ކުޑަ ދޯނީގެ ވަޑާމަށް ޖެހިގެން އޮތް ރަށުން އައި ވަޑީގެ ހާރު ކެއުމަށް ނޫޑްލްސް ކޮޅެއް ކައްކާލަން ހައްވާ އިސްމާއީލް (ހައްވާދީދީ) ބަދިގެ އަށް ވަން އިރު ބަދިގޭގައި ހުރި ފުޅިބައްތީގެ ކަނި ހުލިވަނީ އެވެ. ސާފުތެޔޮ ފޮދެއް އަޅައިގެން ނޫނީ އެ ބައްތިން އަލިކަމެއް ނުލިބޭނެ އެވެ. ހައްވާދީދީ ބަދިގެ ތެރޭގައި އަވަދިނެތި އުޅޭތީ، އޭނާ އަށް ފަސޭހަކޮށްދޭން ފިރިމީހާ އަލިދީދީ އުޅުނެވެ. ބައްތި އަށް ތެޔޮފޮދެއް އަޅަން ތެޔޮހަން ނަގައި ފުޅިބައްތިއަށް އަރިކޮށްލި އެވެ.

ތިއްކެއް ވަރުގެ އަލިފާން ކަނި، ހުޅުހިފައިގެން ގޮސް ތެޔޮހަމުގެ ތެރެއަށް އަލިފާންގަނޑު ދެމިގަތެވެ. އެ ހުޅުގަނޑު ފެތުރި ހިފީ އަލިދީދީގެ މުޅި ގައިގަ އެވެ. 

"އެ ވަގުތު އެތާ ހުރި މާމަމެންގެ [ދެބެންގެ ދެދަރި މީހެއް] އަސްމާ. މަމެން ދެ މީހުން ވެގެން އެޔޮ [އޭނާގެ] ގަޔަށް ފެން ބާލިދީއެއް ޖެހުމާ ވެސް އަލިފާންގަނޑު ނުވެއް ނިވުނު،" މީގެ 25 އަހަރު ކުރިން އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލި ހިތާމަވެރި ހާދިސާ ހައްވާދީދީ ކިޔައިދެމުން ދިޔަ އެވެ. 

"ދެން އެޔޮ [އަލީދީދީ] އެބަ ގޮވާ ވެލި ޖަހާށޭ. ވެލި ޖާހަށޭ. ދެން އެޔޮ ބިންމައްޗަށް ވެއްޓި ފުރޮޅެން ފަށައިފި. މުޅި ގައިގައި އޮތީ ހުޅުގަނޑު ހިފާފާއި." 

ދިޔަމިގިލީގައި ސިއްހީ މަރުކަޒެއް ވެސް އޭރު ނެތެވެ. އެކަށީގެންވާ ފަރުވާ ދެވެން ނެތިގެން އަލިދީދީ ގެންދިޔައީ އިތުރު ފަރުވާ އަށް ތ. އަތޮޅު ވިލުފުއްޓަށެވެ. ސިފައިންގެ އުޅަނދެއް ވެސް އެ ރަށުގައި އޮތް ވަގުތަކާ ދިމާވިކަމުން އެ އުޅަނދު މާލެ ދިޔައީ ހާލު ދެރަވެފައި އޮތް އަލިދީދީ ވެސް ގޮވައިގެންނެވެ. 

މާލެ ގެންގޮސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި އެވެ. އެކަމަކު އަލިދީދީގެ ހަށިގަނޑުން ފިހުނު ތަންތަންގަނޑު ފަސޭހަ ނުވެ، އެ ވޭނުގައި އޭނާ ނިޔާވީ އެވެ. 

"މާލެ ގެންދިޔަތާ 13 ވަނަ އަށް ވީ ދުވަހު ނިޔާވެއްޖެ،" ފެންކަޅި ވެފައި އިނދެ ހައްވާދީދީ އެ ހަނދާތައް އާ ކުރި އެވެ. 

ހައްވާ ދީދީ: ހުރީހާ ހާލަތެއްގައި ވެސް އޭނާ ސާބިތުވެ ހުރީ ކެތްތެރިކަމާ އެކު.
ހައްވާ ދީދީ: ހުރީހާ ހާލަތެއްގައި ވެސް އޭނާ ސާބިތުވެ ހުރީ ކެތްތެރިކަމާ އެކު.

ފިރިމީހާގެ ކުއްލި މަރާ އެކު، ހައްވާދީދީ ހުވަފަތް ވީ އެވެ. އެ ދެމަފިރިންގެ ހަތް ދަރިންނާ އެކު، އޭނާ އެކަނިވީ  އެވެ.

އަލިދީދީއަކީ މަސައްކަތް ދަންނަ މުރާލި މީީހެކެވެ. ދިރިއުޅުން ކޮޅަށް ނަގަން ގަދައަޅައި ބުރަ މަސައްކަތް ކުރި އެވެ.

ތިން ކޮޓަރި އާއި ސިޓިން ރޫމެއް ހިމެނޭ، އޭރުގެ ފެންވަރުން ރަނގަޅު ގެއެއް ވެސް ރާނައި ހިޔާކުރީ އަލިދީދީ އަމިއްލައަށެވެ.

ހައްވާދީދީ ބުނި ގޮތުގައި އޭރު ވެސް އަލީދީދީ އުޅުނީ ގެންގުޅުނު ކުޑަ ދޯނީގައި ކުރަން ހުރި ވަޑާން އަވަހަށް ނިންމާލާފައި ރޯދަމަސް ނިމެންވާއިރަށް، އެ އޮޑި ފެނަށް ބޭލޭތޯ އެވެ. އެކަމަކު އެ ފުރުސަތު ނުލިބި އަލިފާނުގެ އެ ހާދިސާގައި އަލިދީދީ ނިޔާވީ އެވެ.

ނަމަވެސް ހައްވާދީދީ ހިތްވަރުގެ ހުޅުކޮޅު ނުނިވުނެވެ. ދަރިންގެ ހައްގުގައި އޭނާ ގުރުބާންވާން ޖެހޭކަން އަމިއްލަ އަށް ގަބޫލު ކުރި އެވެ. ހަތް ދަރިންގެ ތެރެއިން އެންމެ ދޮށީ ދެބެއިން ފިޔަވައި އަނެއް ފަސް ކުދިން އޭރު އުޅެނީ ސްކޫލުގަ އެވެ.

 

"މިހާރު މިހެން އިނދެ ވިސްނައިލުމާ ހިތަށް އަރައި ކޮން ފަދަ ހާލަކު ހެއްޔޭ އޭރު އުޅެވެނު،"
ހައްވައިދީ

އަލިދީދީގެ މަރަށް ފަހު، ރަށަށް އައިސް ދުވަސްކޮޅަކު ރަށުގައި އުޅެލާފައި ހައްވާދީދީ ދަތުރު ހެދީ މާލެ ބަދަލުވުމަށެވެ. މަންމައެއްގެ އިތުރުން ދަރިންގެ ބައްޕަގެ ޒިންމާ ވެސް ނަގަން ހުރި މީހަކީ ހައްވާދީދީ ކަމަށް ވާތީ އާއިލާގެ ހަރަދުތައް ބެލެހެއްޓޭނެ ވަރުގެ މަސައްކަތެއް ހޯދުމުގެ ވެސް ވިސްނުމުގަ އެވެ.

ކުއްޔަށް ތަނެއް ލިބެންދެން ތިމާގެ މީހެއް ކައިރީގައި ދުވަސްކޮޅަކު ހުރުމަށް ފަހު، ވިލިމާލެ އިން 1،100ރ. އަށް ކޮޓަރިއެއް ކުއްޔަށް ލިބުމުން އެ ތަނަށް ބަދަލުވި އެވެ. ދަރިން ގޮވައިގެން ސްކޫލު ދޮށަށް ހިނގަމުން ދެ ތަނަކަށް ވަޒީފާ އަށް ދާން ފެށި އެވެ. އެ ނޫން ގޮތަކަށް ދިރިއުޅުން ފަރުނުޖެއްސޭނެ އެވެ.

"ދެތަނަށް ވަޒީފާ އަށް ގެސްގެން އޭރު އުޅެނު. ޖަސްޓިސް ބިލްޑިންގެ މަސައްކަތު މީހެއްގެ ވަޒީފާ އަށް ހެނދުނު ދަނު. މެންދުރުފަހު 2:30 ގައި އެ ތަން ނިމެނުމާ ދެން ދަނު އިމާދުއްދީނަށް [ސްކޫލަށް] ގޮސް އެތާ ސާފުކުރަން އުޅެނު،" ހައްވާދީދީ

"ވިލިމާލެ އިން ހެނދުނުހެނދުނާ ދަނު ކުދިން ސްކޫލަށް ލާން ގޮވައިގެން. ސްކޫލަށް ލައިފެ ދެން ދަނު ޖަސްޓިސް ބިލްޑިން އަށް." 

އެއީ އަހަރުތަކެއް ވަންދެން ކޮންމެ ހަފުތާއަކުހެން ނުވަތަ ކޮންމެ ދުވަހަކުހެން އޭނާގެ ތާވަލު އޮންނަ ގޮތެވެ. 

ހައްވައިދީ، އޭނާގެޗގޭގެ ޖޯލީގައި: ދަރިންނަށްޓަކައި އޭނާ ވަނީ މަންމައެއްގެ އިތުރުން ބައްޕައެއްގެ މަގާމު ވެސް އަދާކޮށްފައި.
ހައްވައިދީ، އޭނާގެޗގޭގެ ޖޯލީގައި: ދަރިންނަށްޓަކައި އޭނާ ވަނީ މަންމައެއްގެ އިތުރުން ބައްޕައެއްގެ މަގާމު ވެސް އަދާކޮށްފައި.

"މިހާރު މިހެން އިނދެ ވިސްނައިލުމާ ހިތަށް އަރައި ކޮން ފަދަ ހާލަކު ހެއްޔޭ އޭރު އުޅެވެނު،" އޭނާގެ ގޭގެ ބޭރުގައި ހުރި ޖޯލީގައި އިށީނދެގެން އިނދެ "މިހާރު" އަށް އެ ވާހަކަތައް ހައްވާދީދީ ކިޔައި ދިނެވެ. 

ދަރިން ސްކޫލު ނިމި އަމިއްލަ އަށް ދިރިއުޅުން ފަށާތަން ފެންނަން ފެށުމުން ހައްވާދީދީ އަށް އުފާވެރިކަން ލިބެ އެވެ. އޭނާގެ ގުރުބާނީގެ ނަތީޖާ ފެންނާތީ އެވެ.

ދިޔަމިގިލީގެ ސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހުމުން، ޖަސްޓިސް ބިލްޑިންގުގެ މަސައްކަތު މީހެއްގެ ވަޒީފާ ދޫކޮށް ހައްވާދީދީގެ ދިރިއުޅުން ރަށަށް ބަދަލު ކުރި އެވެ.

އޭރު ސްކޫލް ނުނިމި ތިބީ އެންމެ ހަގު ދެބެއިންނެވެ. ދަރިންނާ އެކު އަމިއްލަ ރަށުގައި ދިރިއުޅުމުގެ ފުރުސަތު ލިބުމުން އޭނާ އަށް ލިބޭ އުފާވެރިކަން ބޮޑެވެ. މާލޭގައި ދައްޗާއި ތުރާލުގައި ގަނަތެޅިގެން އަހަރުތަކެއް ހޭދާކުރުމަށް ފަހު، އަމިއްލަ ރަށުގައި ދަރިންނާއި މާމަ ދަރިންނާ ކޮންމެ ދުވަހަކުހެން ފެނި ބައްދަލުވުމުން އެ ލިބޭ ހިތްހަމަޖެހުން ސިފަކޮށްދޭނެ ގޮތެއް ވެސް ހައްވާދީދީއަކަށް ނޭނގުނެވެ.

ވަޅެއްގެ ތެރޭގައި ދަރިފުޅުގެ ކުއްލި ވަކިވުން

އޭނާގެ އެ އުފާވެރިކަން މޮޅިވެރިކަމަށް ބަދަލުކޮށްލީ އަނެއްކާވެސް ކުއްލި މަރަކުންނެވެ. ހައްވާދީދީގެ ދަރިންގެ ތެރެއިން ތިންވަނަ ފިރިހެން ދަރިފުޅުގެ ކުއްލި މަރެވެ.

އެ ދަރިފުޅު ޒަވާޖީ ހަޔާތެއް ފަށައި، ކައިވެންޏަށް ދޮޅު އަހަރު ނުވަނީސް މަރުވި ހާދިސާއަކީ މުޅި ދިޔަމިގިއްޔާއި މުޅި ރާއްޖެ އަށް ވެސް ސިހުން ގެނައި ހާދިސާއެކެވެ. 

މާޗު 2008 ގައި މަސްމާރުކޭޓުގެ ވަޅެއްގައި ބޯހޯލް ތޮރުފަން އުޅުމުގެ ތެރޭގައި އެ މަސައްކަތުގައި އުޅުނު ދިޔަމިގިލީގެ ފަސް ޒުވާނުންގެ ކުއްލި މަރުގެ ހާދިސާ އެވެ. އެ އެ ހާދިސާގައި މަރުވި އެކަކީ ހައްވާދީދީގެ ދަރިފުޅު އަހުމަދު ރަޝީދު (އަންވަރު) އެވެ. 

ދިޔަމިގިލީގައި އަދާކުރި ވަގުތީ ވަޒީފާގެ މުއްދަތު ހަމަވުމުން އަންވަރު މާލެ ދިޔައީ ރަށުގެ ބައެއް އެހެން ޒުވާނުން ވެސް އޭރު މަސައްކަތް ކުރި ކުންފުނީގައި މަސައްކަތް ކުރުމަށެވެ. ބޯހޯލް އެޅުމަށް ހާއްސަވި އެ ކުންފުނީގެ މަސައްކަތާ އޭނާ ގުޅުނުތާ ހަތަރު މަސް ނުވަނީސް އެ ކުއްލި ހާދިސާގައި ވަޅުގެ ތެރޭގައި އޭނާ އާއި އަނެއް ހަތަރު ޒުވާނުން ނިޔާވީ އެވެ. 

އަންވަރުގެ މަރުގެ ވާހަކަ ދައްކަން ފެށުމުން، ހައްވާދީދީގެ ލޯ ފެންކަޅިވެއްޖެ އެވެ. އެ އަސަރު އޭނާގެ މޫނުމަތިން ނުދައްކަން ދެ އަތުން ދެ ލޯ ފުހެލި އެވެ. މައިވަންތަކަމުގެ ލޯތްބާއި އަސަރު އޭނާގެ މޫނު މައްޗަށް ޖަމާވި އެވެ. އެ ފުން ހިތާމައިގެ އަސަރު ފޮރުވަން އުޅުނަސް އޭނާއާ އެއް ޖޯލި ދޫކޮށް އިށީނދެގެން ހުރި އިރު އަޅުގަނޑަށް އެ މަންޒަރު ރަނގަޅަށް ފެނުނެވެ.

ހައްވާދީދީ ދެން ވާހަކަ ދައްކަން ފެށި އެވެ. 

"ސްކޫލުގައި ޑިއުޓީ ކުރި ވަޒީފާގެ މުއްދަތު ހަމަވުމާ، އެޔޮ [އަންވަރު] (ރަށުން) ދިޔޯ. އެޔޮގެ އަންހެނުން މިތާ ބަހައްޓައިފެ ރަށުން ދިޔެ ފުރަތަމަ ދަތުރު،" ރަށު ބަހުން ވާހަކަ ދެއްކި ހައްވާދީދީ ކިޔައި ދިނެވެ. 

ހުވަފަތް އަންބެއްގެ ގޮތުގައި ހައްވާދީދީ ހޭދަކުރި ހިތްދަތިކަމަށް އޭނާ ކެތްތެރިވި އެވެ. އެކަމަކު އޭނާގެ ދަރިޔަކު މަރުވެ، ޅީދަރިފުޅު ހުވަފަތް ވެގެން ދިއުމުން އެ ޒުވާން އަނބިމީހާ ކުރި ހިތާމަ ފެނުމުން ހައްވާދީދީ އަށް އަސަރު ކުރި އެވެ. އެހެން އަންހެނަކަށް އެފަދަ ހިތާމައަކާ ކުރިމަތިވާން އޭނާ ނޭދޭތީ އެވެ. ހާއްސަކޮށް އޭނާގެ ދަރިއެއްގެ މަގާމުގައި ހުރި ޒުވާން އަންހެނަކަށް އެ ވަރުގެ ހިތާމައެއް ކުރިމަތިވާކަށް ހައްވާދީދީ އަމުދުން ނޭދޭނެ އެވެ.

އެ ފަދަ ކޮންމެ ހާދިސާއެއްގައި އޭނާ ކެތްތެރިވި އެވެ. ދެއްކީ ގަދަ ހިތްވަރެކެވެ. ފިރިމީހާގެ އަނދައި، މަރުވެ ދިޔައީ ހައްވާދީދީގެ ކުރިމަތީގަ އެވެ. އޭގެ އަހަރުތަކެއް ފަހުން އޭނާގެ ދަރިފުޅުގެ ކުއްލި މަރެވެ. މިއިން ކޮންމެ ހާދިސާއަކަށް ފަހު ހައްވާދީދީ ވީ ގުރުބާނީ އާއި އޭނާގެ ކެތްތެރިކަމަކީ ކޮންމެ މީހާކަށް ނަމޫނާ އެކެވެ. 

"އަލިދީދީ މަރަވުމާ ވެސް ހިތަށް އެރު މިއީ ﷲ ކުރައްވާ އިމްތިހާނެކޭ. މިއަށް ކެތްތެރިވެގެން ކުރިއަށް ދިއުމޭ އަޅުތަކުންނަށް އޮންނަ ކަމަކޫ،" އަޒުމު ވަރުގަދަ ހައްވާދީދީ ވާހަކަ ދެއްކި އެވެ. 

"އަންވަރު މަރުވުމާ ވެސް ހިތައް އެރު މަގޭ ދަރިފުޅު އެކަންޏެއް ނޯނޭ. ހަމަ މިރަށު ގާތް މީހުންގެ އެހެން ދަރިން ވެސް އެޔާ [އޭނައާ] އެކު މަރުވެއްޖެޔޭ. އެ މީހުން އަދި މާ ބޮޑަށް ހިތާމަ ކުރާނެ ކަން ނޭނގެއޭ. އެ ހުރިހާ ކަމަކަށް ކެތްތެރިވުމާ ރަނގަޅު ގޮތެއް ނޫނީ ﷲ މެދުވެރި ނުކުރައްވާނެއޭ."

ދަރިފުޅު އަންވަރު ކުއްލި ގޮތަކަށް މަރުވި ހާދިސާގެ ވާހަކަ ހައްވައިދީ ކިޔައިދޭއިރު ފެންކަޅިވެފައި.
ދަރިފުޅު އަންވަރު ކުއްލި ގޮތަކަށް މަރުވި ހާދިސާގެ ވާހަކަ ހައްވައިދީ ކިޔައިދޭއިރު ފެންކަޅިވެފައި.

އެއީ ހައްވާދީދީ ހަރުދަނާ އަގީދާ އެވެ. އެ ހުރިހާ ހާދިސާތަކެއްގެ ކުރިމަތީ ކެތްތެރިކަމާ އެކު ސާބިތުވެ ހުރެވުނުކަމުގެ ހިތްހަމަޖެހުން އޭނާ އިހުސާސް ކުރެ އެވެ. 

ސަރުކާރުގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރުމަށް ފަހު، ހައްވާދީދީ އަމިއްލަ އަށް ހިދުމަތުން ދުރަށް ޖެހިލި އެވެ. އެއީ ދެން އިތުރަށް ބުރަ މަސައްކަތް ކޮށްގެން އުޅޭނެ ހިތްވަރު އޭނާގެ މުލައްދަނޑީގައި ނެތުމުންނެވެ. 

"ރިޓަޔާ ވީއިރު އިން ދުވަސްކޮޅެއް 65 އަހަރު ފުރެން. އެކަމަކު ދެން އަބްދުﷲ [އޭނާގެ ހަވަނަ ދަރިފުޅު] ކައިރީ ބުނެފިން. މަންމަ އަކަށް މިހާރު މި އަތުން ބަރު އެއްޗިއްހި އުފުއްލައި ނުހެދެޔޭ. އެހެންވުމާ ހިނގާށޭ ރިޓަޔާ ވާން. ދެން އެޔޮ ލައްވައި ސިޓީ ލިޔެގެން ރިޓަޔާވު،" ހައްވާދީދީ ބުންޏެވެ. 

"އާލީ ރިޓަޔަމެންޓް"ގައި ހައްވާދީދީ ވަޒީފާ އިން ރިޓަޔާ ކުރި އެވެ. ވަފާތެރިކަމާ އެކު ސަރުކާރަށް ހިދުމަތްކުރި މި ހިދުމަތްތެރިޔާ އަށް، އެ ހިދުމަތުގެ ޕެންޝަނު ފައިސާއެއް ނުލިބެ އެވެ. އޭނާ ވަޒީފާ އިން ވަކިވިތާ ވެސް ހައެއްކަ އަހަރު ވެއްޖެ އެވެ. 

"ފަސްދޮޅަށް ފަސް އަހަރުވީ މީހުންނަށް ލިބޭ 5،000ރ. ފިޔަވައި އިތުރު އެއްޗެއް ނުލިބޭ. އެ ފައިސާ ހޯދަން ޕެންޝަނަށް [ޕެންޝަން އޮފީހަށް] ސިޓީ ވެސް ފޮނުވިން. އެކަމަކު އެ ފައިސާ ވެސް ނުލިބޭ. އެ ސިޓީ އަށް ވެސް ޖަވާބެއް ވެސް ނުލިބޭ. އަބްދުﷲ އެ ސިޓީ އެތަނަށް ގެންގޮސްލު" ހައްވާދީދީ ބުންޏެވެ.

ހައްވާދީދީގެ ދަރިފުޅު އަބްދުﷲ ރަޝީދު ބުނި ގޮތުގައި، ޕެންޝަން އޮފީހަށް އޭނާގެ މަންމަގެ އެ ސިޓީ ލާން ދިއުމުން ބަލައިގަތް ކަމުގެ ރިސިޓް ނަންބަރެއް ދިނެވެ. އެކަމަކު، ސިޓީ އަށް މިހާތަނަށް ވެސް އެއްވެސް ޖަވާބެއް ވެސް ނުލިބޭ ކަމަށް މާލޭގައި ދިރިއުޅެމުންދާ އަބްދުﷲ ރަޝީދު ބުންޏެވެ. 

ހައްވާދީދީ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ މައިންބައިންގެ ގޯތިން އޭނާ އަށް ލިބުނު ގޭގަ އެވެ. އެވެ. ޖުމުލަ 13 ކުދިންގެ މާމަ އަށް މިހާރު އޮތް އެންމެ ބޮޑު އުފަލަކީ އޭނާގެ އުފަން ދަރިންނާއި މާމަ ދަރިންނާ އެކު، ހިތްހަމަޖެހިލައިގެން ރަށުގައި ވަގުތު ހޭދަ ކުރެވޭތީ އެވެ.

ބުރަ މަސައްކަތް ކޮށްގެން ވާން ޖެހުނު ގުރުބާނީގެ މި ދުނިޔެމަތީގެ އުފަލަކީ އޭނާ ދެކޭ ގޮތުގައި އެ އާއިލާ އެވެ.