ލޯކަލް އިންތިޚާބު ބާއްވަނީ ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟

ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ ވެސް، އޭރުގެ ވެރިކަން ކުރި ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގި ސިޔާސީ ކޯޅުންތަކެއްގެ ތެރެއިން، އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ވިސްނުމެއްގަ އެވެ. ނަތީޖާއަކަށް ވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު އަދި ހިންގަން ވެސް އުނދަގޫ ނިޒާމަކަށް ވުމެވެ.


އޭގެ އަހަރުތަކެއް ފަހުން ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން އެކަން ބަދަލު ކުރި ކަމީ ގައުމުގެ ފައިދާއަށްޓަކައި ކުރި ވަރަށް ރަނގަޅު ކަމެކެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބޭ މެމްބަރުންގެ އަދަދަކީ 1077 އެވެ. އެކަމަކު ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ގާނޫނަށް ގެނައި އިސްލާހާ އެކު، އަންނަ އެޕްރީލް 8 ގައި ލޯކަލް އިންތިހާބު ބޭއްވުމުން، މުޅި ނިޒާމުގެ ތެރޭގައި ތިބޭނީ ޖުމްލަ 655 ކައުންސިލަރުންނެވެ. އެއީ މިހާރަށް ވުރެ 422 ކައުންސިލަރުން މަދުވުމެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއަށް މިފަދަ ފުރިހަމަ ކަންތައް އައި ކަމުގައި ވިޔަސް، މުޅި ނިޒާމް މިހާރު އޮތީ ސިޔާސީ ހަތިޔާރަކަށް ހަދައިފަ އެވެ. ވަކި ޕާޓީއަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު ކަމުގައިވެ، އެ މަސްލަހަތު ގެއްލިދާނެތީ އެ ޕާޓީ އަށް ހުރިހާ ކަމެއްގައި މަގު ފަހިކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް މަޖުބޫރުވާ ހިސާބަށް ސިޔާސީ ވެފަ އެވެ.

އީސީގެ ރައީސް ސުލައިމާން (ކ-3) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެއް ބަޔަކަށް އިލެކްޝަންސް ކޮމިޝަން ކަމުދާ އިރު އަނެއް ބަޔަކު އިތުބާރެއް ނުކުރޭ. --- ފޮޓޯ: މިހާރު

ނަތީޖާއަކަށް ވަނީ ދައުލަތުގެ ބައެއް މުއައްސަސާތަކާ މެދު ބައެއް މީހުންގެ ހިތްތަކުގައި އިތުބާރާއި ޔަގީންކަން ނެތުމެވެ. ކުރިއަށް އޮތް ލާމަރުކަޒީ އިންތިހާބާ މެދު ވެސް އެއް ބަޔަކު ދެކެނީ އެ ގޮތަށެވެ. މި އިންތިހާބު މި ބާއްވައިދެނީ ހަމައެކަނި ވަކި ބަޔަކަށް ކަމުގައި ގަބޫލުކޮށް އިންތިހާބުގައި ބައިވެރި ނުވާން ވެސް ޕާޓީއަކުން ވަނީ ނިންމައިފަ އެވެ.

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ނުކުރަން ނިންމީ، 128 ރަށު ކައުންސިލަކަށާއި 16 އަތޮޅު ކައުންސިލަކަށާއި މާލޭ ސިޓީ ކައުންސިލަށް އެ ޕާޓީގެ ޓިކެޓްގައި 147 ކެންޑިޑޭޓުން ނެރެން ނިންމުމަށް ފަހު އެވެ. އެއީ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާ ގުޅިގެންނެވެ. އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި 511 ކެންޑިޑޭޓުން ވާދަކުރަން އޮތީ ނިންމައިފަ އެވެ.

ނަމަވެސް މި މަހުގެ 14 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު އިތުރު ދެ މަސްދުވަހަށް ފަސް ކުރުމުން އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. ލާމަރުކަޒީ އިންތިހާބު، ދެ މަހަށް ފަސްކުރަން މިދިޔަ ޑިސެމްބަރު 1 ގައި ކޯޓުން ހުކުމް ކުރީ ވެރިކަން ކުރާ ޕީޕީއެމަށް އިންތިހާބަށް ތައްޔާރުވެވެން ނެތިގެން ކޯޓަށް ދިއުމުންނެވެ. އެހެން ހުރިހާ ޕާޓީތަކުން އިންތިޚާބު ފަސްކުރަން ދެކޮޅު ހެދިޔަސް ހަމައެކަނި ޕީޕީއެމަށްޓަކައި އިންތިޚާބު ފަސް ކުރުމުން އެ ހުކުމަށް ގިނަ ބަޔަކު ފާޑު ކިޔެވެ.

ކޯޓުން އިންތިހާބު ފަސް ކުރިޔަސް، އަލުން އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާން ނުކޮށް، މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވި އެވެ. ބަހަނާއެއްގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނަމުން އައީ އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާން ކުރެވޭނީ ގާނޫނީ ގޮތުން ސާފުކުރަން ހުރި ކަންކަން ސާފު ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ އިންތިހާބު އިއުލާން ކުރުން ފަސް ކުރަނީ ޕީޕީއެމަށް ތައްޔާރު ވެވެންދެން ކަމަށެވެ.

ކަން ވީ ވެސް އެ ގޮތަށެވެ. އެޕްރީލް މަހުގެ 8 ވަނަ ދުވަހު އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރީ ވެސް، އެޕްރީލް މަހު ބާއްވާ ނަމަ އިންތިހާބަށް ތައްޔާރުވެވޭނެ ކަމަށް ޕީޕީއެމުން ބުނެފައި ވަނިކޮށެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނަސް (ވ). - ފޮޓޯ: މިހާރު

އެހެންކަމުން މި އިންތިހާބަކީ ވަކި ބަޔަކަށްޓަކައި ބާއްވައިދޭ އިންތިޚާބެއް ކަމަށް ތުހުމަތުކޮށް އެމްޑީޕީން ބުނީ އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ އިތުބާރު ނުކުރެވޭ ކަމަށެވެ. އެއީ އެ ކޮމިޝަނުން ކަންތައް ކުރާ ގޮތުންނެވެ.

އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި އެފަދަ އެއް ކަމަކީ ސިޔާސީ ޕާޓީގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާ އިރު އިނގިލީގެ ނިޝާން ޖަހަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން، ފިންގަޕްރިންޓާ ނުލައި ހުށަހަޅާފައި ހުރި ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރުމެވެ.

"އެމީހުން ނިންމީ ފިންގަޕްރިންޓް ނެތިއްޔާ އެއީ ޕާޓީގެ މެމްބަރުން ކަމުގައި ނުބެލެވޭނެ ކަމަށް. އެ ހިސާބުން ފެށިގެން އެމީހުންގެ މިނިވަންކަމާއި މުސްތަގިއްލުކަން އެ އޮތީ ވަކި ފަރާތަކަށް ޖެހިފައި ކަން ހާމަވާން. އެއީ ރައީސް ބުނާހާ ކަމެއް ތަންފީޒު ކުރަމުން އެ ދަނީ. ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ވެސް އެ ތާށި ކޮށްލީތާ، ސައްހަ ނޫން މީހުން ދަފްތަރުން ވަކިވީމައޭ ފައިސާ ދޫކުރެވޭނީ ކިޔާފައި،" އަނަސް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި އަންނަ އެޕްރީލް މަހު ބާއްވަން އިއުލާން ކޮށްފައި އޮތް ލޯކަލް އިންތިހާބާ ގުޅޭ ގޮތުން ކަންތައް ނިންމަނީ ވެސް ގައުމީ ލަފާދޭ ކޮމިޓީން ދޭ ލަފާތަކާ އިދިކޮޅަށެވެ.

"މި ލޯކަލް އިންތިހާބާ ގުޅޭ ގޮތުން އަޅަމުންދާ ފިޔަވަޅުތައް ވެސް އެއީ މައްސަލައެއް. ލަފާ ދޭ ކޮމިޓީން ދޭ ލަފާތަކާ ދިމާ އިދިކޮޅަށް ކަންތައް ކުރަނީ، ސަރުކާރަށް ސިޔާސީ ގޮތުން މަންފާވާ ގޮތަށް. އެންމެ ފަހުގެ ކަމަކީ ލޯކަލް އިންތިހާބަށް ކުރިމަތިލި މީހުންގެ ކެންޑިޑޭސީ ބާތިލު ކުރުން."

އަނަސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓްގެ ބޭރުން އަދި ވެރިކަންކުރާ ޕީޕީއެމްގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރެވޭ ކަމަށެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޚަލީލް. -- ފޮޓޯ: މިހާރު

ނަމަވެސް ވެރިކަން ކުރާ ޕީޕީއެމްގެ ވިސްނުން މުޅިން ތަފާތެވެ. ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ތުހުމަތުތައް އަޅުވައި އިންތިހާބުގައި ބައިވެރި ނުވާން ބަޔަކު ނިންމީ، ލޯކަލް އިންތިހާބުގައި އެއްވެސް ކާމިޔާބެއް ނުލިބޭނެ ކަން ކަށަވަރުވާތީ އެވެ.

"އަޅުގަނޑުމެންނަށް ހަމަ ފުރިހަމަ އަށް އިތުބާރު އެބަ އޮތް އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި. ދެން އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން އިންތިޚާބު ބޮއިކޮޓް ކުރައްވާ ބޭފުޅުން އެ ބޮއިކޮޓް ކުރައްވަނީ، އެއް ކަމަކަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުން ހުކުމްތަކެއް ކޮށްފައި މިވަނީ، އެހެންވީމާ އެ ހުކުމަށް ތަބާވުމަށް އުޒުރުވެރިވަނީ ކަމަށް ގަބޫލު ކުރެވެނީ،" ޚަލީލް ވިދާޅުވި އެވެ.

"ދެ ވަނަ ކަމަކަށް އެ ބޭފުޅުންނަށް ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބު ނުކުރެވޭނެ ކަން ކަށަވަރު ވަނީ ކަމަށް ފެންނަނީ. އެހެންވީމާ ބޮއިކޮޓް ކުރުމަކީ އާންމުންނަށް ދައްކާލަން ކުރާ ކަމެއް. އެއީ އެ ބޭފުޅުންނަށް ގޮނޑި ކާމޔާބު ނުވުމުގެ ބަދަލުގައި، ތިމަންނަމެން ބައިވެރި ނުވިއްޔޭ، އެކަހަލަ މެސެޖެއް އާންމުންނަށް ދިނުމުގެ ބޭނުމުގައި ކުރައްވާ ކަމެއް ކަމަށް ބޮޑަށް ބެލެވެނީ."

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ މެދު އިތުބާރު ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ވޯޓު އޮޅުވައިލުމުގެ ފުރުސަތެއް ވެސް މިހާރު ނުލިބޭނެ ނޫންތޯ. ވޯޓު ގުނަނީ ވެސް ހަމަ ހުރިހާ އެންމެންގެ ކުރިމަތީގައި ދެއްތޯ. ހަމަ ސީދާ ވޯޓު ލާ މަރުކަޒުގައި. އެހެންވީމާ އިލެކްޝަންސް ކޮމިޝަނަކަށް ވެސް ވޯޓު ކަރުދާސްތަކެއް ނުދާނެ ގުނުމުގެ ކުރިއަކުންނެއް،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެއްވެސް ފުރުސަތެއް ނޯންނާނެ ވޯޓު އޮޅުވާލާކަށް. އަނެއްކާ ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ވެސް ކުރިމަތީގައި މި ހުރިހާ ކަމެއް މި ކުރަނީ، ކުރަމުންދާ އިރު އެއީކީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމަކަށް ނުވާނެ."

އެޕްރީލް 8 ގައި އިންތިޚާބު ބާއްވަން އިއުލާން ކޮށްފައިވާ އިރު، ގިނަ ބަޔަކު މިހާރު ދަނީ އިންތިހާބަށް ތައްޔާރުވަމުންނެވެ. ވެރިކަން ކުރާ ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަނާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ ވެސް އޮތީ ލޯކަލް އިންތިހާބުގައި ވާދަ ކޮށް ވީހާ ގިނަ ގޮނޑިތައް ހޯދުމުގެ އުންމީދުގަ އެވެ.

ނަމަވެސް ކައުންސިލްތައް ނިސްބަތްވާ ރަށްތަކުގައި އޮތީ ތަފާތު ވިސްނުމެކެވެ. އެ މީހުންގެ ފޯރި ކުޑަ އެވެ. ކައުންސިލްތަކުގެ މަގާމުތަކަކީ ޕާޓީގެ ވާދަވެރިކަމަށް ވުރެ ބޮޑަށް ރަށްރަށުގެ އާއިލީ ގުޅުމުގެ ތެރެއިން ކާމިޔާބު ކުރެވޭ މަގާމުތަކަކަށް ވާތީ، ކައުންސިލަރުންގެ އަދަދު މަދު ކުރުމަކީ ރަށްރަށުގެ މީހުން ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެއީ ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކުރެވޭ މީހުން މަދުވުމުން، އެ މަގާމުތަކުން އާމްދަނީ ލިބޭނެ އާއިލާތައް މަދުވާނެތީ އެވެ.