ހދ. ނޮޅިވަރަމްގެ ދަނޑު ހައްދާ ސަރަހައްދުގެ މެދުގައި ހުރި ދަނޑުގައި ފެންދޭން ހުއްޓަސް އެއީ ހަސަން ރަޝީދު 35، ގެ އަސްލު މަސައްކަތެއް ނޫނެވެ. އޭނާ ހުސްވެގެން ހުރީ ގަސް އިންދައި ބަލަހައްޓައި، މޭވާ އާއި ތަރުކާރީ ކެނޑުމަކަށް ވެސް ނޫނެވެ. އޭނާގެ ހަރަކާތްތެރިކަން ގަދައީ ޑިޖިޓަލް ދުނިޔޭގައި ދަނޑުވެރިކަމުގެ އާ ޖީލެއް ބިނާކުރުމުގަ އެވެ. 

ޓިކްޓޮކްގައި 4،000 އަށް ވުރެ ގިނަ މީހުން އޭނާ ފޮލޯކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ؛ ހަސަން ގެނެސްދޭ ކޮންމެ ވީޑިއޯއަކީ ދަނޑު ހައްދާ މީހުންނަށާއި ގޭގައި އެކި ބާވަތްތައް ހައްދާ އުޅޭ މީހުންނަށް ފިލާވަޅެކެވެ. އެކި ކަހަލަ ބޭސްތަކުން ރާއްޖޭގެ ދަނޑު ބިންތައް ތަޣައްޔަރުވެ ވިހަވަމުންދާއިރު އެ ވީޑިއޯތަކުން ބުނެދެނީ އޭގެ ހައްލެވެ. ކަންކުރަންވީ އެންމެ ރަނގަޅު ގޮތާއި އުކުޅުތަކެވެ.

 

ދަނޑުވެރިކަމަކީ އެހާ ލޯ ވެލިއު ކަމެއް ނޫން. ވަރަށް ގިނަ މީހުން އެބަ ކޮންސަލްޓޭޝަން ނަގާ. ވަރަށް ގިނަ ޒުވާނުން އެބަ ރީޗްކުރޭ. އަޅުގަނޑުގެ ބެލުމުގެ ދަށުން ވަރަށް ގިނަ ރަށްރަށުގައި ދަނޑުތައް ވެސް އެބަ ކުރިއަށް ގެންދޭ
ހަސަން 

މަޝްހޫރު ނަމުން ނަމަ، ޖަޒީރާ ދަނޑުވެރިޔާއަކީ ދަނޑުވެރިކަމުގެ ރޮނގުން ރާއްޖޭގައި މިހާރު ނަން ހިނގާ ނަމެކެވެ. އެ ރޮނގުން ރާއްޖޭގައި ކިޔެވެން އޮތް އެންމެ މައްޗަށް، ގައުމީ ޔުނިވާސިޓީން ތައުލީމު އުނގެނިގެން ހުރި ޒުވާނެކެވެ.

ދަނޑުވެރިކަމަކީ ދުވަސްވީ މީހުން ކުރާ ކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެކަން ޓްރެންޑަކަށް ހެދި ޖަޒީރާ ދަނޑުވެރިޔާ އެވެ. 

ދަނޑުވެރިކަމުގައި ކުރިއަރައިގެން ގޮސްފައިވާ ހަސަނަށް އެކަމުގެ ތެރެއަށް ވަދެވުނީ މާބޮޑު ޝައުގުވެރިކަމެއް އޮވެގެން ނޫނެވެ. ރޯދަ މަހު ރަށަށް ދިޔަ ފަހަރެއްގައި، އޭނާގެ ބޭބެއާ އެކު ކަރާ ހައްދާ އުޅުމުގެ ތެރޭގައި ދަނޑުވެރިކަމަށް ހިތް ޖެހުނީ އެވެ. އެ ޝައުގުވެރިކަމުގެ ތެރޭގައި ދަނޑު ހައްދަން ގެންގުޅޭ އެކި ބާވަތުގެ އޮށާއި ޕެސްޓިސައިޑްސް އަދި ފާޓިލައިޒާތައް އަމިއްލައަށް ދިރާސާކުރަން ފެށި އެވެ. 

މިހާރު ހަސަން ވަނީ ރަށަށް ދިރިއުޅުން ބަދަލުކޮށް، އޭނާގެ އަމިއްލަ ދަނޑެއް ރަށުގައި ގާއިމްކޮށްފަ އެވެ. ސިއްހީ މަރުކަޒުގައި ދާއިމީ ވަޒީފާއެއް އަދާކުރަމުން ހަސަން ގެންދަނީ ދަނޑުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރަމުންނެވެ. އާމްދަނީ ހޯދަން ދަނޑު ހެއްދުމަށް ވުރެ، އޭނާ އެންމެ ބޮޑު ސަމާލުކަމެއް އޮތީ އެ ދާއިރާއަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުމަށެވެ. 

"ދަނޑުވެރިކަމުގެ ތެރެއަށް ވަތް ހިސާބުން ފެށިގެން ސީޑްސްގައި ހުންނަ އެއްޗެހި ވެސް ވަރަށް ބަލަން. ގިނަ މީހުންނަށް އަސްލު ނޭނގޭ އޭގައި ހުންނަ އެއްޗެއް. ފުރަތަމަ ގޫގަލް މެދުވެރިކޮށް ދަސްކުރަން ފެށީ. ދެން އެމްއެންޔޫގެ ކޯހެއްގަ ވެސް ބައިވެރިވިން، މި ވަގުތު ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން ކިޔެވެން އޮތް އެންމެ މައްޗަށް ސެޓްފިކެޓް 4 ނިމިފަ ހުރީ،" ހަސަން ބުންޏެވެ. 

ހަސަން ކިޔައިދިން ގޮތުގައި، އޭނާ ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެދުނު ހިސާބުން ވެސް ބެލީ އެކަމަށް ގެންގުޅޭ ތަކެތި އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާ ގޮތް ދަސްކުރުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ގިނަ މީހުން އެ ބޭނުން ކުރަނީ އެ މީހެއްގެ ހިތަށް ފެނުނު ގޮތަށެކެވެ. އޭގެ ސަބަބުން އެތައް ބައެއްގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ވެއްޓި، ނާޒުކު ތިމާވެށި ހަލާކުވަމުންދާ ކަން އޭނާ ފާހަގަކުރެ އެވެ. 

އެހެންވެ، އޭނާ ހިތުއެޅީ ހަމައެކަނި ދަނޑެއް ހައްދާކަށް ނޫނެވެ. އޭނާއަށް ލިބިފައިވާ މައުލޫމާތާއި އޭނާގެ ދިރާސާތައް އެހެން މީހުންނަށް ވެސް ބުނެދިނުމެވެ. ޓިކްޓޮކަށް ޖަޒީރާ ދަނޑުވެރިޔާގެ ނަމުގައި އޭނާ ނުކުތީ އެ ސަބަބަށްޓަކަ އެވެ. 

"...އަޅުގަނޑަށް ދަސްވެފައި ހުރި މިންވަރަކުން މި މަސައްކަތް ކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި މެސެޖު ދޭން. މި ރަނގަޅު ގޮތް ކިޔައިދޭން މި މަސައްކަތް ކުރަނީ،" ހަސަން ބުންޏެވެ. 

އެ މަސައްކަތުގައި އޭނާ ކޮންމެ ދުވަހަކު ވެސް އުޅޭއިރު، އެތައް ފޯނު ކޯލަކާއި ވައިބާ މެސެޖުތައް ނުލިބޭ ދުވަހެއް ނުދެ އެވެ. އެކި މީހުން އެކި ސުވާލުތަކާ އެކު އޭނާއާ ހަމައަށްދެ އެވެ. ބައެއް ފަހަރު ބޭސްއަޅާ މިންވަރާ ގުޅޭ ގޮތުން، އަނެއްބައި މީހުން މުޑުވައްކުރާނެ ގޮތާއި ތަފާތު ގަސް ހައްދާ އޮށާ ގުޅޭ ސުވާލުތަކާ އެކު އެވެ. އޭނާ ކޮންމެ ދުވަހަކު ވެސް ތިން، ހަތަރު މީހުންނަށް އޭނާއަށް ލިބިފައިވާ މައުލޫމާތު ހިއްސާކުރެ އެވެ.

ކިއުކަމްބާ އެއްޗެހި އަޅާފައި ހުންނައިރު އެކްސްޓްރާ ކްލާހަށް ދާއިރު ވެސް ފުރަތަމަ ދާނީ އެ ދިމާލަށް ގޮސް ބަލާލާފައި އައިސް ދެން ކްލާހަށް ވަންނަނީ، އެހެންވެ ޝައުގު ހަމަ ރަނގަޅު ކަމަށް މި ބަލަނީ.
ހަސަން

އޭނާގެ ބެލުމުގެ ދަށުން، އިރުޝާދާއި ލަފަޔާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުތައް އެބަ ހައްދަ އެވެ. ގޭގައި އަމިއްލައަށް އެކި ބާވަތްތައް އެބަ ހައްދަ އެވެ. 

"އަޅުގަނޑު ވަރަށް ގިނަ ރަށްރަށަށް މިނިސްޓްރީގެ ޕްރޮޖެކްޓެއްގައި ދަތުރުކުރިން. އެ ދަތުރުގައި 20 ރަށަކަށް ދެވުނު. މިހާރު ވަރަށް ގިނަ މީހުން ސަމާލުކަމާ އެކު އެބަ ބަލާ، ރާއްޖޭގައި މިހާރު ކެންސަރު ބަލި ވަރަށް ގިނަވެއްޖެ. ވަރަށް ގިނަ މީހުންނަށް އެބަ އެނގޭ އެންމެ ރަނގަޅު ގޮތް ނޫން ކަން މި ޕެސްޓިސައިޑްސް ބޭނުން ކުރަނީ. މިހާރު ވަރަށް ގިނަ މީހުން އެބަ ހޭލުންތެރިވޭ،" ހަސަން ބުންޏެވެ. 

އޭނާ ބުނި ގޮތުގައި މިހާރު ވަރަށް ގިނަ ޒުވާނުން ދަނޑުވެރިކަމާ ގުޅޭ މައުލޫމާތު ހޯދާކަން އޭނާއަށް ފާހަގަކުރެ އެވެ. އެެހެންވެ، އޮންލައިންކޮށް ކޮންސަލްޓޭޝަން ވެސް ހަސަން ގެންދަނީ ފޯރުކޮށްދެމުންނެވެ. 

"ފީއެއް ވެސް ނަގަން ބައެއް ފަހަރު. ދަނޑުވެރިކަމަކީ އެހާ ލޯ ވެލިއު ކަމެއް ނޫން. ވަރަށް ގިނަ މީހުން އެބަ ކޮންސަލްޓޭޝަން ނަގާ. ވަރަށް ގިނަ ޒުވާނުން އެބަ ރީޗްކުރޭ. އަޅުގަނޑުގެ ބެލުމުގެ ދަށުން ވަރަށް ގިނަ ރަށްރަށުގައި ދަނޑުތައް ވެސް އެބަ ކުރިއަށް ގެންދޭ،" ހަސަން ބުންޏެވެ. 


ހާވެސްޓް ހީރޯ: ބިނާކުރަނީ މުޅިން އާ ޖީލެއް 

ހަސަންއަށް ރާއްޖޭން ވެސް އަދި ކައިރި ގައުމުތަކުން ވެސް ދަނޑުވެރިންގެ ގޮތުގައި ފެންނަނީ ދެބައި އުމުރަށް ވުރެ މަތީ މީހުންނެވެ. އޭނާއާ އެކު ދަނޑުވެރިކަމުގެ ކޯސް 18 މީހަކު ފެށި ނަމަވެސް، ނިންމީ އެންމެ ހަތަރު މީހުންނެވެ. ގިނަ މީހުންނަށް ކުރިމަތިވި، ދަތިކަމަކީ އިނގިރޭސި ބަސް ރަނގަޅަށް ނޭނގުމުގެ ސަބަބުން ކޯހުގައި ކުރިއަށް ނުދެވުނެވެ. 

އެ ތަޖުރިބާއަކީ ހަސަންގެ ލޯ ވަރަށް ބޮޑަށް ހުޅުވުނު ކަމެކެވެ. ދަނޑުވެރިކަމަށް އާ ޖީލެއް ބިނާކުރަން ކޮންމެހެން ވެސް ޖެހިފައިވާ ކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އެހެންވެ، އޭނާ ރަށަށް ބަދަލުވުމަށް ފަހު އަމިއްލަ ހަރަދުގައި "ހާވެސްޓް ހީރޯ"ގެ ނަމުގައި ޕްރޮޖެކްޓެއް ފަށައި، ނޮޅިވަރަމް ސްކޫލަށް ދިޔަ އެވެ. 

އެ ސްކޫލްގެ 25 ދަރިވަރުންނަށް އެ ޕްރޮކްޖެކްގެ ދަށުން ދަނޑުވެރިކަން ދަސްކޮށްދިނެވެ. އަމަލީ މައިދާނަށް ނެރުނެވެ. އޮށް އިނދުމާ ހަމައިން މޭވާ އަޅަންދެން އެ ގަސްތައް އެ ކުދިން ބެލެހެއްޓި އެވެ. އޭގެ ނަތީޖާ ވަރަށް ފޮންޏެވެ.

"..އަސްލު ސްކޫލްގައި ނޯވޭ ފިޝަރީޒް ސައިންސް ނުވަތަ ޓްރެވެލް އެންޑް ޓޫރިޒަމް އޮންނަ ގޮތަށް ދަނޑުވެރިކަމާ ބެހޭ މާއްދާއެއް. އަޅުގަނޑުގެ އެއިމްއަކީ ޅަ ކުދިންނަށް މި މަސައްކަތަކީ ހަޑި މަސައްކަތެއް ނޫންކަން ބުނެދިނުން. މީގެއިން ވެސް ރަނގަޅު އާމްދަނީއެއް ލިބޭ ރީތި މަސައްކަތަކޭ ހަމަ ރަށުގައި ހުރެގެން، އެ މެސެޖެ ފޯރުކޮށްދޭން ބޭނުން ވަނީ، އެ ނިޔަތުގައި މަސައްކަތް ކުރަން ވެގެން ސްކޫލްތަކަށް ދާން ފެށީ،" ހަސަން ބުންޏެވެ. 

"ހާސްވެސްޓް ހީރޯ" މިހާރު ވަނީ ފުޅާކޮށްފަ އެވެ. އަމިއްލަ ރަށުން ފައިބާ އިތުރު ތިން ރަށެއްގެ ސްކޫލުގައި އެ ޕްރޮޖެކްޓް ކުރިއަށް އެބަ ގެންދެ އެވެ. އެންމެ ފަހުން ޕްރޮޖެކްޓް ހިނގި ރަށުގައި 54 ކުދިންނަށް ދަނޑުވެރިކަން ދަސްކޮށްދިނެވެ. މިހާރު އެ މަސައްކަތް ހަސަން ކުރަނީ، ޕްރޮޕޯސަލެއް ހަދައި އެކަމަށް ފަންޑު ހޯދައިގެންނެވެ. އެ ފަންޑު އޭނާއަށް ފޯރުކޮށްދެނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޓްމޮސްފެއާ އިންނެވެ. އިތުރު ދެ ރަށަށް ޕްރޮޖެކްޓް ފުޅާކުރުމުގެ މަސައްކަތް އޮތީ ކުރިއަށެވެ. 

"ކުދިންގެ ޝައުގުވެރިކަން ވަރަށް ރަނގަޅު، ފުރަތަމަ ފަށައިގަންނައިރު ތިބޭ ވަރަށް އާވެފައި، އެކަމަކު ކިޔައިދެމުން ދިޔަވަރަކަށް، އެ ކުދިން ހުރިހާ ކަމެއް ވެސް ކުރާނީ، އޮށް އިނދުމުން ފެށިގެން ކެނޑުމާ ހަމައަށް ހަމަ ދަރިވަރުން ކުރިއަށް ގެންދާނީ. އަޅުގަނޑު ހަމައެކަނި ގައިޑް ކޮށްދޭނީ. ގަސްކޮށިޔަސް މާނެއްޓިޔަސް އެ ކުދިން އަމިއްލައަށް ކުރާނީ. ފުރަތަމަ ކޮޅު ނުކެރޭ ކުދިންނަށް އަތްލަން ވެސް ގަސް މަރުވެދާނެތީ. އެކަމަކު ފަހުން ފަހުން އައިސް މޭވާ އަޅާ ހިސާބަށް ދާއިރު ނޫނީ ފްރުޓިން ސްޓޭޖަށް ދާއިރު އެ ކުދިން ތިބޭނީ ވަރަށް އެތަނުން އަންނަ ހިތް ވެސް ނުވާ ކަމަށް ބުނޭ،" ހަސަން ބުންޏެވެ. 

"..ކިއުކަމްބާ އެއްޗެހި އަޅާފައި ހުންނައިރު އެކްސްޓްރާ ކްލާހަށް ދާއިރު ވެސް ފުރަތަމަ ދާނީ އެ ދިމާލަށް ގޮސް ބަލާލާފައި އައިސް ދެން ކްލާހަށް ވަންނަނީ، އެހެންވެ ޝައުގު ހަމަ ރަނގަޅު ކަމަށް މި ބަލަނީ." 

ހަސަން ދެކޭ ގޮތުގައި ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއްގައި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހޭނީ އެ ތިމާވެށި ސަލާމަތް ކުރުމަށެވެ. އަދި ކާބޯތަކެތި ރައްކާތެރި ގޮތުގައި މީހުންނަށް ފޯރުކޮށްދޭށެވެ. މި ދެ ކަން ހާސިލް ކުރަން ވެސް ރަނގަޅު ގޮތުގައި ދަނޑުވެރިކަން ކުރާނެ ގޮތް އުނގެނުމަކީ، ހަސަން ގަބޫލުކުރާ ގޮތުގައި މަޖުބޫރު ކަމެކެވެ. 

ހަސަންގެ އުއްމީދަކީ، އޭނާ އެ ކުރާ މަސައްކަތުން އާންމުން ސިއްހީ ނުރައްކަލެއްގެ ތެރެއަށް ވައްޓާ ނުލައި، އެންމެ ރަނގަޅު ގޮތުގައި ދަނޑު ހައްދާ ބަޔަކަށް ކޮންމެ ދަނޑުވެރިއަކު ވެސް ވެ، ކަމަކަށް ލޯ ހުޅުވި، އުނގެނިގެން ތިބި އާ ޖީލުގެ ދަނޑުވެރިންތަކެއް މައިދާނަށް ނުކުތުމެވެ.