ފޮޓޯއިން ފެންނަނީ ކުޑަ ދެ ކުއްޖަކު ޑިންގީއެއްގައި މޫދުގައި ދުއްވާފައި ދާ މަންޒަރެވެ. އެއީ މ. އަތޮޅުގެ ރަށެއްގެ މޫދު ނަމަވެސް ޑިންގީގެ ފަހަތުން ފެންނަން އެ އޮތީ ލ. ގާދު އެވެ. އެކަމަކު ހަގީގަތުގައި އެ ކުދިން ތިބީ ލ. ފޮނަދޫ ބަނދަރު މަތީގަ އެވެ.

މިއީ "ސާލިހާ"ގެ ނަމުގައި ހެދި ފޭސްބުކް ޕޭޖަކުން މަޝްހޫރުވި ފޮޓޯތަކެވެ. މިއީ ޔޫސުފް ހަލީލު، 28، ފޮޓޯޝޮޕުން ހަދާފައިވާ ފޮޓޯތަކެވެ. ފޭސްބުކް ޕޭޖް ހެދީ އެ ފޮޓޯތައް އާންމުންނާ ހަމައަށް ގެނެސްދޭށެވެ. ރާއްޖޭގެ އެކި ރަށްރަށުގެ މަންޒަރުތައް އެއް ފޮޓޯއަކަށް ފައްތާލައިގެން، މުޅިން އާ މަންޒަރެއް ދައްކައިދޭ މި ފޮޓޯއިން އޭނާގެ ހުނަރުވެރިކަން ފެނެ އެވެ.

ކޮމްޕިއުޓަރު އެޕްލިކޭޝަނަކުން ކޮންމެ މީހަކަށް ވެސް މި ކަހަލަ މަންޒަރެއް ހަދާލެވޭނެ ކަމަށް ބުނާ މީހުންނަށް އޭނާ ދޭން އޮތީ މި ރައްދެވެ؛ ފަންސުރެއް އޮތިއްޔާ ކޮންމެ މީހަކަށް ވެސް ކުރެހިދާނެ އެވެ.

ފޮޓޯއެއް ނެގުމަށް ކުޑަކުއްޖަކު ޑިންގީއެއްގައި: މި ފޮޓޯ ނިންމާލާއިރު ފެންނާނީ އެހެން މަންޒަރެއް
ފޮޓޯއެއް ނެގުމަށް ކުޑަކުއްޖަކު ޑިންގީއެއްގައި: މި ފޮޓޯ ނިންމާލާއިރު ފެންނާނީ އެހެން މަންޒަރެއް

ޔޫސުފަކީ ފޮޓޯޝޮޕް ބޭނުންކޮށްގެން މިފަދަ "ވާހަކަތައް" ކިޔައިދީގެން މީހުންގެ ސަމާލުކަން ހޯދި ފަންނުވެރިއެކެވެ.

"މޫދު ބަޑީސް"ގެ ނަމުގައި އޭނާ އެންމެ ފަހުން ކުރި މި މަސައްކަތުގައި ޑިންގީން ކުއްޖަކު މޫދަށް ފުންމާލާ މަންޒަރު ފެނުނަސް ހަގީގަތުގައި އެ ކުއްޖާ އެ އޮތީ ގޭތެރޭގެ މޭޒެއްގެ މަތީގަ އެވެ. ފޮޓޯ ފުރިހަމަކުރަނީ ފޮޓޯޝޮޕުންނެވެ. އެކަމަކު ވީހާ ވެސް އަސްލާ އެއްގޮތަށް ފޮޓޯ ގެނެސްދޭން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން މި ފޮޓޯއިން ވެސް އެނގެ އެވެ.

ޔޫސުފް އެޑިޓްކޮށްފައިވާ ފޮޓޯއެއް: މިއީ ގިނަ މަންޒަރުތަކެއް އެއްކޮށްލައިގެން ހަދާފައިވާ ފޮޓޯއެއް
ޔޫސުފް އެޑިޓްކޮށްފައިވާ ފޮޓޯއެއް: މިއީ ގިނަ މަންޒަރުތަކެއް އެއްކޮށްލައިގެން ހަދާފައިވާ ފޮޓޯއެއް

ޔޫސުފްގެ މިފަދަ ފުރަތަމަ މަސައްކަތަށް ވެސް ގިނަ ބައެއްގެ ތައުރީފް އޮހުނެވެ. އެ ފޮޓޯ ސީރީޒުން ދައްކައިދެނީ އިހުޒަމާނުގައި ދިވެހިންގެ ދިރިއުޅުމެވެ. ދިވެހިލިބާހާއި މުންޑުގައި ތިބި ދެމަފިރިއެއްގެ ދިރިއުޅުން އެ ފޮޓޯތަކުން ދައްކައިދިން އިރު، އެ ދެ މީހުން ފިޔަވައި ފޮޓޯގެ އެހެން ހުރިހާ މަންޒަރުތައް އެއީ ތަފާތު އެކި ތަންތަނެވެ.

ޔޫސުފްގެ ފޮޓޯއެއް އެޑިޓް ކުރުމަށް އެހެން ފޮޓޯއެއް ނަގަނީ: އޭނާ ފޮޓޯ ހަދަނީ ގިނަ މަންޒަރުތަކެއް އެއްކޮށްލައިގެން
ޔޫސުފްގެ ފޮޓޯއެއް އެޑިޓް ކުރުމަށް އެހެން ފޮޓޯއެއް ނަގަނީ: އޭނާ ފޮޓޯ ހަދަނީ ގިނަ މަންޒަރުތަކެއް އެއްކޮށްލައިގެން

ފޮޓޯއިން ފެންނަ ބިންމަތީގެ ވެލިކޮޅުގެ ފޮޓޯ، މާލޭގެ އަޑިޕާކުން ނެގި އިރު ފާރު އެއީ ކޮންމެވެސް ރަށަކުން އޭނާ ނަގާފައިވާ ފޮޓޯއެކެވެ. އެކަމަކު މުޅި މި ފޮޓޯއަށް ބަލާލުމުން އެއީ އެޑިޓްކޮށްފައިވާ ފޮޓޯއެއްކަން ނޭނގޭހާ މަންޒަރުތައް ރީއްޗެވެ.

"ފޮޓޯޝޮޕް ބޭނުންކުރޭ ވަރަށް ގިނަ މީހުން. އެކަމަކު އަޅުގަނޑު ބޭނުންވީ މި ހުނަރު ތަފާތު ގޮތަކަށް ގެނެސްދޭން. މީހުންނަށް މިއިން ވާހަކައެއް ކިޔައިދޭން،" ލ. ފޮނަދޫގައި ދިރިއުޅެމުން އަންނަ ޒުވާނާ ބުންޏެވެ.

ޔޫސުފް އެޑިޓްކޮށްފައިވާ ފޮޓޯއެއް: ފޮޓޯ އެޑިޓްކުރުމުގައި އޭނާ ބަލަނީ ރީތި ވާހަކައެއް ގެނެސްދޭން
ޔޫސުފް އެޑިޓްކޮށްފައިވާ ފޮޓޯއެއް: ފޮޓޯ އެޑިޓްކުރުމުގައި އޭނާ ބަލަނީ ރީތި ވާހަކައެއް ގެނެސްދޭން

ފޮޓޯ ނަގަން އަބަދުވެސް ޝައުގުވެރިކަން ހުރި ނަމަވެސް އޭނާ މި މަސައްކަތް ފެށީ ޑީއެސްއެލްއާރު ކެމެރާއެއް އަތަށް ލިބުމުން 2013 ވަނަ އަހަރު އެވެ. އޭރު ހަމައެކަނި ނެގީ ގޭގައި އުޅޭ ކޮއްކޮމެންގެ ފޮޓޯ އެވެ. އެކަމަކު އިންޓަނެޓް ބަލައިގެންނާއި ފޮޮޓޯގްރަފީއާ ގުޅުން ހުރި ފޮތްތައް ބަލައިގެން އޭރު ވެސް އޭނާ ދިޔައީ ގިނަ އެއްޗެހިތަކެއް ދަސްކުރަމުންނެވެ.

ގިނަ ފޮޓޯތަކެއް އެއް ފޮޓޯއަކަށް ފައްތައިގެން ވާހަކަ ކިޔައިދޭން އޭނާ ނިންމީ ވެސް، ބޭރުގެ ފޮޓޯގްރާފަރެއްގެ މަސައްކަތް ފެނި އެއިން އިންސްޕަޔާ ވެގެންނެވެ.

ޔޫސުފް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހުނަރުވެރިކަން ވަނީ ދައްކައިދީފައި
ޔޫސުފް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހުނަރުވެރިކަން ވަނީ ދައްކައިދީފައި

ދެން ޔޫސުފްގެ ވާހަކަ އެވެ. ދިރާގުގައި ވަޒީފާ އަދާކުރަމުން އަންނަ އެ ޒުވާނާ ވަނީ މީގެ މަދު އަހަރުތަކެއް ކުރިން ލޭގެ ކެންސަރާ ހަނގުރާމަކޮށް، އޭގެ މައްޗަށް ކުރި ހޯދާފަ އެވެ. ބަލީގެ ކުރީ ކޮޅު އެކަން ދެނެގަނެވުމުން ބޭސް ކައިގެން ފަރުޖެއްސުން ނަމަވެސް، އެއީ ދިގު މުއްދަތަކަށް ކުރަން ޖެހުނު ފަރުވާއެކެވެ.

"ބޭސް ކެއުން ހުއްޓާލިތާ އަދި ދެ މަހެއް ވަރު ވާނީ. އެކަމަކު ބަލި އަޅުގަނޑުގެ ކުރިއެރުމަށް އެއްވެސް ވަރަކަށް ހުރަސް އެޅުނަކަ ނުދެން،" ޔޫސުފް ބުންޏެވެ.

ޔޫސުފް އެޑިޓްކޮށްފައިވާ ފޮޓޯއެއް: އޭނާގެ ކޮންމެ ފޮޓޯއަކުން ވެސް ރީތި ވާހަކައެއް ކިޔައިދޭ
ޔޫސުފް އެޑިޓްކޮށްފައިވާ ފޮޓޯއެއް: އޭނާގެ ކޮންމެ ފޮޓޯއަކުން ވެސް ރީތި ވާހަކައެއް ކިޔައިދޭ

މީގެ ތިން އަހަރު ކުރިން އޭނާ ފޮޓޯގްރަފީގެ ދާއިރާއަށް ނިކުތް އިރު އެއްވެސް މީހަކަށް އެއީ ކާކުކަން އެނގޭކަށް ބޭނުމެއް ނުވި އެވެ. އެހެންވެ، އޭނާ ބޭނުންކުރީ ކާފަ ސޯލިހުގެ ވަނަން ސާލިހާ އެވެ. މިހާރު އެ ނަން ވަނީ އޭނާގެ ދެވަނަ ނަމަށް ވެސް ވެފަ އެވެ.

"ސާލިހާގެ ނަމުގައި ފޭސްބުކް ޕޭޖް ހިންގާތީ އަދިވެސް މީހުން މެސެޖްކުރޭ އަންހެން ކުއްޖެއް ކަމަށް. ވަރަށް މޮޅު އަންހެން ކުއްޖެކޭ ބުނެ. މިހާރު މީހުން އާއްމުކޮށް އެހެން ގޮވާ ވެސް އުޅޭ،" ޔޫސުފް ބުންޏެވެ.

އޭނާ ފޮޓޯ ނަގަނީ އާމްދަނީ ހޯދާކަށެއް ނޫނެވެ. އެކަމަކު އޭނާގެ އެންމެ ބޮޑު ޝަކުވާ އަކީ ބައެއް މީހުން ހުއްދައާ ނުލައި އެ ފޮޓޯތައް ބޭނުން ކުރާތީ އެވެ. އެގޮތުން އޭނާ ވިއްކަން ނެގި ފޮޓޯއެއް، ހުއްދައާ ނުލައި ގްރޭޑް ހަތެއްގެ ސޯޝަލް ސްޓަޑީޒް ފޮތުގައި ވެސް ޝާއިއުކޮށްފައިވާ ކަމަށް ބުންޏެވެ.

ޔޫސުފް އެޑިޓްކޮށްފައިވާ ފޮޓޯއެއް
ޔޫސުފް އެޑިޓްކޮށްފައިވާ ފޮޓޯއެއް

އޭގެ ސަބަބުން އޭނާގެ އަތުން އެ ޕްރޮޖެކްޓް ވެސް ވަނީ ގެއްލިފަ އެވެ.

"ހަގީގަތުގައި މިއީ ވަރަށް ބުރަ މަސައްކަތް. މިގޮތަށް ކުރާ މަސައްކަތް އަހާވެސް ނުލައި ބައެއް މީހުން ބޭނުންކުރާތީ ވަރަށް ދެރަވޭ،" އޭނާ ބުންޏެވެ.

ޔޫސުފްގެ މަސައްކަތް ގިނަ މީހުން ބަލައިގަނެ އެވެ. އޭނާގެ ހުނަރަށް މޮޅެތި ފޮޓޯގްރާފަރުން ވެސް ތައުރީފް ކުރެ އެވެ. އެކަމަކު ޔޫސުފް ބުނާ ގޮތުން އޭނާއަކީ އަދި ދަސްކުރާ މީހެކެވެ. އާމްދަނީ ހޯދަން މި މަސައްކަތުގެ ތެރެއަށް ނިކުންނާނީ މަސައްކަތް އެންމެ ރަނގަޅަށް ދަސްވުމުން ކަމަށް އޭނާ ބުންޏެވެ.