ޕެރިސް (ފެބްރުއަރީ 6) - ނީސްގެ މައްޗަށް 3-0 އިން ކުރި ހޯދައި ފްރާންސް ލީގުގެ އެއް ވަނައިގައި ރޭ ތިން ޕޮއިންޓުގެ ލީޑެއް ނެގި މޮނާކޯ ހުއްޓުވަން ފަސޭހަނުވާނެ ކަމަށް އެ ޓީމުގެ ފޯވާޑް ރަޑަމެލް ފަލްކާއޯ ބުނެފި އެވެ.
ރޭގެ މޮޅާ އެކު މޮނާކޯ އެއް ވަނައިގައި އޮތީ 23 މެޗުން 52 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އާއި ތިން ވަނައިގައި އޮތް ނީސް އަށް 23 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.
ފްރާންސް ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން މޮނާކޯ ހޯދީ 2000 ވަނަ އަހަރު އެވެ. މި ސީޒަނުގެ ފުރަތަަމަ މެޗުން ފެށިގެން މޮނާކޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޭގެ މެޗުގައި ނީސް ކޮޅަށް ދެ ލަނޑު ޖެހި ފަލްކާއޯ ބުނީ މިއީ މޮނާކޯގެ ފަހަރަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"މޮނާކޯގައި ތިބި ކުޅުންތެރިން އެ ސާބިތުކޮށްދެނީ އެ ކުޅުންތެރިން ޖެހިލުންވާ ޓީމެއް މި ލީގުގައި ނެތްކަން. އެ ވިސްނުމުގައި ކުޅެފިނަމަ މޮނާކޯ ހުއްޓުވޭނެ ޓީމެއް އޮތްކަމަށް ނުދެކެން. މި ޓީމު ދާނީ ކުރިޔަށް،" ފަލްކާއޯ ބުންޏެވެ.
އަނިޔާގެ ސަބަބުން ފާއިތުވި ދެ އަހަރު ފަލްކާއޯ ހުރީ އޮއްސިފަ އެވެ. ޕްރިމިއާ ލީގުގައި މިދިޔަ ދެ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ފަލްކާއޯ ކުޅުނުއިރު އޭނާ ފެންވަރާ ގާތަށް ވެސް ނުކުޅެ އެވެ. ނަމަވެސް މި ސީޒަނުގެ މިހާތަނަށް ފަލްކާއޯ ވަނީ ލީގުގައި އެކަނި ވެސް 14 ލަނޑު ޖަހައިފަ އެވެ.
"މިއީ ކުރީގެ ފެންވަރަށް ދާން އަހަރެން ކުރަމުން އަންނަ މަސައްކަތް. ފިޓްނަސް ރަނގަޅުވަމުން އަންނަ ވަރަކަށް އަހަރެންގެ މޮޅު ކުޅުން ފެންނާނެ،" ޕޯޓޯ އާއި އެތުލެޓިކޯ މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ފަލްކާއޯ ބުންޏެވެ.
ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބުނު ނަމަވެސް މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑިމް ބުނީ މި ލީޑު އިތުރަށް ފުޅާކުރުން މުހިއްމު ކަމަށާއި ކޮންމެ މެޗަކަށް ނުކުންނައިރު ވެސް ޓާގެޓް ކުރާނީ ތިން ޕޮއިންޓަށް ކަމަށެވެ.