ބޯންމަތު (އޭޕްރީލް 21) - ކުރިއަށް އޮތް ސީޒަނަށް ބޯންމަތުން އާ ކޯޗެއް ހަމަޖައްސައިފި އެވެ.
މިހާރު ހުރި ކޯޗު ސްޕެއިންގެ އަންޑޮނީ އީރައިއޯލާގެ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވުމުން އޭނާ ކްލަބް ދޫކޮށްލަން ނިންމާފައި ވާތީ ބޯންމަތުގެ އާ ކޯޗަކަށް ހަމަޖެއްސީ ޖަރުމަންގެ މާކޯ ރޯސް އެވެ.
މީގެ ކުރިން ރެޑްބުލް ސަލްޒްބާގާއި ބޮރޫޝީއާ މޮންޗެންގްލަޑްބަކް އަދި ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ކޯޗު ކޮށްދިން ރޯސް، 49، ބޯންމަތަށް ހަމަޖައްސާފައި ވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އީރައިއޯލާ އާއެކު ޕްރިމިއާ ލީގުގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ބޯންމަތު މިވަގުތު އޮތީ ލީގުގެ އަށްވަނައިގަ އެވެ. ހަތްވަނައިގައި އޮތް ބްރެންޓްފޯޑާއި ހަވަނައިގައި އޮތް ޗެލްސީއަށް ވެސް ވަނީ ބޯންމަތާ އެއްވަރަށް 48 ޕޮއިންޓް ލިބިފަ އެވެ.
އީރައިއޯލާ އާއެކު ބޯންމަތު ފުރަތަމަ ސީޒަން ނިންމާލީ 12 ވަނައިގަ އެވެ. އެއަށް ފަހު މިދިޔަ ސީޒަން ނިންމާލީ ނުވަވަނައިގަ އެވެ.
އެޓޭކިން ފިލޯސޮފީ އަކާއި ޓެކްނިކަލް ޑިސިޕްލިން މޮޅު ކޯޗެއްގެ ގޮތުގައި މަގުބޫލުވެފައިވާ ރޯސް އާއެކު ބޯންމަތުން ޕްރިމިއާ ލީގުގައި އިތުރު ކުރިއެރުންތަކެއް ހޯދާނެކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ރޯސް ވަނީ ސަލްޒްބާގާ އެކު އޮސްޓްރިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށް، އޮސްޓްރިއަން ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި ލައިޕްޒިގާ އެކު އޭނާ ވަނީ 2023 ވަނަ އހަަރު ޖަރުމަން ކަޕާއި ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.
ކޯޗު ބަދަލުވިއަސް ބޯންމަތުން އަންނަނީ ލީގުގައި އެ ޓީމަށް ބާކީ އޮތް ފަސް މެޗުން ވެސް އީރައިއޯލާ އާ އެކު ރަނގަޅު ނަތީޖާއެއް ހޯދައި އަންނަ ސީޒަންގައި، ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތަކަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުންނެވެ. މި ކަން ހާސިލްވާނީ ލީގުގެ ގަދަ 7 ގެ ތެރޭގައި ހިމެނިގެންނެވެ.