ރ. ވާދޫ ކައުންސިލުން ފުޓްސަލް މުބާރާތް ނުބާއްވަން ނިންމައި، މީދާ ހިފުމުގެ މުބާރާތެއް ބާއްވަން އުޅޭތީ އެ ރަށުގެ ޒުވާނުން ރޭ މުޒާހަރާކޮށްފި އެވެ.
ވާދޫ ކައުންސިލް އޮފީހުގެ ބޭރުގައި ކުރި މުޒާހަރާގައި ބައިވެރިވި ޒުވާނަކު މިއަދު "މިހާރު" އަށް ބުނީ އެ ރަށުގައި ފުޓްސަލް މުބާރާތެއް ބާއްވަން ޒުވާނުން ކައުންސިލްގައި އެދެމުން އަންނަތާ ވަރަށް ގިނަ ދުވަސް ވީ ނަމަވެސް، ކައުންސިލްގެ އެންމެފަހުގެ ބައްދަލުވުމުގައި, ބަޖެޓު ނެތް ކަމަށް ބުނެ އެ މުބާރާތް ނުބާއްވަން ނިންމާފައި ވާތީ ޒުވާނުން މާޔޫސްވެފައިވާ ކަމަށެވެ.
"ކައުންސިލްގެ އެ ބައްދަލުވުމުގައި ވޯޓެއް ނުލިބުނު ފުޓްސަލް މުބާރާތް ބާއްވަން. އެމީހުން ވޯޓު ދިނީ މީދާ ހިފާ މުބާރާތެއް ބާއްވަން،" ޒުވާނާ ބުންޏެވެ.
"މީދާ މުބާރާތް ބާއްވަން ބަޖެޓް އެބަ އޮތް."
ޒުވާނުން ބޭނުންވީ އެކި ފަރާތްތަކުގެ އެހީ ހޯދައިގެން ފުޓްސަލް މުބާރާތަށް ފަންޑު ހޯދަން ނަމަވެސް، ކައުންސިލުން އެކަމަށް އެއްބާރުލުން ނުދިން ކަމަށް ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ވާދޫ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.
ވާދޫގައި މީދާ މަދުކުރުމަށް، މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ނިންމައި، އެކަމުގައި ބައިވެރިވާން ފުރުސަތު ކައުންސިލުން ހުޅުވާލީ އިއްޔެ އެވެ. ވާދޫގައި ދިރިއުޅޭ މީހުންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތުގައި އެއް ވަނަ އަށް ދާ މީހަކަށް 3،000ރ. ދޭން ވަނީ ނިންމާފައިވާއިރު، ދެ ވަނަ އަށް 2،000ރ. އަދި ތިން ވަނަ އަށް 1،000ރ. ކަނޑައަޅާފައިވެ އެވެ.
އަންނަ ބުރާސްފަތި ދުވަހު ފަށާ މި މުބާރާތް، އަންނަ މަހު ފަހެއްގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ. މި މުބާރާތުގައި ހިފާ މީދާތައް ނައްތާލަން ނިންމާފައި ވަނީ ރަށުގެ ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައި ވަޅުލައިގެންނެވެ.