ކުދިންނާ އެކު ޒޫނާގެ ރަށު ޗުއްޓީ މާ ހިތްގައިމު

މި އާއިލާގެ އާއްމު ދިރިއުޅުން ވެސް ތަފާތެވެ. މޫދަށް ނުދާ ދުވަހެއް މަދުވާނެ އެވެ. ވިލިމާލޭގައި ދިރިއުޅޭތީ އެކަން އުނދަގުލެއް ވެސް ނޫނެވެ. ދިވެހިން އެންމެ ކުރިން އުޅުނު ފަދަ، ގޮނޑުދޮށާއި ގުދުރަތީ މާހައުލުތަކާ ރައްޓެހި ދިރިއުޅުމެކެވެ. އެ ސަގާފަތް އަށަގަތް ސަބަބެއް ވެސް ވެ އެވެ. މަންމައަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަންހެން ޑައިވަރެވެ. އެކަމަކު ޒޫނާ ނަސީމް މި ދުވަސްކޮޅު ޑައިވެއް ނުކުރެ އެވެ. ޑައިވް ސެންޓަރު ބަންދުކޮށްފައި ދެ ކުދިންނާއި ފިރިމީހާއާ އެކު އޭނާ އުޅެނީ ޗުއްޓީ އަށް ރަށަށް ގޮހެވެ.


ޒޫނާ އާއި ފިރިމީހާ ޝާހިދު އަދި ދެ ކުދިން

މާލޭގެ ކާރޫބާރޫ ބޮޑު ދިރިއުޅުން ޒޫނާ އަށް އެއްވެސް އިރަކު ކަމަކު ނުދެ އެވެ. އޭނާ އެންމެ ކުރިންސުރެ ވިލިމާލޭގައި ދިރިއުޅެމުން އަންނަނީ ވެސް މި ހަލަބޮލިކަމުން ސަލާމަތްވާށެވެ. މިދިޔަ މާޗް މަހު ފާހަގަކުރި އަންހެނުންގެ ދުވަހު އެ އަވަށުގައި އަމިއްލަ ޑައިވް ސެންޓަރެއް ހުޅުވި ޒޫނާ ބުނަނީ ރަށުގައި ހުރެގެން އާމްދަނީ ލިބޭނެ ގޮތެއް އޮތް ނަމަ އޭނާ ދިރިއުޅޭނީ އެ ހިތްގައިމުކަމުގައި ކަމަށެވެ.

Our Kuda Dhoni goes backs into water #luckykids #kudafarimaldives #familytime

A post shared by @xoonti on

އެއީ ނ. ކުޑަފަރީ އެވެ. އެ ރަށުގެ އެހެން މީހުން ދުވަސްތައް ހޭދަކުރާ ގޮތެއް ނޭނގެ އެވެ. އެކަމަކު ގައިމު ވެސް ޒޫނާގެ މައިންބަފައިން އުޅެނީ "ހަގީގީ" ދިވެހި، ރަށްފުށުގެ ދިރިއުޅުމެކެވެ. ކަނީ ގޯތި ތެރޭގައި ހައްދާ ފެހިކަން ގަދަ ބާވަތްތަކާއި ކުޑަ ދޯންޏެއްގައި ވަދާ ނުކުމެ އަމިއްލަ އަށް ބާނާ މަހެވެ. ތާޒާ ވަޔާއި ހަމަހިމޭންކަމުގެ އެ މާހައުލުގައި އެ މީހުންގެ ދިރިއުޅުން ސާދާ އެވެ. ހަރަކާތްތެރި އެވެ. އުފާވެރި އެވެ.

A post shared by @xoonti on

ރަށުގައި ޒޫނާމެންގެ ގެ

"ބައްޕަ ވަރަށް ރީތިކޮށް، ވަރަށް އެންވަޔަރްމެންޓް ފްރެންޑްލީކޮށް ގެ ހަދާފައި ހުރީ. ވަރަށް ތަފާތުވާނެ އެހެން ގެތަކާ. ގިނަ ގޭގޭގައި ހުންނާނީ ގަސްތައް ކަނޑާލާފައި ބޮޑު އެއްތަނަކަށް ގެ އަޅާފައި. މި ގޭގައި އާއްމުކޮށް ކާން ބޭނުންކުރާ އެއްޗެހި ހުންނާނީ ގޭގެ ގޯތި ތެރޭގައި ހައްދާފައި. މިސާލަކަށް ދަނޑިއަލުވި، މިރުސް، ލޭޑީސް ފިންގާ، މި ކަހަލަ ބޮޑު ގާޑްންއެއް އޮންނާނެ، ހުރިހާ އެއްޗެއް ގޯތި ތެރެއިން ލިބޭ ކަހަލަ ގޮތަކަށް. ކުކުޅު ފާމެއް ވެސް ހުންނާނެ. އަސްދޫނިތަކެއް ވެސް ގެންގުޅޭނެ. ބައްޕަގެ ގޯއްޗާއި ކޮއްކޮމެންގެ ގޯތި އެއްކޮށްލައިގެން ވަރަށް ބޮޑު ޖާގައެއް އޮވޭ. މި ގޭގައި ބައްޕަ ހުންނާނީ އެއްޗެހި ވެސް ލަކުޑިން ހަދާފައި. ރީޔޫޒްކޮށްފައި،" ޒޫނާ ބުންޏެވެ.

"ކިރިޔާ ފުރުސަތެއް ލިބުނަސް" ޒޫނާ ރަށަށް ދާ ސަބަބަކީ މި އެވެ. އާއްމުކޮށް ގިނަ ރޯދަ މަސްތައް އޭނާ ހޭދަކުރަނީ ކުޑަފަރީގަ އެވެ. މި ރޯދަ މަސް ވެސް އިސްތިސްނާއެއް ނުކުރެ އެވެ. ހުރިހާ ވެސް ފައިދާއެއް އޭނާގެ ކުދިންނަށެވެ.

A post shared by @xoonti on

ޒޫނާގެ ދޮށީ ދަރިފުޅު ފާތިމާ ގޭގެ ގޯތިތެރޭގައި

ހަތަރު އަހަރުގެ ފާތިމާ އާއި ދެ އަހަރުގެ އާމިނާގެ ދުވަސްތައް ފުރިފައިވަނީ އެއްގަމާއި މޫދާއި ކަނޑުގެ މުއްސަނދި ތަޖުރިބާތަކުންނެވެ. ގޮނޑުދޮށުގައި ވެލި ކުޅެ އެވެ. ހޭޅިފަށުގައި ބަތްކައްކާ ކުޅެ އެވެ. މޫދަށް ގޮސް ރާޅާއަޅަ އެވެ. ސްނޯކްލިން އަށް ގޮސް އަޑީގެ ރީތިކަން ދެކެ އެވެ. ކާފަގެ ކުޑަ ދޯނީގައި މަހަށް ދެ އެވެ. ތޮޅި އާއި ލައްޓި ބާނައި ރާކަނި ނަގައިގެން އައިސް އެ އެއްޗެހި ކަ އެވެ. ރަށު ތެރޭގައި އުޅޭ ބަކަރިތަކާ އެކު ދުވެ، އެ އެއްޗެއްސަށް ކާންދީ ހަދަ އެވެ. ބައިސްކަލް ދުއްވަން ދެ އެވެ.

އެ މަންޒަރުތަކާ އެކު އިންސްޓަގްރާމްގައި ޒޫނާ ކިޔައިދެނީ މުހިއްމު ވާހަކައެކެވެ.

"މިއަދު ވެސް ހެނދުނު ކާފަ އެ މީހުން ގޮވައިގެން މަހަށް ގޮސް ތޮޅިތަކެއް ބާނައިގެން އައިސް ދެންމެ އެ ކެއީ އެ މީހުން ބޭނި ތޮޅިތައް. އެއީ ކުދިންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއްނު؟" ރާއްޖޭގެ ފުރަތަމަ ދެ އަންހެން ޑައިވް އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނޭ ޒޫނާ ބުންޏެވެ.

"އަހަރެމެންނަށް ވެސް ފަސޭހަވާނެ، ކާޓޫން ބަލަން ޓީވީ ދޮށުގައި ބައިންދާލާފައި އުޅެން. އެކަމަކު އަހަރެންގެ ފީލްޑުގެ ގޮތުން ވަރަށް ބޭނުން، އެ މީހުންނަށް އެނގެން މޫދަކީ ކޮން ކަހަލަ ތަނެއް ކަމާއި، ބީޗް ލައިފަކީ ކޮބައިކަން. ބޯވައެއް ނަގައިގެން އައިސް އޭގެ ހަންދަމައި ހަދަން، މަސް ބާނަނީ މިހެންކަން، އެކަހަލަ އެއްޗެހި ދަސްކޮށްދޭން ބޭނުންވަނީ."

ޒޫނާ ބުނަނީ، ކާޓޫން ބެލުމާއި އަބަދު ފިލާވަޅުތައް ހިތުދަސްކުރަން ތިބުމަށް ވުރެ ބޮޑަށް އޭނާގެ ކުދިންނަށް މުހިއްމީ މި ތަޖުރިބާތައް ކަމަށެވެ. މިހާރު އާއްމުވެފައިވާ ސްކްރީންތަކާ ދޯޅު ދިރިއުޅުން އޭނާ އަށް ކަމަކު ނުދެ އެވެ. އެއީ ކުޑަކުދިންނަށް ކިހާ ގެއްލުން ބޮޑު ކަމެއްކަން ވިސްނޭތީ އެވެ.

"ސްކްރީން ޓައިމް ގިނަވީމަ ކުއްޖާ ބަދަލުވަނީ ކާޓޫން ކެރެކްޓާއަކަށް. ކުޑަކުޑަ ޑޯރާއެއް ހެން ނުވަތަ ޕްރިންސެސް ސޯފިއާހެން އުޅޭނީ. މި ކުދިންނަކަށް އެ އެއްޗެއްސެއް ނުވެސް އެނގޭނެ. އަހަރެމެން މުޅިން ކާޓޫނު މަނާކުރަނީއެއް ނޫން. ކުޑަކުދިން ކާޓޫން ބަލަން ބޭނުންވާނެ. އެހެންވީމަ އަހަރެމެން ވެސް ދެން ދުވާލަކު 40 މިނިޓް ވަރު ވަންދެން ކާޓޫން ބަލަން. އެއީ ވެސް އަހަރެމެން ބޭނުންވާ އެއްޗެއް އެ މީހުން ބަލާނީ. ކޮންމެ ކޮންމެ ކާޓޫނެއް ނޫން. ފޯނު، އައިޕެޑް އެއްޗެހި އެއްގޮތަކަށް ވެސް ނުދެން. ނުދޭތީ ނޫޅޭ ހޯދާކަށް ވެސް،" ޒޫނާ ބުންޏެވެ. "އަނެއް ކަމަކީ ބޭރު ތެރޭގައި އުޅުނީމަ ކުއްޖާގެ ހެދިބޮޑުވުމަށް ކުރާ ފައިދާ. މިސާލަކަށް ވެލިގަނޑުގައި ކުޅެ، މޫދަށް އެރި ހެދުން. އަނެއްކާ ސްނޯކްލިން އަށް ދިޔައިމަ ނޭޗާއާ ކައިރިވެފައި ވަރަށް ބައިވަރު އެއްޗެހި ދަސްވާނެ. އަހަރެމެންނަށް އެ އެއްޗެހި ކިޔައިދެވޭނެ."

ކޮންމެހެން މާލޭގައި ދިރިއުޅެން ބައެއް މީހުންނަށް މަޖުބޫރުވާ ސަބަބުތަކެއް ހުރިކަން ޒޫނާ ވެސް ގަބޫލުކުރެ އެވެ. އެކަމަކު އޭނާ ދެކޭ ގޮތުގައި ރަށުގައި ގެދޮރު ހުރި ގިނަ މީހުން މާލޭގެ ކުޑަކުޑަ ތަންތަންކޮޅުގައި ގަނަތެޅުމުގެ ބޭނުމެއް ނެތެވެ. އޭނާ ބުނަނީ ރަށުގައި ތިބެގެން ވެސް ދަރިންނަށް ކިޔަވައިދެވިދާނެ ކަމަށެވެ.

"ވަރަށް ގިނަ މީހުން މާލޭގައި ދިރިއުޅެނީ ކުދިން ރަނގަޅު ސްކޫލަކަށް ފޮނުވަން. ވަރަށް ކުޑަކުޑަ ގޮޅިއެއްގެ ތެރޭގައި ވަރަށް ބައިވަރު މީހުން މި ދިރިއުޅެނީ. އެއިން އަންނަ ނޭދެވޭ އަސަރުތަކަކަށް ވަރަށް ގިނަ މީހުން ނުވިސްނާ،" ޒޫނާ ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އޭ ރިޕޯޓް ހޯދުމަކީ އެހާ މުހިއްމު ކަމެއް ނޫން، ދިރިއުޅުމުގެ އަމަލީ ބައި ކުއްޖާ އަށް ނޭނގެންޏާ. އަހަންނަށް އޯކޭ އަހަރެންގެ ދަރިފުޅު ޓޮޕް ޓެން އަށް ނޭރިޔަސް. އަހަންނަށް މާ މުހިއްމު އޭނަ އަށް ދިރިއުޅުމުގެ ހުނަރުތައް އެނގުން. މިސާލަކަށް ގަހަށް އަރާލާ، މޫދަށް ގޮސް ފަތަން އެނގި، އެކަހަލަ ތަޖުރިބާތައް ދޭން ބޭނުންވޭ."

ޒޫނާ އަމިއްލަ އަށް ވެސް ދެކޭ ހުވަފެނަކީ އެނބުރި ރަށަށް ބަދަލުވުމެވެ. ކުޑަފަރީގައި ހުރެގެން އާމްދަނީ ލިބޭނެ މަގެއް ހޯދަން އޭނާ އަބަދުވެސް މަސައްކަތްކުރާނެ އެވެ. އެކަމަކު މި ވަގުތަށް، ރަށުން އުފާވެރިކަން ހޯދެން އޮތީ މިފަދަ ދަތުރުތަކުންނެވެ.

ޒޫނާގެ ޗުއްޓީ ކިހާ ހިތްގައިމު ހެއްޔެވެ؟ މި އީދު މި ކަހަލަ ގޮތަކަށް ހޭދަކޮށްލަން ވެސް ހަމަ ރަނގަޅުވާނެ އެވެ.