ދިވެހި ކުޅިވަރުގައި ލިޔަން އޮތީ ކާމިޔާބު ހޯދި ވާހަކަ އާއި ނާކާމިޔާބުވި ސުރުހީތަކެއް ނޫނެވެ. ރާއްޖޭގެ ކުޅިވަރުގެ ބިއްދޮށުގައި އޮތް އަނދިފަރާތުގެ ވާހަކަ ނުދައްކައި ދިވެހި ކުޅިވަރާ ބެހޭ މައުލޫއު ފުރިހަމައެއް ނުވާނެ އެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގައި ޓްރާންސްޕޭރެންސީ އާއި ޗެކް އެންޑް ބެލެންސްގެ އުސޫލުތައް މުގުރާލައި، އެސޯސިއޭޝަންތައް ހިސޯރުވެފައިވާ ގޮތުގެ ވާހަކަ ވެސް އާންމުންގެ ތެރެއަށް ނެރެ ހާމަކޮށް ދައްކަން ޖެހެ އެވެ.

ދިވެހި ކުޅިވަރުގައި 40 އަހަރު ހޭދަކުރި ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ގެ އާ ފޮތް "ރީ ތިންކިން މޯލްޑިވިއަން ސްޕޯޓްސް" ގައި އޮތީ މި ހުރިހާ ވާހަކަތަކެއް ސޮފްހާތަކެއްގައި ލިޔެ، އެއް ފޮތެއްގައި ޖަމާކޮށްދީފަ އެވެ. ހުސައިންގެ ފޮތަކީ ކުޅިވަރުގެ މުޅި ނިޒާމު ކޮރަޕްޓްވެ، އެތައް ސަތޭކަ ޒުވާން އެތުލީޓުންނެއްގެ މުސްތަގުބަލް ހަލާކުވަމުންދާ ގޮތުގެ ހިތި ހަގީގަތް ތިލަކޮށްދޭ "ތޫނު" ލިޔުމެކެވެ. އެކަމަކު އިލްމީ ދިރާސާތަކާއި ހެއްކާ އެކު އެވެ.

ފޮތް ލިޔުންތެރިކަމުގެ ފަންނުގައި ހުސައިންގެ ތަޖުރިބާ އަލެއް ނުވާނެ އެވެ. މީގެ ކުރިން ފަސް ފޮތެއް އޭނާ ލިޔުނެވެ. އަދި މިފަހަރު އެކުއެކީގައި ޖުމުލަ ތިން ފޮތެއް ވެސް އޭނާ ނެރުނެވެ.

އެކަމަކު މި ފަހަރު މިއީ "ފޮތެއް ލިޔުމުގެ ގަސްދުގައި" ދިވެހި ކުޅިވަރާ ބެހޭގޮތުން އޭނާ ޝާއިއު ކުރި ފުރަތަމަ ފޮތެވެ. 

ދިވެހި ކުޅިވަރުގެ ފޮތެއް ހުސައިން ލިޔުނު ސަބަބާ ބެހޭގޮތުން އޭނާ އަތުގައި އޮތީ "ވަރަށް ފަސޭހަ" ޖަވާބެކެވެ.

"މަ ކުޅުނީ ކުޅިވަރު. މަގޭ ދިރިއުޅުން ބައަޓަންވީ، ލައިފް ޗޭންޖްވީ ކުޅިވަރުން. އަދިވެސް މި އުޅެނީ ކުޅިވަރުގައި. މި ކިޔަވައިދެނީ ކުޅިވަރު. އެހެންވީމާ ޕީއެޗްޑީއެއް ހެދުމުގެ އަސްލު ބޭނުމަކީ ރިސާޗްކޮށް ކިޔަވައިދިނުން. ނުވަތަ ރިސާޗްކޮށް ލިޔުން،" މީގެ ކުރިން އޭނާގެ ޕީއެޗްޑީ ތީސީސް ވެސް ފޮތެއްގެ ސިފައިގައި ނެރުނު ހުސައިން ކިޔައި ދިނެވެ. 

ކުޑަހުސެން: އޭނާ ވަނީ ދިވެހި ކުޅިވަރާ ބެހޭގޮތުން ފޮތެއް ލިޔެ ޝާއިއުކޮށްފަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
ކުޑަހުސެން: އޭނާ ވަނީ ދިވެހި ކުޅިވަރާ ބެހޭގޮތުން ފޮތެއް ލިޔެ ޝާއިއުކޮށްފަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މި އިންޓަވިއު އަށް އަހަރެމެން ގުޅި އިރު ވެސް އޭނާ ހުރީ ރާއްޖޭގެ ކުޅިވަރާ ބެހޭގޮތުން ނެރެން ތައްޔާރުވާ އެހެން ފޮތެއްގެ މަސައްކަތުގަ އެވެ. މިހާރު އުމުރުން 58 އަހަރުގެ ހުސައިން ބުނި ގޮތުގައި ކުރިއަށް އޮތް 10 އަހަރު އޭނާ ހޭދަކުރާނީ ދިރާސާކޮށް ކިޔަވައި ދިނުމުގަ އެވެ. ނުވަތަ ދިރާސާކޮށް ލިޔުމުގަ އެވެ. 

"ދިހަ އަހަރު ދުވީ. ލިބުނު ފުރުސަތުން 10 އަހަރު ކިޔެވީ. ދިހަ އަހަރު ގައުމަށް ކުޅިވަރާއި އެހެން ގޮތަކުން ވެސް ހިދުމަތް ކުރެވޭތޯ ބެލީ. ދެން 10 އަހަރު އެކަޑަމީ ހިންގީ. ދެން މި 10 އަހަރު މި ރިސާޗްކޮށް ލިޔެ ލެކްޗާކޮށް މި ހޭދަކުރަނީ،" މެލޭޝިއާގެ އިޕްސީ ޔުނިވަސީޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު އަދާކުރަމުން އަންނަ ހުސައިން ބުންޏެވެ. 

"ރީ ތިންކިން މޯލްޑިވިއަން ސްޕޯޓްސް" ފޮތުގެ ހާވާސާއިން ބޭރުނުވެ، ދިވެހި ކުޅިވަރާ މެދު އަލުން ވިސްނާލަން ހުސައިން ކިޔުންތެރިންނަށް ދޫކޮށްލާފައިވާ އެއް މޮތޮޑިއޮލޮޖީއަކީ ދިވެހި "ކުޅިވަރުގެ ބައްޕަ" ކަމަށް ގިނަ ބަޔަކު އެއްބަސްވާ މަރްހޫމް ޒާހިރު ނަސީރު އަޅުއްވައި ދެއްވި ހަރުދަނާ އުސޫލަށެވެ. 

ގަޑި އަށް ފަރުވާތެރިވުމާއި އަހުލާގާއި ސާފުތާހިރުކަމެވެ. މަސްތުވާތަކެއްޗާއި ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވެފައިވާ ޒުވާން ޖީލެއް ބިނާކުރުމަށް ޒާހިރު ނަސީރު އަޅުއްވައި ދެއްވި ވަރުގަދަ ބިންގަލަކީ ދިވެހި ކުޅިވަރުގެ އެންމެ ރީތި ނަމޫނާ ކަމަށް ހުސައިން ފޮތުގައި ވެ އެވެ.

މަރްހޫމް ޒާހިރު ނަސީރާއި ކުޑަ ހުސެން: ޒާހިރާއި އެ ޝަހުއްސިއްޔަތަށް ހާއްސަކޮށް ފޮތުގައި ވަކި ޗެްޓަރެއް ހުސައިން ލިޔެފައިވޭ --- ފައިލް ފޮޓޯ: ފޭސްބްކުން | ހުސައިން ހަލީމް
މަރްހޫމް ޒާހިރު ނަސީރާއި ކުޑަ ހުސެން: ޒާހިރާއި އެ ޝަހުއްސިއްޔަތަށް ހާއްސަކޮށް ފޮތުގައި ވަކި ޗެްޓަރެއް ހުސައިން ލިޔެފައިވޭ --- ފައިލް ފޮޓޯ: ފޭސްބްކުން | ހުސައިން ހަލީމް

"ޒާހިރު ނަޞީރުގެ މުޙިއްމުކަން ގުޅިފައިވަނީ މާޒީގެ ހަނދާންތަކަށް ވުރެ ބޮޑަށް، އެ މަނިކުފާނުގެ ނިޒާމުން ހާމަކޮށްދިން އުސޫލުތަކާ އެވެ. އެ ނިޒާމުގައި އަހްލާގީ މިންގަނޑުތަކާއި ކަރާމާތާއި ހަމަހަމަކަމާ އެކު ޒިންމާ އަދާކުރުމާ އަދި އުއްމީދުތަކާއި ކެތްތެރިކަން ވަނީ އެކުލެވިގެންނެވެ. ވަސީލަތްތައް މަދުވުމަކީ ފުޅާ ދާއިރާއެއްގައި ބައިވެރިވުން އިތުރުކުރުމަށާއި ސީރިއަސް އިންތިޒާމުތަކެއް ހަމަޖެއްސުމަށް އޮތް ހުރަހަކަށް ނުވި އެވެ،" ޒާހިރު ނަސީރާ ބެހޭގޮތުން  ފޮތުގައި ހިމަނާފައިވާ ބާބު ނިންމާލަމުން ހުސައިންގެ ލިޔެފައި ވެ އެވެ.

އޭނާ ބުނިގޮތުގައި ޒާހިރު ނަސީރު އަޅުއްވައިދެއްވީ ވަރަށް ހަރުދަނާ ބިންގަލެކެވެ. މުއްސަނދިންނާއި ފަގީރުންނާއި މަތީ މަގާމުތަކުގެ މީހުނާއި ދަށްފަންތީގެ މީހުންގެ ދަރިންނަކަށް ޒާހިރު ނަސީރު ނުބައްލަވަ އެވެ. 

އެ ބާބު އިތުރަށް ތަފްސީލުކޮށްދިނުމުގެ ގޮތުން ހުސައިން ބުނިގޮތުގައި ޒާހިރު ނަސީރު ބެއްލެވީ އަމިއްލަ އަށް ޒިންމާއަދާކުރާ ކުދިންނަށެވެ.

"ގަޑިއަށް އަންނަ ކުދިންނަށް އިސްކަންދިނުން. ގަވާއިދުން ތަމްރީނުކުރާ ކުދިންނަށް އިސްކަންދިނުން. ރޭގަނޑު އަވަހަށް ނިދާ ކުދިންނަށް އިސްކަންދިނުން. ބޫޓު އެއްޗެހި ދޮވެސާުފުކޮށް ތާހިރުކަންމަތީގައި އަންނަ ކުދިންނަށް އިސްކަންދިނުން،" ޒާހީރު ނަސީރަށް ހާއްސަ ކުރި ބާބާއި އެ މެތޮޑިއޮލޮޖީއާ ބެހޭގޮތުން ވާހަކަ ދައްކަމުން ހުސައިން ތަފްސީލާ އެކު ކިޔައި ދިނެވެ.

"(ފިރިހެން ކުދިންގެ ތެރެއިން) ކަންފަތުގައި މުދި ނުލައި، ބޯ އިސްތަށިގަނޑު ހާނމުންޑިއެއްހެން ނުތިބޭ ކުދިންނަށް އިސްކަން ދިނުން. ސިނގިރޭޓް ނުބޮއެ، ޑްރަގްސް ނުނަގާ ކުދިންނަށް އިސްކަން ދިނުން." 

ޒާހިރު ނަސީރު ބިނާކޮށްދެއްބި އެ އަހުލާގީ ވެށި، މިއަދު ކޮބައި ހެއްޔެވެ؟ 

ހުސައިންގެ ކުޅިވަރު ފޮތުގައި، އޭރުގެ ހަރުދަނާ އުސޫލުތަކުން ފެށިގެން މިއަދުގެ ކުޅިވަރުގެ ނިޒާމު ބައްޓަންވެފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައި، ދިވެހި ކުޅިވަރާ މެދު އަލުން ވިސްނާލުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. 

އޭނާ ބުނިގޮތުގައި ފޮތް ލިޔުމަށް އޭނާ ދިރާސާކުރަމުން ދިޔައިރު ދުނިޔޭގެ އެކި ޔުނިވާސިޓީތަކުން ކޮށްފައިވާ ދިރާސާތަކާއި ޖާނަލްތައް ކިޔައި އެއްކުރި މައުލޫމާތުތަކުން އެނގުނީ ޒާހިރު ނަސީރުގެ އެ އުސޫލުތަކާއި އެ ދިރާސަތާކާ ދާދި އެއްގޮތްކަމެވެ. 

ކުޑަ ހުސައިން: ރީ ތިންކިން މޯލްޑިވްސް ސްޕޯޓްސްގެ ޑްރާފްޓް ކޮޕީ ދައްކާލަނީ: އޭނާ ވަނީ މީގެ ކުރިން ވެސް ފަސް ފޮތެއް ލިޔެފައި. އަދި މިފަހަރު ކުޅިވަރުގެ ފޮތް ނެރުނީ އެހެން ދެ ފޮތަކާ ވެސް އެކުއެކީގައި --- ފޮޓޯ: ފޭސްބްކުން | ހުސައިން ހަލީމް
ކުޑަ ހުސައިން: ރީ ތިންކިން މޯލްޑިވްސް ސްޕޯޓްސްގެ ޑްރާފްޓް ކޮޕީ ދައްކާލަނީ: އޭނާ ވަނީ މީގެ ކުރިން ވެސް ފަސް ފޮތެއް ލިޔެފައި. އަދި މިފަހަރު ކުޅިވަރުގެ ފޮތް ނެރުނީ އެހެން ދެ ފޮތަކާ ވެސް އެކުއެކީގައި --- ފޮޓޯ: ފޭސްބްކުން | ހުސައިން ހަލީމް

ރާއްޖޭގެ ކުޅިވަރާ މެދު އަލުން ވިސާނާލުމަށް، ހުސައިން ހުށަހެޅި އަނެއް ދާއިރާއަކީ ސްކޫލް ސްޕޯޓްސް އެވެ. އޭނާ އަބަދުވެސް ވަކާލާތުކުރާ ކަމަކީ ކުޅިވަރަކީ ވެސް ކިޔެވުމުގެ ބައެއްގެ ގޮތުގައި އޮތުމަށެވެ. ކުރިވަރު ތަމްރީން ސްކޮލާޝިޕެއްގައި ވެސް ޒުވާން އެތުލީޓަކު، ގައުމުން ބޭރަށް ފޮނުވާއިރު އެ ކުއްޖަކަށް ކިޔެވޭނެ ގޮތް ހޯދައި ނުދީ ފޮނުވަމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މީގެ ކުރިން ވެސް "މިހާރު" މި ޕްލެޓްފޯމް މެދުވެރިކޮށް ވެސް ހުސައިން ވާކާލާތު ކޮށްފައިވެ އެވެ. 

އެ މައުލޫއަށް ފޮތުގައި، މާ ތަފްސީލުކޮށް އޭނާ ލިޔެފައިވެ އެވެ.

ސްކޫލްގައި ކުޅިވަރަށް އިސްކަން ދިނުމުގެ ސަގާފަތް ގެއްލިދާނެ ކަމުގެ ބިރު ވެސް މިހާރު އޮތީ ހީވެފަ އެވެ. ބައެއް ސްކޫލްތަކުގެ ހިންގުންތެރިންނާއި ޓީޗަރުންނަށް ވިސްނިފައި އޮންނަނީ އެ ބޭފުޅުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ސްކޫލް މަރުހަލާއިން ދަރިވަރު އެކަޑަމިކް މޮޅު ކުއްޖަކަށް ހެނދުމުން ފުދުނީ ކަމަށެވެ. 

އެ ކުށްހީ ފިލުވައިލުމަށް ހުސައިންގެ ފޮތުން އެހީތެރިޔަކަށް ވާނެ އެވެ.

"ސްކޫލްތަކުގެ ކުޅިވަރު ދަށަށް ދިއުމުން އެސޯސިއޭޝަންތަކަށް ކުރިއަރާނެ މަގު ހަނިވެ އެވެ. ކޯޗުންގެ ކިބައިގައި ކޯޗިން އެޑިއުކޭޝަންގެ އިލްމާއި ފެންވަރު ނެތި ކޯޗު ކޮށްދިނުމުން އެތުލީޓުންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެ އެވެ. އެކަމާ ހުރެ ކުޅިވަރު ދޫކޮށްލާ އެތުލީޓުންގެ އަދަދު ވެސް އިތުރުވެ އެވެ،" ހުސައިންގެ ފޮތުގައި ވެ އެވެ.

"ސާފު އުސޫލެއް ނެތުމުން މުއައްސަސާތަކުގެ މިސްރާބު ގެއްލެ އެވެ. އަދި އެތުލީޓުންނަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން ކުޑަވުމުން، އެންމެ ފަހުން ބެލެނިވެރިންގެ އިތުބާރު އެއްކޮށް ގެއްލިގެންދެ އެވެ."

ކުޅިވަރު އެސޯސިއޭޝަންތަކާއި ސްކޫލްތަކާ ދެމެދު މިހާރު އޮތީ މޫނު ކެނޑިފަ އެވެ. އެކަމަކު އެއީ ދިވެހި ކުޅިވަރުގެ ކުރިމަގު އިތުރަށް ބަނަވެދާނެ ސަބަބެކެވެ. އެ ގުޅުން ހީނަރުވެގެން، ދިވެހި ކުޅިވަރަށް ކުރިއަށް ނުދެވޭނެ ކަމަށް ހުސައިންގެ ފޮތުގައި ދިރާސީ ހެއްކާ އެކު އޭނާ ލިޔެފައިވެ އެވެ. 

ކުޑަ ހުސެން، އޭނާ ކުރިން ހިންގި އެކަޑަމީގައި ކޯޗުކޮށްދެނީ: މިހާރު އޭނާގެ ވަގުތައް ހޭދަކުރަނީ ކުޅިވަރާ ބެހޭގޮތުން ދިރާސާކޮށް ކިޔަވައި ދިނުމުގައި އަދި ފޮޓޯ: ފޭސްބްކުން | ހުސައިން ހަލީމް
ކުޑަ ހުސެން، އޭނާ ކުރިން ހިންގި އެކަޑަމީގައި ކޯޗުކޮށްދެނީ: މިހާރު އޭނާގެ ވަގުތައް ހޭދަކުރަނީ ކުޅިވަރާ ބެހޭގޮތުން ދިރާސާކޮށް ކިޔަވައި ދިނުމުގައި އަދި ފޮޓޯ: ފޭސްބްކުން | ހުސައިން ހަލީމް

އޭނާ ބުނިގޮތުގައި އާދައިގެ ފެންވަރެއްގައި އޮތަސް ސްކޫލް ކުޅިވަރު ކުރިން އޮތީ ހުރިހާ މުއައްސަސާއެއް ގުޅިލާމެހިފަވާ ދާއިރާއެއްގެ ގޮތުގަ އެވެ.

"[ސްކޫލް ކުޅިވަރުގައި] އެ ކަހަލަ ވެއްޓެއް ރާއްޖޭގައި [ކުރިން] އޮތް. އެކަމަކު އެ ވެށި ވެސް މި އޮތް ބަދަލުވެގެން ދަނީ،" ކަންބޮޑުވުމާ އެކު ހުސައިން ބުންޏެވެ.

ސިފައިންގޭގައި ހުސައިން ވަޒީފާ އަދާކުރި އިރު، އޭރުގެ ބްރިގޭޑިއާ ޖެނަރަލް އާދަމް ޒާހިރާ އެކު: އޭނާ އަސްކަރިއްޔާގައި މަސައްކަތް ކުރި މުއްދަތުގައި ވެސް ކުޅިވަރުގައި އޭނާ ވަނީ ހިއްސާވެފައި ---- ފޮޓޯ: ފޭސްބްކުން | ހުސައިން ހަލީމް
ސިފައިންގޭގައި ހުސައިން ވަޒީފާ އަދާކުރި އިރު، އޭރުގެ ބްރިގޭޑިއާ ޖެނަރަލް އާދަމް ޒާހިރާ އެކު: އޭނާ އަސްކަރިއްޔާގައި މަސައްކަތް ކުރި މުއްދަތުގައި ވެސް ކުޅިވަރުގައި އޭނާ ވަނީ ހިއްސާވެފައި ---- ފޮޓޯ: ފޭސްބްކުން | ހުސައިން ހަލީމް

އޭނާ ލިޔުނު ގޮތުގައި ކުޅިވަރަކީ ވެސް "އަމާނާތެކެވެ." އެކަމަކު އެއީ އަމާނާތެއްގެ ގޮތުގައި ބެލިބެލުން ދޫކޮށްލި ހިސާބުން ދިވެހި ކުޅިވަރު ފަހަތަށް ވެއްޓިގެން ދިޔައީ އެވެ. 

"ބޭރުފުށުގެ މަންޒަރުތަކުގެ ފަހަތުގައި، ވަރަށް އަސާސީ ކަމެއް ދިޔައީ ގެއްލެމުންނެވެ. އެ އަސާސީ މައިނާރާ ނުލައި، ސިސްޓަމެއް ކިތަންމެ އުފެއްދުންތެރި ނުވަތަ ބޭރުފުށުން ކިތަންމެ ފުރިހަމައަށް ފެނުނުކަމުގައި ވިޔަސް، ފުރިހަމަ ގޮތެއްގައި ދެމިއެއް ނޯންނާނެ އެވެ،"" އޭނާ ލިޔެފައިވެ އެވެ. 

"ގެއްލިގެންދިޔައީ ހުނަރެއް، އުންމީދެއް، ނުވަތަ ފުރުސަތެއް ނޫނެވެ. ގެއްލިގެން ދިޔައީ އަހްލާގީ އަދި އަސާސީ ބައެވެ. މަޑުމަޑުން އުވިގެންދިޔައީ ކުޅިވަރަކީ 'އަމާނާތެއް' ގޮތުގައި ދެކެމުން އައި ދެކުމެވެ."

ހުސައިންގެ ފޮތުގައިވާ ގޮތުން އެސޯސިއޭޝަންތަކުގެ ޗެކް އެންޑް ބެލެންސް ގެއްލުނީ އެވެ. އޭގެ ހުރިހާ އަސަރެއް ކުރީ ޒުވާން އެތުލީޓުންނަށެވެ. 

"ދިވެހިރާއްޖޭގެ ކުޅިވަރަކީ ހަމައެކަނި އާދައިގެ މުނިފޫހިފިލުވުމުގެ ޙަރަކާތެއް ނޫނެވެ. މިއީ ތަފާތު ރަށްރަށާއި، ސްކޫލްތަކާއި، ޢާއިލާތަކުގެ އިތުރުން، އެކި އިޖުތިމާއީ ފަންތީގެ ކުދިން އެއްވެ، ސުލޫކާއި، ބައިވެރިވުމުގެ އިހްސާސާއި، އުއްމީދާއި، އަދި ގައުމީ އަސަރު ދަސްކޮށްދޭ އާންމު މަދު ދާއިރާތަކުގެ ތެރެއިން އެއް ވަސީލަތެވެ. ކުޅިވަރަކީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، އެކުވެރިކަމުގެ އިތުރުން، ރަނގަޅު ސިފަތައް އަށަގަންނުވައިދޭ ކަމެކެވެ.،" ފޮތުގައި ވެ އެވެ. 

"ނަމަވެސް ކުޅިވަރު ހިންގުން ދޯދިޔާ ވެއްޖެ ނަމަ، އޭގެ ސަބަބުން ނަފުސާނީ ފިއްތުންތަކާއި، ނިކަމެތިކޮށްލުމާއި، އަނިޔާވުމާއި، ބާކީކުރުމާއި، އަދި އިހުމާލުވުން ފަދަ ނޭދެވޭ ކަންކަން ކުރިމަތިކުރުވަ އެވެ." 

ހުސައިންގެ ފޮތް، ކުރީގެ ހަތަރު ރައީސަކަށް ވެސް ދެއްވި އެވެ. އޭނާގެ ފޮތުގައި ހިމެނޭ އަނެއް ނަޒަރަކީ ސަރުކާރުތަކުގެގެ ކުޅިވަރު ސިޔާސަތުތަކެވެ.

އޭނާ ލިޔުނު ގޮތުގައި ދެމެހެއްޓެނިވި ސިޔާސަތުތަކެއް ނެތި ކޮންމެ އާ ސަރުކާރަކާ އެކު ޕްލޭން ބަދަލުވެ، ކުޅިވަރުގެ ކުރިއެރުން މިސްރާބު ގެއްލިގެންދެ އެވެ. 

"މައިގަނޑު މައްސަލައަކީ ހުނަރާއި އުންމީދު ނެތުމެއް ނޫނެވެ. މައްސަލައަކީ، [ކުޅިވަރު] ކުރިއެރުވުމުގެ ސާފު މިސްރާބާއި އަހްލާގީ މަޤުސަދު މަޑުމަޑުން އުވިގެންދިއުމެވެ،" ހުސައިން ލިޔެފައިވެ އެވެ.

އޭނާ ބުނިގޮތުގައި ސަރުކާރުތަކުގެ ކުޅިވަރު ހިންގުމުގެ ސިޔާސަތުތަކުގައި ހުރި މައްސަލަތަކާ ބެހޭގޮތުން ލިޔުނީ ވަކި ސަރުކާރެއް ނުވަތަ ވަކި ޕާޓީއެއްގެ ވެރިކަމަކާ ގުޅުވައިގެން ނޫނެވެ. އޭނާ ލިޔުނީ މައްސަލައަށެވެ.  

"ދެން އޭގައި [ފޮތުގައި] ނުހުންނާނެ އެއްވެސް މި ސަރުކާރެއް، ކުރީ ސަރުކާރެއް އެ ސަރުކާރެއް. މީގައި [ފޮތުގައި] ހުންނަނީ ޕެޓާންސް އެންޑް ސިސްޓަމް،" ހުސައިން ބުންޏެވެ.

ކުޑަ ހުސައިން،: އޭނާ މިހާރު މަސައްކަތް ކުރަމުން ގެންދަނީ މެލޭޝިއާގެ އިޕްސީ ޔުނިވަސިޓީގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި
ކުޑަ ހުސައިން،: އޭނާ މިހާރު މަސައްކަތް ކުރަމުން ގެންދަނީ މެލޭޝިއާގެ އިޕްސީ ޔުނިވަސިޓީގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި

އޭނާ ބުނީ ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ވެސް އެބަހުރި ކަމަށެވެ. ހުނަރުވެރި އެތުލީޓުން ވެސް އެބަތިއްބެއްވެ.

ދެން ރާއްޖެއަށް ކުޅިވަރުގައި ކުރިއަށް ނުދެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ 

އެ ސުވާލުގެ ޖަވާބު ހުސައިން ވަނީ އޭނާގެ ފޮތުގައި ދީފަ އެވެ. 

"ކުޅިވަރަކީ އިތުބާރާ އެކު ހަވާލުކުރެވިފައިވާ އަމާނާތެއްގެ ގޮތުގައި ބެލުން ހުއްޓި، އެއީ އަމިއްލަ ސަރަހައްދެއް ނުވަތަ މިލްކިއްޔާތެއްގެ ގޮތުގައި ދެކެން ފެށުނެވެ. އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ދެކުމުން ނުކުންނަ ނަތީޖާއަކީ ބާރުފޯރުވުމާއި މިލްކުކުރުމާއި ދިފާއުވުމާއި އަދި އެހެން މީހުން ބާކީކުރުމެވެ."

ހުސައިންގެ "ރީ ތިންކިން މޯލްޑިވިއަން ސްޕޯޓްސް" އަކީ ހަމައެކަނި ދިވެހި ކުޅިވަރުގައި ހުރި މައްސަލަތައް ތިލަކޮށްދިން ފޮތެއް ނޫނެވެ. މިއީ ދިވެހި ކުޅިވަރުގެ މުސްތަގުބަލު ސަލާމަތްކުރުމަށްޓަކައި، މުޅި ނިޒާމު އަލުން ތަރުތީބުކުރަން ޖެހިފައިވާކަން ހަނދާންކޮށްދޭ އިންޒާރެކެވެ. ވަސީލަތްތަކާއި ހުނަރުވެރި އެތުލީޓުން ތިބި ނަމަވެސް މިސް މެނޭޖްމަންޓާއި ސިޔާސީ ނުފޫޒުގެ ތެރޭގައި ކުޅިވަރު ފުނޑުވެގެންދާން ދޫކޮށްލެވެން ނެތްކަން، ފޮތުން ބުނެދެ އެވެ. 

އެސޯސިއޭޝަންތަކާއި ސްކޫލްތަކާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ހަރުދަނާ ދިގުމުއްދަތުގެ ޕްލޭނަކަށް މަސައްކަތް ކުރަންޖެހެ އެވެ. ކުޑަ ހުސައިންގެ މި ފޮތުން ދޫކޮށްލި ސުވާލުތަކަށް އަމަލީ ޖަވާބެއް ދިނުމަކީ، ދިވެހި ކުޅިވަރުގެ އާ ޖީލެއް ސަލާމަތްކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތެކެވެ.