އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު ވެސް މިރޭ މަގާމުން ވަކިކޮށްފި އެވެ. 

ދައުލަތުގެ ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްުޔަންކޮށް ވަކިކުރަނީ އެ ކުންފުންޏެއްގެ ބޯޑުން ފާސްކޮށްގެންނެވެ. 

އެހެންވެ، ފެން ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް މިރޭ ބާއްވައި، މިދިޔަ އަހަރުގެ އަޮގަސްޓް މަހު ޑީއެމްޑީގެ މަގާމަށް އައްޔަންކުރި ޝާހިދު ވަކިކޮށްފައިވާ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

ޝާހިދު ވަކިކުރީ ސަރުކާރުން އެދިގެން ކަމަށް ވާއިރު އޭގެ ސަބަބު ވިދާޅެއް ނުވެ އެވެ. 

އެމްޑަބްލިއުއެސްސީގައި ޝާހިދުގެ އިތުރުން ދެން ޑީއެމްޑީގެ މަގާމު ފުރުއްވަނީ އަބްދުއްސަލާމް މުހައްމަދެވެ. އެއީ މި ސަރުކާރުގެ ކުރީކޮޅު އެ މަގާމަށް އައްޔަން ކުރެއްވި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރެއިން އެކެކެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު، ދައުލަތުގެ އެކި ކުންފުނިތަކުގެ އެމްޑީގެ މަގާމުން ބައެއް ބޭފުޅުން މިއަދު ވަނީ ވަކިކޮށްފަ އެވެ. 

އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ހިމެނެ އެވެ. އަދި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ ސަރުކާރުން އަންގައިގެން މިރޭ އިސްތިއުފާ ދެއްވައިފަ އެވެ. 

ނަމަވެސް މި ބަދަލުތަކުގެ ތެރެއިން ވަކިކުރި ހަމައެކަނި ޑީއެމްޑީއަކީ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ޝާހިދެވެ. 

އިންތިހާބުގެ ނާކާމިޔާބީއާ އެކު ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ. 

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މިއަދު މަގާމުން ވަކިކުރި އެވެ. 

މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ. 

އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާ އަށް ލީކުކޮށްލައިފަ އެވެ.