަސަން އަށް ފައިދާކުރާނެ އެވެ.
ސިޓީން 3 މިލިއަން ޔޫރޯގެ އޮފާއެއް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު ނަޕޯލީން އޭނާ މި އަގަށް ވިއްކާލާނެ ކަމަށް ނުބެލެވެ އެވެ.
އުމުރުން 34 އަހަރުގެ ރެއިނާ ވަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެއްކޮށް ބާސެލޯނާ އަށް ކުޅެފަ އެވެ. ބާސެލޯނާގެ އެކަޑަމީ ތައާރަފްވި ރެއިނާ އެ ކްލަބުގެ ސީނިއާ ޓީމަށް 2002 ވަނަ އަހަރުގެ ނިޔަލަށް ކުޅުމަށް ފަހު ވިޔަރެއާލަށް ވެސް ކުޅުނުއިރު ކާމިޔާބު ދުވަސްތައް ހޭދަކުރީ 2005 އިން 2014 އަށް ލިވަޕޫލުގަ އެވެ. އޭގެ ފަހުން ލޯން އުސޫލުން ނަޕޯލީ އަށް ކުޅުމަށް ފަހު ގާޑިއޯލާ އޭރު ކޯޗުކޮށްދިން ބަޔާން މިއުނިކަށް ވެސް އެއް ސީޒަން ކުޅުނެވެ. އެއަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ނަޕޯލީ އަށް ބަދަލުވީ 2015 ގަ އެވެ.
ރެއިނާ އަތުވެއްޖެ ނަމަ ސިޓީން ކްލައުޑިއޯ ބްރާވޯ ދޫކޮށްލާނެ އެވެ. ބާސެލޯނާ އިން އޭނާ ސިޓީއާ ގުޅުނީ މިދިޔަ ސީޒަނުގަ އެވެ. އަނެއްކޮޅުން ސިޓީގެ އެއް ނަމްބަރު ކީޕަރު ޖޯ ހާޓް ލޯން އުސޫލުން މިދިޔަ ސީޒަން ކުޅުނީ ޓޮރިނޯ އަށެވެ. އޭނާގެ ކުރިމަގާ މެދު އަދި ގޮތެއް ނުނިމެ އެވެ.