ރިޕޯޓް

އަނިޔާވެރިކަމުގެ ހިތި ރަހަ ނުފިލާ، ޔާމީންގެ ލީޑަޝިޕެއްގައި ނާޒިމް ދުރަށް!

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ ނާޒިމް "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތަފާތު ކެންޑިޑޭޓުންގެ ނަން އިއުލާން ކުރައްވަމުން ގެންދަވާއިރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުކުންނަވަނީ ތިން ވަނަ "ފިކުރު" ވިއްކަވަމުންނެވެ. އޭނާގެ ބަހުން ނަމަ އެއީ ގައުމީ ފިކުރެވެ. އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޕީޕީއެމް ބަލިކޮށްލެވޭނެ ވަރުގެ ފިކުރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނާޒިމް ނުކުންނަވަނީ އޭނާ ވިދާޅުވާ ގޮތުގައި ފަސްބައި ސާފު ބޭފުޅެއްގެ ގޮތުގަ އެވެ. އަބުރު ދުއްވާލުމަށް ދައްކާ ކޮންމެ ވާހަކައަކަށް ރައްދު ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ތިރީގައި މި ވަނީ ނާޒިމް ގެންގުޅުއްވާ ސިޔާސީ ވިސްނުންތަކާ ގުޅޭ ގޮތުން "މިހާރު" އަށް ވަރަށް ފަހުން ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

ދަނގެތި ދާއިރާގެ ގޮނޑި ނާޒިމް ކާމިޔާބު ކުރެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު. އެކަމަކު ވަކި ހިސާބަކުން ގާސިމް ދޫކުރައްވައި އަމިއްލަ ޕާޓީއެއް ތިޔަ އުފެއްދެވީ. ނާޒިމް ވެރިކަމަށް ނުކުންނަވާއިރު، ރައްޔިތުންގެ ހިތުގައި އުފެދިދާނެ ސުވާލެއް ގޮނޑި ދިން ބޭފުޅާ ވަކި ހިސާބަކުން ދޫކުރެއްވިއިރު ވެރިކަން ލިބިވަޑައިގަތުމުން ރައްޔިތުން މަތިން ވަކިން ހަނދާން ވާނެހޭ.؟

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން ވަކި މީހެއްގެ ތާއީދާއެކު މީހަކު ނުހޮވޭނެ. އަޅުގަނޑަކީ އެ ތަޖުރިބާ ކުރި މީހެއް. އަޅުގަނޑު އެ ދާއިރާ އަށް [ފުރަތަމަ] ދިޔައިރު ހީކުރި ވަރުގެ ތާއީދެއް ތިޔަ ވިދާޅުވާ ބޭފުޅާއަކަށް މިހާރު ނެތް. އަޅުގަނޑު އެ ތާނގައި ހުރިން ތިން މަސް ވަންދެން. ނުވަ ފަހަރު 10 ފަހަރު ނުވަންނަ ގެއެއް ނުހުންނާނެ. އެއީ ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާ. އަޅުގަނޑު ޕާޓީ ބަދަލެއް ނުކުރަން. އަޅުގަނޑު ޕާޓީ އުފެއްދީ. އަޅުގަނޑަށް ގަބޫލެއް ނުކުރެވުނު ޖުމްހޫރީ ޕާޓީގައި ހުރި ނަމަ ސިޔާސީ މަސައްކަތެއް ކުރެވޭނެ ކަމަކަށް. އަޅުގަނޑުމެން މިއީ ސިޔާސީ މަސައްކަތަށް ނުކުމެ އުޅެން ވަރަށް ޒުވާން. އަޅުގަނޑުގެ އުމުރުން އަދި މާ ގިނަ ދުވަސްތަކެއް ވެގެން ނޫން މި އުޅެނީ. އަޅުގަނޑު ރައީސް ވަހީދު، ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރިން. އެ ބޭފުޅުން އަޅުގަނޑުމެންނަށް ނުދައްކަވައޭ ސިޔާސީ މަގެއް ކުރިއަށް ދާކަށް. ސިޔާސީ ގޮތުން ކިރިޔާ ވެސް ކުރިއަރާނެ ވިސްނުމެއް ގެންގުޅެފިއްޔާ އަޅުގަނޑު ފުރަތަމަ ބުރަށް މި ދިޔައީ ޖަލަށް. ތިބެން މި ޖެހެނީ އަނގަމަތީގައި މަލަންގަނޑެއް އަޅައިގެން. އެއްޗެއް ބުނެވޭކަށް ނޯންނާނެ މިނިވަންކަމެއް. އަޅުގަނޑުމެންގެ ޕާޓީ ތަފާތު ވާނެ. އަޅުގަނޑު ބުނެފައި އޮންނާނެ ފޮޓޯ ވެސް ނެގޭނެއޭ. ޓުވީޓް ވެސް ކުރެވޭނެއޭ. ބޭނުން ވާހަކައެއް ވިދާޅުވެވޭނެއޭ. މި އަށް ވުރެ މިނިވަންކަން މެމްބަރުންނަށް އޮތް ޕާޓީއެއް ނޯންނާނެ. ރާއްޖޭގައި އުޅޭނެ ދަށުގައި އުޅޭ ވެރިން ފޮޓޯއެއް ޓުވީޓް ކޮށްލީމާ މަގާމު ދޫކޮށްލަންޖެހޭ ޕާޓީތައް. އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ގަވާއިދުގައި ސާފުކޮށް ލިޔެފައި އޮންނާނެ ފަސް އަހަރުގެ ދެ ދައުރުގައޭ ހުރެވޭނީ. ދެން ޖެހޭނީ މަގާމު ދޫކޮށްލާށޭ.

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޕީން ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ނާޒިމަށް އެންމެ ބޮޑު އަނިޔާއެއް ދިން ވެރިއަކަށް ވާނެ ނާޒިމް ގަބޫލު ކުރައްވާ ގޮތުގައި ވެސް ރައީސް ޔާމީން. މިސާލަކަށް ސިޔާސީ މަސްރަހު ބަދަލުވާ ގޮތަކުން ޕީޕީއެމް ބައިވެރިވާ ކޯލިޝަނެއްގައި ބައިވެރިވާން ވެއްޖިއްޔާ ކިހިނެއްތޯ ހަދާނީ؟

އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ނުކުރެވޭނެ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނޯންނާނެ. އެކަމަކު ރައީސް ޔާމީންގެ ލީޑަޝިޕްގައި މަސައްކަތް ނުކުރެވޭނެ. ރައީސް ޔާމީން ވެރިއަކަށް ހުންނަވައިގެން އަޅުގަނޑު ހަދާނެ ކޯލިޝަނެއް ނޯންނާނެ. އަޅުގަނޑު ރައީސް ޔާމީނާއެކު މަސައްކަތް ނުކުރާނީ. އެކަމަކު ޕީޕީއެމާއެކު ވެސް މަސައްކަތް ކުރެވިދާނެ. އެހެން ޕާޓީއަކާއެކު ވެސް މަސައްކަތް ކުރެވިދާނެ. އަޅުގަނޑުމެންގެ ޕާޓީގެ އެގްޒެކެޓިވް ކައުންސިލުން [ރައީސް ޔާމީންގެ ލީޑަޝިޕާއެކު މަސައްކަތް ކުރަން] ނިންމައިފި ނަމަ އަޅުގަނޑު ދުރަށް ޖެހިލާފާއި ޕާޓީ އަށް ފުރުސަތު ދޭނަން. ރައީސް ޔާމީންގެ ލީޑަޝިޕްގައި ރައީސް ޔާމީނާއެކު އަޅުގަނޑެއް މަސައްކަތް ނުކުރާނަން. އެ ބަދަލު ނުކުރެވޭނެ އެއްވެސް މީހަކަށް. އަޅުގަނޑުގެ އާއިލާގެ މީހަކު ބުންޏަސް އެހެން މީހަކު ބުންޏަސް އަޅުގަނޑު ނުކުރާނެ ކަންކަން ހުންނާނެ. އެއީ [ރައީސް ޔާމީނާއެކު އެއް ލީޑަޝިޕެއްގައި މަސައްކަތް ކުރުން] އަޅުގަނޑު ނުކުރާނެ ކަމެއް. އެއީ ރައީސް ޔާމީނަށް ހިތްބަރު ކަމެއް އޮތީކީ ނޫން. އަޅުގަނޑު އޮންނާނީ މާފުކޮށްފައި އެންމެންނަށް. އެކަމަކު އަޅުގަނޑަށް ގަބޫލު ކުރެވެނީ [ރައީސް ޔާމީނާއެކު] އަޅުގަނޑަށް މަސައްކަތް ނުކުރެވޭނެ ކަމަށް. އަޅުގަނޑަށް އިހުސާސް ކުރެވޭ ތިން އަހަރާއި ބައިގައި އަޅުގަނޑު ޖަލުގައި ލިބުނު އަނިޔާ. އެ އަނިޔާގައި އަޅުގަނޑަށް ލިބުނު ފިލާވަޅަކީ އެ ވަރުގެ ކަމެއް ކުރެއްވި ބޭފުޅަކާއެކު ދެން މަސައްކަތެއް ނުކުރެވޭނެއޭ. އެއްފަހަރު ޖަހާނީ ކަށި. ދެން އެ ނިމުނީ. އަޅުގަނޑު އުމުރަށް ވެސް ހުންނާނީ މި ޕާޓީގައި. އެއީ އަޅުގަނޑު އުފެއްދި ޕާޓީއެއް. އެކަމަކު ޕާޓީގެ ގުނަންތަކުން ނިންމާ ނިންމުންތަކަށް އިހުތިރާމު ކުރަން ދަސްކުރަން ޖެހޭނެ.

އަޅުގަނޑުމެންގެ ޕާޓީ ތަފާތު ވާނެ. އަޅުގަނޑު ބުނެފައި އޮންނާނެ ފޮޓޯ ވެސް ނެގޭނެއޭ. ޓުވީޓް ވެސް ކުރެވޭނެއޭ. ބޭނުން ވާހަކައެއް ވިދާޅުވެވޭނެއޭ. މި އަށް ވުރެ މިނިވަންކަން މެމްބަރުންނަށް އޮތް ޕާޓީއެއް ނޯންނާނެ."--- ނާޒިމް

ވެރިކަމަށް އައުމަށް ފަހު، އިތުބާރު ވަރަށް ބޮޑަށް ގެއްލޭ. ގިނަ ބޭފުޅުންނަށް އެހެން ދިމާވަނީ. ކިހިނެއްތޯ މި ވަނީ؟

ވެރިކަމަށް އައުމަށްޓަކައި ނުފުއްދޭވަރުގެ ބޮޑެތި ވައުދުތައް ވަނީ. ހަގީގަތުގައި ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވުމަށް. އަސާސީ ކަންކަމުގެ ވާހަކަ މިއަދު ދައްކާކަށް ނުޖެހޭ. ފެނާއި ނަރުދަމާގެ ހިދުމަތަކީ ގާނޫނުއަސާސީން ލާޒިމުކުރާ ކަމެއް. ބަނދަރު އޮންނަން ޖެހޭނެ. ސިއްހީ ހިދުމަތް ލިބެންޖެހޭނެ. އެކަމަކު ފުދުންތެރި މީހަކަށް ނުވެއްޖިއްޔާ އެ މީހާ އަބަދުވެސް އުޅޭނީ ހާލުގައި. ރައްޔިތު މީހާގެ ޖީބުގައި ފައިސާ ނެތިއްޔާ ކޮބައިތޯ ރައްޔިތުމީހާ އަށް އުފަލެއް. އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަނީ ރައްޔިތުމީހާއަކީ ފުދުންތެރި އެ މީހާ އަކީ އުފަލުގައި އުޅެވޭނެ މީހަކަށް ހަދަން. އެ މީހާ ބޭނުންވާ މުހުތާދުތައް ފުއްދޭ ކަހަލަ ސަރުކާރެއް ނެތިއެއް އެ ކަމެއް ނުކުރެވޭނެ. މިހާރު މި އަންނަ ކޮންމެ ސަރުކާރަކުން ވެސް ނުފުއްދޭ ވަރުގެ ވައުދާއެކު އައިސް އެ އިން ސަލާމަތް ނުވެގެން ދެ ފަރާތުން ލޯނު ނަގައިގެން 100 ބިލިއަން ރުފިޔާގެ ދަރަނި އަޅުގަނޑުމެންގެ މިހާރު އެބައޮތް. އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ވެސް މީތި ދައްކައި ސަލާމަތް ނުވާ ހިސާބުގައި ތިބެން ޖެހެނީ. ލިބޭ އާމްދަނީގެ ތެރޭގައި ރައްޔިތުންނަކީ ފުދުންތެރި ހަދަން އެނގެން ޖެހޭނެ. މިހާތަނަށް ތަޖުރިބާގައި އަޅުގަނޑަށް ބުނެވޭނީ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދިދާނެއޭ. މި ވެރިކަމުގައި ވެސް ކޮން ކަމެއްތޯ ނެތީ. އެކަމަކު އަޅުގަނޑުމެން ރައްޔިތުމީހާ އަށް ލިބުނު ފައިދާއަކީ ކޮބާ؟ އަނެއްކާވެސް ޖީއެސްޓީ މި ބޮޑުވީ. ޓީޖީއެސްޓީ ބޮޑުވީ. ކަން އެނގޭ މީހަކު ނާންނާތީ އަދި ރަނގަޅު ޓީމެއް އެކުލަވާނުލެވެނީ. ބަސް ވިކޭ ރަނގަޅު ޓީމެއް އަންނަން ޖެހޭ. ކޮންމެ ބަޔަކު ވެސް ދަނީ ކޯލިޝަނަކާ ދިމާއަށް. ކޯލިޝަނަކާ ދިމާ އަށް ދިޔައީމާ މި ވާ ގޮތަކީ ތަފާތު ފިކުރުތައް އެއްކޮށްލީމާ އެ ވެރިއަކަށް ބޭނުންވާ ކަންކަން ނުކުރެވި ފަސް އަހަރުގެ ދައުރެއް މި ނިންމާލަނީ. އެއީ ކަމަށް މި ބެލެވެނީ ދިމާވާ މައްސަލައަކީ.

އެމްއެންޕީން ކުރި ކެމްޕެއިން ދަތުރެއްގައި ނާޒިމް އާންމު މީހަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއެންޕީ

ނާޒިމް، ކޯލިޝަން ގަބޫލު ނުކުރައްވަނީ ކީއްވެތޯ؟

ގާނޫނުއަސާސީ ދަންނަ އެއްޗެއް ނޫން ކޯލިޝަނަކީ. އެކަމަކު ވެރިކަމުގެ ދަހިވެތި ކަމުގައި ކޯލިޝަން ހަދަންޖެހޭ. އަޅުގަނޑުގެ ވިސްނުމަކީ ކޯލިޝަނަކާ ނުލައި އަޅުގަނޑުމެންގެ މެނިފެސްޓޯ ހިފައިގެން ރައްޔިތުންނާ ހަމައަށް ގޮސް ރައްޔިތުން ބަލައިގަންނަ ވެރިކަމަކަށް އައުން. އެއީ އަޅުގަނޑުމެންގެ ވިސްނުން. އަޅުގަނޑުމެންގެ ވިސްނުމަކީ އެއްވަނަ އަށް އައުން. ވެރިކަން ވެސް ހޯދުން. ކޯލިޝަނަކީ ވަރަށް އުނދަގޫ އެއްޗެއް. ދުނިޔޭގެ އެއްވެސް ތަނެއްގައި ކޯލިޝަން މަސައްކަތެއް ނުކުރޭ. މެލޭޝިއާގައި އެކަކަށް ވެސް މެޖޯރިޓީ ނުލިބުމުން، މައިނޯރިޓީއާއެކު މަސައްކަތް ކުރަން ޖެހުނީމާ އަބަދު ޕާލަމެންޓެއްގައި އޮންނަން މި ޖެހެނީ. އެހެންވީމާ ހަގީގަތުގައި މެނިފެސްޓޯ ރައްޔިތުންނަށް ފޯރުކޮށްދޭން ވަރަށް އުނދަގޫ. މިހާތަނަށް ރާއްޖޭގައި ކޯލިޝަނެއް ކާމިޔާބު ކަމާއެކު ނުހިންގުނު. ދެން މިހާރު އެބަ ބުނޭ ކޯލިޝަނެއްގައޭ މި އޮތީ. އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހަށް އެ ކަން ކުރެވެނީ ކިހާވަރަކަށްތޯ؟ އަޅުގަނޑަށް ގަބޫލު ކުރެވެނީ ނަމެއްގައޭ [ކޯލިޝަން ހިންގަނީ]. މިހާތަނަށް ރައީސް އަރިހުގައި ތިއްބެވި ބޭފުޅުން ރައްޔިތުންނަށް ކަންކަން ޑެލިވާ ކޮށްދޭ ތަނެއް ނުފެނޭ. ފެންނަނީ ބޭނުންފުޅުވާ މީހުން ވަޒީފާތަކަށް ލައިގެން، ދެން އަންނަ ދައުރާ ހަމައަށް ދެވެންދެން މަޑުކޮށްލައިގެން ތިބޭ ތަން. އަނެއްކާ ވެސް އާ ދައުރަކަށް މަސައްކަތް އެ ކުރައްވަނީ މަގާމު ހޯއްދަވަން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެއްވެނީ.

ބަޔަކާއެކު ކޯލިޝަން ހަދަން އެމްއެންޕީގެ ކައުންސިލުން ފާސްކޮށްފި ނަމަ އެ ކަން ގަބޫލު ކުރައްވާނަންތޯ؟ އެ ހާލަތުގައި އެމްއެންޕީން ކޯލިޝަން ހެދުމާ އެންމެ ކައިރީ ކޮން ބަޔަކާ އެކީ ތޯ؟

އަޅުގަނޑުމެންނަކީ، މި ޕާޓީއަކީ އުފެދުމުގައި އިސްލާމްދީނުގެ ކަންކަމުގައި ވަރަށް ބޮޑަށް މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ބައެއް. އަދި އިގްތިސާދީ ކަންކަމުގައި ވަރަށް ލިބަރެލް ވިސްނުމެއް ގެންގުޅޭ ބައެއް. އަޅުގަނޑުމެންގެ މުޅި ފަލްސަފާ އޮންނާނީ ހުރިހާ ކަމެއްގައި މެދުމިނެއްގައި. އެހެންވީމާ އެ ކަމަށް ބާރު ދޭ، އަޅުގަނޑުމެންނާއެކު އުޅެން ބޭނުންވާ ބަޔަކާ އެކީގައި އަޅުގަނޑުމެން އުޅޭނީ. އެ ބަޔަކާ މެދު އަޅުގަނޑުމެންގެ ކައުންސިލުގައި މަޝްވަރާ ކުރެވޭނެ. އަޅުގަނޑުމެންނަކީ ސެކިއުލާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ދީނީ ވަހުދަތު ހިފަހައްޓައި މެދުމިނުގައި ވަރުގަދަ އަށް ތިބޭނެ. އެ ކަންކަން ގެއްލިގެންދާ، އިގްތިސާދަށް ބުރޫއަރާ، ގައުމީ ކަންކަން ދޫކޮށްލާ ބަޔަކާ އެކީގައި އަޅުގަނޑުމެން ނުދާނަން. ތިން ކަމަކަށް އަޅުގަނޑުމެން ބަލާނީ. ފުރަތަމަ ކަމަކީ ކިހާވަރަކަށްތޯ ގައުމީ ކަންކަމަށް އެ ބައެއްގެ ވިސްނުން ހުރީ. ދީނީ ނަޒަރިއްޔާތުން ކިހިނެއްތޯ ހުރީ؟ އިގްތިސާދީ ގޮތުން ކިހިނެއްތޯ ހުރީ؟

ތިޔަ ގަބޫލު ކުރައްވާ ފަދަ ބަޔަކު މިހާރު އެބަތިބިތޯ؟

ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ އެންމެ ދެ ބޭފުޅުން [އަދި] ތިއްބެވީ. އިތުރު ބޭފުޅުންތަކެއް ނުކުންނަ ހިސާބުން ކަން ނޭނގޭ އެނގޭނީ. އަޅުގަނޑުމެން ހަދާނަން އެކަމާ ބެހޭ އެނަލިސިސްއެއް. ކޮބައިތޯ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކުރާނެ ބަޔަކު. އަދި މާ އަވަސް ކަން ނޭނގޭ އެ ކަމާ މެދު އެއްޗެއް ބުނަން. އަޅުގަނޑުމެންގެ ވިސްނުމަކީ އެމްއެންޕީ ވަކިން ނުކުމެ ވެރިކަން ހޯދުން ކަމަށް ވާތީ ކޯލިޝަންގެ ވާހަކަ ތަންކޮޅެއް ފަހުން ދައްކާނީ.

ނާޒިމް" މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޕީޕީއެމް އޮއްވައި އެމްއެންޕީއަކީ އެހާ ވަރުގަދަ ޕާޓީއެއްތޯ؟ އެހާ ބޮޑު ސްތްރެންތެއް ވެސް ފަހުން ލިބިދާނެތޯ؟

އެ ބަޔަކު ކުރި މަސައްކަތަކުން ކާމިޔާބު ވާނީ. އަޅުގަނޑުމެން ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ނުލިބެންވީ ސަބަބެއް ނެތް. ރައްޔިތުން ބަދަލަކަށް ބޭނުންވޭ. ރައްޔިތުންނަށް އަޅުގަނޑުމެން ބަދަލެއް މި ދައްކަނީ. ގައުމީ ފިކުރެއް ދައްކައިދެން އެބަ. މި ކިޔާ ބޮޑު ދެ ޕާޓީން ރައްޔިތުންނަށް ވެރިކަން ކޮށްދީފި. ރައްޔިތުން ބޭނުންވާ ކަންކަން އެ ދެ ޕާޓީން ކޮށެއް ނުދެވުނު. ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ދެން އޮތް ޗޮއިސް ހޯދަން. އެ ޗޮއިސްއަކީ އެމްއެންޕީ. ގައުމީ ފިކުރު. އެ ފިކުރަށް ބޭފުޅުން ކުރައްވަންވީ. އާ މޫނެއް ފެންނާނެ. ތަފާތެއް ފެންނާނެ. ތަފާތު ފަސް އަހަރެއް ފެންނާނެ. ކުރީގައި ޗޮއިސްއެއް ނެތް. އެ ކަމަކު ފްރެޝް، އާ ބަޔަކު މި ތިބީ. އަޅުގަނޑުމެން މިހާތަނަށް ކުރިމަތިލި ކޮންމެ ކަމެއް އިރާދަކުރެވިއްޔާ ކާމިޔާބު. ޕާސަނަލީ އަޅުގަނޑަށް ރަނގަޅު ނަތީޖާއެއް ނެރެވިފައި އެބަހުރި. އަޅުގަނޑަށް ގަބޫލު ކުރެވެނީ ރިޔާސީ އިންތިހާބު ތަންކޮޅެއް ތަފާތު ކަމަށް. ޕާޓީ ލައިނަށް ވުރެ ބޮޑަށް އަޅުގަނޑުމެންނަށް ރަނގަޅު ކެންޑިޑޭޓަކު ދެއްކިއްޖިއްޔާ ރައްޔިތުން ވޯޓު ދިނުމުގެ ފުރުސަތު ބޮޑު. ސިޔާސީ މަސްރަހަށް އަދި ބޮޑެތި ބަދަލުތަކެއް ވެސް އަތުވެދާނެ ކަން ނޭނގޭ. މިއީގައި އޮންނާނީ ރައްޔިތުންނާ ހަމައަށް ދެވުނު ވަރެއް. އަޅުގަނޑުމެން ބަލަނީ ހުރިހާ ރައްޔިތުންނާ ހަމައަށް ދެވޭތޯ. އަޅުގަނޑުމެން ވެސް ގޮސްފިން ވަރަށް ގިނަ ރަށްރަށަށް. [އެ މީހުން ބުނަނީ] ޕާޓީތައް ދެކެ ފޫހިވެއްޖެއޭ. ޕާޓީއަކަށް ވަންނަން ވެސް އެ މީހުން ބޭނުމެއް ނުވޭ. އެހެންވީމާ ރަނގަޅު ކެންޑިޑޭޓެއް ދެއްކިއްޖިއްޔާ ވޯޓު ދޭނެ. ރައްޔިތުން ބޭނުންވަނީ ބަދަލެއް. ރައްޔިތުން ބޭނުންވަނީ ޖީބަށް ފައިސާ ވައްދަން.

ނާޒިމް، ދެ ސަރުކާރެއްގައި މަސައްކަތް ކުރެއްވިއިރު، ތަފާތު ތުހުމަތުތަކެއް ކުރެވޭ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި ހިނގާދިޔަ ކަންކަމާއި ފިސްތޯލަ މައްސަލަ ފަދަ ކަންކަން އެބަހުރި. އެ ހުރިހާ ކަމަކާއެކު، ވެރިކަމަށް ކުރިމަތިލައްވަން ފަސޭހަވާނެތޯ؟

ފެބްރުއަރީ 7ގެ މައްސަލައަކީ ރިޕޯޓެއްގައި ވަރަށް ރަނގަޅަށް ނިމިފައިވާ ކަމެއް. އަޅުގަނޑުގެ އެއްވެސް ވަރެއްގެ ބައިވެރިވުމެއް ނެތް ކަމަށް ކޯނީގެ ރިޕޯޓުގައި އޮތީ ބުނެފައި. އެހެންވީމާ ރައްޔިތުންނަށް ދެން އުނދަގޫވާނެހެން ހިއެއް ނުވެދާނެ. ރައްޔިތުން އެކިއެކި ތުހުމަތުތައް ބޮލުގައި އަޅުވަފާނެ. ހަގީގަތް ގަބޫލުކުރާ، ވިސްނުންތެރި ރައްޔިތެއް ގަބޫލެއް ނުކުރާނެ އަޅުގަނޑުގެ އިންވޯލްމަންޓެއް އޭގައި އޮތް ކަމަކަށް. ފިސްތޯލައިގެ ވާހަކަ ދެން ދެއްކެވެނީ. އަޅުގަނޑުގެ މައްސަލައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި. ކުރެވުނު ތުހުމަތުން އަޅުގަނޑު އޮތީ ބަރީއަ ކޮށްފައި. އަދި ސުޕްރީމް ކޯޓުން ފުލުހުންނަށް އޮތީ އަންގާފައި އެ މައްސަލަ ބަލަން. ރާއްޖޭގެ ކުދިބޮޑު އެކަކު ވެސް ފުރަތަމަ ދުވަހުން ފެށިގެން އަދާ ހަމައަށް ވެސް ގަބޫލެއް ނުކުރޭ އަޅުގަނޑު ފިސްތޯލަ ހިފައިގެން ބާލީސް ދަށުގައި ބާއްވާނެ ކަމަކަށް. އަޅުގަނޑަށް ވޯޓު ނުދޭން ރައްޔިތުން ބުނާނެ މާ ބޮޑު ސަބަބެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުގެ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނޯންނާނެ. މީހަކަށް ދީފައި އޮތް ދޯކާއެއް ނޯންނާނެ. މީހަކަށް ދޭން ޖެހޭ އެއްޗެއް ވެސް ނޯންނާނެ. އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑަކީ ސަތޭކަ ޕަސެންޓް ސާފު މީހެއްގެ ގޮތުގައޭ މި ނުކުންނަނީ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްއެންޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނާޒިމް ފޯމު ހުށަހަޅުއްވަނީ: ޕްރައިމަރީ އަށް ކުރިމަތިލެއްވީ ނާޒިމް އެކަނި ކަމަށް ވުމުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ލިިބިވަޑައިގަތީ އޭނާ އަށް.---ފޮޓޯ: އެމްއެންޕީ

ތިޔަ ވިދާޅުވަނީ އެހެން ސިޔާސީ ބޭފުޅުންނާ ދިމާއަށް ކިޔާ ކަހަލަ ނޭދެވޭ ވާހަކަތަކެއް، ތުހުމަތުތަކެއް ނާޒިމާ ހަމަ ނުކުރެވޭނެއޭތޯ؟ ބުނެވެން ނޯންނާނެއޭތޯ އެ ފަދަ ވާހަކައެއް؟

ދެން މިސާލަކަށް ބުނެފާނެ [އާރުސީސީ] އަށް ސަރުކާރުން މަސައްކަތް ދެނީއޭ. އެކަމަކު ހަގީގަތް ބައްލަވާ. މިހާތަނަށް އައިއިރު އެންމެ އަގު ހެޔޮކޮށް ބިޑް ކޮށްގެން ނޫނިއްޔާ އަޅުގަނޑު ދިން ޕްރޮޖެކްޓެއް ވެސް ނޯންނާނެ. [ސަރުކާރުން] އަޅުގަނޑައް ކޮށްދިން ކަމެއް ވެސް ނޯންނާނެ. ދިން ވަޒީފާއެއް ވެސް ނޯންނާނެ. އަޅުގަނޑު ބުނެގެން ކޮށްދިން ކަމެއް ވެސް ނޯންނާނެ. އަޅުގަނޑާ ޗެލެންޖުކުރޭ ސަރުކާރުން. އަޅުގަނޑަށް ކޮށްދިން ކަމެއް ވިދާޅުވާށޭ. އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑު މިއަދު ކޮޅަށް މި ހުންނަނީ އަޅުގަނޑު ކުރާ މަސައްކަތުން. އަޅުގަނޑަކީ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް މަސައްކަތް ކުރާ މީހެއް. މި ހޯދުނު އެއްޗެއް ވެސް ލިބުނު އެއްޗެއް ވެސް ލިބުނީ އަޅުގަނޑުގެ މަސައްކަތުން. އެހެންވީމާ އަޅުގަނޑާ ދިމާއަށް އެވެނި ކަމެއް، މިވެނި ކަމެއް އޮންނާނީ އެ ގޮތަށޭ ބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ.

މިހާތަނަށް އެމްއެންޕީ ފެނުނީ ސަރުކާރުން ކުރާ ކަންކަމާ މާ ބޮޑަށް ނުބެހި ދުރުގައި ތިބި ބައެއްގެ ގޮތުގައި. ރައްޔިތުންގެ މަޖިލިހުގައި ވެސް އުޅުނީ އެހެން. އެކަމަކު އެމްއެންޕީއަކީ އިދިކޮޅު ޕާޓީއެއް ކަމަށް ވަރަށް ފަހުން އިއުލާން ކުރެއްވި. ސަރުކާރާ މެދު ކުއްލި ގޮތަކަށް ހިތްހަމަނުޖެހުނީތޯ ނޫނިއްޔާ 2023 ގެ ރިޔާސީ އިންތިހާބު ކައިރި ވާތީ ކަންކަން ޑައިވާޓް ކުރެއްވީތޯ؟

އެއްގޮތަކަށް ވެސް އެހެނެއް ނޫން. އޭރު ވެސް އަޅުގަނޑުމެން ބުނަމުން ދިޔައީ ރަސްމީ ސިފައެއްގައި އަޅުގަނޑުމެންގެ ގައުމީ މަޖިލިސް ބާއްވައި ދާއިމީ ވަޒީފާތަކަށް މީހުން ހަމަޖެހުނީމާ އެ މީހުންގެ ތެރޭގައި މަޝްވަރާ ކުރާނަމޭ. އެ ހުރިހާ އެންމެން ބޭނުންވާ ގޮތަކަށޭ އަޅުގަނޑުމެން ނިންމާނީ. ދެން މަޝްވަރާ ކުރީމާ އެންމެން ބޭނުންވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައޭ އަޅުގަނޑުމެން ތިބޭނީ. އަޅުގަނޑުމެންނަކީ މިހާރު ވެސް ޒިންމާދާރު ސިޔާސީ ޕާޓީއެއް. އަޅުގަނޑުމެން މަޖިލިހުގައި ކޮންމެހެން ބޭނުމެއް ނޫން ހަޅޭއްލަވާކަށް. އަޑުގަދަ ކުރާކަށް. މީހުންނަށް އެެއްޗެހި ކިޔާކަށް. އިޝޫ ބޭސް ބައެއް މިއީ. ސަރުކާރާ އިދިކޮޅަށް ވެސް މިހާތަނަށް މަޖިލިހުގައި އަޅުގަނޑުމެން ވާހަކަ ދައްކާފައި ހުންނާނީ. ސަރުކާރާ އެއްކޮޅަށް ވެސް ވާހަކަ ދައްކަން. އަދި ވޯޓު ދޭން ޖެހޭ ހާލަތުގައި ވޯޓު ވެސް ދީފައި ހުންނާނީ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ސިޔާސަތަކީ. ކޮންމެ ކަމަކާ މެދު ދެކޮޅު ހަދައިގެން ވާހަކަ ދެއްކުމެއް ނޫން. ސަރުކާރުން މިއަދު ވެސް ރަނގަޅު ކަމެއް ކޮށްފިއްޔާ އަޅުގަނޑުމެން ބުނާނެ އެއީ ރަނގަޅު ކަމެކޭ. ގޯހިއްޔާ ގޯހޭ ބުނާނެ. އަޅުގަނޑުމެންނަށް މިނިވަންކަމާއެކު ތިބެވެން ޖެހޭނެ. އަޅުގަނޑުމެންނަކީ ސަރުކާރުގެ ނުފޫޒުން މުޅިން އެކަހެރިވެ، މިނިވަން ބައެއްގެ ގޮތުގައި މި ތިބީ. މިސާލަކަށް ޖީއެސްޓީ [ބޮޑުކުރުން]. އަޅުގަނޑުމެން ބުނިން އަޅުގަނޑުމެންނަށް ނުފެނެއޭ ތިކަން ކުރާކަށް. އެހެންވީމާ ޖީއެސްޓީ ބޮޑުކުރަން ނޯއޭ ޖެހީ. ހަމަ އެ ގޮތަށް އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބަޖެޓް ނެތީމާ އެ އަށް ތާއީދެއް ނުކުރަން. އަޅުގަނޑުމެން ބޭނުންވަނީ މުޖުތަމައަށް ދައްކަން ޒިންމާދާރު ސިޔާސީ ޕާޓީ މަސައްކަތް ކުރާ ގޮތް.

ނާޒިމަކީ 23 އަހަރު ސިފައިންގޭގައި އުޅުއްވި ބޭފުޅެއް. އޭގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާއިރު، ބައެއް މީހުން ބުނޭ ނާޒިމް ވާނީ ވަރަށް ހަރުކަށި ވެރިއަކަށޭ. މިލިޓަރީ ވިސްނުމޭ ގެންގުޅުއްވާނީ.

ނާޒިމް "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަޅުގަނޑު ދެކެން ބޭނުންވަނީ ރާއްޖެއަކީ ވަރަށް ޑިސިޕްލިން ސޮސައިޓީއަކަށް. އެއް ކަމަކީ މީހުންނަށް އިހުތިރާމް ކުރާނެ ބަޔަކު އުފެއްދޭތޯ މަސައްކަތް ކުރާނަން. ގާނޫނާއި ގަވާއިދަށް އިހުތިރާމް ކުރާނެ ބަޔަކު އުފައްދާނަން. އޭގެ މާނައަކީ ހަރުކަށި ވުމެއް ނޫން. އަޅުގަނޑުމެން އެ ކަމާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުވާނީ. ރައްޔިތުންނަށް ވިސްނައިދޭނީ ގައުމެއް ބިނާވާން އޮތީ އަހުލާގީ ބައެއްގެ މައްޗަށް ކަން. ހެދިފައި އޮންނަ ގާނޫނާއި ގަވާއިދަށް އިހުތިރާމު ނުކުރާ މުޖުތަމައެއް ރަނގަޅު ބަޔަކަށް ނުހެދޭނެ. އަޅުގަނޑުގެ ވަރަށް މުހިންމު މަސައްކަތަކަށް ވާނެ ސްކޫލު ދަރިވަރުންނާ ހަމައިން އެންމެ ދުވަސްވީ ބޭފުޅާއާ ހިސާބަށް ވެސް ގާނޫނާއި ގަވާއިދަށް އިހުތިރާމް ކުރާނެ ބަޔަކު އުފައްދަން. ގަބޫލު ކުރެވޭ އަހަރެއް، ދޮޅު އަހަރުގެ ތެރޭގައި އެ ކަން ކުރެވޭނެ. އޭރައި މުޖުތަމައުން މި ފެންނަ ގިނަ މައްސަލަތައް ހައްލު ކުރެވޭނެ. އެއީ އެއްގޮތަކަށް ވެސް މިލިޓަރީ ވުމެއް ނޫން.

ނާޒިމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ އާދަމް އާޒިމް ވަނީ މި ސަރުކާރަށް ތާއީދު ކުރައްވާކަން ރަސްމީކޮށް ހާމަކުރައްވާފައި. ނާޒިމާއި އާޒިމަކީ އާއިލާގައި ވަރަށް ގާތް ދެ ބޭފުޅުން ކަމަށް ވާއިރު، ނާޒިމްގެ ޕާޓީއާ ގުޅިވަޑައިނުގެން ސަރުކާރަށް ތާއީދު ކުރެއްވުމަކީ ކޮން ކަހަލަ ކަމެއްތޯ؟

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކުރިމަތިވި ކަންކަމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ނޮވެމްބަރު 2018 ގައި ނާޒިމް ރާއްޖެ ވަޑައިގަތުމުން އާޒިމް ބައްދާލައްވަނީ.---ފައިލް ފޮޓޯ: މިހާރު

އަޅުގަނޑާއި ކޮއްކޮ ގެ އަށް އައީމާ މިއީ ދެބެއިން. މަންމަ ކައިރީގައި ތިބޭއިރު މިއީ ދެބެއިން. އަޅުގަނޑުމެން ގެ އަށް އައީމާ ދައްކާނީ އަޅުގަނޑުމެންގެ އާއިލީ ވާހަކަ. ދެން ބޭރަށް ނުކުތީމާ ދައްކާނީ ސިޔާސީ ވާހަކަ. ގެ އިން ނުކުތީމާ މިއީ ދެ މީހުން. އަޅުގަނޑު އާދަމްއާ ދިމާލަށް ސިޔާސީ ގޮތުން ބުނަންޖެހޭ އެއްޗެއް އަޅުގަނޑު ބުނާނަން. އާދަމަށް ވެސް އޮންނާނެ ބޭނުން އެއްޗެއް ބުނުމުގެ ހައްގު. އަޅުގަނޑުގެ ހިތުގައި އެއްވެސް ހިތްބަރު ކަމެއް ނޯންނާނެ. އަޅުގަނޑު ބަންދުވީއިރު އެންމެ ބޮޑަށް އެހީތެރި ވެސް ވި މީހާ އެއީ. އެހެން ނަމަވެސް ކޮންމެ މީހެއްގެ ނިންމުމަށް ވެސް އިހުތިރާމް ކުރަން. އަޅުގަނޑުމެން ދުވަހަކު ވެސް އެކަކު އަނެކަކު ކުރާ މަސައްކަތުގެ ވާހަކަ ދައްކައެއް ނޫޅެން. ވަޒީފާ އަށް ވަން ދުވަހުން ފެށިގެން ކޮއްކޮ އެ މަސައްކަތުގައި އުޅެނީ. ވަރަށް ހީވާގި ކަމާއެކު އުޅެނީ. އަޅުގަނޑު ވަރަށް އުފާވޭ. ވަރަށް ހިތްހަމަޖެހޭ މަސައްކަތްތަކެއް އާދަމް ސަރުކާރަށް ކޮށްދެއްވަނީ. އެއީ އާދަމްގެ ސިޔާސީ ކުރިމަގު. އާދަމަށް އޮންނާނެ ޗޮއިސް ކޮއްކޮއަކަށް ވިޔަސް. އަޅުގަނޑަށް ދެރަވާ ކަމެއް ކޮއްކޮއެއް ނުކުރާނެ ހަމަ ގައިމު ވެސް. އެއީ ޔަގީންވާ ކަމެއް. އެހެން ނަމަވެސް ސިޔާސީ ގޮތުން އާދަމް ބޭނުންވާ ކަމެއް ކުރިއަށް ގެންދިއުން އެއީ މައްސަލައެއް ނޫން. ކޮއްކޮގެ ނިންމުމަށް އަޅުގަނޑު އިހުތިރާމް ކުރާނަން. އަޅުގަނޑުގެ ކައިރި އަށް އަންނަން ބޭނުމިއްޔާ ހަމަ އަންނަންވީ. މަރުހަބާ ވެސް ކިޔާނަން.

އަޅުގަނޑުގެ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނޯންނާނެ. މީހަކަށް ދީފައި އޮތް ދޯކާއެއް ނޯންނާނެ. މީހަކަށް ދޭން ޖެހޭ އެއްޗެއް ވެސް ނޯންނާނެ. އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑަކީ ސަތޭކަ ޕަސެންޓް ސާފު މީހެއްގެ ގޮތުގައޭ މި ނުކުންނަނީ."--- ނާޒިމް

މި ސަރުކާރުގެ ލީޑަޝިޕްގެ މައްސަލަތަކަކީ ކޮބައިތޯ؟

އަޅުގަނޑަށް ދެންނެވޭނީ ޓީމެއްގެ ގޮތުގައި އެކުގައި މަސައްކަތް ކުރާ ތަނެއް ނުފެނެއޭ. އެއީ ހަގީގަތުގައި މިހާ ބޮޑަށް ކަންކަން ނުކުރެވިގެން އުޅޭ ކަމަކީ. ސަރުކާރުގައި ނެތީ ކޯޗެއްތޯ؟ މަޖިލިސް އެބައޮތް. ސަރުކާރުގައި ގާބިލް މީހުން އެބަތިބި. އެކަމަކު އެންމެން އެކުގައި މަސައްކަތް ކުރާ ތަން ނުފެންނަނީ އަޅުގަނޑުމެންނަށް. އެހެންވީމާ ސަރުކާރު ބަލިކަށި ކަމަށް ފެންނަނީ. އެ ޑެލިވަރީ ރައްޔިތުންނާ ހަމައަށް ނުފެންނަނީ. ވަރަށް ގިނަ މަސައްކަތް [ސަރުކާރުން] ކުރޭ. އެކަމަކު ރައްޔިތުންގެ ތާއީދެއް ނުފެނޭ. އެ ތާއީދު ހޯދުމަށް ކުރެވޭ މަސައްކަތް މަދު ކަމަށް އަޅުގަނޑަށް ފެންނަނީ. އެހެން އެ ދިމާވަނީ އެންމެންގެ ތެރޭގައި އޮންނަން ޖެހޭ އެކުވެރިކަން ނެތީމާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ.

ރިޔާސީ އިންތިހާބަކަށް ނާޒިމް ތި ނުކުންނަވަނީ އަލަށް. އަނެއްކޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނީ. މި ހާލަތު އެއީ ނާޒިމަށް ބޮޑު ގޮންޖެހުމަކަށް ނުވާނެތޯ؟

ކޮންމެ އިންތިހާބަކީ ވެސް އުނދަގޫ އިންތިހާބަކަށް ވާނީ. މިސާލަކަށް ކާމިޔާބު ނުވާނެކަން މިދިޔަ ފަހަރުގެ އިންތިހާބުން އޮތީ ފާހަގަވެފައި. ވެރިކަމުގައި ހުންނެވި ބޭފުޅަކު ކޯލިޝަނަކުން ނުކުމެ ބަލި ކުރީ. އެހެންވީމާ ވެރިކަމުގައި ހުންނެވުމަކީ ދެން އަންނަ ފަހަރަކަށް ވެރިކަން ހޯދުމުގެ ސެޓްފިކެޓެއް ނޫން. އަޅުގަނޑުމެންނަށް ރަނގަޅު މަސައްކަތެއް ކުރެވިއްޖިއްޔާ [މި ސަރުކާރަށް ވެރިކަން] ނުލިބޭނެ. މިވާ ގޮތަކީ ސަރުކާރެއް އޮންނައިރު ސަރުކާރުގެ ހުރިހާ ރިސޯސްއެއް ބޭނުންކުރާނެ. ދަތުރުފަތުރާއި އެސްއޯއީތައް މެދުވެރިކޮށް މަސައްކަތް ކުރާނެ. ރައްޔިތުން ގޮތް ނިންމާނީ. ރައްޔިތުން އުފާވެރިކަން ބޭނުން ނަމަ ޗޮއިސްއަކީ އެމްއެންޕީ. އެމްއެންޕީން ނެރޭ ކެންޑިޑޭޓަކަށް ވޯޓު ދީފިއްޔާ ރައްޔިތުންނަށް އޮތް ފަސް އަހަރަކީ އުފާވެރި ފަސް އަހަރަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަދާނަން. ރައްޔިތުންނަކީ އިގްތިސާދީ ގޮތުން ފުދުންތެރި، އުފަލުގައި އުޅޭ ބޯހިޔާވަހިކަން ލިބިފައި ނެތި އެއްވެސް ފިކުރެއް ނެތި ގޭގައި ނިދާލެވޭ ބަޔަކަށް ހެދުން އަޅުގަނޑުމެންގެ ބޭނުމަކީ.

76 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 68%
icon wow icon wow 3%
icon inlove icon inlove 16%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިޔަވަޅު

28 December 2022

ކޮންބައެއްތަ ސާފީ . މަ ކުދިން ގޮވައިގެން ސްކޫލް ދޮށަށް ހިނގާހިނގާ ފަސްބައި ހުންނަނީ ކިލާވެފަ . ޢެކަމް މަ ފަހަތުން އެއްވެސް ރައްޔިތަކަށް ނާދެވޭނެ ނުފޫޒް ފޯރުވައިގެން ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތައް ހޯދަނީއޭ ކިޔާފައެއް.

The name is already taken The name is available. Register?

އެމްސް

23 December 2022

ފެބްރުއަރީ 7 ގަ ޔާމީން އާއި އެކު ހުރި އެއްވެސް މީހަކީ ޤައުމަށް ހެޔޮއެދުނު، ޤާނޫނަށް ބެލި މީހެއް ނޫން!

The name is already taken The name is available. Register?

ކީކޭ

22 December 2022

ކޯންޏެއް ނޫން ގޯންޏެއް ގަ ރިޕޯޓް ހަދައިގެން ގެނަޔަސް "ބަޣާވާތް" ނުކުރާ ކަމަކަށް ނުވާނެ. އެ ބަޣާވާތާއި ހެދި އަދި އަދަށްވެސް މި ޤައުމު ހަމައަކަށް ނޭޅި މި އުޅެނީ. ޤާނޫންއަސާސީގައި ވެރިކަން ބަދަލުކުރެވެން އޮންނަނީ 3 ގޮތެއް، އެ ނޫން ގޮތަކަށް ވެރިކަން ބަދަލުކުރަން މަސައްކަތްކުރުމަކީ ބަޣާވާތްކުރުން. 07-02-2012 ގައި ކުރީ ބަޣާވާތެއް. އެކަމުގައި ބައިވެރިން ވާނީ ބާޣީންނަށް. ވ ސަލާމް

The name is already taken The name is available. Register?

ބަހީރާ

22 December 2022

މިފަހަރު ވޯޓު ދިނުމުގަ މުހިއްމު ކަމެއްގެ ގޮތުގަ ރައްޔިތުން ބަލާނެ ކަމެއް އެއީ ފަސްބައި އެވާހަކަ ތި ދެއްކެނީ ސިއްރުން ސިޓީދީފަ ރާއްޖޭގެ ދެކުނުން ޗާގޯސްގެ ރަށްތައް ވިއްކާލާފަ ކަނދުވިއްކާފަ ހުރި މީހަކު ކަމަކު ނުދާނެ

The name is already taken The name is available. Register?

ހާލުފޮޅި ފޮޅި

22 December 2022

ބުނަން އޮތް އެތި މާ ބޮޑީ... އެހެންވީމަ ހުންނާނީ ހަނު

The name is already taken The name is available. Register?

ޖަނީން

22 December 2022

ދެޕާޓީއަކަށްވުރެ މިގައުމު މާބޮޑު. ވެރިކަންކުރި އެޕާޓީތަކުގެ ލީޑަރުންނަށްވުރެ ހަރުދަނާ ވަރުގަދަ ޝަޚުސިއްޔަތުން މިގައުމުގަ ވެރިކަންކުރެވޭނެ ގާބިލްކަންހުރި ދަރިން އެބަތިބި. ދެދައުރު ދޭންޖެހޭވަރު ވެރިޔެއް އަދި ވެރިކަމެއް މިގައުމަކުން ނުފެނޭ. އެވަރުގެ ނަތީޖާއެއް ނުނެރެވޭ އަދި. ވެރިކަން ހަތަރު ފަސްދައުރު ކުރަން އެދުނަސް ދިވެހިން ބޭނުންވަނީ އައު ވެރިޔެއް އަނެއްކާވެސް.

The name is already taken The name is available. Register?

ވސނ

21 December 2022

ފަސްބައި ރީއްޗޭ ބުނެވިދާނެ. އެކަމަކު 2012 ވަނައަހަރުގެ ފެބުރުވަރީ 7ގައި، ރައްޔިތުން ހޮވާފައިހުރި ވެރިއެއް އިސްތިޣުފާދިނުންނޫން ގޮތެއް ނެތްކަމުގައިބުނެ، އިސްތިޣުފާގެސިޓީއަތުލައި، އެސިޓީ ރައްޔިތުންގެ މަޖިލީހަށްފޮނުވައި އެގަތްގަނޑާއިބެހޭގޮތުން ސިފައިންގެގެޔަށްވަދެ، އެކުރިކަންތަކާއިބެހޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދޭންއޮތީ ޖެހިފަކަމާއިމެދު ޝައްކެއްނެތް. އެދުވަހުއެކުުރީ ބަޣާވާތެއް ނޫންމުގައިވާނަމަ، ބަޣާވާތަކީ ކޯޗެއްކަމެއް ނުއެނގޭ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

21 December 2022

މަހިތައްއަރާ ރައްޔިތުންނަށް އަމާނާތް ތެރި ކަމާއި، އިޙްލާސް ތެރިކާއި، ތެދު ވެރިކަމާއި އެކު ެވެރިކަން ކޮއްދޭނެ ފިރިހެން ވަންތަކަންހުރި ވެރިއަކު ހަމަ މި ޤައުމުގައި ނެތީބާއޭ! ބޯހަލާކު!

The name is already taken The name is available. Register?

ނިމާން

21 December 2022

ދެވަނަ ދައުރެއް ރާއްޖޭގަ ވެރިއަކަށް ދިނުމަށްވުރެ އައު ކެނޑިޑޭޓެއް ނުވަތަ އައު ޕާޓީއެއް ޓެސްޓްކޮށްލުން ރަނގަޅު

The name is already taken The name is available. Register?

ޝޮކްތެރަޕީ

21 December 2022

ކީވެތަ އިންޑިޔާ އައް ފާޑުކިޔަން ނުކެރެނީ. ރާއްޖޭގަ ކުރަމުންދާ ކަންތައް ނުފެންނަނީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454