ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކް ސާމާނު ވިއްކާ، ޕާސަނަލް ކޮމްޕިއުޓާސްގެ ބްރޭންޑް އެމްބެސެޑަރަކަށް "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން ހަމަޖައްސައިިފި އެވެ.

ސޯޝަލް މީޑިއާގައި މަގްބޫލުކަން ހޯދާފައިވާ ސާޖިން އެ ފިހާރައިގެ އެމްބެސެޑަރަކަށް ވުމުން އެ ކަން ފާހަގަކުރުމުގެ ގޮތުން އޭނާއަށް ވަނީ ލެނޯވޯ ބްރޭންޑްގެ ލެޕްޓޮޕެއް ހަދިޔާކޮށްފަ އެވެ. ޕާސަނަލް ކޮމްޕިއުޓާސް އިން ބުނީ ސާޖިން އެމްބެސެޑަރަކަށް ހަމަޖެއްސީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

ޕާސަނަލް ކޮމްޕިއުޓާސްގެ އިތުރަށް ސާޖިން އަންނަނީ ރާއްޖޭގެ އެހެން ބައެއް ބްރޭންޑްތަކުގެ ވެސް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ގއ. ގެމަނަފުއްޓަށް އުފަން ސާޖިން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވަނީ އޭނާ ކުރާ މަސައްކަތާ ގުޅުވައިގެން "ޒުވާން މަސްވެރިޔާ"ގެ ނަމުންނެވެ. މަސްވެރިކަމާ ގުޅޭ ވީޑިއޯ އާއި ފޮޓޯތައް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ.

ޕާސަނަލް ކޮމްޕިއުޓާސްގެ އެމްބެސެޑަރަކަށް ވުމުން ފިހާރައިން ހިންގާ މުހިއްމު ހުރިހާ ހަރަކާތެއްގައި ސާޖިން ބައިވެރިވާނެ އެވެ.

ޕާސަނަލް ކޮމްޕިއުޓާގެ އިސްވެރިނާ އެކު ހަސަން ސާޖިން. --ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
ޕާސަނަލް ކޮމްޕިއުޓާގެ އިސްވެރިނާ އެކު ހަސަން ސާޖިން. --ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ޕާސަނަލް ކޮމްޕިއުޓާސް ފިހާރައަށް 13 އަހަރުވެފައިވާ އިރު މަޝްހޫރު ގިނަ ބްރޭންޑްތަކެއް އެތަނުން އަންނަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި ލެނޯވޯ، ލޮޖިޓެކް، އެޗްޕީ، އޭޕީސީ އަދި ނެޓްނޭނީގެ އިތުރުން ވާޓިކް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.

މި ބްރޭންޑްތަކުގެ ކޮމްޕިއުޓަ ސިސްޓަމާއި ލެޕްޓޮޕް ވިއްކާ އިރު މަރާމާތު ކޮށްދިނުމުގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ. އެ ފިހާރައިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް މި ބްރޭންޑްތަކުގެ ތަކެތި ލިބޭނެ އެވެ.