ރ. ރަސްމާދޫގައި އެސްޓީއޯ ބޭސްފިހާރަ ހިންގާ އިމާރާތަށް ކުލި ނުދައްކާ ކަމަށް ބުނެ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން މިއަދު އެތަން ބަންދުކޮށްފި އެވެ.
ރަށުގައި ހުންނަ ހަމައެކަނި ބޭސްފިހާރަ ހިންގަނީ ކައުންސިލުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދީފައިވާ ބިމެއްގަ އެވެ. އެ ބިމުގައި ހަދާފައިވާ އިމާރާތެއް ބޭސް ފިހާރައެއްގެ ގޮތުގައި ބޭނުންކުރަން އެސްޓީއޯއާ އެކު އެއްބަސްވުން ހެދީ 2015 ވަނަ އަހަރުން ފެށިގެން ދެ އަހަރުގެ މުއްދަތަކަށެވެ.
ރަސްމާދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ރިވާސާ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެއްބަސްވުން އާ ނުކޮށް އެތަން އެސްޓީއޯ އިން ބޭނުންކުރާތާ ހަތަރު އަހަރުވެއްޖެ އެވެ. ރިވާސާ ވިދާޅުވި ގޮތުގައި އެ މުއްދަތުގައި ފައިސާ ވެސް ނުދައްކަ އެވެ.
ރިވާސާ ވިދާޅުވީ އެސްޓީއޯ ބޭސް ފިހާރަ ހިންގަން ބޭނުންވާ ނަމަ، އެއްބަސްވުން އާކުރުމަށް އެދި އެތައް ފަހަރަކު އެސްޓީއޯއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
"މިދިޔަ ދައުރުގެ މެމްބަރުން ވެސް އެދިފައިވޭ. އަނެއްކާ މި ދައުރުގައި ވެސް އަޅުގަނޑުމެން ދެތިން ފަހަރު އެދިފައިވާނެ އެސްޓީއޯގަ ބޭނުންކުރަންޏާ އެއްބަސްވުން ހަދައިގެން އެތަން ބޭނުންކުރަން ދޭނެ ކަމަށް. ބަންދުކުރާނެ ކަމަށް ވެސް ބުނެފަ އޮންނާނީ،" ރިވާސާ ވިދާޅުވި އެވެ.
ރިވާސާ ވިދާޅުވި ގޮތުގައި އެސްޓީއޯގައި ތަކުރާރުކޮށް އެދުމުން ވެސް އެދެވޭ ޖަވާބެއް ނުލިބުމުން ބޭސް ފިހާރަ ބަންދުކުރަން ނިންމީ އެވެ.
ރިވާސާ ވިދާޅުވީ ބޭސް ފިހާރަ ހިންގާ އިމާރާތުގެ ކުއްޔަށް ނަގަނީ މަހަކު 2،500ރ. ކަމަށެވެ.
"އިމާރާތް ރާނާފައި ހުރި ތަނެއް. އެމީހުންނަށް ދިނީ އެ މީހުން މުށި ޖަހައިގެން ބޭނުންކުރުމަށް. އެމީހުން އެތަން ހަދަން ދިޔަ ހަަރަދު ކަނޑާފައި ފައިސާ ދައްކަން އިންނާނީ،" އޭނާ ވިދާޅުވި އެވެ.
ބޭސް ފިހާރަ ހުންނަ ބިން ކުނި ކަހައި ސާފުކުރަން މީހަކު ހަމަޖައްސާފައި ހުންނައިރު އެ މީހާގެ މުސާރައަށް ވެސް 2،333ރ. ދޭން ޖެހެ އެވެ. ރިވާސާ ވިދާޅުވީ ފައިސާ ނުލިބޭތީ މުސާރަ ދޭން ވެސް ދަތި ކަމަށެވެ.
ބޭސްފިހާރަ ބަންދުކުރުމަށް ފަހު އެތަނުގައި ހިތްހަމަނުޖެހުން ފާޅުކޮށް ބައެއް ލިޔުންތައް ވެސް ހަރުކޮށްފައި ހުއްޓެވެ. އޭގެ އެއް ލިޔުމުގައި، އެތަނުން އެކަށީގެންވާ ގޮތަށް ބޭސް ނުލިބޭ ކަމަށް ބުނެފައިވެ އެވެ.