މަނަދޫ އާތު ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު "މިހާރު" އަށް އިންޓަވިއުދެނީ .-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
03 ޖޫން 2025 - 09:18
އުމުރުން އެންމެ 22 އަހަރުގެ އިބްރާހިމް ވަހީދު ބޯޓު ދަތުރު ކުރަން ދިޔައީ ވެސް އުފަން ރަށް ނ. މަނަދޫގައި އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ނިޔަތުގަ އެވެ. އެއީ އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އެންމެ ކުޑައިރުއްސުރެ ފެށިގެން އޭނާ ބޭނުންވާ ކަމަކަށް ވާތީ އެވެ. ބޯޓު ދަތުރުކުރުމުގެ ވަޒީފާގައި ކޮންމެ މަހަކު ލިބޭ 200 ޑޮލަރުގެ ތެރެއިން ރަށުގައި ތިބި މައިންބަފައިންނަށް 100 ޑޮލަރު ފޮނުވަމުން ދިޔައީ ފިހާރައެއް ހުޅުމުގެ ބޭނުމުގަ އެވެ.
ވަހީދު ފޮނުވަމުން ދިޔަ އެ ފައިސާގެ ބޭނުން އޭނާގެ މަންމަ ވަރަށް ރަނގަޅަށް ހިފި އެވެ. "އާތު" ގެ ނަމުގައި ފިހާރައެއް ހުޅުވި އެވެ. މިއަދު ވަހީދަކީ މަނަދޫގައި ހުރި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އެވެ. މަންމަގެ ގޭގެ "ގޮޅިއެއް" ގައި ހުޅުވި ފިހާރަ މާ ބޮޑަށް ވެސް ފުޅާކޮށް އޭނާގެ ފިހާރަތަކުގެ އަދަދު އިތުރުކޮށްފި އެވެ. އެހެން ވިޔަފާރިތަކަށް ވެސް ނުކުމެއްޖެ އެެވެ.
ބޯޓު ދަތުރު ކުރަން އުޅެމުން އެއްކުރި 24،000ރ. އިން ވަހީދުގެ ފުރަތަމަ ފިހާރަ ހުޅުވީ 1992 ވަނަ އަހަރު އެވެ. އެ ވިޔަފާރި ފެށީ އެންމެ އާންމުކޮށް ދިވެހިން އެ ދުވަސްވަރު ގަންނަ ބާވަތްތައް ބަލައިގެންނެވެ.
"ފުރަތަމަ ފެށީ ދަޅުކާނާ. އެންމެ އާންމު އެއްޗެހި. ކުޑަކުދިންގެ ބުއްދަޅު، ޕްރޮމިނާ ކަހަލަ އާންމުކޮށް ބޭނުންކުރާ ލޯކަލް އެއްޗެހިން،" ވަހީދު ބުންޏެވެ.
މަނަދޫ އާތު ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު "މިހާރި" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އިތުރު ފިހާރައެއް ހުޅުވުމުގެ މާ ބޮޑު ތަނަވަސްކަމެއް ނެތުމުން ވަހީދު އެންމެ ފުރަތަމަ އިސްކަން ދިނީ މަންމަގެ ގޭގައި ހުޅުވި 12 ފޫޓު 12 ފޫޓުގެ ފިހާރަ ބޮޑުކޮށް، އެ ތަނަށް މުދާ އިތުރު ކުރާށެވެ.
އެކަމަކު، ލިބޭ އާމްދަނީ އިތުރުވެ، ކުރިއަށް ދެވޭނެ މަގުތައް އިތުރަށް ފަހިވުމާ އެކު ފިހާރަ ބޮޑުކޮށް "ބޮޑު ވިޔަފާރިއެއްގެ ގޮތަށް" މަސައްކަތް ކުރަން ވަހީދު ފެށި އެވެ. އެއީ 2008 ވަނަ އަހަރެވެ. ރާއްޖެ އިން ބޭރުން މުދާ ގެނައުމަށް ވަހީދު އަމިއްލަ އަށް ދަތުރުކުރަން ވެސް ފެށި އަހަރެވެ.
"އޭރު ނުޅޭ ބޭރުން މުދާ ގެންނަ މީހެއް ވެސް މި ސަރަހައްދުގައި ވެސް. އޭރު ވެސް އަތޮޅު ފެރީ އޮންނާނެ، ލަކުޑި ފެރީ. އެހެންވެ ވަރަށް ޑިމާޑު ބޮޑު އަތޮޅުތެރޭގައި އޭރު ވެސް. މުށި، ފަރުނީޗަރު ކަހަލަ އެއްޗެހި ބޯޓުން ރަށަށް ގެނެސް ބާލާފައި ބަނދަރު މައްޗަށް ބާލާފައި ހުއްޓާ ނިމޭ އެކަން [ވިކި ހުސްވޭ] ގުދަން ކުރާކަށް ވެސް ނުޖެހޭ އޭރު،" ވަހީދު ބުންޏެވެ.
އެ ވިޔަފާރި ފުޅާވެގެން ގޮސް މިހާރު އޭނާގެ ހަތަރު ފިހާރަ މަނަދޫގައި އެބަހުއްޓެވެ. އޭގެ އިތުރުން ފިއުލް ސްޓޭޝަނެއް ވެސް ހިންގަ އެވެ. މާލޭގެ ފިހާރަތަކުން ލިބޭ ގާތްގަނޑަކަށް ހުރި މުދަލެއް މަނަދޫގައި ވަހީދު ހިންގާ ފިހާރަތަކުން ލިބެން އެބަހުއްޓެވެ.
މަނަދޫ އާތު ފިހާރައެއް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެންމެ އާދައިގެ އެއްޗެހިން ފެށިގެން ގެދޮރު އިމާރާތް ކުރަން ބޭނުން ކުރާ ސާމާނާއި ތެޔޮ ވެސް އާތު ފިހާރައިން މިހާރު ވިއްކަ އެވެ.
"އާތުގެ ފުރަތަމަ ފިހާރައިން ލިބޭނެ މާޓަކުން ލިބޭ ހުރިހާ އެއްޗެއް. ހާޑްވެއާ ފިހާރައިން ވެސް ހުރިހާ އެއްޗެއް ލިބޭނެ، ފިލަޔަކަސް ސިމެންތިއަކަސް،" ވަހީދު ކިޔައިދިނެވެ.
ވަހީދުގެ ވިޔަފާރީގައި ކުރިން ޓެކްސްގެ ގޮތުގައި ފައިސާ ދައްކަން ޖެހެނީ ތިން މަހުން އެއް މަހު އެވެ. ނަމަވެސް އެ ވިޔަފާރި ފުޅާވެގެން ގޮސް ސަރުކާރަށް ޖީއެސްޓީ ދައްކާ ވަރު ވެސް ވަނީ އެތައް ގުނައަކުން އިތުރުވެފަ އެވެ.
"މަހުން މަހުން ދައްކަން މި ޖެހެނީ ވަރަށް ބޮޑެތި ވިޔަފާރި ތަކުން. ކުރީގައި އަޅުގަނޑުމެން ވެސް ދެއްކީ ތިން މަހުން އެއް މަހު. މިހާރު އަޅުގަނޑުމެން ދައްކަން އެބަ ޖެހޭ މަހަކު އެއް ފަހަރު ޖީއެސްޓީ. އޭގެ މާނައަކީ 3 މިލިއަން ރޯލް ވަނީތާ،" ވަހީދު ބުންޏެވެ.
މަނަދޫ އާތު ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ވަހީދުގެ އާތު ވިޔަފާރި ކުރިއަރައިގެން ދިޔަ ސަބަބެއް ކަމަށް އޭނާ ގަބޫލު ކުރަނީ އާއިލާ އެންމެންގެ ފަރާތުން ލިބުނު އަދި މިހާރު ވެސް ލިބޭ އެހީތެރިކަމެވެ. ކަމެއް ދިމާވެއްޖެ ނަމަ އެންމެ ކައިރީގައި ވެސް ތިބެނީ އެއްބަނޑު މީހުންނެވެ. އެހީ ވަނީ ވެސް އެ މީހުންނެވެ.
ފިހާރަ ހުޅުވައި، ބަންދުކޮށް ފައިސާގެ ހުރިހާ ކަންކަން ވެސް ފުރަތަމަ ބެލެހެއްޓީ ވަހީދުގެ އެއްބަނޑުއެއްބަފާ އަންހެން ކުދިންނެވެ.
"ކުޑައިރު ވެސް އަޅުގަނޑަށް އެއްބަނޑު މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ކުޑައިރު އެ ކުދިން ވިޔަފާރި ހިންގީ. މިތާ އިނދެގެން މުދާ ހޯދައިގެން މިކަމެއް ނުވީސް، އެ ކުދިންގެ އެހީތެރިކަން ނުލިބުނު ނަމަ،" ވަހީދު ބުންޏެވެ.
މަނަދޫ އާތު ފިހާރައެއް ކައިތިން މީހަކު ބައިސްކަލެއްގައި ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ވަހީދުގެ ވިޔަފާރި ކުރިއެރުމުގެ ފަހަތުގައި އޭނާގެ އެއްބަނޑުއެއްބަފާ މީހުން ނެތް ނަމަ އެ ވިޔަފާރި ކާމިޔާބު ނުވީހެވެ. ރާއްޖެ އިން މުދާ ބަލަން 2008 އިން ފެށިގެން ކޮވިޑުގެ ދުވަސްވަރާ ހަަމައަށް ދަތުރުކުރީ ސީދާ ވަހީދެވެ. އެ ދުވަސްވަރު ފިހާރަތަކުގެ ހުރިހާ ކަމެއް އާއިލާގެ މީހުންގެ އަތްމައްޗަށެވެ. އެކަމަކު، ވަހީދަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ނުކުރެ އެވެ.
އެއްބަނޑުއެއްބަފާ މީހުންގެ އިތުރުން ވަހީދުގެ ކުދިންތައް މިހާރު ވަނީ ބައްޕަގެ ވިޔަފާރީގެ ތެރެއަށް ވަދެފަ އެވެ. ދޮށީ ދަރިފުޅު އެންމެ އިސްކޮށް ހުރެގެން ވަހީދުގެ ވިޔަފާރީގެ ކަންކަން ކޮވިޑުގެ ފަހުން އަންނަނީ ބަލަހައްޓަމުންނެވެ. ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ހުންނަ އެއްބަނޑުއެއްބަފާ ފިރިހެން ކޮއްކޮ އާއި ދޮށީ ފިރިހެން ދަރިފުޅު ވިޔަފާރި ތެރޭގައި އެހީތެރިވާން ފެށީ ކޮވިޑުގެ ފަހުންނެވެ. އޭގެ ފަހުން މުދާ ބަލައި ބޭރަށް ދިއުމާއި މުދާ ބޭރުން ގެންނަން ޖެހުން ފަދަ ހުރިހާ ކަމެއް މިހާރު ކުރަނީ އާއިލާގެ އެ މީހުންނެވެ.
ވިޔަފާރީގައި އުޅޭތާ 33 އަހަރު ވެފައިވާ ވަހީދުގެ "އާތު" އަކީ އުތުރަށް މަޝްހޫރު ބްރޭންޑެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެ ވިޔަފާރިއަކީ އޭނަގެ މަސައްކަތުން އާއިލާ އެންމެން ވެގެން ކުރިއަރުވައިދިން ވިޔަފާރިއެކެވެ. ވިޔަފާރިއެއް ފެށުމަށް ގަސްދުގައި އާމްދަނީ ހޯދަން ބޭރު ބޯޓު ދަތުރުކުރަން ފެށި ފެށުމުގެ ނަތީޖާ ވަރަށް ރަނގަޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރެޑް ވޭވް
04 June 2025
ރެޑް ވޭވް ސަލީމްގެ ވެސް މިކަހަލަ ފުރިހަމަ ވާހަކައެއް އޮވޭ
ކުޑޭނ
03 June 2025
ތިރަށުގައި 1980 ގެ ތެރޭގައި ދެބެން ކުރި ވިޔަފާރިއެއް ނިމުނީ ބަނގުރޫޓްވެގެން. ސީނުއައްޔާ އިސްމާލާ އެދެބޭން ކޮށްފި ޒުވާބު މީހުނަށްނޭގުނަކަށް ވެއްޖެޔެ ވިޔަފާރި ޚަރާބު.
ވިޔަފާރިވެރިއެއް
03 June 2025
ވަހީދުގެ ތިޔަ ވިޔަފާރީގައި ބަރަކާތް ލައްވާށި، އާމީން
ލައިޓް
03 June 2025
މިހާރުގެ ކުދިން ވިޔަފާރި ފަށަނީ 18 ޕަސެންޓް އިންޓްރެސްޓާއި އެކު ލޯނުނަގައިގެން!
އަހަންމަދާ
03 June 2025
ވަހީދު ގެ ކާމިޔާބީ ވާހަކާގައި އޭގެ އެންމެ ބުރަކޮށް މަސައްކަތް ކުރި ހަލީލުގެ ވާހަކަ ނެތީމަ ހިތާމަ ކުރަން އާރތު ކޮޅަށް ޖަހައިދިނުމުގައި ހަލީލު ގެ މަސައްކަތް ފާހަގަކޮށް ހަލީލަށް ވެސް މަރުހަބާ ދަންނަވަން. އަދި ވެސް ވިޔަފާރީގަ ކުރިއެރުމަށް އެދެން.
އަލްސަން ބުރޯ
03 June 2025
ވަހީދުބެ އަކީ ބަރާބަރަށް ނަމާދު ކުރާ މީހެއް
ކެނެޑީ
04 June 2025
ތިޔޭ އެއްކަލަ
ޛާތީ
03 June 2025
މިކަހަލަ ގިނަ ސްޓޯރީ ތަކަކީ ކަޑައެޅިގެން ދޮގު. ރާއްޖޭގެ މިހާރު މުއްސަނދންގެ އެންމެ އުހުގައި ނަން ހިގާ މޙުންވެސް މިކަހަލަ ސްޓޯރީ ގެންގުޅޭ. އެކަމަކު ހަގީގަތަކީ ވައްކަމާއި އޮޅުވާލުމާއި މަކަރާއި ލަނޑުދިނުންފަދަ އެތައް ކަމެއް ކުއްލި މުއްސަނދިކަމާއި ގުޅިފައިވާކަން. މިކޮމެންޓް ނުޖެހިޔަސް މިއީ ހަގީގަތް
އަނބިގޮއްޔެ
03 June 2025
ކަލޯ ތެބުނަނީ ދެން މާލާ ބޭޅާމެންނަށް އެކަނިކަމަށްތަ ވިޔަފާރިކުރަން އެނގެނީ.
މެންޓަލް
04 June 2025
ތިއީ އަސްލު މެންޓަލް މައްސަލައެއް. ތިކަހަލަ މީހުންނަށް ހީވާނެ ގިނަލާރިހުރެއްޖެޔާ އަބަދުވެސް އެގޯހޭ.
ފެންސު
03 June 2025
މިއީ ފިރިހެނުންނަކީ. އަމާޒެއްއޮވެ އެ އަމާޒަަށް ވާޞިލުވާން ހިންމަތްކުރުމުގެ ހިތްވަރު ހުންނަންޖެހޭނެ.
ދަލޭކަ ދައިތަ
03 June 2025
އާއިލީ ގުޅުމަކީ ވިޔަފާރި ކާމިޔާބުކުރަން އެންމެ ފުރިހަމަގޮތް، ވިޔަފާރިއާޖެހި ވ ގިނަ އާއިލީ ގުޅުން ވަނީ ހީނަރުވެފަ. ވިޔަފާރި ފުޅާވުމުން ނުވަތަ ތިމާގެ ދަރިން ބޮޑެތިވެ ވިޔަފާރިއާ ހަވާލުވާ ހިސާބުން އެއްބަޑުމީހުން ވި ގުރުބާނީ ހަދާންނަށްތާ އެއްފަރާތްކޮށްލާތަން އާދޭ. މަރުހަބާ ވަހީދު. ވ މަދު މީހަކަށް އާއިލާއާއެކު ކުރިއަށްދެވެނީ.
ރަދީފްއޮފިޝަލް / ތެދުވެރި
03 June 2025
ވަހީދުބެއަކީ ހިތްތިރި ، ތެދުވެރި ، އަމާނާތްތެރި މިީހުންނަށް އޯގާތެރި ބޭފުޅެއް.