ޕެރިސް (ޑިސެމްބަރު 12) - އޭނާ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ދެ ކްލަބުގައި ވެސް ފެއިލްނުވާ ކަމަށް މޮނާކޯ އަށް ކުޅޭ ކޮލަމްބިއާގެ ފޯވާޑް ރަޑަމެލް ފަލްކާއޯ ބުނެފި އެވެ.
ފާއިތުވި ދެ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުން ފަލްކާއޯ ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ކުޅެފަ އެވެ. ދެ ޓީމުގައި ވެސް އޭނާ އަށް ކުޅެން ލިބުނީ މަދު މެޗުތަކެކެވެ. ޔުނައިޓެޑްގެ ކޯޗަކަށް ހުރި ލުއީ ވެން ހާލާއި ޗެލްސީގައި ހުރި ހޯސޭ މޮރީނިއޯ އަދި ގޫސް ހިޑިންކްގެ ޕްލޭނުން ވެސް ފަލްކާއޯ އަށް ފުރުސަތު ލިބުނީ މަދު ފަހަރަކު އެވެ.
"އިންގްލެންޑުގައި (ޕްރިމިއާ ލީގު) އަހަރެން ފެއިލްވި ކަމަށް ނުދެކެން. އެއީ ޕްރެޝަރު ބޮޑު ވަރުގަދަ ލީގެއްގައި އަހަރެންނަށް ކުޅުމުގެ ފުރުސަތު ލިބުމުން އެއީ އަހަންނަށް ވަރަށް ބޭނުންތެރި ތަޖުރިބާއެއް. ކުޅުންތެރިޔެއްގެ އިތުރުން އިންސާނެއްގެ ގޮތުގައި ޕްރެޝަރާ ކުރިމަތިލާން ދަސްވި،" އުމުރުން 30 އަހަރުގެ ފަލްކާއޯ ބުންޏެވެ.
ފަލްކާއޯގެ ކެރިއަރުގެ ރަން ދުވަސްތައް ފެނިގެންދިޔައީ ޕޯޓޯ އާއި އެތުލެޓިކޯ މެޑްރިޑްގަ އެވެ. އޭރު އޭނާ ހުރި ފޯމަށް ބަލާއިރު ޔޫރަޕްގެ އެންމެ މަތީ ފަންތީގައި އޭނާ ރޭންކް ކުރެވުނެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރު މޮނާކޯ އަށް ބަދަލުވެ އެ ޓީމަށް ކުޅެނިކޮށް 2014 ވަނަ އަހަރުގެ ޖެނުއަރީގައި ފަލްކާއޯގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުނެވެ.
އެ އަނިޔާގެ ސަބަބުން އޭނާ އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގެއްލުނެވެ. އަނިޔާ އިން ރަނގަޅުވެ، އިންގްލެންޑުގައި ހޭދަކުރި ދެ ސީޒަނުގައި ފަލްކާއޯގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނެ އެވެ. ނަމަވެސް މި ސީޒަނުގެ މިހާތަނަށް މޮނާކޯގައި ފަލްކާއޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
"ކުރިއަށް ވުރެން ފިޓްނަސް މިހާރު ރަނގަޅު. ކުރީގެ ކުޅުން އަދި ނުދެއްކުނަސް އެ ލެވެލަށް ދެވޭނެ ކަމުގެ އުއްމީދު ދޫކޮށެއް ނުލަން،" ފަލްކާއޯ ބުންޏެވެ.
ފްރެންޗް ލީގުގެ ތިން ވަނައިގައި މޮނާކޯ އޮތްއިރު، ފަލްކާއޯ ވަނީ 10 ލަނޑު ޖަހައި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް މޮނާކޯ ގެންދިއުމުގައި އޭނާގެ ދައުރު ބޮޑެވެ.