ސިންގަޕޫރު (ފެބްރުއަރީ 27) - އިނގިރޭސި ރައްޔިތަކު ސިންގަޕޫރުގައި ކަރަންޓީނުގައި ހުރި ހޮޓަލުގެ ކޮޓަރިން އުސޫލުތަކާ ޚިލާފަށް ނުކުމެގެން ގޮސް ލޯބިވެރިޔާއާ ބައްދަލުކޮށްފައިވާތީ ދެ ހަފުތާ އަށް ޖަލަށްލުމަށާއި 1،000 ސިންގަޕޫރު ޑޮލަރު (753 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.

ނައިޖެލް ސްކިއާ، 52، ވަނީ ހޮޓަލުގެ އިމަޖެންސީ ސިޑިން މައްޗަށް އަރައި އޭނާގެ ލޯބިވެރިޔާ އަގަތާ މަގޭޝް އެޔަމަލައި، 39، ހުރި ކޮޓަރިއަށް މިދިޔަ ސެޕްޓެމްބަރު މަހު ގޮހެވެ. އެ ދެ މީހުން މިހާރު ވަނީ ކައިވެނިކޮށްފަ އެވެ.

އެޔަމަލައި ވެސް ވަނީ އެއް ހަފުތާ އަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

ސިންގަޕޫރަށް ދަތުރުކުރާ މީހުން 14 ދުވަހަށް ހޮޓަލެއްގައި ކަރަންޓީން ވާން ޖެހެ އެވެ.

ސްކިއާ މި މަހު ވަނީ އުސޫލުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް އެއްބަސްވެފަ އެވެ. އަދި މާސްކް ނާޅައި އުޅުނު ކަމަށް ވެސް އެއްބަސްވެފަ އެވެ. ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ސްކިއާ ވަނީ ރިޒް ކާލްޓަން މިލީނިއާ ސިންގަޕޫރުގެ ހޮޓަލުގައި އޭނާ ހުރި ކޮޓަރިން ތިން ފަހަރަށް ނުކުމެ އެޔަމަލައިއާ ބައްދަލުކޮށްފަ އެވެ. އެޔަމަލައި އަކީ ސިންގަޕޫރުގައި ދިރިއުޅޭ މީހެއް ނަމަވެސް އޭނާ ވެސް ވަނީ އެ ހޮޓަލުން ކޮޓަރިއެެއް ނަގައިފަ އެވެ. އެޔަމަލައި ވެސް ވަނީ ކޮންޓްރޯލް އޯޑަރާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް އެއްބަސްވެފަ އެވެ.

ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުން ސްކިއާ ވަނީ އޭނާ ހުރި ކޮޓަރިން ނުކުމެ 13 ސިޑިން މައްޗަށް އަރައި އެޔަމަލައި ހުރި ކޮޓަރި އަށް ވަދެ އެއް ރޭ ހޭދަކޮށްފަ އެވެ. އިމަޖެންސީ އެގްޒިޓް ދޮރު ސްކިއާ އަށް ހުޅުވާދީފައި ވަނީ އެޔަމަލައި އެވެ. އެ ދެ މީހުން އެކުގައި ނުވަ ގަޑިއިރު ހޭދަކުރި ކަމަށް ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުގެ ސައުތަމްޓަންގެ ރައްޔިތެއް ކަމަށްވާ ސްކިއާ ހޮޓަލުގެ ކޮރިޑޯގައި ދެ ފަހަރެއްގެ މަތިން އުޅުނު ކަމަށް ވެސް ބުނެފައިވެ އެވެ.