ރިޕޯޓް / ކ. މާފުށި

މާފުށީ ވީކެންޑް: ރަލާއި ޑްރަގާއި ހަށިވިއްކުން ހައްދުން ނައްޓައިފި!

މިދިޔަ ހަފުތާ ބަންދުގައި މާފުށީ ގެސްޓްހައުސްއެއްގެ ޑީޖޭގައި ބަޔަކު ނަށަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

24 ނޮވެމްބަރ 2022 - 10:11

65 comments

ވީކެންޑް ހަދާލަން މާފުއްޓަށް ދާން ހިތަށް އެރުވިޔަސް، އެ ރަށުގެ މީހަކު ބުނާނީ އެއީ ހެޔޮވާ ވަރުގެ ކަމެއް ނޫނޭ އެވެ. ސަބަބުތައް ވަރަށް ގިނަ އެވެ.

އެކަމަކު މި ރަށަށް ވީކެންޑް އަބަދުހެން އޮންނަނީ ފުރި ބާރުވެފަ އެވެ. ގެސްޓް ހައުސް އަކުން ކޮޓަރިއެއް ހޯދަން ބޭނުން ނަމަ ދުރާލައި، މާ ކުރިން ބުކްކުރަން ޖެހެ އެވެ. އަހަރެމެން "މިހާރު"ގެ ޓީމަށް ވެސް ޖާގަ ލިބުނީ ތިން ހަފުތާ ކުރިން އެކަމާ އުޅެގެންނެވެ.

މާފުށީގައި ވީކެންޑް އެހާ ބާރުބޮޑީ ކީއްވެ ހެއްޔެވެ؟ އޭގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ މާލެ އިން ހަމަ އެހާ ގިނަ މީހުން އެ ރަށަށް ދިއުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މީގެ އަޑީގައި ހިނގަނީ ކޮންކޮން ކަމެއް ހެއްޔެވެ؟

ކުރިން ރެއަކަށް 400ރ. އަށް ދެމުން އައި ކޮޓަރިތަކުގެ އަގު މިހާރު 1200ރ. އަށް ބަދަލުވެއްޖެ އެވެ. މާފުށީގެ ޓޫރިޒަމުން މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ވަރަށް ބޮޑު ތަރައްގީއެއް އައިސް، ވަރަށް ހަލަބޮލިވެފައި އޮތްތަނެވެ. މާފުއްޓަކީ މީގެ 13 އަހަރު ކުރިން ޓޫރިޒަމް ފެށިއިރު، އޮތް ގޮތާ ހާސްބައި ތަފާތު ރަށެކެވެ. އަދި، ވީކެންޑެއް ނިމޭއިރު، ރަށުގެ އާބާދީ އަށް ވުރެ ރަށަށް އަރާ މެހުމާނުންގެ އަދަދު އިތުރުވެ އެވެ.

އެކަމަކު އެ އެންމެން ހަފުތާ ބަންދުގައި މި ރަށަށް އަންނަނީ ޗުއްޓީ ހޭދަކުރާކަށް ނޫނެވެ. މި ރަށުގެ ބައެއް އާންމުންނާ ވާހަކަ ދައްކާލުމުން އެނގުނު އެކައްޗަކީ، ކުރިއަށް އޮތީ ވަރަށް ކަޅު ދުވަސްތަކެއް ކަމެވެ.

މާފުށީގެ މަގުމަތިން މީހަކު ހިނގާލާފައި ދަނީ: ހަފުތާ ބަންދުގައި މި ރަށަށް އަންނަނީ ބޮޑު އީދެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވީކެންޑްތަކުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. މި ރަށުގައި މިހާރު ނުބައިވެގެން ގޮސް ނުކުރާ އެއްވެސް ކަމެއް ނެތް. ހަށިވިއްކުން އެހާ ބޮޑު. ރަލުގެ މައްސަލަތައް އެހާ ބޮޑު. ޑްރަގްސް، ގޭންގު ހަރަކާތްތައް އެހާ ބޮޑު،" މި ރަށުގެ މީހަކު، ނަން ނުޖަހަން އެދެމުން ބުންޏެވެ.

ގޭންގުތަކާއި، ރަލާއި ޑްރަގްސްގެ އައްޑާއަކަށް

ރަށު ތެރޭގައި ކުށްކުރުން ގިނަވެ، އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އޮތް ހިސާބަށް އަދި ނުދާ ކަމަށް މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވިއަސް، އަތޮޅު ކޮމާންޑަރު އިންސްޕެކްޓަ އޮފް ޕޮލިސް ސައީދު އަބްދުލްހަކީމް ފާޅުކުރެއްވީ ހުސް ކަންބޮޑުވުންތަކެވެ.

މާލެ ނުލައި މި އަތޮޅުގައި މީހުން ދިރިއުޅޭ ނުވަ ރަށުގެ ތެރެއިން ފުލުހުންނަށް އެންމެ ގިނައިން މައްސަލަ ހުށަހަޅާ ރަށަކީ ވެސް މާފުއްޓެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރު އެކަނި ވެސް މާފުށީގައި ގްރޫޕު މާރާމާރީގެ 11 މައްސަލައެއް އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 19 މީހަކާއި ބަނގުރަލާ ގުޅޭ މައްސަލަތަކުގައި ހަ މީހަކު ހައްޔަރުކުރި އެވެ.

އެކަމަކު ހައްޔަރުކުރާ މީހުންގެ އަދަދު އެއީ މި ރަށުގެ ކުށުގެ ވެހީގައި އޮތް ހަގީގީ އަދަދު ނޫން ކަމަށް އެންމެންހެން ވެސް އެއްބަސްވެ އެވެ. ހާއްސަކޮށް ވީކެންޑްތަކުގައި، ފުލުހުން ރަށުތެރެ ރަނގަޅަށް ޕެޓްރލް ކޮށްފި ނަމަ، މާލެ އިން ވީކެންޑަށް ގޮސްތިބި އެތައް ބަޔަކު ރެޑް ހޭންޑްކޮށް ބަރިބަރިއަށް ހައްޔަރުކުރަން ޖެހޭނެ ކަމަށް މި ރަށުގެ ވަރަށް ގިނަ މީހުން ދެކެ އެވެ. ހާއްސަކޮށް ރަލުގެ މައްސަލަތަކުގަ އެވެ.

ރަށު ތެރޭގައި ބަނގުރާ އާއްމުވެފައިވާ ގޮތް ކިޔައިދެމުން އެކަކު ބުނި ގޮތުގައި، އެއީ މި ރަށުން އެންމެ އާންމު އެއް ބުއިމެވެ.

"މި ރަށު މީހަކު ރޯދަ މަހު ރޯދަ ވީއްލަންވެގެން ގޭ ފްރިޖުގައި، ފެން ކަމަށް ހީކޮށް މި ބޮވުނީ ބަނގުރާ. އެހާ ވަރަށް މިކަން އާއްމުވެއްޖެ،" އޭނާ ބުންޏެވެ.

"މި ވީގޮތަކީ، ސަފާރީން މި ރަށަށް އެ އެއްޗެހި މި އެތެރެކުރަނީ މިނެރަލް ވޯޓާ ފުޅިފުޅި އަށް އަޅައިގެން. އެހާ ވަރަށް އާންމުވީމަތާ އެ ގެންގޮސް ގޭ ފްރިޖުގައި ބަހައްޓާނީ."

ރަށުގެ ބައެއް މީހުން ބުނި ގޮތުގައި މި ރަށުގައި ޓޫރިޒަމް ފެށިގެން އައިއިރު ގަވައިދުތައް ވަރަށް ހަރުކަށިކޮށް އޮތަސް މިހާރު އެކަން ބަލާނެ ބަޔަކު ނޫޅެ އެވެ.

"ވީކެންޑަކީ މިހާރު ސްކޫލު ކުދިންނަށް ވެސް އަންނަ ބޮޑު ވީކެންޑެއް. ކައިރީގައި ހުންނަ ސަފާރީތަކަށް ވެސް ގޮސް އަރާނެ އިރަކު އަރައިފައި ފައިބައިގެން އަންނަނީ. މައިންބަފައިން އުޅެނީ ޓޫރިޒަމްގެ މަސައްކަތުގައި. ދަރިންނާ އަޅައެއް ނުލެވޭ،" ސްކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.

"ދާދިފަހުން ސްކޫލު ކުއްޖަކު ވީކެންޑަށް ފަހު ހުޅުވުނު ދުވަހު ސްކޫލަށް އައިއިރު ވެސް ހުރީ ތުރުތުރު އަޅައިފައި. އެންމެންނަށް ވެސް އެނގޭ ކީއްވެގެންކަން މިހެން ވަނީ."

ވީކެންޑްގައި މި ރަށަށް އޮންނަނީ ކުޑަ ވަރެއްގެ އީދެއް އައިސްފަ އެވެ. މާލެ އިން ޖޯޑުޖޯޑަށް އަންނަ މީހުންނާއި ގުރޫޕުތަކުން އޮންނަނީ ފުރާލައިފަ އެވެ. އެއްވެސް އުސޫލެއް، ހަމައެއް ލަމައެއް ނެތި އާންމުންގެ ތެރޭގައި އެ މީހުން މަސްހުނިކޮށް އަދި ވަރަށް ގައިގޯޅިކޮށް ތިބޭ ތަން ފެނެ އެވެ. ބައެއް މީހުން މަގުތަކުގައި ކިސްކުރި މަންޒަރު އަހަރެމެންނަށް ވެސް ފެނުނެވެ.

"ނަމެއްގައި މި ރަށުގައި ރާ ނުވިއްކެނީ. އެކަމަކު އެއަށްވުރެ ފަސޭހައިން ލިބޭ އެއްޗެއް ނެތް. ޑްރަގްސް ވިއްކަން ސީދާ މާލޭގެ ގުރޫޕުތަކުން މީހުން އައިސް އުޅޭ ވީކެންޑްތަކުގައި. އެއީ މި ރަށުގައި ބޮޑު ވިޔަފާރިއަކަށް ވެއްޖެ. ގޭންގު ހަރަކާތްތައް މަޑުމަޑުން ފުޅާއެބަވޭ. މާރާމާރީތައް އިންތިހާ އަށް ގިނަވެފައި ބިރުވެރިވެއްޖެ."

ހަށިވިއްކުން ކަންބޮޑުވާ ދަރަޖައެއްގައި

ބައެއް މީހުން ބުނާ ގޮތުގައި ބައެއް ހަފުތާ ބަންދު ތެރޭގައި ވަކި ވައްތަރެއްގެ އަންހެނުންތަކެއް ރަށުތެރެއިން ފެންނާނެ އެވެ.

"ސީދާ ހަށިވިއްކަން އަންނަ މީހުން އެއީ،" އެކަކު ބުންޏެވެ.

މި ރަށުގައި ވީކެންޑަކީ މާލޭގައި ހަށިވިއްކާ މީހުންނަށް ވެސް އަންނަ އުފާވެރި ދެ ރެ އެވެ. ބުޜާސްފަތި ދުވަހު މެންދުރު ފަހު މި ރަށަށް އައިސް އެނބުރި ދަނީ ހޮނިހިރު ދުވަހު ހަވީރު އެވެ.

ހަށިވިއްކަން މާލެއިން ދިވެހިންނާއި ފިލިޕީންސް އާއި ރަޝިޔާ ކަހަލަ ގައުމުތަކުން ވެސް މީހުން އައިސް އުޅޭ ކަމަށް ވެ އެވެ. އޭގެ ތެރޭގައި ބައެއް އަންހެނުންނަކީ، ދާއިމީކޮށް މި ރަށުގައި އެކަން ކުރަން ތިބޭ މީހުންނެވެ.

"ވިސާ ހަމަވީމަ އަނެއްކާ ވެސް ވިސާ އާކޮށްލައިގެން އެނބުރި އަންނާނެ،" އެކަން ދަންނަ މީހަކު ކިޔައިދިނެވެ.

މާފުށި: ލޯކަލް ޓޫރިޒަމް ފުޅާވަމުންދާ ބާރުމިނުގައި އިޖުތިމާއީ މައްސަލަތައް ވެސް ގިނަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ހަށިވިއްކާ ކަމުގެ އެއްވެސް ރިޕޯޓެއް ފުލުހުންނަކަށް ލިބިފައެއް ނެތެވެ. މާލެ އަތޮޅުގެ ކޮމާންޑަރު ސައީދު އަބްދުލް ހަކީމް ވިދާޅުވީ އެއީ "ތުންތުން މަތިން ދެކެވިފައި، އަޑުއިވިފައި ހުރި ވާހަކަތަކެއް" ކަމަށެވެ.

ފުލުހުންގެ ބޮޑު ކަންބޮޑުވުމެއް

މި ކަންކަމުގައި ފުލުހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ސައީދު ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތަކުގައި ކުޑަކުދިން ބައިވެރިކުރުވުމެވެ. މި ފަހުން ވެސް ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ފެންމަތިވިއިރު، އޭގެ އިތުރު މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް ލޯކަލް ޓޫރިޒަމްއާ ގުޅިގެން އެކަން ވަރަށް ބޮޑަށް ފެތުރި، ރަށު ތެރޭގައި އެކަން އެވައިލަބްލް ވެގެން ކަންކަން ހިނގަމުންދާ ފާހަގަަކުރެވޭ،" ފޯނުން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔައިރު، މަސްތުވާތަކެތި، ހާއްސަކޮށް ރަލާއި ބިޔަރު ރަށު ތެރޭގައި އެކި ގޮތްގޮތަށް ދައުރުވާ ކަމަށެވެ. އޮޕަރޭޝަންތަކުން އެ އެއްޗެހި އަތުލިއަސް ލޯކަލް ޓޫރިޒަމް އެހާ ފުޅާ ރަށަކަށް ވާތީ ކޮންމެ ވެސް ގޮތަކުން ރަށު ތެރޭގައި ބަނގުރަލާއި ބިޔަރު ދައުރުކުރެ އެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަ އޮބިނޯންނަ ވަރަށް ބޮޑުވެގެން ދާއިރު، ފުލުހުންނަށް ދިމާވާ އަނެއް ދައްޗަކީ މާލޭގައި ނަން މަޝްހޫރު ގޭންގުތަކުން ހަފުތާ ބަންދުގައި މާފުއްޓަށް އަރައި ހަރަކާތްތެރިވުމެވެ. އެގޮތަށް އުޅޭއިރު، ގްރޫޕުތަކުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާއިރު، އެ ކަންކަމުގައި ކުޑަކުދިން ބައިވެރިކުރެ އެވެ.

މާފުށީގައި ގެސްޓުންތަކެއް ހަރަކާތްތެރިވަނީ: މި ރަށަށް މަހެއްގެ މައްޗަށް 3،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މާލެއަށް ނިސްބަތްވާ ގޭންގުތަކަށް ވާގިވެރިވާ، ބައި ބަޔަށް މާފުށީގައި ފާހަގަކުރެވޭ. ގޭންގުތަކުގެ ގޮފިތަކެއް ގޮތަށް އުފެދިގެން އަންނަ ކަމަށް ފާހަގަކުރެވޭ. ހާއްސަކޮށް ވީކެންޑުތަކުގައި މާލޭގެ ބޮޑެތި ގޭންގު ގްރޫޕުތައް، ނަން ކިޔާ ގްރޫޕުތައް އަރާ ހަރަކާތްތެރިވާކަން ފާހަގަކުރެވޭ. އެއް ބަޔަކު އަނެއް ބަޔަކަށް ރަށު ތެރޭގައި މާރާމާރީ ހިންގާފައި އެބަހުރި ނިިމިދިޔަ ހަފުތާގައި،" ސައީދު ވިދާޅުވި އެވެ.

"ކުޑަކުދިން އެބަ އުޅޭ މީގައި. އަޅުގަނޑުމެންނަށް ފާހަގަވާ އޭޖް ގްރޫޕް، ގާތްގަނޑަކަށް 12-14 އަހަރުގެ ކުދިން އެބައުޅޭ މީގެ ތެރޭގައި. ހާއްސަކޮށް މަސްތުވާތަކެތި ވިއްކުމުގެ ތެރޭގައި ގޭންގު ގްރޫޕުތަކުން ބޭނުންކުރާ ކުދިން ވެސް އެބަތިބި."

އެނގިފައިވާ ގޮތުގައި، މާލޭގެ ބޮޑެތި ބައެއް ގޭންގުތަކުން ވަނީ މާފުށީގައި އެ މީހުންގެ ފައިސާއިން އެކި ވިޔަފާރިތަކަށް އިންވެސްޓުކޮށްފަ އެވެ.

ސައީދު ވިދާޅުވި ގޮތުގައި މި ރަށުގައި މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް ވަނީ ފުލުހުން ކަންބޮޑުވާ މިންވަރަށް ބޮޑުވެފަ އެވެ. މާރާމާރީތައް ގިނަވެއްޖެ ނަމަ، މާލޭގެ އެސްއޯ ފުލުހުންގެ އެހީގައި ހާއްސަ އޮޕަރޭޝަނެއް ފެށުމުން އެކަން މައިތިރިވިއަސް މަސްތުވާތަކެތީގެ މައްސަލަ އޮތީ ވަރަށް މާފުށީގައި ވަރަށް ބޮޑަށް މޫލައިފަ އެވެ.

"މީގެ ދެ ހަފުތާ ކުރިން ފާހަގަކުރެވުނު އެއް ބަޔަކު އަނެއް ބަޔަކު ސީރީޒް އެއް ގޮތަށް މާރާމާރީ ހިންގިކަން ދެ ތިން ހަތަރު ރެއެއްގައި. ދެން އޮޕަރޭޝަނެއް ހިންގައިގެން މިހާރު އެކަން މައިތިރިވެފައި ވަނީ. އެކަމަކު މަސްތުވާތަކެތީގެ މައްސަލަ ކަންބޮޑުވާ މިންވަރަކަށް އެބައޮތް،" ސައިދު ވިދަޅުވި އެވެ.

މި ރަށުގެ ކުށުގެ ވެއްޓަށް ބަލާއިރު 24 ގަޑިއިރު ރަށުތެރެ ބަލަހައްޓަން އެކަށީގެންވާ ފުލުހުންނެއް ނެތެވެ. އިންވެސްޓިގޭޝަން އޮފިސަރުން ލައިގެން މި ރަށުގައި މި ވަގުތު ތިބީ 15 ފުލުހުންނަށް ވިޔަސް، ހާލަތު ބަދަލުކުރަން އޭގެ ދެގުނަ ބޭނުންވާ ކަމަށް ސައީދު ވިދާޅުވި އެވެ.

މި ވާހަކަތައް މި ހުރިހާ ދުވަހަކު ސިއްރުކޮށްގެން ތިބެނީ، ރަށު މީހުން ބުނާ ގޮތުން ފައިސާވެރިންގެ ބާރުގަ އެވެ. ނުވަތަ ރަށަށް ފައިސާ ވަންނާތީ އެވެ. ވަޒީފާ ގެއްލިދާނެތީ އެވެ. އެކަމަކު، އެ ރަށު މީހުން ވެސް ހިތާހިތާ މިހާރު ކުރާ އެއް ސުވާލަކީ މި އެވެ؛ މި ޓޫރިޒަމުން ވީ ފައިދާ އަކީ ކޮބައި ހެއްޔޭ އެވެ؟

"އަހަރެން ނޭދެން މިހެން ރާއްޖޭގެ އެހެން ރަށަކަށް ވާކަށް،" މި ރަށުގެ އަންހެނަކު ބުންޏެވެ.

65 ކޮމެންޓް, 94 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 80%
icon angry icon angry 10%
icon wow icon wow 1%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް

06 January 2023

ޓަކާ ނުވަނިއްޔާ ރަގަޅު ދޯ؟

The name is already taken The name is available. Register?

އަބްޑޫޅް

06 January 2023

ޑޮލަރު ވަދޭނުން. މިހާރު ދެން ރުޕީ ވެސް ވަންނާނެ.

The name is already taken The name is available. Register?

އަބްޑޫޅް

06 January 2023

ހޫނ. ރޭޓު އުޅެނީ މިނެއްޓަކަށް 100 ވިއްޔާ ކޫލް. 3 ވީކެންޑު ފަހަށް ބުއްކޮށްލާނަން.

The name is already taken The name is available. Register?

ގިރިބައްތި

25 December 2022

ކިހާ ދެރަކަމެއް ދެން، ރަށަށް ފައިދާ ލިބި ދިރިއުޅުމުގެ ހާލަތު ރަނގަޅުވާން ފެށީމާ ގެސްހައުސް ނުހުންނަ މީހުން ހަސަދަ ވެރިވެގެން ލިޔާ އާޓިކަލްތައް މީ. އަހުރެން މާފުށީގައި ވަރަށް އުޅޭން. މީގެ ކަމެއް ނުހުރޭ. ހުސް ދޮގު ވާހަކަ. މި ވަރަށް ގޯހެއްނޫން. އާ ރާބޮއެ މީހުން އުޅޭ އެކަމަކު މިވަރަށް ކަން ބޮޑު ކުރާވަރަށް ނުވޭ. ހަމަ ގައިމުވެސް މާލޭގައިވެސް ރާ ބޮއެ.

The name is already taken The name is available. Register?

އަބްޑޫޅް

06 January 2023

ހޫނ. މާލޭގަ މާ ކުރީއްސުރެން ބަނގުރާ އަމިއްލައަށް ކައްކައިގެންވެސް ބޮއި އުޅުނު. ރުކުރާ ބަނގުކޮށް، ތާޑިއަށް ހަދައިގެންވެސް ބޮއި އުޅުނު. މާލޭގަ ނާސިގެ ނުހުންނަ އިރެއް ނުދޭ. އެ ގޭގޭގެ ނަންވެސް ކިޔާދީފާނަން. މީ އާކަމެއް ނޫން. ޒަމާނުން ގިނަދުވަސްވީ ކަންކަން.

The name is already taken The name is available. Register?

އަހަންމަދާ

28 November 2022

ހަމަ އެކަނި މާފުށީ ރައްޔިތަކަށް ލިބޭނެ ފުރުސަތެއް އެއީ ކަމެއްގަ ބަންދުވެގެން ޖަލައްދާން ޖެހުނަސް ރަށުގަ ހުރުމުގެ ފުރުސަތު. ޖަލުގައި ވިޔަސް ރަށުގަ ހުރެވޭނެއެވެ.

The name is already taken The name is available. Register?

އާދު

26 November 2022

ދެން ތިހެން ނުކިޔާ ފައިސާލިބެންޏާ އޯކޭ ވާ މީހުން ގިނަވާނީ

The name is already taken The name is available. Register?

ހަހަ

25 November 2022

ލޯކަލު ޓެރަރިޒަމު

The name is already taken The name is available. Register?

ފަހުދު.

25 November 2022

އެއްކޮޅުގަ ކުއްކުރުން އަނެއްކޮޅުގަ ޖަލު

The name is already taken The name is available. Register?

އާދަމުގެ ދަރި

25 November 2022

އެއްވެސް މުއައްސަސާއަކަށް ދައްކަން ނުކުރެވިފަ އޮތް ހިތި ހަގީގަތެއް ތި ހާމަ ކޮށްލަދެއްވިީ. މާތްﷲ ކަމަނާ ރައްކާތެރިކޮށް ދެއްވާ ހެޔޮމަގަށް ހިދާޔަތް ދައްކަވާށި. އާމީީން

The name is already taken The name is available. Register?

އަބްޑޫޅް

06 January 2023

ކަލޭ ގަބޫލުވީމަތަ ކަމަނަ އަކަށް ވީ؟ ހުއްތުކަމަނަ ތަ؟

The name is already taken The name is available. Register?

ސާޝާ

25 November 2022

މި ލިއުން ކިޔާ ނިމުނު އިރު ލޯމަތިން ސިފަވެގެން އައީ ތައިލެންޑް. ޔާ ރައްބު! މި ކުޑަކުޑަ ރާއްޖެ ސަލާމަތް ކޮށްދެއްވާށި! ކޮންމެވެސް ކުއްޖަކު މި ލިއުން ސޯލިހު ރައީސަށް ވެދުންކޮށްދީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454