މޮނާކޯ (މެއި 3) – ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު މޮނާކޯ އިން ހިތްވަރު ހޯދަން ޖެހޭނީ އެޓަލާންޓާގެ ކިބައިން ކަމަށް މޮނާކޯގެ ފޯވާޑް ރަޑަމެލް ފަލްކާއޯ ބުނެފި އެވެ.
ޔުވެންޓަސްގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ޑިފެންސެވެ. ގަދަފަދަ ބާސެލޯނާ އަށް ވެސް ކުއާޓާ ފައިނަލުގެ ދެ ލެގުން އެ ޓީމު ކޮޅަށް ގޯލެއް ވައްދާނުލެވެ އެވެ. އެކަމަކު އިޓާލިއަން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓަލާންޓާ އިން ވަނީ އެ ޓީމު ކޮޅަށް ދެ ގޯލް ޖަހައިފަ އެވެ.
"ޔުވެންޓަސް ކޮޅަށް ގޯލެއް ޖެހުމަކީ ފަސޭހަކަމެއް ނޫން އެއީ އެ ޓީމަކީ ވަރަށް ބެލެންސް ޓީމެއް. ވަރަށް މަތީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަތިބި. އެ ހުރިހާ ކަމަކަށް ވުރެ، ޓީމެއްގެ ގޮތުގައި ޑިފެންސްކުރުމުގައި އެ ޓީމު ވަރަށް މޮޅު،" ފަލްކާއޯ ބުންޏެވެ.
ފަލްކާއޯ ބުނީ ބާސެލޯނާ އަށް ޔުވެންޓަސް ކޮޅަށް ގޯލެއް ނުޖެހުނަސް އެޓަލާންޓާ އިން ދެ ގޯލް ޖަހާފައިވާ ކަމަށެވެ. އެހެންވެ ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށް އޭނާ ބުންނެވެ.
ޗެމްޕިއަންސް ލީގުގައި ފަސް ގޯލް ޖަހާފައިވާ ފަލްކާއޯ މިރޭ ފުރަތަމަ ފަހަރަށް ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންއާ ދެކޮޅަށް ނުކުންނާނެ އެވެ.
"ބުފޮން އަކީ ވަރަށް މޮޅު ކީޕަރެއް. އަހަރެމެން އެންމެން ވަރަށް ގަޔާވާ ކީޕަރެއް އެއީ. އެކަމަކު އަދި ބުފޮންއާ ކުރިމަތިނުލަން. އޭނާ ކޮޅަށް ގޯލެއް ޖެހުމަކީ ލިބޭނެ ބޮޑު ހިތްވަރެއް،" ބުފޮން ބުންޏެވެ.