ބެންކޮކް (މާޗް 9) - ތައިލެންޑުގައި ހޮޓަލުގައި ކަރަންޓީނު ވާން ޖެހޭ މުއްދަތު އަންނަ އެޕްރީލް މަހުން ފެށިގެން ކުރު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ވެކްސިން ޖަހާފައިވާ މީހުންނަށް ދެން ކަރަންޓީނު ވާން ޖެހޭނީ ހަފުތާއަކަށް ކަމަށެވެ.
ހެލްތު މިނިސްޓަރު އަނޫތިން ޗާންވިރަކުލް ވިދާޅުވީ ތިން ގްރޫޕެއްގެ މީހުންނަށް ކަރަންޓީން މުއްދަތު ކުރު ކުރަން ނިންމާފައިވާ ކަމަށެވެ. ތައިލެންޑުގެ ރަށްވެހިން ނޫން މީހުން ވެކްސިން ޖަހާފައިވާ ނަމަ ކަރަންޓީން މުއްދަތު ވަނީ 14 ދުވަހުން ހަތް ދުވަހަށް މަދުކޮށްފަ އެވެ. ހަތް ދުވަހު ކަރަންޓީނުގައި ތިބެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ ތިން މަހަށް ވުރެ ގިނަ ދުވަސް ނުވާ މީހުންނަށެވެ.
މިނިސްޓަރު ވިދާޅުވީ ތައިލެންޑުގެ ރައްޔިތެއް ނަމަވެސް އެހެން ގައުމަކުން ވެކްސިން ޖަހާފައިވާ ނަމަ ތައިލެންޑަށް ދަތުރު ކުރުމަށް ފަހު ހޮޓަލުގައި ކަރަންޓީނުގައި ހުންނަން ޖެހޭނީ ހަތް ދުވަހަށް ކަމަށެވެ.
ވެކްސިން ނުޖަހާ މީހުން ވެސް 14 ދުވަހު ކަރަންޓީނުގައި ތިބުމުގެ ބަދަލުގައި މިހާރު ވަނީ 10 ދުވަހަށް ކަރަންޓީނުގެ މުއްދަތު ކުރުކޮށްފަ އެވެ. ނަމަވެސް އެފްރިކާ އިން ދަތުރު ކުރާ މީހެއް ނަމަ ތައިލެންޑުގައި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ. ސަބަބަކީ ސައުތު އެފްރިކާ ވޭރިއަންޓަށް ކޮރޯނާވައިރަހުގެ ވެކްސިނުން ލިބޭ ރައްކާތެެރިކަން އަދި ޔަގީން ނުވާތީ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަނޫތިން ވިދާޅުވީ އޮކްޓޯބަރު މަހާ ހަމައަށްދާއިރު ތައިލެންޑުގެ ހޮޓެލް ކަރަންޓީން އުވާލަން ވިސްނަވާ ކަމަށެވެ. ސަބަބަކީ އެހާތަނަށް ދާއިރު ތައިލެންޑުގައި ހާޑް އިމިއުނިޓީ އުފެދިފާވާނެ ކަމަށް ބެލެވޭތީ ކަމަށް ވިދާޅުވި އެވެ.
ތައިލެންޑުގައި ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ މަހު ފަހުކޮޅު އެވެ. ޗައިނާގެ ސިނޮވެކް ވެކްސިން ފުރަތަމަ ޖެއްސެވީ މިނިސްޓަރު އަނޫތިން އެވެ.
ތައިލެންޑުން މިހާތަނަށް ވަނީ 26،400 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 22،000 މީހުންނަކީ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން، ދެ ވަނަ ރާޅާއެކު ޕޮޒިޓިވްވި މީހުންނެވެ.
ތައިލެންޑުގެ އިގްތިސާދުގައި އެ ގައުމަށް ދަތުރުކުރާ މީހުންގެ އަތުން ލިބޭ އާމްދަނީ މުހިންމު ރޯލެއް އަދާކުރެ އެވެ. މިދިޔަ އަހަރު 40 މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ކޮވިޑްއާ ހެދި ޓޫރިޒަމް ސެކްޓަ ވަނީ ވަޅުޖަހައިފަ އެވެ.