ރާއްޖެ އިން ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސިއްހީ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ހުންނަ ފާމަސީ އަދި ބޭރުގައި ހުންނަ ފާމަސީތައް ދެ ގްރޭޑަކަށް ބަހާލައި، ބޭސް ބަހައްޓަންޖެހޭ މިންވަރަށް ބަދަލު ގެނެސްފި އެވެ.

އެމްއެފްޑީއޭގެ ފާމަސޫޓިކަލްސްގެ ޑިރެކްޓަރު އައިޝަތު ޖަލީލާ "މިހާރު" އަށް މިއަދު ވިދާޅުވީ، ގައިޑްލައިން މީގެ ކުރިން އޮންނަ ގޮތުން ހުރިހާ ފާމަސީއެއްގައި ވެސް އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ބޭހުގެ 70 ޕަސެންޓު ހުންނަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އިމަޖެންސީ ހާލަތްތަކުގައި ބޭނުންވެދާނެ ބޭސްތައް ވެސް ހިމެނެ އެވެ. 

ނަމަވެސް، އާއްމު ރޫޓިންގައި ބަލާއިރު ވެސް އެ އަދަދަށް ފާމަސީތަކުގައި ބޭސް ނުހުންނަ ކަމަށް ޖަލީލާ ވިދާޅުވި އެވެ. 

އަސާސީ ބޭސް ލިސްޓުގައި 400 އަށް ވުރެ ގިނަ ބޭސް ހިމެނެ އެވެ.

"ގަވާއިދެއް ހަދާފައި ވެސް އެކަން ތަންފީޒު ނުވަންޏާ ބަލަންޖެހޭނެތާ ކިހިނެއް ވެގެންތޯ މިކަން ހާސިލް ނުވަނީ. ފާމަސީތަކުގެ ކަންބޮޑުވުމަކީ އާއްމުކޮށް ގަވާއިދުން ބޭނުން ނުކުރާ ބޭސްތައް ގެންނާތީ ކަމަށް ދަތިވަނީ،" އޭނާ ވިދާޅުވި އެވެ. 

އޭގެ ހައްލަކަށް އެމްއެފްޑީއޭއިން ވަނީ ފާމަސީތަކުގައި ބޭސް ހުންނަންޖެހޭ ގައިޑްލައިނަށް ބަދަލުތައް ގެނެސްފަ އެވެ. އެއީ؛

- ހެލްތު ފެސިލިޓީން ބޭރުގައި ހިންގާ ފާމަސީތައް ގްރޭޑު 1

- ހެލްތު ފެސިލިޓީގައި ހިންގާ ފާމަސީތައް ގްރޭޑު 2

ޖަލީލާ ވިދާޅުވި ގޮތުގައި، ހެލްތު ފެސިލިޓީގައި ހިންގާ ފާމަސީގައި ވެސް އެ ފެސިލިޓީއެއްގެ ލެވެލް އިން ބޭސް ބަހައްޓަންޖެހޭ މިންވަރު ތަފާތުވާނެ އެވެ. މިސާލަކަށް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ތެރޭގައި ހިންގާ ފާމަސީއެއްގައި، ލެވެލް ތިނެއްގެ ހޮސްޕިޓަލް ތެރޭގައި ހުންނަ ފާމަސީއަކަށް ވުރެ ގިނަ ބޭސް ހިމެނޭނެ އެވެ.

އެ އޮތޯރިޓީން އިއްޔެ ކުރި އިއުލާންގައި ބުނީ ދެ ގްރޭޑަށް ބަހާލައި، އެ ފާމަސީއާ ގުޅޭ ގްރޭޑަކުން 80 ޕަސެންޓަށް ބޭސް ހަމަކުރަންޖެހޭނެ ކަމަށެވެ. އެކަން ފުރިހަމަކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

އޭގެ އިތުރުން އަލަށް ހުޅުވާ ފާމަސީ ރަޖިސްޓަރީ ކުރުމަށް ފަހު ބޭސް ވިއްކުމުގެ ހުއްދަ ދޭނީ، އިއުލާނުގައި ބުނި ގޮތުގައި އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސް ހަމަކުރުމުންނެވެ.

ފާމަސީތަކުގައި ބޭސް ބަހައްޓަންޖެހޭ ގައިޑްލައިނަށް ބަދަލުތަކެއް ގެނައި އިރު، ރާއްޖެއިން ބޭސް ނުލިބޭ މައްސަލަ ވަރަށް ބޮޑެވެ. އެކަން ހައްލުކުރަން ސަރުކާރުން ވަނީ މިދިޔަ އަހަރު ވަކި ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.