ލޮސް އެންޖެލެސް (ނޮވެމްބަރު 1) - އެމެރިކާގެ އެމްއެލްއެސް އަށް ފަހު ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ދެން ގުޅޭނީ އޮސްޓްރޭލިއާ ލީގުގެ ޕާތު ގްލޯރީއާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާ އާއި އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އިބްރަހިމޮވިޗްގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޕާތުގެ އޮފިޝަލުންނާ މަޝްވަރާތަކެއް ވެސް ބާއްވައިފަ އެވެ. އެކަން ޕާތުގެ ޗީފް އެގްޒެކްޓިވް ޓޯނީ ޕީނާޓާ ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ.
"ތެދެެއް މަޝްވަރާތަކެއް ކުރެވިއްޖެ. އަދި ވަރަށް ޕޮޒިޓިވް. އެކަމަކު ހުރިހާ ކަމެއް ނިމޭނީ ކޮންޓްރެކްޓެއްގައި ސޮއިކުރެވޭ ހިސާބުން،" ޕީނާޓާ ވިދާޅުވި އެވެ.
އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް، މިހާރު ކުޅެމުން އަންނަ އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ މަހު ހަމަވާނެ އެވެ. ގެލެކްސީ އަށް އިބްރަހިމޮވިޗް އެންމެ ފަހުން ކުޅެދިން މެޗަށް ފަހު ސަޕޯޓަރުންނާ އޭނާގެ ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. މެޗަށް ފަހު އިބްރަހިމޮވިޗް ވަނީ ސަޕޯޓަރުންނަށް ބަހުގެ ހަމަލާއެއް ވެސް ފޮނުވާލައިފަ އެވެ. އެ ހާދިސާ އަށް ފަހު ގެލެކްސީން މިހާރު ވަނީ އިބްރަހިމޮވިޗްގެ އެއްބަސްވުން އާ ނުކުރަން ނިންމައިފަ އެވެ.
މިދިޔަ އަހަރު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ވަނީ ތަފާތު ގައުމުތަކުގައި ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެ ވާހަކަތަކަށް ބަލާއިރު އޮސްޓްރޭލިއާ ލީގުން އޭނާ ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެކަމަކު ޗައިނާގެ ކްލަބްތަކާއި ޔޫރަޕްގެ ޓީމުތަކުގެ ހުށަހެޅުންތައް ވެސް އިބްރަހިމޮވިޗަށް ވަނީ ލިބިފަ އެވެ. އެހެންކަމުން އޭނާ އަށް ކުރިމަތީގައި އޮތީ އުނދަގޫ ނިންމުމެކެވެ.
ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި އޭސީ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދެއްކި އިބްރަހިމޮވިޗް ފާހަގަކުރެވެނީ މަތީ ފަންތީގައި އެންމެ ގިނަ ދުވަހު ކުޅެ އެންމެ ގިނަ ކާމިޔާބު ހޯދި އެއް ސެންޓަ ފޯވާޑުގެ ގޮތުގަ އެވެ.