ބޯޓު ބަނުމުގެ ވިޔަފާރިގައި ކުރިއަށް ދިއުމަށް ދިވެހިންނަށް އޮތް ހުރަސްތައް ނައްތާލައި ދިވެހި ކުންފުނިތަކަށް އޭނާގެ ސަރުކާރެއްގައި އިސްކަންދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ. އިންނަމާދޫގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ރަށާއި މި އަތޮޅު އަލިފުށި ކަހަލަ ބޯޓު ބަނުމުގެ ވިޔަފާރިގައި މަޝްހޫރު ރަށްތަކުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް ދިވެހިންނަށް ބޮޑެތި ހުރަސްތައް އެބަހުރި ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި އެ ހުރަސްތައް ނައްތާލަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. އިންނަމާދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމަށް ސޮއިކުރި މީހެއްގެ ފޯމު ހަވާލުކުރަނީ.-- ފޮޓޯ: ޕީޕީއެމް
ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. އިންނަމާދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމަށް ސޮއިކުރި މީހެއްގެ ފޯމު ހަވާލުކުރަނީ.-- ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވި ގޮތުގައި، ދިވެހި ކުންފުނިތަކަށް އެ ފުރުސަތު ގެއްލެނީ ސަރުކާރުގެ އިހުމާލުންނެވެ.

"ބޯޓު ބަނުމަކީ ވަރަށް ފަންނުވެރި މަސައްކަތެއް. ނަމަވެސް އެހާ ބޮޑު ސަމާލުކަމެއް ސަރުކާރުން ނުދޭ، ދިވެހިން މި މަސައްކަތުގައި ކުރިއަށް ދާކަށެއް،" މުއިއްޒު ވިދާޅުވި އެވެ.

"ދިވެހިންނަށް އެ ފުރުސަތު ނުލިބެނީ ސަރުކާރުން ބޯޓު ބަނުމުގެ މަޝްރޫއުތައް ދިވެހިންނާ ހަވާލުނުކޮށް، ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ދޭތީ. އޭގެ ސަބަބުން ދިވެހި ކުންފުނިތަކަށް ކުރިއަށް ދިއުމަށް އޮންނަ މަގު ބަންދު ވަނީ."

ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. އިންނަމާދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް
ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. އިންނަމާދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

ސަރުކާރުން ވެސް ވަރަށް ގިނައިން ލޯންޗުފަހަރާއި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ބޭރުގެ ފަރާތްތަކާ ހަވާލުކޮށްގެން ކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން މުއިއްޒު ފާޅުކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ރާއްޖޭގައި، ސަރުކާރުގެ [ބޯޓު ބަނުމާ ގުޅޭ] ކޮންމެ ބިޑެއްގައި އިސްކަންދޭނީ ދިވެހިންނަށް ކަމުގައި ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

އިންނަމާދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ މި ރަށަށް ވެސް ބައެއް ވައުދުތައް ވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމާއި ފުޓްބޯލަ ދަނޑު ތަރައްގީކުރުމާ އަދި މި ރަށުގައި ހައުސިން މަޝްރޫއެއް ހިންގުން ވެސް ހިމެނެ އެވެ.